އިސްލާމްދީނުގެ މަތިވެރި މަޤުޞަދުތަކުގެ ތެރެއިން ފުރަތަމަ މަޤުޞަދުކަމުގައިވާ ދީން ޙިމާޔަތްކުރުމަށް އިސްލާމީ ޝަރީޢަތުގައި މުހިންމު އުޞޫލުތަކެއް ކަނޑައަޅުއްވާފައިވާކަން ކީރިތި ޤުރުއާނާއި ސުންނަތުން ކަށަވަރުކަމާއެކު އެނގެއެވެ. އެ އުޞޫލުތައް ދަމަހައްޓައި މުޖުތަމަޢުގައި އާލާކޮށް ދިރުވުމަށް މިޒަމާނުގައި ކުރެވޭނެ ކަންކަމަކީ ކޮބައިތޯއެވެ؟
އާދެ! އަޅުގަނޑު ގެ ނަޒަރުގައި ދީން ޙިމާޔަތްކުރުމުގެ މަޤުޞަދަށް މިޒަމާނުގައި ބާރު ދެވޭނެ ގޮތްތަށް ވަރަށް ގިނައެވެ. ޚާއްޞަ ގޮތެއްގައި ދިވެހިރާއްޖެ ފަދަ އިސްލާމީ ދައުލަތެއްގައި ކުރެވިދާނެ ކަންކަން ވަރަށް ގިނައެވެ. މިގޮތުން މިސާލަކަށް ޤާނޫނީ ދާއިރާއިންނާއި ސިޔާސީ ފެންވަރުގައްޔާއި ޤައުމީ ތަޢުލީމީ ސިޔާސަތުތަކުގެތެއިންނާއި ޢުމްރާނީ ތަރައްޤީއާއި ޙަޟާރަތުގެ ތެރެއިން ދީން ދެމެހެއްޓުމުގެ މަޤުޞަދަށް އީޖާބީ ގޮތުން ބާރު ދެވިދާނެއެވެ.
ޤާނޫނީ ދާއިރާއިންނަމަ، އިސްލާމްދީނާ އެއްގޮތަށް ޤާނޫނު ހެދުމާއި އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރުމާއި އިސްލާމްދީން ޙިމާޔަތްވާނޭ ގޮތަށް ޤާނޫނުތައް ހެދިދާނެއެވެ. އަދި އިސްލާމީ ޝަރީޢަތުގެ އަޙުކާމުތައް ކޮޑިފައިކޮށް، އެއަށް ފަނޑިޔާރުން ހޭލުންތެރިކުރުވިދާނެއެވެ. އެހެންމެ، އިސްލާމްދީނާ ދެކޮޅަށް ކުރެވޭ ކަންކަމުން ދީން ޙިމާޔަތްކުރުމަށްޓަކައި ވެސް ޤާނޫނުތައް ހެދިދާނެއެވެ. މިގޮތުން އިސްލާމްދީނަށް ތައުހީނުކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅޭނޭ ގޮތް ހެދުމާއި އިސްލާމީ މުޖުތަމަޢުގައި އިސްލާމްދީނާ ޚިލާފު ކަންކަން ނުހިނގާނޭ ގޮތައް ޤާނޫނުތައް ހެދުމާއި މިފަދަ ކިތައްމެ ކަމެއް ޤާނޫނީ ގޮތުން ކުރެވިދާނެ ކަމަށް އަޅުގަނޑު ދެކެމެވެ. މިހުރިހާ ކަމެއް ވެސް، ދީން ޙިމާޔަތްކުރުމުގެ މަޤުޞަދަށް ބާރުދެވޭ ކަންކަމުގެތެރެއަށް މިޒަމާނުގައި އިންޓަރގްރޭޓް ކުރެވިދާނެކަމަށް ދެކެމެވެ. މިޒަމާނުގައި މިކަމަކީ ޤާނޫނީ ގޮތުން ބޭނުންތެރިކަމެއްކަމުގައިވެސް ދެކެމެވެ.
ސިޔާސީ ފެންވަރުގައި ނަމަ، ސިޔާސީ ވެރިން އިސްލާމީ އުޞޫލުތައް ނެގެހެއްޓުމާއި އިންތިޚާބީ މެނިފެސްޓޯތަކުގައި އިސްލާމީ ޝަރީޢަތުގެ މަޤާޞިދުތައް ޙިމާޔަތްކުރެވޭނޭ ފަދަ ކަންކަންހިމެނަންވާނެއެވެ. އަދި އިސްލާމީ ދަޢުވަތަށް ހުރި ހުރަސްތައް ނައްތާލަންޖެހޭނެއެވެ.
ތަޢުލީމީ ސިޔާސަތުތަކުގައި ނަމަ، ޤައުމީ މުޤައްރަރުތަކުގެ ތެރެއިން އިސްލާމީ ޢަޤީދާ ޙިމާޔަތްކުރެވޭނޭ ގޮތައް މުޤައްރަރުތައް ހެދުމާއި އޭގެ މައްޗަށް ދަރީން ތަރުބިޔަތުކުރުމާއި ޤުރުއާނާބެހޭ މަރުކަޒުތަކާއި ޢަރަބި އިސްލާމީ ތަޢުލީމުދޭ މުއައްސަސާތަކާއި އިސްލާމީ ޔުނިވަރސިޓީތަކާއި ކޮލެޖްތައް ޤާއިމު ކުރުމާއި އިސްލާމީ ޢިލްމީ ޕްރޮގްރާމްތަކާއި ޤުރުއާން ހިތުންދަސްކުރުމުގެ މަޝްރޫޢުތައް ޤާއިމު ކުރަންޖެހެއެވެ.
ޢުމްރާނީ ތަރައްޤީއާއި ޙަޟާރަތުގެ ތެރެއިންނަމަ، ޤައުމުގެ އިސްލާމީ ޢަޤީދާ ޙިމާޔަތްކުރުމަށް ބާރުދިނުމުގެ ގޮތުން އިސްލާމީ މަރުކަޒުތަކާއި މިސްކިތްތަކާއި އިސްލާމީ ލައިބްރަރީތައް ޤާއިމުކުރެވިދާނެއެވެ.
ދީން ޙިމާޔަތްކުރުމުގެ މަޤުޞަދު ދެމެހެއްޓުމުގައި ޖަމާޢަތުގެ ނުވަތަ މުޖުތަމަޢުގެ ޒިންމާއަކީ، ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމުގެ އިޖުތިމާޢީ ރުކުން ދެމެހެއްޓުމެވެ. އަދި ދީނަށް ގޮވާލުމުގައި ދީނުގައި ކަނޑައަޅުއްވާފައިވާ ލުއިފަސޭހަ ގޮތްތަކުގައި ހިފުމާއި މީސްތަކުންނަށް ފަސޭހަކޮށްދިނުމުގެ މަބުދައު ދަމަހައްޓަންވާނެއެވެ. އިސްލާމްދީނާމެދު މީސްތަކުންގެ ހިތްތަކުގައި ނަފުރަތު އުފެދޭނެ ފަދަ ގޮތަކަށް ޢަމަލުކޮށްގެންނުވާނެއެވެ. ޙުއްޖަތާއި ބުރުހާނެއް ނެތި މީސްތަކުން ކާފަރު ކުރުމާއި ޓެރަރިޒަމަށް ވާގިވެރިވުމާއި މުޖުތަމަޢުގައި ނަފްރަތު އުފެދޭ ގޮތަށް ޢަމަލުކޮށްގެންނުވާނެއެވެ. ތަފާތު ޚިޔާލުތަކުގެ މީހުންނަށް އިޙުތިރާމްކުރުމާއެކި ޢިލްމީ ޙުއްޖަތުގެ އަލީގައި އިސްލާމީ ރިސާލަތު ފޯރުކޮށްދިނުމަށް މުހިންމުކަން ދޭންވާނެއެވެ.
