ބޮޮކސ

އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތަކުގެ ތެރެއިން އަބުރު ޙިމާޔަތްކުރުމުގެ މަޤުޞަދު

އިންސާނަކަށް ލިބިގެންވާ އެންމެ މާތް މަތިވެތި ޝަރަފަކީ އޭނާގެ އަބުރާއި ޢިއްޒަތެވެ. އިންސާނީ ނަސަބުގެ ޠާހިރުކަމާއި މަޢުނަވީ ޝަޚުޞިއްޔަތުގެ ކަރާމަތު ދެމެހެއްޓުމަކީ އިސްލާމީ ޝަރީޢަތުގައި ނުހަނު ބާރު އަޅުއްވާފައިވާ ކަމެކެވެ. އަބުރަކީ އިންސާނާގެ މަޢުނަވީ ޝަޚުޞިއްޔަތެވެ. ނަސަބާއި އަބުރާއި މި ދެކަމަކީ، އެއްކަންތައް އަނެއްކަންތަކާ ގުޅިފައިވާ ދެކަމެވެ.
މާއްދީ ގޮތުން އިންސާނާގެ ފުރާނައާއި ހަށިގަނޑާއި ގުނަންތައް ރައްކާތެރިކުރައްވާފައިވާ ފަދައިން، އިންސާނާގެ މަޢުނަވީ ޝަޚުޞިއްޔަތު ރައްކާތެރިކުމަކީ އިސްލާމީ ޝަރީޢަތުގެ އެންމެ މަތިވެރި ފަސްމަޤުޞަދުގެ ތެރެއިން އެއް މަޤުޞަދެވެ.

ޝަރުޢީ ނަޒަރަކުން ބަލާއިރު އަބުރު ޙިމާޔަތްކުރުމުގެ މަފްހޫމަކީ، އިންސާނާގެ މަޢުނަވީ ޝަޚުޞިއްޔަތު ދިފާޢުކޮށް، އޭނާގެ އަބުރާއި ޢިއްޒަތަށް ގެއްލުމެއް ލިބިދާނެ އެންމެހާ ކަމަކުން ރައްކާތެރިކުރުމެވެ. (އަލްބައްކާރު , 2008) މާތް ﷲ ވަނީ އެހެނިހެން ޚަލްޤުތަކުންގެ މައްޗަށް އިންސާނާ މަތިވެތިކުރައްވައި އާދަމު ދަރީންގެ ކަރާމަތު ދަމަހައްޓަވައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ނަސްލު ފަތުރުއްވަވާފައެވެ.

ކީރިތި ޤުރުއާނުގެ ވަރަށް ގިނަ މަޤާމުތަކުގައި މި ޙަޤީޤަތް ކަށަވަރު ކުރައްވާފައިވެއެވެ. މާތް ވަޙީކުރައްވާފައިވެއެވެ. (يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً ۚ وَاتَّقُوا اللَّـهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ ۚ إِنَّ اللَّـهَ كَانَ عَلَيْكُمْ رَقِيبًا ) (النساء1 ) ” އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އެކަލާނގެއީ، އެންމެ نفس އަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި، އެ نفس ގެ ކިބައިން އޭގެ އަނެއް جنس ހެއްދެވިއެވެ. އަދި، އެ ދެކަނބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރުއްވިއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އެކަލާނގެއީ، އެކަލާނގެ މެދުވެރިކޮށް ތިޔަބައިމީހުން އެކަކު އަނެކަކާ سؤال ކޮށް، ކަންކަމަށް އެދިއުޅޭ ރަސްކަލާނގެއެވެ. އަދި، ތިމާގެކަމުގެ ގުޅުންތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކަންތައް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި، اللَّه ވޮޑިގެންވެއެވެ. “.

