المشكلة-الأخلاقية-في-الحضارة-الإسلامية-min-780x405

ޙާޖިއްޔާތުގެ މަޤުޞަދު: މަފްހޫމާއި ދާއިރާތައް

ޙާޖިއްޔާތުގެ މަޤުޞަދުތަކަކީ އިސްލާމީ ޝަރީޢަތުގެ އަސާސީ މަޤުޞަދުތަކުގެ ތެރެއިން ދެވަނަ ބައެވެ. މި ބައިގައި މި ބަޔާންކޮށްލަނީ، މަޤާޞިދުގެ ޢިލްމުގައި ޙާޖިއްޔާތުގެ މަފްހޫމާއި ޙާޖިއްޔާތާއި ޟަރޫރިއްޔާތުގެ ހުރި ތަފާތާއި ޙާޖިއްޔާތުގެ މަޤުޞަދުތައް ހިނގާ ދާއިރާތަކާ ބެހޭގޮތުންނެވެ.

ޙާޖިއްޔާތުގެ ތަޢުރީފު:
ޙާޖިއްޔާތުގެ ތަޢުރީފުގައި އަލްއިމާމުއްޝާޠިބީ ވިދާޅުވެފައިވެއެވެ. ޙާޖިއްޔާތަކީ ކަންކަން ފަސޭހަކޮށް، ދަތިކަން ފިލުވާލުމަށްޓަކައި ކަނޑައެޅިގެންވާ ކަންކަމެވެ. އެކަންކަން ޙާޞިލުނުވާ ނަމަ، ތަކުލީފު ލިބިގެންވާ މީހުންނަށް ޖުމުލަގޮތެއްގައި، ދަތިތަކެއް ތަޙައްމުލު ކުރަންޖެހިދާނެއެވެ. ނަމަވެސް އެ ދަތިތަކުގެ ސަބަބުން ޢާއްމު މަޞްލަޙަތުތައް ގެއްލޭ ދަރަޖައަށް ނުދާނެއެވެ. (އައްޝާޠިބީ, 1997).

މީގެ މާނައަކީ، ޝަރީޢަތުގެ އެންމެ މަތިވެރި ފަސް މަޤުޞަދު ޙާޞިލުކުރުމަށްޓަކައި މި ދެންނެވި ޙާޖިއްޔާތުގެ މަޤުޞަދުތައް ޝަރުޢު ނުކުރެވުނު ނަމަވެސް، މަތިވެރި މަޤުޞަދުތައް ދެމި އޮންނާނެއެވެ. ނަމަވެސް އެ މަތިވެރި މަޤުޞަދު އެންމެ ފުރިހަމަގޮތުގައި ޤާއިމުވެގެންދާނީ، ޙާޖިއްޔާތުގެ މަޤުޞަދުތަކުގެ ސަބަބުންނެވެ. ޙާޖިއްޔާތުގެ ސަބަބުން ދަތިތަށް ފިލައިދެއެވެ. (ޢަލީ , 2010).

