އިސްލާމްދީން ބާވާލެއްވީ އަޅުތަކުން އެއަށް އެންމެ ފުރިހަމަ ގޮތުގައި ތަބާވުމަށެވެ. އެއީ ހަޔާތުގެ ދުސްތޫރެވެ. ދައުލަތުގެ ޤަނޫނީ ތަޞައްވުރުގެ އަސާސެވެ. އެއާ ތަޢާރުޟްވާގޮތަށް އެއްވެސް ޤާނޫނެއް، ޤަވާޢިދެއް ހެދިގެންނުވާނެއެވެ. އަޅުގަނޑުމެން ހަދާކޮންމެ ޤާނޫނަކާ ޤަވާޢިދެއްގެ އަޞްލަކަށް ވާންވާނީ ކީރިތި ޤުރުއާނާއި މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތެވެ.
މިގޮތުން ﷲ ގެ ޝަރީއަތާ ޚިލާފު ނުވާގޮތަށް މުޖުތަޢުގެ ޢާއްމު މަޞްލަޙަތު ދެމެހެއްޓުމުގެ ގޮތުންނާއި، ޞުލްޙަވެރިކަން ޤާއިމުކުރުމަށާއި، ދައުލަތް އިންތިޒާމުކުރުމަށް، ޤާނޫނުތައް ހެދުމަކީ އުއްމަތަށް އިޚުތިޔާރު ލިބިގެންވާ ކަމެކެވެ.
އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެންވާ އުޞޫލުތައް އެކަށީގެންވާ އެންމެ ފުރިހަ ގޮތުގައި ޤާއިމު ކުރެވޭނަމަ، މުޖުތަމަޢުގައި ޞުލްޙަވެރިކަން އޮންނާނެއެވެ. އަމާންކަންވެސް ޤާއިމު ކުރެވޭނެއެވެ. މުޖުތަމަޢުގައި ކުށްކުރުންވެސް މަދުވާނެއެވެ.
އިސްލާމީ މުޖުތަމަޢަކީ ކުށްކުރުން މަދު މުޖުތަމަޢަކަށް ހެދުމަށްޓަކައި އެންމެން ގުޅިގެން އިސްލާމީ ތަރުބިޔަތު ފަތުރައި އިސްލާމީ ސަޤާފަތާއި އުޞޫލުތައް ޤާއިމުކޮށް ދެމެހެއްޓުމަށް އިސްކަމެއް ދޭންޖެހެއެވެ.