އަދި އެހެން މަޤާމެއްގައި ވަޙީކުރައްވާފައިވެއެވެ. ( وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا ) (الإسراء70 ) ” ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آدم ގެދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން رزق ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ.” .
އަދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙައްޖުތުލްވަދާޢުގެ އަސަރު ގަދަ ޚުޠުބާގައި ޙަދީސް ކުރައްވާފައިވެއެވެ. (إنَّ دِماءَكُم، وأمْوالَكم وأعْراضَكُم حرامٌ عَلَيْكُم كَحُرْمة يومِكُم هَذَا، في شهرِكُمْ هَذَا، في بلَدِكُم هَذَا،) ހަމަކަށަވަރުން ތިޔަބައިމީހުންގެ ލެއާއި މުދަލާއި އަބުރުވަނީ ތިޔަބައިމީހުންގެ މެދުގައި ޙުރުމަތްތެރިކުރައްވާފައެވެ. އެއީ ތިޔަބައިމީހުންގެ މި ދުވަސް ( ޙައްޖު ދުވަހާއި) ތިޔަބައިމީހުންގެ މި މައްސަރާއި ( ޙައްޖުމަހާއި) އަދި ތިޔަބައިމީހުންގެ މި ރަށް ( މައްކާ) ޙުރުމަތްތެރިކުރެއްވި ފަދައިންނެވެ. (متفقٌ عَلَيهِ.). މި ޙަދީސްގެ މަފްހޫމަކީ ނުޙައްޤުން އެއްބަޔަކު އަނެއްބައެއްގެ ލޭ އޮހޮރުވާލުމާއި ނުޙައްޤުން މުދަލާއި އަބުރަށް އަރައިގަތުން ޙަރާމްވެގެންވާކަމެވެ.

އަބުރާއި ނަސަބު ރައްކާތެރިކުރުން
އިންސާނީ ނަސަބާއި ނަސްލު ބިންމަތީގައި ހެޔޮ ގޮތުގައި ފެތުރިގެން ދިއުމަށްޓަކައި ގިނަކަންތައްތަކެއް ކަނޑައަޅުއްވާފައިވެއެވެ. މިގޮތުން ކަނޑައަޅުއްވާފައިވާ ކަންކަމުގެ ތެރޭގައި މުހިންމު ބައެއްކަންކަން މިތަނުގައި ބަޔާންކޮށްލާނަމެވެ.

1- ކައިވެނީގެ ނިޒާމު:

އިންސާނީ ނަސްލާއި ނަސަބު ހެޔޮގޮތުގައި ދެމިގެން ދިއުމަށްޓަކައި ކައިވެނީގެ ނިޒާމު ލައްވާފައިވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ ) (الروم:21 )” ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ نفس ތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.”.

2- ކައިވެނިކުރަން ބާރުއެޅުން:
އިންސާނީ ނަސަބު އޮޅިގެން ދިޔަ ނުދިޔައުމަށްޓަކައި ނަސަބުގެ މަތިވެރިކަން ނަގަހައްޓަކައި ޒިނޭގެ ނުބައި ޢަމަލުވަނީ ޙަރާމްކުރައްވާފައެވެ. އެކަލާނގެ ވަޙީކުއްވާފައިވެއެވެ. (وَلَا تَقْرَبُوا الزِّنَىٰ ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا ) (الإسراء:32 ) ” އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ.” އަދި ޒިނޭގެ ޢަމަލު ހިންގާ މީހުންނަށް ޝަރީޢަތުގައިވަނީ ޙައްދު ކަނޑައަޅުއްވާފައެވެ. ( الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِّنْهُمَا مِائَةَ جَلْدَةٍ ۖ وَلَا تَأْخُذْكُم بِهِمَا رَأْفَةٌ فِي دِينِ اللَّـهِ إِن كُنتُمْ تُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ ۖ وَلْيَشْهَدْ عَذَابَهُمَا طَائِفَةٌ مِّنَ الْمُؤْمِنِينَ ) (النور:2 ). “ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން (حد) ޖަހާށެވެ! އަދި اللَّه އަށާއި آخرة ދުވަހަށް ތިޔަބައިމީހުން إيمان ވާކަމުގައިވަނީނަމަ، اللَّه ގެ دين ގައި އެ ދެމީހުންނާމެދު އޯގާވެރިކަމެއް ތިޔަބައިމީހުން ނުބަހައްޓާހުށިކަމެވެ! އަދި އެ ދެމީހުންނަށް ދެވޭ عقوبات، مؤمن ންގެ ބަޔަކު ދެކޭހުށިކަމެވެ!”
މީގެ އިތުރުން އަބުރާ ބެހި ޤަޛުފުކޮށް މީސްތަކުންނާ ބެހޭ ގޮތުން ދޮގުވާހަކަ ދައްކައި ބަދުނާމުކުރުން ފަދަ ކަންކަން ވަނީ ނަހީކުރައްވާފައެވެ. އިސްލާމީ ޝަރީޢަތުގެ ނަޒަރުން ބަލާއިރު އަބުރާ ބެހުމަކީ ޖިނާއީ ކުށެކެވެ. ޤަޛުފުކޮށް، އެކަމުގެ މައްޗަށް ހެކި ޤާއިމުނުކުރާ މީހުންނަކީ ފާސިޤުންކަމުގައި ކަނޑައަޅުއްވައި މިދުނިޔޭގައި އެއުރެންގެ ހެކިބަސް ޤަބޫލުވެވިގެން ނުވާކަން ވެސް ކަނޑައަޅުއްވާފައެވެ. (އަލްބައްކާރު , 2008)

އަދި ޤަޛުފު ކުރާ މީހުންނަށްވަނީ ޙައްދުގެ ޢުޤޫބާތް ކަނޑައަޅުއްވާފައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ فَاجْلِدُوهُمْ ثَمَانِينَ جَلْدَةً وَلَا تَقْبَلُوا لَهُمْ شَهَادَةً أَبَدًا ۚ وَأُولَـٰئِكَ هُمُ الْفَاسِقُونَ ) (النور:4 ) ” عفّة ތެރި އަންހެނުންނަށް قذف ކުރާމީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ، އެއުރެންގެގައިގައި އަށްޑިހަ އެތިފަހަރުން (حد) ޖަހާށެވެ! އަދި ދުވަހަކުވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން قبول ނުކުރާށެވެ! އަދި އެއުރެންނީ، ހަމަ، فاسق ންނެވެ.” .

ޚާއްޞަކޮށް މުއުމިނު އަންހެނުންގެ އަބުރާ ޢިއްޒަތަށް ނުޙައްޤުން އަރައިގަންނަ މީހުންނަށް ދުނިޔޭގައްޔާއި އާޚިރަތުގައި ހުރި ޢަޒާބުގެ ވަޢީދުގެ ބަސްފުޅުތައް ޤުރުއާނުގައި ބަޔާންކުރައްވާފައިވެއެވެ. ( إِنَّ الَّذِينَ يَرْمُونَ الْمُحْصَنَاتِ الْغَافِلَاتِ الْمُؤْمِنَاتِ لُعِنُوا فِي الدُّنْيَا وَالْآخِرَةِ وَلَهُمْ عَذَابٌ عَظِيمٌ ) (النور:23 ) ” ހަމަކަށަވަރުން، عفة ތެރި، غفلة ތެރި (އެބަހީ: ފާފަކުރުމުގެ خيال ވެސްނެތް) مؤمن އަންހެނުންނަށް قذف ކުރާ މީހުންނަށް، ދުނިޔެއާއި، آخرة ގައި لعنة ލައްވާފައިވެއެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ.”

އިސްލާމީ ޝަރީޢަތް ނޫން އެހެން އެއްވެސް ނިޒާމެއްގައި އިންސާނާގެ މަޢުނަވީ ޝަޚުޞިއްޔަތު މިހާވަރަށް ޙިމާޔަތްކުރެވިފައި ނުވެއެވެ. މިހުރިހާ ކަމެއްގެ ސަބަބުން އިސްލާމީ ޝަރީޢަތަށް މަތިވެރިކަން ލިބިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
Comments

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *