ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އުފަންވީ މީލާދީން 28 މާރޗު 1977 ވަނަ އަހަރު ހުވަދޫ އަތޮޅު އުތުރުބުރީ މާމެންދޫ އަށެވެ.
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ތަޢުލީމު ޙާޞިލްކުރީ ދިވެހި ރާއްޖެއާއި ޕާކިސްތާނާއި މިޞްރާއި ސަޢޫދީ ޢަރަބިއްއްޔާއާއި މެލޭޝިޔާއިންނެވެ. މިގޮތުން ޕާކިސްތާނުގެ ލާހޫރުގައި ހުންނަ އަލްޖާމިޢަތުލް އަޝްރަފިއްޔާގައި ކީރިތި ޤުރުއާން ހިތު ދަސްކުރުމަށް ފަހު، އިމާމު އަބޫ ޙަނީފާ ހަޔަރ އިނިސްޓިޓިއުޓް ފޯ ޓީޗާސްގައި ޢަރަބި އިސްލާމީ ތަޢުލީމުގެ ދާއިރާއިން ޑިޕްލޮމާ ޙާޞިލުކުރިއެވެ. އަދި އެއަށް ފަހު، މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީގެ ދަށުގައި ހުންނަ މަޢުހަދުއް ދިރާސާތިލްޚާޞާގައި އިތުރަށް ޢަރަބި ބަސް އުނގެނުމަށް ފަހު، ސަޢޫދީ ޢަރަބިއްޔާގެ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔަތުއްޝަރީޢާގައި ފިޤުހު އުޞޫލުލްފިޤުހުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލްކުރިއެވެ. އަދި އެއަށް ފަހު މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސްގައި، މާސްޓަރ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސް (ފިޤުހު އެންޑް އުޞޫލުލްފިޤުހު) ޙާޞިލުކޮށް، ހަމަ އެކުއްލިއްޔާގައި ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސް (ފިޤުހު އެންޑް އުޞޫލުލްފިޤުހު) (ޕީއެޗްޑީ) ޙާޞިލްކޮށްފައިވެއެވެ.
ޑރ. ޝަހީމް ޕީއެޗްޑީގެ ތީސިސް ލިޔުނީ ދިވެހިރާއްޖޭގައި ޒަކާތުގެ ހަރުދަނާ މާލީ ނިޒާމެއް ޤާއިމުކުރުމާ ބެހޭ ގޮތުންނެވެ. މި ތީސިސްގައި ޒަކާތުގެ ޝަރުޢީ ޙުކުމްތަކާއި ދިވެހިރާއްޖޭގެ ޒަކާތުގެ ތާރީޚާއި ޒަކާތް ބެހުމުގައި ޢަމަލުކުރާ ގޮތްތަކާއި ޒަކާތާއި ޓެކްސްގައި ހުރި އެއްގޮތްކަންތައްތަކާއި ތަފާތުތަކާއި ދިވެހިރާއްޖެ ފަދަ ޓެކްސް ނަގާ ދައުލަތެއްގައި ޓެކްސްއާ އެކު މުދަލު ޒަކާތް ނަގާނެ ގޮތާއި، ޒަކާތާގުޅޭ ބައިނަލްއަޤުވާމީ މުއައްސަސާތަކުގެ ތަޖުރިބާތަކާއި ޒަކާތުގެ ޒަމާނީ ފިޤުހީ ފަލްސަފާތަކާއި ޒަކާތުގެ ހަރުދަނާ މާލީ ނިޒާމެއް ދައުލަތުގައި ޤާއިމު ކުރާނެ ގޮތުގެ އިތުރުން، “މޯލްޑިވްސް ޒަކާތު ހައުސް” ގެ ނަމުގައި ޤާނޫނެއްގެ ދަށުން ޤައުމީ ފެންވަރުގެ މުއައްސަސާއެއް އުފައްދުމާ ގުޅޭ އުންމީދީ ތަޞައްވުރެއް ވެސް ހުށައެޅިފައިވެއެވެ. މި ތީސިސް ޕަބްލިޝްކުރުމަށް މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އިން ރިކޮމެންޑް ކޮށްފައިވެއެވެ.
ޑރ. ޝަހީމް އަދާކޮށްފައިވާ މަޤާމުތަކުގެ ތެރޭގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ މުޝްރިފް މުސާޢިދުކަމާއި ވިލާކޮލެޖްގެ ފެކަލްޓީއޮފް ޝަރީޢާގެ (ފައުންޑިން) ޑީންކަމާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެެއާޒުގެ ސްޓޭޓް މިނިސްޓަރުކަމާއި އެ މިިނިސްޓްރީގެ މިނިސްޓަރުކަމާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިޑިބީ) އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޑެޕިއުޓީ ގަވަރުނަރުކަމާއި، އެބޭންކުން ރާއްޖެއަށް ކަނޑައަޅާފައިހުންނަ ގަވަރުނަރުކަމާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުކަމާއި، އެޔުނިވަރސިޓީގެ ޗާންސެލަރުކަމާއި ދިވެހިރާއްޖޭގެ މަތީ ތަޢުލީމާ ބެހޭ މަޖްލީހުގެ މެމްބަރުކަމާއި އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަމާއި، އޯއައިސީގެ ވޮއިސް އޮފް ވިސްޑަމް ސެންޓަރުގެ އިންޗާޖުކަން ހިމެނެއެވެ. މީގެ އިތުރުން ބައިނަލްއަޤުވާމީ ތަޢުލީމީ އަދި އިސްލާމީ އެކި އެކި މުއައްސަސާތަކުގެ ތައުސީސީ މެމްބަރުކަމާއި، މެމްބަރުކަމާއި ރާއްޖޭގެ ފިޤުހު އެކަޑަމީއާއި މަނިޓަރީ އޮތޯރިޓީގެ ޝަރީޢާ ބޯޑުގެ މެންބަރުކަން ވެސް ކޮށްފައިވެއެވެ.
ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމު ލީޑަރުންގެ ލިސްޓުގައި އިދާރީ ލީޑަރުންގެ ބައިގައި ޑރ. ޝަހީމްގެ ނަން ހިމެނިފައިވެއެވެ.
އަދި މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އެލަމްނައި ލީޑަރޝިލް އެވޯޑް (އައިއައިޔޫއެމް ޓޯކޯ އެވޯޑް) 2021 ވަނަ އަހަރު ޑރ ޝަހީމަށް އަރުވާފައިވެއެވެ. މި އެވޯޑަކީ ޔުނިވަރސިޓީގެ އެލަމްނައިގެ ތެރެއިން ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގެ ޚިދުމަތާއި ލީޑަރޝިޕްގެ މަސައްކަތުގައި ފާހަނގަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޔުނިވަރސިޓީއިން އަރުވާ މަތީ އެވޯޑެވެ.
މިނިސްޓަރީ އޮފް އިސްލާމިކް އެފެއާޒު. ދިވެހިރާއްޖެ.
މާލްދީފް އޮންލައިން އަދި މާލްދީފް މެގަޒިންގެ ޗީފް އެޑިޓަރ، މިއީ މިނިސްޓްރީ އޮފް ހޯމް އެފެއާރޒްގައި ރަޖިސްޓްރީކޮށްފައިވާ ޢަރަބި ނޫހެއް.
ވޮއިސް އޮފް ވިސްޑަމް ސެންޓަރ، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ). ސަޢޫދީ ޢަރަބިއްޔާ.
އެޑްވައިޒަރ އޮފް ދި ސެކްރެޓަރީ ޖެނެރަލް، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ). ސައޫދީ ޢަރަބިއްޔާ
ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސުލްޖުމުހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންމޭޓް
މިނިސްޓަރީ އޮފް އިސްލާމިކް އެފެއާޒު. ދިވެހިރާއްޖެ.