އިސްލާމީ ޝަރީޢަތަކީ ފުރިހަމަވެފައިވާ ޝަރީޢަތެކެވެ. ދައުލަތާއި ވެރިކަމުގެ ވާހަކަ އިސްލާމީ ޝަރީޢަތުގައި އައިސްފައިވެއެވެ. އިސްލާމްދީނަކީ ހަމައެކަނި އަޅުކަމުގެ ދީނެއް ނޫނެވެ. އެއީ ވެރިކަމުގެ ވެސް ދީނެވެ. މުޙައްމަދުގެ ނަބީކަލޭގެފާނު މައްކާއިން މަދީނާއަށް ހިޖުރަކުރެއްވުމަށް ފަހު، އެންމެ ފުރަތަމަ ކުރެއްވި ކަންކަމުގެ ތެރޭގައި އިސްލާމްދީނާއި، މުސްލިމުން ޙިމާޔަތްކުރާނޭ ދައުލަތެއް އިޢުލާންކުރެއްވައި އެދައުލަތުގެ ހިޔަލުގައި ތިބި މުސްލިމުންނާއި ޣައިރު މުސްލިމުންނާއި މި އެންމެންގެ ޙައްޤުތައް ޙިމާޔަތްކުރައްވައި ދުސްތޫރެއް ލިޔުއްވުން ހިމެނެއެވެ.
އިސްލާމްދީން ޙިމާޔްތަކޮށް، މީސްތަކުންގެ ޙައްޤުތައް ރައްކާތެރިކޮށް ޢަދުލުވެރިކަން ޤާއިމުކޮށް ދީނުގެ ޙުކުމްތަށް ތަންފީޒުކުރާނެ ދައުލަތެއް އޮތުމަކީ ދީނުގެ ބައެކެވެ. އެއާ ނުލާ ދީނަށް ފުރިހަމަ ކަމެއް ނާންނާނެއެވެ. އިސްލާމްދީނަކީ ހަމަ އެކަނި މިސްކިތަށް އޮންނަ ދީނެއްނޫނެވެ. އިސްލާމްދީނަކީ ދައުވަތާއި ދައުލަތުގެ ދީނެވެ. މުޢާމަލާތާއި އިޤުތިޞާދުގެ ވެސް ދީނެވެ. ދީނުގެ އުޞޫލުތަކަށް ނަޒަރު ހިންގާލުމުން މިކަންތައް ވަރަށް ސާފުކޮށް ފާހަގަކުރެވޭނެއެވެ.
އިސްލާމްދީނާއި، ސިޔާސަތާ އެއްވެސް ގުޅުމެއް ނުވާކަމަށް ބުނާ ވާހަކަތަކީ އެއްވެސް އަސްލެއް އޮތް ވާހަކަތަކެއްނޫނެވެ. އެހުރިހާ ވާހަކަތަކެއް ނިކުންނަނީ އިސްލާމްދީނުގެ ޢަދާވާތްތެރިންގެ ނަޒަރިއްޔާތަކުންނެވެ. އެއީ އިސްލާމްދީނާއި، މުސްލިމުން ފަހަތަށް ޖައްސާލުމަށްޓަކައި ދައްކަމުންދާ ވާހަކަތަކެކެވެ. އެކަމަކު އިސްލާމްދީނާ ސިޔާސަތާ ގުޅުން އޮންނަ ކަމަށް ބުނާ ވާހަކަތަކުގެ ޙަޤީޤަތަކީ ފަހަރެއްގައި ދުނިޔޭގެ ސިޔާސީ މަސްރަޙުގައި ހިގާ ހަޑި ހުތުރު ސިޔާސީ ކަންކަމުގެ ތެރެއަށް ދީން ވައްދާ ވާހަކައެއްނޫނެވެ. އަދި އިސްލާމްދީން ބޭނުންކޮށްގެން ދުނިޔަވީ މަންފާ ޙާޞިލުކުރުމަށް ދޮގާއި ބުހުތާނު ފަތުރާ ވާހަކައެއް ވެސް ނުމެނޫންމެއެވެ. އިސްލާމްދީނާ ސިޔާސަތާ އޮތް ގުޅުން ބިނާ ވަނީ ދީނާއި ދުނިޔޭގެ ކަންކަން އިޞްލާޙުގެ މަގުން ހިންގުމުގެ މައްޗަށެވެ. އިސްލާމްދީނާއި ޝަރުޢީ މަޞްލަޙަތުތައް މަތިވެރި ކުރުމުގެ މައްޗަށެވެ. ރައްޔިތުންގެ މަޞްލަޙަތު ޤާއިމު ކުރުމުގެ މައްޗަށެވެ. މުންކަރާތްތަކުގެ ދޮރުތައް ބަންދު ކުރުމުގެ މައްޗަށެވެ. މަދަނީ ގޮތުން ދައުލަތް ތަރައްޤީކުރުމުގެ މައްޗަށެވެ. ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ހޯދައިދިނުމުގެ މައްޗަށެވެ.
އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ޤިޞާޞްއާއި، ޙުދޫދުތަކާއި، އަދި އެހެނިހެން ތަޢުޒީރީ އަދަބުތަކަކީ އެ ޤާއިމުކުރުން ވެރިކަމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ލައްވާފައިވާ ކަންކަމެވެ. އަދި ހެޔޮކަންތަކަށް އަމުރުކުރުމާއި، ނުބައި ކަންތައްތައް ނަހީކުރުމާއި، ޒަކާތްނެގުމާއި، އެ ޒަކާތް ބެހުމަކީ ޙާކިމުގެ އިސް ވާޖިބު ތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ޢަދުލުވެރިކަން ޤާއިމު ކުރުމާއި، ނިކަމެތިންގެ ޙައްޤުތަށް ހޯދައި ދިނުމަކީ ވެސް ޙާކިމުގެ ވާޖިބުތަކުގެ ތެރެއިން ވާކަންކަމެވެ. ވީމާ އިސްލާމްދީނާއި، ސިޔާސަތާ، ނުވަތަ ވެރިކަމާ ގުޅުމެއް ނެތް ކަމަށް ބުނުމަކީ ބާޠިލު ވާހަކަތަކެކެވެ.
އިސްލާމްދީނުގައި ޙާކިމާއި، ރައްޔިތުންގެ ވާޖިބުތަށް ވަރަށް ރަނގަޅަށް ބަޔާންކުރައްވާފައިވެއެވެ. އަދި ދީން ޤާއިމުކުރުމުގެ ވަރަށް ބޮޑު ބާރެއް ޙާކިމަށް ދެއްވާފައިވެއެވެ. އިސްލާމީ ޝަރީޢަތުގައި މިކަންކަން ބަޔާންކުރެވިގެންވާ ވަރަށް އެހެން އެއްވެސް ވަޟުޢީ ނިޒާމެއްގައި، ނުވަތަ ފަލްސަފީ ނަޒަރިއްޔާއެއްގައި ބަޔާންވެފައި ނުވެއެވެ.
އިސްލާމްދީން ވަނީ އެދީނުގެ ޝަރީޢަތް ޤާއިމުކުރާ ވެރިންނަށް އިޙުތިރާމާއި، ޤަދަރު ދެއްވާފައެވެ. އެފަދަ ވެރިންނަށް ކިޔަމަންތެރިކަން އަދާކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއްކަމުގައި ލައްވާފައެވެ. ނަމަވެސް ޝަރުޢުގެ ހަމަތަކުން ބޭރުވެ، އިސްލާމްދީނުގެ މަގުން އެއްކިބާވެ، ޙައްޤުތަކާމެދު އިހުމާލުވެއްޖެ ވެރިޔާ ޝަރުޢީ ހަމަތަކުގެމަތިން ޢަޒުލުކުރުމުގެ ޙައްޤު ވެސް އިސްލާމްދީނުގައި ރައްޔިތުންނަށް ދީފައިވެއެވެ.
މިއަދު މުސްލިމު ޤައުމުތަކަށް ކުރިމަތިވެގެން އުޅޭ، ދީނީ، އަޚުލާޤީ، ސިޔާސީ، އިޖުތިމާޢީ މައްސަލަތަކަކީ އިސްލާމީ ނިޒާމު ނެތުމުގެ ސަބަބުން ކުރިމަތިވެގެން އުޅޭ މައްސަލަތަކެއްކަމުގައި ފެނެއެވެ. އިސްލާމީވެރިކަމެއް ޤާއިމުވެދާނެތީ ކަންބޮޑުވާ ބަޔަކު ދުނިޔޭގައި އުޅެއެވެ. މިހެންކަމުން މުސްލިމުންގެ ބޮލުގައި ތަފާތު ބަދުނާމުތަށް އަޅުވަމުން، މުސްލިމުންނާއި، އިސްލާމީ ޤައުމުތަކާ ހަނގުރާމަކޮށް އިނދަ ޖައްސަމުންދާކަމީ ދުނިޔެއިން ފެންނަމުންދާ ޙަޤީޤަތެކެވެ.
އިސްލާމީ ޙަޟާރަތުގެ ހިތްކަމުގައި ޢިރާޤު ފުނޑުފުނޑު ކޮށްލި ތާރީޚީ ޙާދިސާއަށް ބަލައިލަމާ ހިނގަވާށެވެ! އެޤައުމާ ހަނގުރާމައަށް ލަޝްކަރު ފޮނުވަމުން، އެމެރިކާގެ އެއިރުގެ ރައީސް އިޢުލާންކުރީ އެއީ މުސްލިމު އުންމަތާ އެކު ކުރެވޭ ޞަލީބީ ހަނގުރާމައެއްކަމުގައެވެ. ނަމަވެސް މުސްލިމުންގެ ފުށުން އައި ރައްދު ތަކުގެ ސަބަބުން އެއީ އޮޅިގެން ބުނެވުނު އެއްޗެއްކަމުގައި ހެއްދިއެވެ. ދެން އައީ އެހެން ނަމެއްގައެވެ. އެއީ ޑިމޮކްރަސީގެ ނަމެވެ. މިނަމުގައި ޢިރާޤަށް އަރައި، އެތަން އަޅުވެތިކޮށް، އެތަށް ހާސް ރައްޔިތުންނެއް މަރައި، އެތާގެ ޚަޒާނާތަށް ފޭރި، އަންހެނުންގެ ޢިއްފަތްތެރިކަން ފޭރި، އެޤައުމު ބައިބައިކޮށް، އެތަށް ޖަރީމާއެއް ހިންގާފައިވެއެވެ. ހަމަ ޑިމޮކްރަސީގެ ނަމުގައެވެ. އިންސާނީ ޙައްޤުތަކަށް ގޮވާލުމުގެ ނަމުގައެވެ.
ދެން އޮތީ އަފްޣާނިސްތާނެވެ. ޓެރަރިޒަމް ނައްތާލުމުގެ ނަމުގައި އެޤައުމު އިނދަ ޖައްސާލިއެވެ. ދެން އޮތީ ފަލަޞްޠީނެވެ. އެތަނުގަ ދިރިއުޅޭ ރައްޔިތުން އެބައިމީހުންގެ ޙައްޤުތަށް ހޯދައި ބައިނަލްއަޤުވާމީ ޤާނޫނުގެ ދަށުން، ފަލަޞްޠީނޭ ކިޔުނު ދައުލަތެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތަށް އެތައް ގޮންޖެހުމެއް ދަނީ ކުރިމަތިވަމުންނެވެ. އިސްލާމީ ޖަމާޢަތަކުން އިންތިޚާބުގެ ތެރެއިން އެތަނުގެ ވެރިކަމަށް އައުމުން އެޤައުމުގެ ރައްޔިތުންގެ މައްޗަށް ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވެއެވެ. އިންސާނީ ޙައްޤުތަކާއި، އަންހެނުންގެ ޙައްޤުތަކާއި، މުސްކުޅިންނާއި، ކުދަކުޑީންގެ ޙައްޤުތަކަށް ބަލާލުމެއްނެތި އެވެ. ލީބިޔާއާއި ޔަމަނާއި ސޫރިޔާގައި ހިނގަމުންދާ ކަންކަމުގެ ވާހަކަ ތަކަކީ ވެސް އެހާމެ ހިތާމަވެރި ވާހަކަތަކެވެ. މި ހުރިހާ ތަނެއްގައި ހިނގަމުންދާ ކަންކަން ހިނގަމުން ދަނީ ދުނިޔޭގެ އެންމެންގެ ލޯތަކުގެ ކުރިމަތީގައެވެ. އިސްލާމީ ޤައުމުތަކާ މެދު ބައިނަލްއަޤުވާމީ މުޖުތަމަޢުގައި އެއްވެސް އިންސާފެއް ނެތެވެ.