އިސްލާމީ ޝަރީޢަތުގެ މަޞްދަރުތަކަށް ނަޒަރު ހިންގާލުމުން އެނގިގެންދަނީ ޝަރީޢަތުގެ އެންމެހާ ޙުކުމްތަކެއްވެސް ބާވާލައްވާފައިވަނީ ލުއިފަސޭހަކަމުގެ މަބުދައުތައް ދެމެހެއްޓުމާއި ﷲ އަށް އަޅުވެތިވުމުގައި މީސްތަކުންނަށް ފަސޭހަކޮށްދިއުމަށްޓަކައިކަމެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ)(الحج:78) ” އަދި دين ގައި އުނދަގޫވެގެންވާ ދަތިކަމެއް އެކަލާނގެ ތިޔަބައިމީހުންގެ މައްޗަކަށް ނުލައްވަތެވެ” އަދި ވެސް ވަޙީކުރައްވާފައިވެއެވެ. (يُرِيدُ اللَّـهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّـهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ ) (البقرة:185) ” ” އަދި ވެސް އެހެން މަޤާމެއްގައި ވަޙީކުރައްވާފައިވެއެވެ. (مَا يُرِيدُ اللَّـهُ لِيَجْعَلَ عَلَيْكُم مِّنْ حَرَجٍ وَلَـٰكِن يُرِيدُ لِيُطَهِّرَكُمْ وَلِيُتِمَّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ ) (المائدة 6) ” ތިޔަބައިމީހުންގެ މައްޗަށް ދަތިކަމެއް ލެއްވުމަކަށް اللَّه އިރާދައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު އެކަލާނގެ އިރާދަކުރައްވަނީ ތިޔަބައިމީހުން طاهر ކުރެއްވުމަށާއި، ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ نعمة ފުރިހަމަ ކުރެއްވުމަށެވެ. (އެއީ) ތިޔަބައިމީހުން شكر ކުޅައުމަށްޓަކައެވެ.”
ލުއިފަސޭހަކަމުގެ މިހަމަ ކަށަވަރުކޮށް ބަޔާންވެގެންވާ ފިޤުހީ ޤަވާޢިދެއްގައިވެއެވެ. (المَشَقَّةُ تَجْلِبُ التَّيْسِير ) “ދަތިއުނދަގުލެއް މެދުވެރިވުމުން ފަސޭހަކަން ގެނުވައެވެ.” (އަލްޔޫބީ , 1998)

ޙާޖިއްޔާތާއި ޟަރޫރިއްޔާތުގެ ތަފާތު

ޟަރޫރިއްޔާތަކީ ދީން ޙިމާޔަތްކުރުމާއި ފުރާނަ ޙިމާޔަތްކުރުމާއި ބުއްދި ޙިމާޔަތްކުރުމާއި އަބުރު(ނަސްލު) ޙިމާޔަތްކުރުމާއި މުދާ ޙިމާޔަތްކުރުމާއި މި މަތިވެރި ފަސް މަޤުޞަދެވެ. އެމަޤުޞަދުތައް ޤާއިމުކުރުމަކީ އެންމެންގެ މައްޗަށް ލާޒިމުވެގެންވެއެވެ. އެއާ ނުލައި ދީނެއް ނެތެވެ.
ޙާޖިއްޔާތުގެ މަޤުޞަދުތަކަކީ ޟަރޫރަތުގެ ދަރަޖައަށް ނުދާ ކަންކަމެވެ. އޭގެ ސަބަބުން ވަކި ބަޔަކަށް ފަސޭހަވެގެންވާ މަޤުޞަދުތަކެވެ. އެއީ ޝަރުޢީ ގޮތުން ޤަބޫލުކުރެވޭ ޢުޒުރުތަކުގެ އަހުލުވެރިންނެވެ. ޙާޖިއްޔާތުގެ މަޤުޞަދެއް ގެއްލުމަކުން މީހުންގެ ދިރިހުރުމަކަށް ގެއްލުމެއްނެތެވެ. (ރަޖަބް , 2016). ޙާޖިއްޔާތުގެ މަޤުޞަދު ކަނޑައެޅިގެންވަނީ ޟަރޫރިއްޔާތު ޤާއިމުކުރުމަށް އެހީވުމުގެ ގޮތުނެވެ.

ޙާޖިއްޔާތުގެ މަޤުޞަދުތަކުގެ ބޭނުމަކީ އެފަރާތްތަކަށް ލުއި ހޯދައި، ޟަރޫރީ މަޤުޞަދުތައް ޤާއިމުކުރުމަށް އެހީތެރިވުމެވެ. މިސާލަކަށް ބަލިމީހާއާއި ދަތުރުވެރިޔާގެ ޙައްޤުގައި އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ލުއިފަސޭހަ ގޮތްތައް ވަދެގެންދާނީ ޙާޖިއްޔާތުގެ ތެރެއަށެވެ. (ޢަލީ , 2010).
މިފަދަ ލުއިތައް ދެއްވާފައި ނުވާނަމަ، ޟަރޫރީ މަޤުޞަދުތައް ޤާއިމު ކުރުމަށް ގިނަ ބަޔަކަށް އުނދަގޫތަކާ ކުރިމަތިލާންޖެހުނީހެވެ.

ޙާޖިއްޔާތުގެ ދާއިރާ
ޝަރުޢުގެ މަޤާޞިދުތަކަށް ނަޒަރު ހިންގާލުމުން، ޙާޖިއްޔާތުގެ މަޤުޞަދުތައް އަޅުކަމާއި އާދަކާދައާއި މުޢާމަލާތާއި ޖިނާޔާތުގެ ދާއިރާތަކުގައި ލެއްވިގެންވާކަން ފާހަނގަކުރެވެއެވެ. (ޢަލީ , 2010).
(ހ) އަޅުކަމުގެ ދާއިރާ:
އަޅުކަމުގެ ދާއިރާއަށް ބަލާނަމަ ޢުޒުރުވެރިކަމުގެ ސަބަބުން ބަލިމީހާއާއި ދަތުރުވެރިޔާއާއި މުސްކުޅި ބަލީގައި އޮތް މީހާއާއި ކިރު މައި މީހާއާއި މާބަނޑު މީހާއަށް، (ޢުޒުރު ފިލައި ދިއުމުން ރޯދަ ޤަޟާކުރާގޮތުގެ މަތީން) ރަމަޟާންމަހުގައި ފަރުޟު ރޯދަ ދޫކޮށްލުން ޖާއިޒުވެގެންވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ( أَيَّامًا مَّعْدُودَاتٍ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۚ وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ ۖ فَمَن تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَّهُ ۚ وَأَن تَصُومُوا خَيْرٌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ) (البقرة:184 ) “(ރޯދަހިފަންވީ) عدد ކަނޑައެޅިގެންވާ ދުވަސްތަކެއް ގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (رمضان މަހުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ. އަދި އުނދަގޫކަމާއެކު އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށްއޮތީ، (ރޯދަ ދޫކޮށްލުމާއެކު) فدية ދިނުމެވެ. (فدية ގެ މިންވަރަކީ) مسكين އަކަށް ކާންދޭ މިންވަރެވެ. ފަހެ، تطوّع ގެ ގޮތުން އިތުރު ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަންތައް އެމީހަކަށް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުން ރޯދަހިފުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަން ތިޔަބައިމީހުން ދަންނާނެ ނަމައެވެ. ”
ހަމަ މިބީދައިން ދަތުރުވެރިޔާއަށް ނަމާދު ޤަޞްރުކުރުން ވެސް ޖާއިޒު ކުރައްވާފައިވެއެވެ. މާތް ވަޙީކުރައްވާފައިވެއެވެ. (وَإِذَا ضَرَبْتُمْ فِي الْأَرْضِ فَلَيْسَ عَلَيْكُمْ جُنَاحٌ أَن تَقْصُرُوا مِنَ الصَّلَاةِ إِنْ خِفْتُمْ أَن يَفْتِنَكُمُ الَّذِينَ كَفَرُوا ۚ إِنَّ الْكَافِرِينَ كَانُوا لَكُمْ عَدُوًّا مُّبِينًا ) (النساء 101 ) ” ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭއިރު، كافر ވި މީހުން ތިޔަބައިމީހުންނަށް ގެއްލުމެއް ދީފާނެކަމަށް ބިރުގެންފިނަމަ، ނަމާދު قصر ކުރުމަކުން ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ފާޅުވެގެންވާ عداوة ތެރިން ކަމުގައި كافر ން ވިއެވެ.”
މީގެ އިތުރުން ނަމާދާއި ގުޅިގެން ލައްވާފައިވާ ލުއިތައް ވަންނާނީ ޙާޖިއްޔާތުގެ ތެރެއަށެވެ. މިއީ ބައެއް މިސާލުތަކެވެ.

