unnamed

ޒުވާނުންގެ ޤައުމީ މަސްއޫލިއްޔަތު

ޒުވާނުންނަކީ ކޮންމެ އުންމަތެއްގައި ވެސް ކޮންމެ ޤައުމެއްގައި މައި ބަދައެވެ. އެ އުންމަތެއްގެ ޙަޟާރަތު ނެގެހެއްޓުމުގެ އެންމެ މުހިންމު ރައުސްމާލެވެ. މި އުންމަތުގެ ތާރީޚަށް ބަލާއިރު ވެސް ކީރިތި ރަސޫލާގެ ނަބަވީ އިޞްލާޙީ މަސައްކަތްޕުޅަށް ނަޞްރު ދިން އެންމެ ވަރުގަދަ ފަހުލަވާލުންނަކީ ޒުވާނުންނެވެ. އިސްލާމީ އުންމަތުގެ ތާރީޚީ ފަޚުރުވެރި ވަރުގަދަ ޙަޟާރަތް ޤާއިމު ވެގެން ދިޔައީ ޒުވާނުންގެ ހިއްވަރާއި ޢަޒުމާއި ޤުރުބާނީ އިންނެވެ.

މި ދިވެހި ތާރީޚަށް ބަލައިލާއިރު ވެސް ފެންނިގެންދާ ހިއްވަރު ގަދަ އަބްޠާލުންނަކީ އެބޭފުޅުންގެ ޒުވާން ޢުމުރުގައި ޤައުމަށްޓަކައި ތެދުވި ބައެކެވެ. މުޙައްމަދު ތަކުރުފާނާއި އަލީ ރަސްގެފާނުން ފެށިގެން ޝަހީދު ޙުސައިން ޢާދަމާ ހަމައަށް ދިވެހިންގެ ފަޚުރުވެރި ތާރީޚުން ފެނިފައިވާ ކިތައްމެ އަބްޠާލުންނަކީ ހަމަ ޒުވާނުންނެވެ.

މިއަދު އަޅުގަނޑުމެންގެ ޤައުމު އެދި ގޮވަނީ ޤައުމީ ނޭވާއަކަށެވެ. މަސްތުވާތަކެތީގެ ވަބާއާއި އިޖްތިމާޢީ އެތައް ކާރިސާއެއްގެ ތެރެއަށް ވެއްޓެމުންދާ މުޖުތަމަޢު ސަލާމަތުގެ އައްސޭރިއަކަށް ގެނައުމަށްޓަކައި ހިއްވަރާއެކު ތެދުވަންވީ ޒުވާނުންނެވެ. އެކަކު އަނެކަކަށް ހެޔޮ އެދިގެންނެވެ. ސިޔާސީ ތަޢައްޞުބުން އެއްކިބާވެ އެއްބައިވަންތަކަމާއި އެއްބައެއް ވަންތަކަމާއެކު އެކަކު އަނެކެއްގެ އަތުގައި ހިފައިގެން މިޤައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް ޒުވާނުން ކުރީ ސަފުގައި މަސައްކަތް ކުރަންޖެއެވެ. މައިން ބަފައިންގެ އުންމީދު ތައް ޙަޤީޤަތަކަށް ހަދައި ހަރުދަނާ ބަޔަކަށް ވުމަށް މަސައްކަތް ކުރަންޖެހެއެވެ. އަމިއްލަ ވަންތަކަމާއި ޢިއްޒަތުއްނަފްސު ހިފަހައްޓައި އަމިއްލަ މަސައްކަތާއެކު އިޤުތިޞާދީ ފުދުންތެރިކަން ޤާއިމު ކޮށް ޢިލްމު ހޯދައި ހެޔޮ ލަފާ ބަޔަކަށް ވުމަށް ޒުވާނުން މަސައްކަތް ކުރަންޖެހެއެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި އުފެދޭ ނޭއްގާނީ އެކި އެކި އޮއިވަރުތަކުގައި ޖެހި ޣަރަޤުވަމުންދާ ޒުވާނުންގެ އަތުގައި ހިފައި އެމީހުން ހެޔޮ މަގަށް ގެނައުމުގައި އިސް ދައުރެއް އަދާކުރަންވީ ހެޔޮ ލަފާ ޒުވާނުންނެވެ. މިގޮތުގެ މަތިން މަސައްކަތް ކޮށްފި ނަމަ މާތް ﷲ އިރާދަކުރެއްވިއްޔާ ސަލާމަތުގެ އައްސޭރިއަކަށް ވާޞިލު ވެވޭނެއެވެ. ކާބަފައިން ޤާއިމު ކޮށްފައިވާ ދިވެހި ވަންތަ ޙަޟާރަތް އިސްލާމީ ޘަޤާފަތުގެ ހިޔަލުގައި ދަމަހައްޓަން ޢަޒުމް އާކުރާށެވެ.

ގުޅުންހުރި ލިޔުންތައް
Comments

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *