އަޅުގަނޑުމެންނަކީ މުސްލިމުންނެވެ. އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްވެސް ކުރަންވާނީ ﷲ ގެ ވަޖުހުފުޅު އެދިގެންނެވެ. އެއިލާހުގެ ރުހިވޮޑިގަތުން ހޯދުމަށެވެ. އެހެން ނޫން ނަމަ އެކަމުން އަޅުގަނޑުމެންނަށާއި މުޖުތަމަޢަށް ކުރާނޭ ފައިދާއެއް ނޯންނާނެއެވެ. އަދި އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައިވެސް ޢަދުލުވެރިކަން ގެންގުޅެންވާނެއެވެ. ބުނާ ބަހުގައި ވެސް ޢަދުލުވެރި ވާންޖެހޭ ފަދައިން ތިމާމެންގެ އަމިއްލަ ނަފުސާ މެދު ވެސް ޙައްޤު ބަސް ބުނަންޖެހޭނެއެވެ. ދީނަށް އުޅުމަކީ އެއީއެވެ.
މީހުންނަށް ލޯބިކުރުމާއި އިޙުތިރާމް ކުރުމާއި ރުޅިއައުމާއި މިކަން ކަން ވެސް ބިނާ ވަނީ މި ދެންނެވި ހަމަތަކުގެ މައްޗަށެވެ. މީހަކީ ތެދުވެރި މީހެއްނަމަ އަދި ﷲ އަންގަވާފައިވާ ގޮތައް ކަންތައް ކުރާ މީހެއްނަމަ އެމީހަކު ދެކެ ލޯބިވާން ޖެހޭނެއެވެ. އެއީ ކިތައްމެ ބޮޑު މުއްސަންޖަކަށް ވިޔަސް، ނިކަމެއްޗަކަށް ވިޔަސް ތަފާތު ކުރުމެއް ނެތިއެވެ.
ނުރަނގަޅު ސިފަތަކެއް ހުރި މީހެއްކަމުގައި ވިޔަސް، އެއީ މުސްލިމެއް ނަމަ އޭނާގެ ކިބައިގައި ހުރި ރަނގަޅު ކަންކަމުގެ މައްޗައް ބިނާކޮށް އޭނާ އާ ގުޅުން ދަމަހައްޓުމަކީ އިސްލާމީ އުޞޫލެވެ. ނުރަނގަޅު ކަންތައްތައް އިޞްލާޙު ކުރުމުގައި ކެތްތެރި ވާންޖެހޭނެއެވެ. މިއީ އިސްލާމްދީން ދައްކަވާފައިވާ މަގެވެ. އިންސާނުންނަށް ނިސްބަތްކޮށް ބުނަން ނުވާ ޒާތުގެ ބަސްތައް ބުނެގެން ނުވާނެއެވެ. މަޤުޞަދަކަށް ވާންވާނީ އިޞްލާޙު ކުރުމެވެ. އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވުމެވެ.
އަޅުގަނޑުމެން ނަށް ﷲ އަންގަވަނީ ހެޔޮކަންކަމުގައި އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމަށެވެ. ނުބައި ކަންކަމުގައި އެހީތެރި ނުވުމަށެވެ. ޚިލާފުވެ ދެކޮޅުވެރި ވުމަކަށް ނޫނެވެ. މިގޮތައް އަޅުގަނޑުމެން ޢަމަލު ކޮށްފި ނަމަ މުޖުތަމަޢުގައި ހަމަ ޖެހުން ޤާއިމު ވެގެންދާނެއެވެ.