(ށ) ޢާދަކާދަތައް
އިންސާނާގެ ދުނިޔަވީ ޙަޔާތުގައި އޭނާއަށް ބޭނުންވާ، ކެއުންބުއިމާއި ފޭރާމާއި އުޅޭނެތަނާއި ސަވާރީއާއި މިފަދަ ކަންކަމަކީ މުބާޙު ކަންކަން ގޮތުގައި ﷲ ވަނީ ލައްވާފައެވެ. ނަމަވެސް ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތުގައި މިދެންނެވި ކަންކަމުގެ ތެރޭގައި ހިމެނޭ ހުރިހާ ކަމަކީ ޙާޖިއްޔާތުގެ ދަރަޖައިގައި ހިމެނޭ ކަންކަމެއްނޫނެވެ. އިމާމުއްޝާޠީބީ މެންފަދަ ދަންނަބޭކަލުންގެ ބަސްފުޅުތަކަށް ނަޒަރުހިންގާލުމުން ކެއުންބުއިމާއި ފޭރާމާއި އުޅޭނެ ތަނާއި މިފަދަ ކަންކަމުގައި ތިން ދަރަޖައެއްވެއެވެ. (އަލްޔޫބީ , 1998)
އެއީ، ކޮންމެހެން އެއާނުލާ ނޫޅެވޭ ވަރުގެ ކަންކަމާއި، ފަސޭހަ ގޮތުގައި އުޅުމަށް ބޭނުންވާ މިންވަރާއި އެއަށް ވުރެ މަތީ ދަރަޖައެވެ. ދިރިހުރުމަށްޓަކައި ބޭނުންވާ އެންމެ މަދުމިނުގެ ކަންކަން ވަންނާނީ ޟަރޫރަތުގެ ތެރެއަށެވެ.

ޟަރޫރީ ގޮތުން ބޭނުންވާ މިންވަރަށް ވުރެ މަތީގައި ހުންނަ ކަންކަން، މިސާލަކަށް އަގު ބޮޑު ކާބޯ ތަކެއްޗާއި އަގު ހުރި ފޭރާމާއި ޝާހީ ގަނޑުވަރުތަކާއި އަގު ބޮޑު ސަވާރީއާއި މިބާވަތުގެ ކަންކަމަކީ މުކައްމިލާތުގެ ތެރޭގައި ހިމެނޭނެ ކަންކަމެވެ. އެ ދެމެދުގައިވާ ކަންކަމަކީ ޙާޖިއްޔާތެވެ. (އަލްޔޫބީ , 1998).
(ނ) މުޢާމަލާތު
އިންސާނުން އެއްބަޔަކު އަނެއްބަޔަކަށް މުޢާމަލާތު ކުރުމަކީ، އެކަން ނުކޮށް ދިރިއުޅުން ހަމަ ޖައްސަން ދަތިވާނެ ކަމެކެވެ. މިހެންކަމުން އިންސާނުންގެ ޙަޔާތަށް ބޭނުންވާނެ މުޢާމަލާތްތައްވަނީ ޖާއިޒު ކުރައްވާފައެވެ. މަޤުޞަދަކީ ފަސޭހަކޮށްދިނުމެވެ. އެ މުޢާމަލާތްތައް ހިންގުމުގައި ކޮންމެވެސް ވަރެއްގެ ގެއްލުމެއް ކުރިމަތިވި ނަމަވެސް މައިގަނޑު ގޮތެއްގައި އެކަންކަމުގައި އޮންނާނީ މަޞްލަޙަތެވެ. މިގޮތުން ޖާއިޒު ކުރައްވާފައިވާ މުޢާމަލާތުގެ ތެރޭގައި:
– އަލްއިޖާރާ: އިޖާރާއަކީ ޝަރީޢަތުގައި ހުއްދަކުރައްވާފައިވާ ވަކި ކަމެއްގެ މަންފާ، ވަކި ތަނަކުން، ނުވަތަ ވަކި ގޮތަކަށް، ވަކި މުއްދަތެއްވަންދެން ލިބިގަތުމަށްޓަކައި ކުރެވޭ ޢަޤުދެކެވެ. (އައްރަމްލީ , 1386) މިސާލަކަށް ދިރިއުޅެން ތަނެއް ކުއްޔަށް ހިފުމެވެ. މި ފަދަ ޢަޤުދެއް ޖާއިޒުވެގެންވުމުގެ ޙިކުމަތަކީ އިންސާނާ އުޅޭނެ ތަނެއް ބޭނުންވާ ހިނދު، ވަގުތުން ވަގުތަށް ފައިސާ ދީފައި ގެއެއް ނުވަތަ އުޅޭނެ ތަނެއް ގަތުމުގެ ޤާބިލުކަމެއް ނުހުރެދާނެއެވެ. ނުވަތަ އޭނާ އުޅެން ތަނެއް ދީފާނެ މީހަކު ނުވެދާނެ ވެސް މެއެވެ. މިޙާލަތުގައި އޭނާ އަށް އޮތް ގޮތަކީ ޤާބިލުކަން ހުރިވަރުން ގެއެއް ކުއްޔަށް ހިފައިގައި އެތަނުގައި އުޅުމެވެ. އެހެންވީމާ އިޖާރާއަކީ ކުއްޔަށް ހިފުމެވެ. އެކަމަކީ ޙާޖަތަށްޓަކައި ޖާއިޒުވެގެންވާ ކަމެކެވެ. (އަލްޔޫބީ , 1998).
– އައްސަލަމް: އައްސަލަމަކީ، ފަހުން ތަކެތި ދިނުމުގެ ޒިއްމާ ނަގައި އެއްބަސްވެ އެތަކެތީގެ އަގު އަތުލައި ހަދާ ވިޔަފާރީގެ މުޢާމަލާތުގެ ޢަޤުދެކެވެ. (އައްރަމްލީ , 1386) އިމާމުލްކާސާނީ ވިދާޅުވެފައިވެއެވެ. އަޞްލަކީ ޤިޔާސްގެ ދަށުން މިފަދަ ވިޔަފާރީގެ މުޢާމަލާތް ހުއްދަ ނުވުމެވެ. އެހެނީ އެއީ އިންސާނާގެ އަތުގައި ނެތް އެއްޗެއް ވިއްކުމެވެ. ނަމަވެސް މިކަން ހުއްދަކުރެވިގެންވަނީ ޙާޖަތަށްޓަކައެވެ. (އަލްކާސާނީ , 1406) އަލްއިމާމު އިބުނު ޤުދާމާ ވިދާޅުވެފައިވެއެވެ. ސަލަމްގެ ޢަޤުދަކީ އެއަށް އިންސާނާ ބޭނުންވާނެ ޢަޤުދެކެވެ. އެހެނީ ގޮވާމާއި މޭވާއާއި ވިޔަފާރިއާއި މިތަކެތި ގެންގުޅޭ މީހުންގެ އަމިލަ ކަންކަމުގައްޔާއި އެތަކެއްޗަށްޓަކައި ޚަރަދުކުރަންޖެހެއެވެ. އެތަކެތި ހެދިބޮޑުވުމުން އެއިން ދޭ ގޮތައް، އޭގެ އަގު ކުރިން ނެގިދާނެއެވެ. ކުރިން އަގު ދިނީމައި، އަގު ހެޔޮކޮށް ލިބިދާނެއެވެ. މިކަމުގައި ދެފަރާތުގެ ވެސް މަޞްލަޙަތު އެބައޮތެވެ. (އަލްޔޫބީ , 1998)
– މުޟާރަބާ: މުޟާރަބާއަކީ، މުދާ އިންވެސްޓްކޮށް އެއިން ފައިދާނެރެ، ދެ ފަރާތުން އެއްބަސްވާގޮތުގެ މަތީން އެއިގެ ފައިދާގައި ދެމީހުން ޙިއްސާވާގޮތަށް އެމުދަލުގެ ވެރިފަރާތުން، އެހެން ފަރާތަކާ މުދާ ( ފައިސާ) ޙަވާލު ކުރުމެވެ. (އައްރަމްލީ , 1386) މިއަށް (ޤިރާޟު) ވެސް ކިޔެއެވެ. އެއީ ހުއްދަ މުޢާމަލާތެކެވެ. މިކަން ޖާއިޒުވެގެންވާ ސަބަބަކީ، މިސާލަކަށް މުދާވެރިޔާއަކީ، ވިޔަފާރިކުރުމުގެ ތަޖުރިބާ ހުންނަ މީހަކަށް ނުވެދާނެއެވެ. މިފަދަ ޙާލަތުގައި އެ މުދާ، ތަޖުރިބާހުރި މީހަކާ ޙަވާލުކޮށް ފައިދާ ހޯދަންބޭނުންވާ ޙާލަތުގައި، އެކަން ޖާއިޒު ނޫން ނަމަ ދަތިތައް ތަޙައްމުލު ކުރަންޖެހިދާނެއެވެ. މިހެންކަމުން އެ މުޢާމަލާތް، ޙާޖަތަށްޓަކައި ޖާއިޒު ވެގެން ދިޔައީއެވެ.
އިސްވެ މި ދެންނެވީ ބައެއް މިސާލުތަކެވެ. މިދާއިރާގެ މިސާލުތަށް ވަރަށް ގިނައެވެ.

