ރަށްރަށާއި އަތޮޅުތަކާއި ސިޓީ ކައުންސިލްތަކުގައި ތަރައްޤީގެ ޕްލޭންތަކުގައި ހެޔޮ ލަފާ އިންސާނަކު ބިނާކުރުމަށް ޕްރޮގްރާމްތައް ރަސްމީކޮށް ހިމެނުމަކީ ވަރަށް ބޭނުންތެރި މުހިންމުކަމެއްކަމުގައި ދެކެމެވެ. ޚާއްޞަކޮށް ޒުވާނުންގެ މެދުގައި އިސްލާމީ ރިވެތި އަޚުލާޤު އާލާކޮށް ދިރުވަން ޕްލޭން ކުރުމަކީ ކުށް މަދު، މަސްތުވާ ތަކެއްޗާ ދުރު މުޖުތަމަޢެއް ބިނާވުމަށް އެހީވާނެކަމެކެވެ. ބަނދަރާއި ނަރުދަމާއާއި އެހެނިހެން މާއްދީ ކަންކަމަށް ވެސް މުހިންމުކަން ދޭ ފަދައިން، އެ ވަސީލަތްތަކުގެ ބޭނުން ހިފާ އިންސާނާ އަކީ ފިކުރީ ގޮތުން ވަޒަން ހަމަ ހެޔޮ ލަފާ ރިވެތި އަޚުލާޤެއްގެ ވެރިއަކަށް ވޭތޯ މަސައްކަތްކުރަންޖެހެއެވެ. ރަނގަޅު ޢާއިލާގެ ބިންގަލަކީ ހެޔޮ ލަފާ ފަރުދެވެ. ރަނގަޅު މުޖުތަމަޢުގެ ބިންގަލަކީ ހެޔޮލަފާ ޢާއިލާއެވެ. ޤައުމު ބިނާވެގެން އަންނަނީ ޢާއިލާތަކުގެ މައްޗަށެވެ. ވީމާ އިންސާނާ އަށް މުހިންމުކަން ދޭށެވެ. ކައުންސިލްތަކުން މުޖުތަމަޢަށް ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތަކީ އެއީއެވެ.