އިސްލާމް ދީން ޙިމާޔަތްކުރުމަށްޓަކައި ޖަމާޢީ ގޮތުން އަދާކުރަންޖެހޭ އިސްލާމީ ވާޖިބުތައް ދަމަހައްޓަންޖެހެއެވެ. މިގޮތުން ޖަމާޢަތުގައި ނަމާދުކުރުން ފަދަ ކަންކަން ދަމަހައްޓަންވާނެއެވެ. އެއީ އިސްލާމްދީނުގެ ވަރުގަދަ ކަމާއި މުސްލިމުންގެ ސަފުތައް ބަދަހިކަން ރަމްޒުކޮށްދޭ އިޖުތިމާޢީ އެންމެ ވަރުގަދަ އަސާސެވެ. މީގެ އިތުރުން މުޖުތަމަޢުގައި އިސްލާމީ އަޚުލާޤު ދެމެހެއްޓުމައި ބޮޑެތިމީހުންނަށް ކަމޭހިތުމާއި ކުޑަކުދިންނަށް ކުލުނުވެރިވުމާއި ޣީބަ ނުބުނުމާއި މީސްތަކުންނަށް ހެޔޮކޮށް ހިތުމާއި އަބުރާ ނުބެހުމާއި ދީނީ އެންމެހާ އަޚުލާޤިއްޔާތަށް އިޖުތިމާޢީ ގޮތުން ދެމެހެއްޓުމެވެ.
ޢާއިލީ ޒިންމާއަށް ބަލާނަމަ، ކޮންމެ ޢާއިލާއަކުން ވެސް އެ ޢާއިލާއެއްގެ ދަރީންނާއި އެންމެހާ އަފްރާދުން އިސްލާމީ ތަރުބިޔަތުމަތީގައި ބޮޑުކުރަން މަސައްކަތްކުރަންވާނެއެވެ. މިގޮތުން ﷲ މަޢުރިފާކޮށް ދެނެގަތުމާއި އެކަލާނގެ ރަސޫލާއަށް އީމާންވާން ދަސްކޮށްދިނުމާއި އެކަލާނގެ ފާނުގެ ޝަޚުޞިއްޔަތުގެ ރިވެތި ސިފަތައް ދަސްކޮސްދިނުމާއި ނަމާދު ކުރަން ހާނުވާންވާނެއެވެ. އިސްލާމްކަމުގެ ރުކުންތަކާއި އީމާންކަމުގެ ރުކުންތައް ދަސްކޮށްދޭންވާނެއެވެ. އަދި ޤުރުއާން ކިޔަވަން އުނގަންނައި ދިނުމާއި ކީރިތި ރަސޫލާއާއި އެކަލޭގެފާނުގެ އާލުބައިތުން ދެކެ ލޯބިވާން ދަސްކޮށްދޭންވާނެއެވެ. ސަބަބަކީ އެ ދަރީންނަކީ މުސްތަޤުބަލުގެ ޖީލެވެ. އިސްލާމްދީން ރައްކާތެރިވެގެންދާނީ އެދަރީންނަށް ދީން އުނގަންނައިދިން ގޮތެއްގެ މައްޗަށެވެ.
ފަރުދީ ޒިންމާއަކީ، ކޮންމެ މީހަކުވެސް އެމީހެއްގެ ނަފުސުގައި އިސްލާމްދީނުގެ ޢަޤީދާއާއި ޙުކުމްތައް ޤާއިމު ކުރުމެވެ. އެއިރުން ބިންމަތީގައި ދީން ޤާއިމުވެގެންދާނެއެވެ. ރަނގަޅު ފަރުދަކީ ރަނގަޅު ޢާއިލާގެ ބިންގަލެވެ. ރަނގަޅު ޢާއިލާއަކީ ރަނގަޅު މުޖުތަމަޢުގެ ބިންގަލެވެ. ރަނގަޅު މުޖުތަމަޢަކީ ރަނގަޅު ދައުލަތުގެ އަސާސެވެ.