(ނ) ޖިނާޔާތު:
ޙާޖިއްޔާތުގެ މަޤުޞަދުތަކުގެ ޙިކުމަތަކީ ލުއިފަސޭހަކޮށްދިނުން ކަމުގައިވީ ހިނދު، ޖިނާއީ ދާއިރާއަށް ވެސް އެމަޤުޞަދުތަކުގެ ހިޔާވަހިކަން ލިބިފައިވެއެވެ. މިގޮތުން އަލްޤަތުލުލްޚަޠައު ( Unintentional Killing ) ގައި މަރުގެ ދިޔަ ނެރުމުގައި ޤާތިލުގެ ޢާއިލާ( އަލްޢާޤިލާ) އިން އެހީވުން ކަނޑައަޅުއްވާފައިވެއެވެ. އެހެނީ، އެކުށަކީ ޤާތިލު ޤަޞްތުގައި ކުރި ކުށަކަށް ނުވާއިރު އެކަމުގެ ތަކުލީފު އޭނާގެ ކިބައިން ކުޑަކުރުމަށްޓަކައެވެ. (އަލްޔޫބީ , 1998) އަދި ހަމަ މިފަދައިން ޙޫދޫދުތަށް ޤާއިމު ކުރުމުގައި ޝުބުހެއްވާނަމަ އެޙައްދެއް ޤާއިމު ނުކުރުން ހިމެނިގެންވެއެވެ. (އައްޝާޠިބީ, 1997)

އިސްލާމީ ޝަރީޢަތުގެ ފިޤުހުވެރިން ބަޔާންކުރައްވާފައިވާ ގޮތުން ޙާޖިއްޔާތުގެ މަޤުޞަދުތައް ލެއްވިގެންވާކަމުގެ ޙިކުމަކީ، ދަތިއުނދަގޫތައް ފިލުވުމާއި، ޚާއްޞަ ޙާލަތްތައް މެދުވެރިވުމުން ތަކުލީފު ކުޑަކުރުމާއި، އިސްލާމީ ޝަރީޢަތުގެ އެންމެ މަތިވެރި ފަސްމަޤުޞަދު ޙިމާޔަތްކުރާއި އެ މަޤުޞަދުތަކަށް ޚިދުމަތްކުރާއި މި ނޫންވެސް އެކި އެކި މަޞްލަޙަތު ދެމެހެއްޓުމަށްޓަކައެވެ.

ގުޅުންހުރި ލިޔުންތައް
Comments

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *