އިސްލާމީ ޝަރީޢަތުގެ ފިޤްހު ތަރައްޤީވެގެން އައިސްފައިވަނީ މައިގަނޑު ގޮތެއްގައި ފިޤްހީ ދެ މަދްރަސާއެއްގެ އަލީގައެވެ. އެއީ ޢިރާޤުގެ ކޫފާގައި އުފެދުނު ފިޤްހީ މަދްރަސާއާއި ޙިޖާޒުކަރައިގެ މަދީނާގައި އުފެދުނު ފިޤްހީ މަދްރަސާއެވެ. މި ދެ މަދްރަސާތަކާ ބެހޭ ކުރު ޚުލާޞާއެއް ދަންނަވާލާނަމެވެ.
ޢިރާޤުގެ ފިޤްހީ މަދުރަސާ:
ޢިރާޤުގައި އުފެދުނު ފިޤްހީ މަދުރަސާ (މަދުރަސަތުއްރައުޔު) ފިޤްހުގެ އަޞްލު އުސްތާޛުންނަކީ މާތް ޞަހާބީ ޢުމަރު ބިން ޚައްޠާބުއާއި މާތް ޞަޙާބީ ޢަބްދުﷲ ބިން މަސްޢޫދާއި މާތް ޞަޙާބީ ޢަލީ ބިން އަބީޠާލިބެވެ. މި މަދްރަސާގެ މަޝްހޫރު ދަރިވަރުންނަކީ:
1- ހިޖުރައިން ފަސްދޮޅަށް ދެވަނަ އަހަރު އަވަހާރަވެފައިވާ ޢަލްޤަމަތު ބިން ޤައިސް އައްނަޚަޢީއާއި،
2- ހިޖުރައިން ހަތްދިހަ ފަސްވަނަ އަހަރު އަވަހާރަވެފައިވާ އަލްއަސްވަދު ބިން ޔަޒީދުއާއި،
3- ހިޖުރައިން ފަސްދޮޅަސް ތިންވަނަ އަހަރު އަވަހާރަވެފައިވާ މަސްރޫޤުބިން އަޖުދަޢުލްހަމަދާނީއާއި،
4- ހިޖުރައިން ހަތްދިހަ ދެވަނަ އަހަރު އަވަހާރަވެފައިވާ ޢުބައިދާ ބިން ޢަމްރުއާއި
5- ހިޖުރައިން އަށްޑިހަ ދެވަނަ އަހަރު އަވަހާރަވެފައިވާ ޝުރައިޙް ބިން ޙާރިޘް އަލްޤާޟީއާއި،
6- ޙާރިޘުލް އަޢްވަރު.
މިއެންމެހައި ދަންނަބޭކަލުންނަކީ މާތް ޞަޙާބީ ޢަބްދުﷲ ބިން މަސްޢޫދުގެ ދަރިވަރުންނެވެ. މިބޭކަލުންގެ އަރިހުން އިމާމު އިބުރާހީމް ނަޚްޢީއާއި އިމާމު ޢާމިރުއްޝަޢުބީ ތަޢްލީމު ޙާޞިލްކުރެއްވިއެވެ. މިދެންނެވި އިމާމު ޝަޢުބީ އަކީ އިމާމު އަބޫޙަނީފާގެ އުސްތާޛެވެ. އިމާމު އިބްރާހީމް ނަޚައީ ވެގެން ދިޔައީ ކޫފާގެ އިމާމަށެވެ. އަދި މުފްތީއަށެވެ. އެއިރު ޢީރާޤުގެ ތަޢްލީމީ މަރްކަޒަކީ ކޫފާ އެވެ.
މި މަދުރަސާގެ ސިފަތައް:
1- ލިބެންހުރި ދަލީލުތައް މަދުކަމުންނާއި ޢިރާޤުގައި ދޮގުހެދުމާއި މަކަރުހެދުން ގިނަ ކަމުން ޙަދީޘްތަކުގެ ރިވާޔަތްތަށް ބަލައިގަތުމުގައި މިބޭކަލުން ގެންގުޅުއްވާ ޝަރުޠުތައް ގިނަކަމުން ވަރަށް މަދު ރިވާޔަތްތަކެއްނޫނީ ޤަބޫލުނުކުވައްވައެވެ. ނަތީޖާއަކީ އިޖުތިހާދުގެ ދޮރު ވަރަށް ތަނަވަސް ގޮތެއްގައި ފުޅާވެގެން ދިއުމެވެ. އަދި ނުހިނގާ ކަންކަމާމެދު ވެސް ވިސްނައި އަމިއްލަފުޅު އިޖުތިހާދުން ދީނާ ޚިލާފު ނުވާ ގޮތައް އިޖުތިހާދުގެ ތެރެއިން ގޮތްތައް ނިންމަވައެވެ. މިހެންވެ. މިބޭކަލުންގެ ފިޤްހީ މަދްރަސާ މަޝްހޫރުވެފައިވަނީ ( އަހުލުއްރައުޔު) ނަމުންނެވެ. އެއާއެކު އެބޭކަލުން ވިދާޅުވަނީ މިގޮތުން ނިންމިފައިވާ ކަމަކާ ޚިލާފުވާ ގޮތައް ސުންނަތް އަތުވެއްޖެ ނަމަ އެބޭފުޅުންގެ ފަތުވާ ނަގާ އެއްލާލައި ސުންނަތަށް ތަބާވުމަށެވެ. އެއިރު ޙަދީސްތައް މިހާރުގެ ގޮތައް ޖަމާވެފައި ނެތެވެ. އިމާމު ބުޚާރީއާއި ހަދީޘް ޢިލްމުގެ އެހެނިހެން އިމާމުން ވަޑައިގެންނެވީ ފަހުންނެވެ. މިބޭކަލުންވަނީ ޙަދީޘްތައް ޙިމާޔަތްކުރައްވާފައެވެ.
2- ޙަނަފީ މަޒްހަބުގެ އަޞްލަކީ ޢިރާޤުގައި މި އުފެދުނު މަދްރަސާއެވެ. އިމާމު އަބޫޙަނީފާ އަކީ ތަބަޢަތާބިޢީ އެކެވެ. އެކަލޭގެފާނުގެ އުސްތާޛަކީ އަލްއިމާމުއްޝަޢުބީއެވެ. އަދި ޙައްމާދު އެވެ. ބައެއް ރިވާޔަތްތަކުގައި އިމާމު އަބޫޙަނީފާ ވަރަށް ތުއްޕުޅު އިރު ޞަޙާބީ ބޭކަލަކާއި ބައްދަލުވެވަޑައިގެންނެވި ކަމަށް ވެއެވެ. އެރިވާޔަތްތައް ޞައްޙަވެއްޖެނަމަ އެކަލޭގެފާނު ތާބިޢީ އަކަށް ވެވަޑައިގަންނަވާނެއެވެ. އިމާމު އަބޫޙަނީފާގެ ދަރިވަރުންނަނީ އިމާމު މުޙައްމަދު ބިން ޙަސަން އައްޝައިބާނީއާއި އިމާމު އަބޫ ޔޫސުފް އެވެ. އިމާމު އަބޫޔޫސުފް ޢައްބާސީ ދައުލަތުގެ އުއްތަމަ ފަނޑިޔާރުކަން އެތައް އަހަރެއް ވަންދެން ކުރެއްވިއެވެ. މިހެންކަމުން ޙަނަފީ މަޒްހަބު ވަރަށް ބޮޑަށް ފެތުރިގެން ދިޔައެވެ. އިމާމު މުޙައްމު ބިން ޙަސަން ޝައިބާނީއާއި އިމާމު ޝާފިޢީ ބައްދަލުވެފައިވެއެވެ. އިމާމު ޝާފިޢީ ކޫފާއަށް ވަޑައިގެން އެބޭކަލުންނާއެކު ނަމާދު ކުރެއްވިއެވެ. އިމާމު އަބޫޙަނީފާގެ ދަރިވަރުން އެބޭކަލުންގެ އިމާމު އަދި އުސްތާޛާ ވަރަށް ގިނަ މައްސަލަތަކުގައި ޚިޔާލު ތަފާތެވެ. އަދި މަޒްހަބުގެ ވަރަށް ގިނަ ރައުޔުތަކަށް ފަހުން ބަދަލު ގެންނަވާފައިވެއެވެ. އެއީ އެބޭކަލުންނަށް ލިބިވަޑައިގަންނަވާ މަޢުލޫމާތުގެ އަލީގައެވެ. ޞައްޙަ ޙަދީޘްތަކުގެ އަލީގައެވެ. އިމާމު ޝާފިޢީ އުފަންވެވަޑައިގެންނެވީ އިމާމު އަބޫޙަނީފާ އަވަހާރަވި އަހަރުގައެވެ. އެއީ ހިޖުރައިން އެއްސަތޭކަ ފަންސާސް ވަނަ އަހަރެވެ.
ޙިޖާޒުކަރައިގެ ފިޤްހީ މަދްރަސާ
ޙިޖާޒުކަރައިގެ މަދްރަސާގެ އަޞްލަކީ މާތް ޞަޙާބީންކަމުގައިވާ ޢަބްދުﷲ ބިން ޢައްބާސްއާއި ޢަބްދުﷲ ބިން ޢުމަރާއި އުންމުލްމުއުމިނީން ޢާއިޝާއާއި ޒައިދު ބިން ޘާބިތާއި މި ބޭބޭކަލުންނެވެ. މި މަދްރަސާގެ މަޝްހޫރު ހަތް ފިޤްވެރި އިމާމުންނަކީ:
1- ހިޖުރައިން ނުވަދިހަ ހަތަރުވަނަ އަހަރު އަވަހާރަވި ސަޢީދު ބިން މުސައްޔިބު
2- ހިޖުރައިން ނުވަދިހަ ހަތަރުވަނަ އަހަރު އަވަހާރަވި ޢުރްވާ ބިން ޒުބައިރު
3- ހިޖުރައިން ސަތޭކަ ހަވަނަ އަހަރު އަވަހާރަވި ޤާސިމް ބިން މުޙައްމަދު
4- ހިޖުރައިން ނުވަދިހަ ނުވަވަނަ އަހަރު އަވަހާރަވި ޚާރިޖާބިން ޒައިދު
5- ހިޖުރައިން ނުވަދިހަ ހަތަރުވަނަ އަހަރު އަވަހާރަވި އަބޫބަކުރު ބިން ޢަބްދުއްރަޙްމާން ބިން ޙާރިޘް
6- ހިޖުރައިން ސަތޭކަ ހަތްވަނަ އަހަރު އަވަހާރަވި ސުލައިމާން ބިން ޔަސާރު
7- ހިޖުރައިން ނުވަދިހަ އަށްވަނަ އަހަރު އަވަހާރަވި ޢުބައިދުﷲ ބިން ޢަބްﷲ ބިން ޢުތުބާ.
މި ހަތް ބޭކަލުންނެވެ. މި ބޭކަލުންގެ ޒަމާން މަޝްހޫރު ވެގެން ދިޔައީ މަޝްހޫރު ހަތް ދަންނަބޭކަލުންގެ ޒަމާނުންނެވެ. މިއީ ތާބިޢީ ބޭކަލުންނެވެ.
މި މަދްރަސާ އަށް ކިޔަނީ މަދްރަސަތު އަހުލު ޙަދީޘް އެވެ. ( ހަދީޘްގެ އަހުލުވެރިންގެ މަދްރަސާއެވެ.) އެއީ މިބޭކަލުންވީ ޙިޖާޒު ކަރައިގައި ކަމަށްވުމާއި އަޞްޙާބު ބޭކަލުން ގިނަކަމާއި ޙަދީޘްތައް ލިބެން ހުންނަލެއް ފަސޭހަވީމަ، އިޖުތިހާދާއި ރައުޔު ގިނަކުރަން ނުޖެހެއެވެ. މީގެ މަރުކަޒަކީ މަދީނާއެވެ.
މި މަދްރަސާގެ ސިފަތައް
1- މެދުވެރި ނުވާ ކަންކަމާ މެދު ޙުކުމް ނުހޯދުން، ކަމެއް މެދުވެރި ވީމާ އެކަމެއްގެ ޙުކުމް ހޯދުން
2- ޟަރޫރީ ޙާލަތެއްގައި މެނުވީ އިޖުތިހާދު ނުކުރުން
3- ޙަދީޘެއް ފެންނަން އޮވެއްޖެ ނަމަ އެޙަދީޘެއް ރައުޔާއި އިޖުތިހާދުގެ މައްޗައް އިސްކުރުން
ޙަދީޘް ޢިލްމު ޖަމާކުރެއްވި އިމާމު އިބުނު ޝިހާބުއްޒުހުރީ ފަދަ ޢާލިމުން ޙިޖާޒު ކަރައިގެ މަދްރަސާއިން ތަޢްލީމު ޙާޞިލްކުރައްވާފައިވެއެވެ. އިސްވެ ދެންނެވުނު ދެމަދްރަސާގެ އަހުލުވެރިންގެ އަޞްލަކީ ވެސް ހަމަ ސަލަފުންނެވެ. އިމާމު ޝާފިޢީ، އިމާމު އަޙްމަދު ބިން ޙަންބަލް ވަނީ އިސްވެ ދެންނެވު ދެމަދްރަސާގެ ފިޤްހު ޙާޞިލްކުރައްވާފައެވެ.
އިމާމު މާލިކު އުޅުއްވީ ކީރިތި ރަސޫލާގެ ދާރުލްހިޖުރާ މަދީނާގައެވެ. މާލިކީ ފިޤުހުގެ މަދުރަސާގެ ބާނީ އަކީ މިއީއެވެ. ޢިލްމު ޙާޞިލްކުރެއްވީ ޢަޞްޙާބު ބޭކަލުންގެ އަރިހުންނެވެ. މަދީނާގައި އެތައް އެތައް ޢަޞްޙާބު ބޭކަލުން ތިއްބެވިއެވެ. އިމާމު މާލިކަކީ އަޞްލު މަދީނާގެ ބޭކަލެކެވެ. އިމާމު މާލިކަކީ އިމާމު ޝާފިޢީގެ އުސްތާޛެވެ. ޝާފިޢީ ފުރަތަމަ ތަޢުލީމު ޙާޞިލުކުރެއްވީ މާލިކުގެ އަރިހުންނެވެ. އެއިރު ޖަމާކުރެވިފައިވާ ސުންނަތްތައް ހިތްޕުޅުން ދަސްކުރެއްވިއެވެ. އެއަށް ފަހު ޢިރާޤަށް ވަޑައިގެން ތަޢުލީމު ޙާޞިލްކުރައްވައި މިޞްރަށް ވަޑައިގެން ތަޢުލީމު ޙާޞިލްކުރައްވައި އެކަލޭގެފާނަށް ކުރީން ލިބިވަޑައިގެންފައިވާ ބައެއް މަޢްލޫމާތުތައް އިޞްލާޙުކުރައްވާފައިވައި ގިނަ މައްސަލަތަކުގައި ރައުޔު ބަދަލު ކުރައްވާފައިވެއެވެ. އިމާމު އަޙްމަދަކީ އިމާމު ޝާފިޢީގެ ދަރިވަރެކެވެ. އިމާމު ޝާފިޢީ އަށް ވުރެ އިމާމު އަޙްމަދު ސާދަ އަހަރުފުޅު ހަގެވެ. ނަމަވެސް ދެބޭފުޅުން އެއްބޭފުޅަކު އަނެއްބޭފުޅެއްގެ އަރިހުން ތަޢްލީމު ޙާޞިލްކުރައްވާފައިވެއެވެ. އިމާމު މާލިކާއި އިމާމު ޝާފިޢީއާއި އިމާމު އަޙްމަދާއި ތިންބޭކަލުންގެ ރައުޔު ފިޤްހީ ބައެއް މައްސަލަތަކުގައި ވަރަށް އެއްގޮތްވާނެއެވެ.
އިސްވެ ދެންނެވުނު ފިޤްހީ ދެމަދްރަސާގެ ސިފަތަކަށް ބަލާލުމުން ކޮންމެ ވެސް ވަރެއްގެ ފިޤްހީ ޚިލާފުތަކެއް ހުންނާނޭ ކަމީ ކޮންމެ މީހަކަށް ވެސް ވިސްނޭނޭ ކަމެކެވެ. ނަމަވެސް އެބޭކަލުން ދެކޮޅުވެރިވެވަޑައިގެންފައިނެތެވެ. މިޒަމާނުގެ އިސްލާމީ ޖާމިޢާތައް އެކިކަންކޮޅުތަކުގައި ޤާއިމުވެފައިވަނީ ވެސް މައިގަނޑު ގޮތެއްގައި މި ދެންނެވި ދެ މަދުރަސާގެ ފަލްސަފާގެ މައްޗަށެވެ. މިހެންކަމުން މި ފިކުރީ މަދްރަސާތަކުގެ ދަރިވަރުންގެ މެދުގައި އިލްމީ މުނާޡަރާތުތައް އަބަދުވެސް ހުއްޓުމެއް ނެތި ދެމި އޮތުމަކީ އުންމަތުގެ މަޞްލަޙަތު އެކަމުގެ މަތީގައި ދެމި އޮންނާނެކަމެކެވެ.