ޑިމޮކްރަސީގެ މިސިލްސިލާ އަޅުގަނޑުމެންނާ ހަމައަށް ވެސް އަންނާނޭ ކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. ނަމަވެސް އަސްކަރީ ގޮތުން ބަޔަކު އަޅުގަނޑު މެންނާ ހަނގުރާމަ ނުކުރާނެއެވެ. ނަމަވެސް އަޅުގަނޑުމެންގެ ސިޔާސީ، އިޖުތިމާޢީ، ކަންތައްތަށް ބައްޓަން ކުރުމުގައި، ދީނާއި ޢަޤީދާ އާ ދުރުކުރުމަށް ހިއްވަރުދީ މަސައްކަތްކުރާނެއެވެ. އަދި އަޅުގަނޑުމެންގެ ބަހުން ވާހަކަ ދައްކާ އަޅުގަނޑުމެންގެ ދަރީން ލައްވައި އަޅުގަނޑުމެންގެ ޢަޤީދާއާއި ސަޤާފަތާއި ހަނގުރާމަކުރާނީ ފިކުރީގޮތުންނެވެ.
އިސްލާމްދީނަކީ، ޢަދުލުވެރިކަމުގެ ދީނެވެ. ޓެރަރިޒަމްގެ ދީނެއްނޫނެވެ. ރަޙުމަތުގެ ދީނެވެ. އަނިޔާވެރިކަމުގެ ދީނެއްނޫނެވެ. ވީމާ އިސްލާމްދީން ބަދުނާމުކުރުމަކަށް އެއްވެސް ޖާގައެއްނެތެވެ. ދުނިޔޭގެ ބައެއް ހިސާބުތަކުގެ އަފުރާދުން ދީނުގެ ނަމުގައި ހިންގަމުންދާ ބައެއް ހަރުކަށި ޢަމަލުތަކަކީ އެއީ ދީނީ ނަޒަރަކުން ބަލާއިރު، ދީނުގެ މިންގަނޑަށް ފެތޭ ކަންކަމެއްނޫނެވެ. ބަޔަކު ހިންގާ އެފަދަ ޢަމަލަކުން އަދި ދީނާ މެދު ނަފުރަތު އުފެދިގެން ނުވާނެއެވެ. އަޅުގަނޑުމެންގެ ޤައުމަށް އިޖްތިމާޢީ ގޮތުން ބަދަލު ތަކެއް އަންނަމުންދާއިރު، އަޅުގަނޑުމެންގެ ޢަޤީދާ ޙިމާޔަތްކުރުމަކީ، ކޮންމެ ދިވެހި ފަރުދެއްގެ ވާޖިބެއް ކަމަށް ދެކެމެވެ.
ހެޔޮ ލަފާ ހަރުދަނާ އިސްލާމީ މުޖުތަމަޢެއް ޤާއިމު ކުރުމުގެ މަސައްކަތަކީ ބުރަ މަސައްކަތެވެ. މިކަމުގައި ޖީލަކަށް ފަހު ޖީލެއް ފާއިތުވެގެން ދިއުމަކީ ވެސް ހަމަ ވެދާނޭ ކަމެކެވެ. ނަމަވެސް މާތް ﷲ އަށް ވަކީލުކޮށް ކޮންމެ މުސްލިމަކުވެސް އެމީހަކަށް ކުޅަދާނަކަން ލިބިގެންވީ މިންވަރަކުން ދީނަށްޓަކައި މަސައްކަތްކޮށް ދަޢުވަތު ފޯރުކޮށްދިނުމަކީ ވާޖިބުވެގެންވާ ކަމެކެވެ. އަޅުގަނޑުގެ ނަޒަރުގައި މިކަމުގައި ކަނޑައްތުކުރަންޖެހޭ މަރުޙަލާތައް ދަންނަވާލާނަމެވެ.
(ހ) ހެޔޮ ލަފާ ފަރުދަކު ބިނާކުރުން:
ބިންމަތީގައި އިސްލާމީ ޝަރީޢަތް ޤާއިމުވެގެން ދިއުމުގެ ކުރީން މުސްލިމު ފަރުދުގެ އަމިއްލަ ނަފުސުގައި ދީން ޤާއިމުވާން އެބަޖެހެއެވެ. އެއިރުން ބިންމަތީގައި އެޝަރީޢަތް ޤާއިމުވުމަށް ފަސޭހަ ވެގެންދާނެއެވެ. ކީރިތި ޤުރްއާނަށް ތަބާވާ، ކީރިތި ރަސޫލާގެ ސުންނަތައް ތަބާވާ، ދީނަށް ލޯބިކުރާ މުސްލިމު ފަރުދަކީ އިސްލާމީ ދައުލަތުގެ ބިންގަލެވެ.
(ށ) ހެޔޮ ލަފާ ޢާއިލާއެއް ބިނާވުން:
މިއީ ދެވަނަ މަރުޙަލާއެވެ. އިސްލާމީ އަޚްލާޤާއި އެއްގޮތައް ބިންގާ އެޅިފައިވާ ޢާއިލާތައް އުފެދެންޖެހެއެވެ. ދަރީން ހެޔޮގޮތުގައި ތަރުބިޔަތު ކުރެވެން ޖެހެއެވެ. މިއީ އިސްލާމީ ދައުލަތެއް އުފެއްދުމަށް ކުރެވޭ މަސައްކަތުގެ ދެވަނަ މަރުޙަލާއަށް ވުން މުހިންމެވެ.
(ނ) ހެޔޮ ލަފާ މުޖުތަމަޢެއް ބިނާވުން:
މުސްލިމު ޞާލިޙު ޢާއިލާތަކުގެ ބިންގަލަކީ މުސްލިމު ޞާލިޙު ފަރުދުންނެވެ. މުޖުތަމަޢުގެ ތަނބުތަކަކީ އެ ޢާއިލާތަކެވެ. މުންކަރާތްތަކުން ދުރުވެގެންވާ، ހެޔޮކަންކަމަށް އަމުރުކުރާ މުޖުތަމަޢެއް އުފެއްދުމަކީ އިސްލާމީ ދައުލަތެއް އުފެދެން މެދުވެރިވުމުގެ އެންމެ ހެޔޮ އަދި މަތިވެރި އެއް ވަސީލަތެވެ.
ހެޔޮ ލަފާ މުޖުތަމަޢެއް ޤާއިމު ކުރުން ވަނީ ރައްޔިތުންގެ އަތްމަތީގައެވެ. ރައްޔިތުންނަށް މިވިސްނުން ގެނެސްދޭނޭ އެއްޗަކީ އެބައިމީހުންނަށް ލިބޭ ތަރުބިޔަތެވެ. ކީރިތި ރަސޫލާ މަދީނާގައި ދައުލަތް ޤާއިމު ކުރެއްވުމުގެ ކުރީން ވަރަށް މަތިވެރި ފިޔަވަޅުތަކެއް އެޅުއްވިއެވެ. އޭގެ ތެރޭގައި އެތައް އަހަރެއް ވާންދެން މީސްތަކުންގެ ޢަޤީދާ ހަރުދަނާކުރެއްވިއެވެ. އަދި މަދީނާ އަށް ހިޖުރަކުރައްވައި މުހާޖިރުންނާއި އަންޞާރުން އަޚްކުރައްވައި، މިސްކިތްބިނާކުރައްވައި މަދީނާ ވަށައިގެންވާ ޤަބީލާތަކާއެކު ޞުލްޙަޤާއިމުކުރައްވައި، އިސްލާމީ ވެރިކަން ޤާއިމުކުރެއްވިއެވެ. އަދި ޤައުމުތަކަށް ސަފީރުން ފޮނުއްވައި އިސްލާމްދީން އިޢުލާންކުރެއްވިއެވެ. މިއީ ވަރަށް ކެތްތެރިކަމާއެކު ކުރެއްވި މަތިވެރި މަސައްކަތްޕުޅުތަކުގެ ނަތީޖާއެވެ. އަދި އެކަލޭގެފާނު ތަރުބިޔަތު ކުރެއްވި ނަމޫނާ ޖީލަކީ އެ ދައުލަތުގެ އަންޞާރުންނެވެ.
މިހެންކަމުން މިސުންނަތުގެ އަލީގައި އިސްލާމީ ޢަޤީދާގެ މަތީގައި މުސްލިމު ފަރުދަކު ބިނާކުރަމާ ހިނގާށެވެ. މުސްލިމު ޢާއިލާއެއް ބިނާކުރަމާ ހިނގާށެވެ. އިސްލާމީ މުޖުތަމަޢެއް ބިނާކުރަމާ ހިނގާށެވެ. މާތް ﷲ މި ދިވެހި ޤައުމު އަބަދުގެ އަބަދަށް އިސްލާމްދީނުގެ އަހުލުވެރި ބައެއްގެ ގޮތުގައި ލަހައްޓަވާށި، އާމީން.
ނޯޓް: މިއީ 2006 ގައި އަޅުގަނޑު ލިޔެފައިވާ “ދީނާއި ދުނިޔެ ” މިސިލްސިލާގައި ކުރިން ޝާއިޢުކޮށްފައިވާ މަޒްމޫނެކެވެ. މި މަޒްމޫން ވެބްސައިޓްގައި ދެވަނަ ފަހަރަށް މި ޝާއިޢުކުރަނީ ކުދި ކުދި ބަދަލުތަކާއެކުގައެވެ.