169

ކީރިތި ރަސޫލާގެ ހިޖުރަ: މަދީނާއަށް ވަޑައިގެން އެޅުއްވި ފިޔަވަޅުތައް

ކީރިތި ރަސޫލާﷺ މަދީނާއަށް ވަޑައިގެން މުހިންމު ފިޔަވަޅުތަކެއް އެޅުއްވިއެވެ.
1- ނަބަވީ މިސްކިތް ބިނާކުރެއްވުން: މިސްކިތް ބިނާކުރުމުގެ މަޤުޞަދަކީ އުންމަތުގެ ފިކުރީ އަސާސްތަކުގެ މައްޗަށް މުޖުތަމަޢު އެއް ބަޔެއްގެ ގޮތުގައި އެއްބައިވަންތަ ބައެއްގެ ގޮތުގައި ބިނާކުރުމެވެ. އަޅުކަންކުރުމުގެ އިތުރަށް ތަރުބަވީ އަދި މަޝްވަރާކުރުމާއި އިޖުތިމާޢީ މަރުކަޒަކަށް މިސްކިތް ވިއެވެ.
2- އަޚުކުރެއްވުން: މައްކާއިން މަދީނާއަށް ހިޖުރަކުރި މީހުންނަކީ މުދަލާއި ގެދޮރު ދޫކޮށް އައި ބައެއް ކަމުން އެމީހުންނަށް އެންމެންގެ މެދުގައި އަޚުވަންތަކަން ކަނޑައެޅުއްވިއެވެ. މިއީ ތާރީޚުގައި މި ގޮތަށް ޤާއިމުކުރެވުނު ފުރަތަމަ އަޚުވަންތަކަމުގެ ނިޒާމެވެ.
3- މުޢާހަދާތައް ޤާއިމުކުރެއްވުން: މަދީނާގައި އިސްލާމީ ދައުލަތް ޤާއިމުވެގެން އައި އިރު ވަށައިގެން ވަރަށް ގިނަ ގޮންޖެހުންތައް ހުށްޓެވެ. އެކި ދީންތަކުގެ މީހުން އުޅެމުން ދިޔައެވެ. މަދީނާގައި ޤާއިމުވި އިސްލާމީ ދައުލަތާއި ވަށައިގެންވާ ޔަހޫދީ ޤަބީލާތަކާ އެ ނޫން ވެސް ޤަބީލާތަކާ އެކު މުޢާހަދާތައް ހައްދަވައި ޞުލްޙަ ޤާއިމުކުރެއްވިއެވެ.
4- ސަފީރުން ފޮނުއްވުން: މަދީނާގައި އިސްލާމީ ދައުލަތް ޤާއިމުކުރެއްވުމާއެކު އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި އެކި ޤައުމުތަކަށް އިސްލާމްދީނުގެ ދަޢުވަތާއެކު ސަފީރުން ފޮނުއްވާން ފެއްޓެވިއެވެ. މި ގޮތުން ފާރިސީންގެ ވެރިއާ ކިސްރާއާއި ރޯމްގެ ވެރިޔާ ހިރަޤުލާއި މިޞްރުގެ މުޤައުޤިސާއި ޙަބަޝާގެ ނަޖާޝީގެ އަރިހަށް އިސްލާމްދީނުގެ ދަޢުވަތު ހިމެނޭ ފަތްކޮޅުތަކާއިގެން ސަފީރުން ފޮނުއްވިއެވެ.
5- ޞަޙީފަތުލްމަދީނާ (ދުސްތޫރު): ޞަޙީފަތުލްމަދީނާ ނުވަތަ ދުސްތޫރުލްމަދީނާއަކީ އިސްލާމީ ތާރީޚުގައި ލިޔެވުނު ފުރަތަމަ ޤާނޫނުއަސާސީއެވެ. މަދީނާގެ މުޖުތަމަޢުގައި ދިރިއުޅެމުން ދިޔަ އެންމެންގެ ޙައްޤުތައް އޭގައި ރައްކާތެރިކޮށްދީފައިވެއެވެ. ގާތްގަނޑަކަށް ސާޅީސް އަށް މާއްދާގެ މައްޗަށް އެކުލެވޭ އެ ދުސްތޫރުގައި މައިނޯރިޓީގެ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކޮށްދީފައިވެއެވެ. އަދި ހަނގުރާމައިގެ ޙާލުގައި މަދީނާ ދިފާޢުކުރާން މަދީނާގެ ރައްޔިތުން ގުޅިގެން މަސައްކަތްކުރާންޖެހޭނެކަމަށް ވެސް ކަޑައަޅުއްވައިފައިވެއެވެ. މިއީ އިސްލާމީ ތާރީޚުގައި ވެސް އަދި ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ޤާނޫނުއަސާސީއެކެވެ.
6- ބައިތުލްމާލު އުފެއްދެވުން: މިހާރުގެ ގޮތުން ދަންވަނީ ނަމަ އެއީ (ސެންޓްރަލްބޭންކް) ކަމުގައި ދެންނެވިދާނެއެވެ. ދައުލަތަށް ލިބޭ ޓެކުހާއި ހަނގުރާމަތަކުން ލިބޭ ޣަނީމާއާއި ޒަކާތުގެ މުދަލާއި އެނޫން ގޮތްގޮތުން ބައިތުލްމާލަށް ލިބޭ ތަކެތި އެތަނަށް ޖަމާކޮށް އޭގެ ޙައްޤުވެރީންނަށް ދެއްވިއެވެ.
7- ތަޢުލީމު ދެއްވުން: ރައްޔިތުންނަށް ތަޢުލީމުދެއްވާން ޚާއްޞަ އަހަމިއްޔަތުކަމެއް ދެއްވިއެވެ. ބައެއް ހަނގުރާމަތަކުން އަސީރުކުރެވުނު މީހުން މިނިވަންކުރުމުގެ ފިދުޔައެއްގެ ގޮތުން މުސްލިމުންގެ ދަރީންނަށް ލިޔާންކިޔާން ދަސްކޮށްދިނުން ހިމެނުއްވިއެވެ. މި ނޫން ވެސް މިފަދަ ކިތައްމެ ހެޔޮ ބަދަލެއް ޤާއިމުކުރެއްވިއެވެ.

ޢިބުރަތްތެރި ފިލާވަޅުތައް
1. އިސްލާމީ މުޖުތަމަޢުގެ ފެށުމަކީ ރަނގަޅު ފަރުދަކު ބިނާކުރުން.
2. ދުރާލައި ކަންކަމަށް ތައްޔާރުވުން.
3. ތަފާތު ދާއިރާތަކުން މީހުން ބިނާކުރުން.
4. އިސްލާމީ ދައުލަތާއި މުޖުތަމަޢު އުފެއްދުމުގައި ދެ ޖިންސުގެ މީހުން ގުޅިގެން މަސައްކަތް ކުރުން.
5. އިސްލާމީ މުޖުތަމަޢުގައި އުޅޭ އެހެން ދީންތަކުގެ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރުން.

ގުޅުންހުރި ލިޔުންތައް
Comments

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *