Jeddah in Male ah- Nabiyya Ta'if gai

ކީރިތި ރަސޫލާގެ ހިޖުރަ: އިސްލާމީ ފުރަތަމަ ދައުލަތުގެ އިޤުތިޞާދު

އިޤުތިޞާދަކީ ކޮންމެ މުޖުތަމަޢެއްގެ ވެސް މައިބަދައެވެ. އަލްޤުރައިޝް ސޫރަތުގައި ބަޔާންވެގެންވާ ގޮތުން މާތްالله ޤުރައިޝުންނަށް ދެއްވި ނިޢުމަތްތައް ހަނދާންކޮށްދެއްވަމުން، އެ މީހުންގެ ވިޔަފާރީގެ ޤާފިލާތަކުގެ ވާހަކައާއި އެ މީހުންނަށް އިޤުތިޞާދީ ފުދުންތެރިކަން ދެއްވައި އަމާންކަން ދެއްވި ވާހަކަ ބަޔާންކުރައްވައިފައިވެއެވެ. އެ ސޫރަތުން ބަޔާންކުރައްވައިފައިވަނީ ފިނިމޫސުމާއި ހޫނު މޫސުމުގައި ޤުރައިޝުން ކުރަމުން ދިޔަ ބައިނަލްއަޤުވާމީ ވިޔަފާރީގެ ޤާފިލާތަކުގެ ވާހަކައެވެ.

އަދި އަމަން އަމާންކަމުގެ ކުރިއަށް އިޤުތިޞާދީ ފުދުންތެރިކަމުގެ ވާހަކަ އެ ސޫރަތުގައި ގެންނަވައިފައިވެއެވެ. އެއިން ދޭހަކޮށްދެނީ އިޤުތިޞާދީ ފުދުންތެރިކަމަކީ އަމަންއަމާންކަމުގެ އަސާސްކަމެވެ. އެ ތަނެއްގެ އިޤުތިޞާދަކީ ހީނަރު އިޤުތިޞާދެއް ނަމަ އެތަނެއްގެ ރައްޔިތުން އުޅެމުންދާނީ ފަޤީރުކަން މަތީގައެވެ. ފަޤީރުކަމަކީ ނާމާންކަމަށް މަގު ފަހިކުރުވާ ކަމެކެވެ.

އިސްލާމީ ރިސާލަތު ބާވައިލެއްވުނީ  ދުނިޔެއާއި އާޚިރަތަށް ޓަކައެވެ. މާތް الله ރުހިވޮޑިގަންނަވާ މަގުން ދުނިޔެ ތަޢުމީރުކުރުމާ އެކު އާޚިރަތް ހޯދުމަށް ޓަކައެވެ. ވަޒަންހަމަ ފިޠުރީ އުޞޫލުތަކެއްގެ މަތީގައި އިންސާނާ ލައްވައިފައިވެއެވެ. އެހެންކަމުން އިސްލާމް ދީނަކީ އަޤީދާއާއި އަޅުކަމާއި މުޢާމަލާތުގެ ދީނެވެ. ދައުލަތާއި އިޤުތިޞާދާއި ޢުމްރާނީ ތަރައްޤީއާއި މަކާރިމުލްއަޚުލާޤާއި އިޖުތިމާޢީ އެއްބައިވަންތަކަމުގެ ދީނެވެ.

އިސްލާމީ ދައުލަތަކީ ޢަރަބި ޖަޒީރާގައި މުޅިން އަލަށް އުފަންވެގެން އައި ދައުލަތެއްކަމުން ދައުލަތުގައި ދެމެހެއްޓެނިވި އިޤުތިޞާދެއް ޤާއިމުކުރައްވާން ވަރުގަދަ އަސާސްތަކެއް މުޙައްމަދުﷺ ޤާއިމުކުރެއްވިއެވެ. އިސްލާމީ ދައުލަތް ޤާއިމުވެގެން އައީ މަދީނާގައެވެ. މުޙައްމަދުﷺ އަކީ ނަބިއްޔާގެ އިތުރަށް ދައުލަތުގެ އެންމެ މަތީވެރިޔާއެވެ. އަދި ޢަސްކަރިއްޔާގެ އެންމެ މަތީ  ވެރިޔާ ވެސް މެއެވެ.

މުޙައްމަދުﷺ ޤާއިމުކުރެއްވި ދައުލަތުގައި އިޤުތިޞާދީ އަސާސްތަކެއް ޤާއިމުކުރެއްވިއެވެ. އިތުރުއެކަލޭގެފާނު މަދީނާއަށް ވަޑައިގަތް އިރު މަދީނާގެ ނަމަކީ ޔަޘްރިބެވެ. ނަމަވެސް އެ ރަށުގެ ނަން ބަދަލު ކުރައްވައި އެ ރަށަށް މަދީނާގެ ނަމުން ނަން ދެއްވިއެވެ. އެ ތަނުގައި މިސްކިތް ބިނާކުރެވުނެވެ. އެ މިސްކިތް ވެފައިވަނީ އަޅުކަމުގެ މަރުކަޒުގެ އިތުރަށް ތަޢުލީމު ދޭ މަރުކަޒުގެ ގޮތުގައެވެ. އަދި މަޝްވަރާކުރާ ބަރުލަމާނުގެ ގޮތުގައެވެ. އަދި ދައުލަތް ހިންގާ އިދާރާކަމުގައެވެ. އަދި މެހުމާނުންނަށް އިސްތިޤުބާލު ކުރައްވާ މެހުމާންޚާނާކަމުގައެވެ.

މަދީނާގެ މާނައަކީ “ސިޓީ” އެވެ. އަލްމަދީނަތުއްނަބަވިއްޔާގެ މާނައަކީ “ނަބަވީ ސިޓީ” އެވެ. އެޒަމާނުގައި ވެސް ރަށެއް ސިޓީއަކަށް ބަދަލުވަނީ ވަކި ކަންކަމެއް އެ ތަނުގައި ފުރިހަމަވެގެންނެވެ. އެތަނުގެ އާބާދީއަށް ވެސް ބަދަލުތަކެއް އައިސްގެންނެވެ. މި ކަންކަން ފުރިހަމަވުމަށް ފަހު ޔަޘްރިބުގެ ނަން މަދީނާއަށް ބަދަލުވީއެވެ. މަދީނާ ވެފައިވަނީ މުޙައްމަދުﷺ ޤާއިމުކުރެއްވި ދައުލަތުގެ ވެރިރަށަށެވެ.އިޤުތިޞާދީ ފިޔަވަޅުތައް

އިޤުތިޞާދީ ފިޔަވަޅުތައް

މުޙައްމަދުﷺ މަދީނާއަށް ވަޑައިގެން އިސްލާމީ ދައުލަތް ޤާއިމުކުރެއްވި އިރު، އެ ތަނުގެ އިޤުތިޞާދު އޮތީ ޔަހޫދީންގެ އަތްމަތީގައެވެ. ވިޔަފާރީގެ ބާޒާރު ވެސް އޮތީ މުޅިން ޔަހޫދީންގެ އަތްމަތީގައެވެ. އަދި ފައިސާ ވެސް ހުރީ އެމީހުންގެ އަތްމަތީގައެވެ. ލޯނު ދޫކުރަނީ ވެސް އެ މީހުންނެވެ. އަދި އެ ލޯނުތަކުން ރިބަވީ ގިނަ މުޢާމަލާތްތަކެއް އެމީހުން ހިންގަމުން ގެންދިޔައެވެ. އަދި ޢާންމު ގޮތެއްގައި މަދީނާގެ އިޤުތިޞާދު ބިނާވެފައި އޮތީ ބަކަރި ހުއިހެއްޕުމާއި ވިޔަފާރިއާއި ނަޢަމްސޫފީގެ ވިޔަފާރިއާއި ދަނޑުވެރިކަމުގެ މައްޗަށެވެ. ޔަހޫދީންގެ އަތްމަތީގައި އޮތް އިޤުތިޞާދު މުސްލިމުންގެ އަތްމައްޗަށް ފުރޮޅައިލެއްވުމަށް ޓަކައި މުޙައްމަދުﷺ ޙިކުމަތްތެރި ފިޔަވަޅުތަކެއް އެޅުއްވިއެވެ. މި ގޮތުން ކުރެއްވި ކަންކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ފާހަގަވެއެވެ.

(ހ) ބާޒާރު ޤާއިމު ކުރުން: ބަނީ ޤައިނުޤާޢު (ޔަހޫދީން)ގެ ބާޒާރުތަކުގެ ތެރޭގައި މުސްލިމުންނަށް އެއްވެސް ޖާގައެއް ނުލިބުމުން، މުޙައްމަދުﷺ މަދީނާގެ ތެރޭގައި ހިންގަވައި، ހުސްބިމަކަށް ވަޑައިގެން އެތަނުގައި ފައިންޕުޅުން ޖައްސަވައި ވިދާޅުވީ މިއީ ތިޔަބައިމީހުންގެ ބާޒާރެވެ. މި ތަނަކީ ވިޔަފާރީގެ މަރުކަޒުކަމުގައި ހަދާށެވެ. އެއަށް ފަހު މުސްލިމުން އެ ތަނުގައި ފޭލިގެ ޖަހައި އެ ތަނަކީ ބާޒާރުކަމުގައި ހަދައި ހުރިހާ ވިޔަފާރީގެ މުޢާމަލާތުތައް އެ ތަނުގައި ކުރިއަށް ދާނެ ގޮތް ޤާއިމު ކޮށްފިއެވެ. އަދި މަދީނާ ހުރަސްކޮށް ދާ  ބައިނަލްއަޤުވާމީ ވިޔަފާރީގެ ޤާފިލާތައް ވެސް މަރުކަޒުކުރާ ތަނަކަށް އެތަން ވިއެވެ. އަދި އެ ތަނަކީ “ޓެކްސް ފްރީ” ބާޒާރެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ. ޢަޠާއު ބިން ޔަސާރު ވިދާޅުވިއެވެ. “މަދީނާގައި ބާޒާރެއް ޤާއިމުކުރައްވާން ކީރިތި ރަސޫލާﷺ ގަސްތުކުރެއްވި ހިނދު، ޤައިނުޤާޢު (ޔަހޫދީން) ވަންހައިގެ ބާޒާރަށް ވަޑައިގަތުމަށް ފަހު، ދެން މަދީނާގެ ތެރެއަށް ނިކުމެވަޑައިގެން، މަދީނާގެ ބާޒާރުގެ ބިމުގައި ފައިންޕުޅުން ޖައްސަވައި ޙަދީޘްކުރެއްވިއެވެ. މިއީ ތިޔަބައިމީހުންގެ ބާޒާރެވެ. މި ތަނުގައި އެހެންމީހަކަށް ދަތިނުކޮށް ތިޔަބައިމީހުން ވިޔަފާރީގެ ކަންކަން ކުރިއަށް ގެންދާށެވެ. އަދި މި ތަނުން ޚަރާޖު (ބިމު ޓެކުސް) ނެގުމެއް ނެތެވެ.” މިފިޔަވަޅު އެޅުއްވީ ޔަހޫދީން ޙިޞާރުކޮށްފައިވާ މަދީނާގެ އިޤުތިޞާދު މިނިވަންކުރައްވައި އިސްލާމީ މުޖުތަމަޢުގެ އިޤުތިޞާދު އިސްލާމުންގެ އަތް މައްޗަށް ފުރޮޅައިލެއްވުމުގެ މަޤުޞަދުގައެވެ. އަދި އަމިއްލަވަންތަކަމާއި އިޤުތިޞާދީ މިނިވަންކަން ޤާއިމުކުރެއްވުމުގެ މަޤުޞަދުގައެވެ. މީގެ ސަބަބުން ޔަހޫދީންގެ އަތްމަތީގައި އޮތް އިޤުތިޞާދު ހީނަރުވެގެން ދިޔައެވެ. މިއީ މިޒަމާނުގެ ފަލްސަފާއިން ބަލާ ނަމަ އަމިއްލަ އިޤުތިޞާދު ޤާއިމުކުރުމާއި ޓެކްސް ފްރީ މާކެޓް އުފެއްދުމާއި، އެހެނިހެން ވެސް އިޤުތިޞާދީ ކަންކަން ކުރުމުގައި ނަމޫނާ ލިބިގަނެވޭނެ ފިލާވަޅެކެވެ. އަދި ދައުލަތުގައި ވިޔަފާރީގެ މަރުކަޒުތަކާއި މޯލްތަކާއި ސެންޓަރތައް ޤާއިމުކުރުމުގެ އަސާސީ ނަމޫނާއެކެވެ.

(ށ) ވިރީޔަފާގެ ޤަވާޢިދުތައް ކަނޑައެޅުއްވުން: ޙަލާލުގޮތުގައި ވިޔަފާރިކުރުމާއި ވިޔަފާރީގައި ވާދަވެރިވުން ޖާއިޒުކުރައްވައި ވިޔަފާރީގެ މުޢާމަލާތުގައި މަކަރު ހަދައިފި މީހަކީ މުސްލިމުންގެ ތެރެއިންވާ މީހެއްނޫންކަމަށް ކަނޑައެޅުއްވިއެވެ. ތެދުވެރިކަމާއި އަމާނާތްތެރިވުމަށް ބާރުއެޅުއްވިއެވެ. މީހެއްގެ ނުރުމުގައި އެމީހެއްގެ މުދާ ބޭނުން ނުކުރާން އެނގެވިއެވެ. ތަފާތު ދީންތަކުގެ އަހުލުވެރީންގެ މެދުގައި ވިޔަފާރީގެ މުޢާމަލާތް ހުއްދަކުރެއްވިއެވެ. ލޯނު ނެގުމާއި ރަހުނު ބެހެއްޓުން ހުއްދަކުރެއްވިއެވެ. ދަރަނީގެ މުޢާމަލާތުތައް ލިޔުމަށް އަމުރުކުރެއްވިއެވެ. މުދާ އިސްރާފުކުރުން މަނާކުރެއްވިއެވެ. ޙަލާލު ގޮތުގައި މުދާ ހޯދުމާއި މިލްކުކުރާން އެނގެވިއެވެ. ވުނަކުރުމަށް ބާރު އެޅުއްވިއެވެ. ރަހުނު ނުވަތަ މޯގޭޖްކުރުމުގެ ނިޒާމު ކަނޑައެޅުއްވިއެވެ. ވިޔަފާރީގެ މުޢާމަލާތުގެ އެތައް ގޮތެއް ތަޢާރުފުކުރެއްވައި އެކަންކަމުގެ ޤަވާޢިދުތައް މުސްލިމުންނަށް ބަޔާންކޮށްދެއްވިއެވެ.

(ނ) ބިން ދިރުވައި އާރާސްތުކުރުން: މަދީނާގެ ތެރޭގައި ކޮންމެވެސް ވަރަކަށް ދަނޑުވެރިކަން އޮތެވެ. ނަމަވެސް ދައުލަތް ޤާއިމުވުމަށް ފަހު، ރައްޔިތުންނާއި ދައުލަތަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކުރުމަށްޓަކައި އިޤުތިޞާދު ފުޅާކުރާންޖެހުނެވެ. މި ކަމުގައި އެޅުއްވީ ވެސް ވަރަށް ޙިކުމަތްތެރި ފިޔަވަޅުތަކެކެވެ. އެކަލޭގެފާނު ޙަދީޘްކުރައްވިއެވެ. “ހަނަފަސް ބިމެއް ދިރުވައިފި މީހަކަށް އެތަން މިލްކުވާނެއެވެ.” މީގެ ސަބަބުން މީސްތަކުން ނިކުމެ، ބިންތައް ދިރުވައި އެ ތަންތަން އާރާސްތުކޮށް އެ ތަންތަނުގައި ދަނޑުވެރިކަމުގެ މަސައްކަތްކުރާން ފަށައިފިއެވެ. ދަނޑުވެރިކަމުގައި ފުޅާދާއިރާއެއްގައި އަންހެނުން ވެސް މަސައްކަތްކުރިއެވެ. މީގެ ސަބަބުން ދަނޑުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑު އިންޤިލާބެއް އައިސް އެއިގެ ވިޔަފާރި ވެސް ފުޅާވިއެވެ. އަދި ދަނޑުގޮވާންކުރާން ދައުލަތުގެ ފަރާތުން ބާރުއެޅުއްވިއެވެ.

(ރ) ނަޢަމްސޫފީގެ ވިޔަފާރި ފުޅާކުރުން: މަދީނާގައި އިސްލާމީ ދައުލަތް ޤާއިމުކުރެވުނު އިރު ވެސް އެތަނުގައި ނަޢަމްސޫފީގެ ވިޔަފާރި އޮތެވެ. ހުއިހެއްޕުން އޮތެވެ. ނަމަވެސް އެ ކަން ކުރުމުގައި މުޖުތަމަޢުގައި އިޙުތިކާރުކުރުން އޮތެވެ. އެ ކަންކަން ހުއްޓުވައި މުޙައްމަދުﷺ ޙިކުމަތްތެރި ފިޔަވަޅުތައް އެޅުއްވިއެވެ. އަދި ނަޢަމް ސޫފީގެ ވިޔަފާރި ދަމަހައްޓައި ފުޅާކުރާން ބޭނުންވާ ވަސީލަތްތަކަކީ ވަކި މީހެއްގެ ތަކެތީގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް އެއީ އެންމެން ޝާމިލުވާ، އަދި އަގު ނަގާން ނުޖެހޭ އެއްޗެއްކަމުގައި ހެއްދެވިއެވެ. އިތުރުއެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. “އަލިފާނުގެ ބޭނުންހިފުމާއި ހުއިހެއްޕުމަށް ބޭނުންވާ (ވިނަ ކާނާ)އާއި ފެނާއި މި ތިންކަމުގައި މުސްލިމުނަށް ބައިވެރިވެވޭނެއެވެ.” އެއިގެ މާނައަކީ މިއީ ގަންނަންޖެހޭ ތަކެއްޗެއް ނޫނެވެ. އަވައްޓެރިޔާ އަތުގައި މިއިން ވަސީލަތެއްވާ ނަމަ އަނެއް މީހާއަށް އަގެއްނެތި ފޯރުކޮށްދިނުމަކީ ޖާއިޒު ކަމަކަށް ވިއެވެ. މީގެ ސަބަބުން މި ދާއިރާގެ ވިޔަފާރިއަށް ވަރަށް ބޮޑު އިންޤިލާބެއް އައެއެވެ.

(ބ) އުފެއްދުންތެރި ކަން ކުރިއެރުވުން: ކުރާ މަސައްކަތެއް އެންމެ ފެންވަރު ރަނގަޅުކޮށް ކުރާން ބާރު އެޅުއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެމީހަކު  ކުރާ ކަމެއް ވީހައި ވެސް ފެންވަރު ރަނގަޅުކޮށް ކުރާ މީހާ ދެކެ الله ލޯބިވޮޑިގެންވެއެވެ.” އެހެންކަމުން މަސައްކަތުގެ ދާއިރާގައި މުސްލިމުން ކުރިއަރައިދިޔައެވެ. އަދި އަތްތެރި މަސައްކަތަކީ ފާހަގަވެގެން ދިޔަކަމެކެވެ. ބައެއް އަޞްޙާބު ބޭކަލުންގެ އަނބިއަނބިކަނބަލުން ވެސް އަތްތެރި މަސައްކަތުގައި އުޅުއްވިއެވެ. އެތަކެތި ހައްދަވައިގެން ވިޔަފާރިކުރެއްވިއެވެ. މީގެ ސަބަބުން  މުސްލިމުންގެ މުޖުތަމަޢު ތަނަވަސް ވިއެވެ. ޖީބަށް ވަންނަ ފައިސާ އިތުރުވިއެވެ. މުޖުތަމަޢަށް އުފާވެރިކަން ލިބުނެވެ.

(ޅ) މަސައްކަތްކުރާން ހިތްވަރުދެއްވުން: އެއްވެސް މީހަކީ ކަމެއްނެތި، އަނެއް މީހުންގެ މައްޗަށް ބަރޯސާވެގެން އުޅޭ މީހަކަށް ވެގެން ނުވާނެކަމަށް އެންގެވިއެވެ. އެންމެ ހެޔޮ އެއްޗަކީ އަމިއްލަ އަތުން ޤާއިމުކުރާ އެއްޗެއްކަމުގައި ޙަދީސްކުރެއްވިއެވެ. އަދި ދާއޫދުގެފާނުގެ ސިޔާސަތަކީ ވެސް އެއީކަމާއި އެކަލޭގެފާނުގެ ފަރިއްކުޅުއްވާ ތަކެއްޗަކީ އަމިއްލަފުޅު މަސައްކަތްޕުޅުން އެކަލޭގެފާނު ހޯއްދެވި ތަކެތިކަމުގައި ހަދީޘްކުރެއްވިއެވެ. މި ސިޔާސަތުގެ ސަބަބުން ކޮންމެ މީހަކު ވެސް މަސައްކަތްކުރާން ފެށިއެވެ. މި ޒަމާނުގައި މި ކަންކަމުން މިސާލު ލިބިގަންނާން ޖެހޭނެއެވެ. އިޤުތިޞާދުގައި މުސްތަޤިއްލުކަން އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ ފަރުދީ ފެންވަރުގައްޔާއި ޖަމާޢަތުގެ ފެންވަރުގައި ވެސް އަދި ދައުލަތުގެ ފެންވަރުގައި ވެސް މި ކަން އޮންނަންވާނީ އެ ގޮތަށެވެ.

(ކ) ޓެކުސް ނެގުން ތަޢާރަފުކުރުން: ޙަޤީޤަތުގައި އިސްލާމީ ދައުލަތުގެ އިޤުތިޞާދީ އެއް ވަސީލަތަކީ ޓެކުހެވެ. ޓެކުހުގައި އެކި ބަވާތްބާވަތުގެ ޓެކުސް ހުރެއެވެ. އެއިގެ ތެރޭގައި އިސްލާމީ މުޖުތަމަޢުގައި އުޅެމުން ދިޔަ ޣައިރުމުސްލިމުން އަތުން ނަގަމުން ގެންދިޔަ (ޖިޒްޔަ) ޓެކުހާއި ބިމުން ނަގަމުން ދިޔަ (ޚަރާޖު) ޓެކުސް ހިމެނެއެވެ. އަދި ވިޔަފާރީގެ މުޢާމަލާތުތަކުން ނަގަމުން ގެންދިޔަ (ޟަރީބާ) ޓެކުސް ހިމެނެއެވެ. އިސްލާމީ މުޖުތަމަޢުގައި ރަސޫލާﷺގެ ޙަޔާތްޕުޅުގައި ޖިޒުޔަ ޓެކުސް ތަޢާރުފުކުރެވުނެވެ. އެ ޓެކުހަކީ އެ މީހުންނަށް އިސްލާމީ މުޖުތަމަޢުގައި އުޅުމުގެ އެންމެހައި ޙައްޤުތަކެއް ފަހިވާ ގޮތަށް ދައުލަތަށް ދޭ އެއްޗެކެވެ. ބިމުން ނެގި ޓެކުސް ތަޢާރުފުވީ ވެސް ރަސޫލާﷺގެ ޙަޔާތްޕުޅުގައެވެ. ޚައިބަރުގެ ބިން ފަތަޙަކުރެއްވުމަށް ފަހު އެ ތަނުގެ ފައިދާއިން ކޮންމެ އަހަރަކު ވެސް ވަކި އިންސައްތައެއް ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ ގޮތަށް ކަނޑައަޅުއްވައި، އެބިން އެ ތަނުގެ އަހުލުވެރީންނަށް ދޫކޮށްލެއްވިއެވެ. އިސްލާމީ އިޤުތިޞާދުގެ ޓެކުހުގެ ނިޒާމު އެންމެ ބޮޑަށް ފުޅާވެގެން ދިޔައީ އަމީރުލްމުއުމިނީން ޢުމަރު ބިން ޚައްޠާބުގެ ވެރިކަމުގައެވެ. އެ ވެރިކަމުގައި މަދީނާ ހުރަސްކޮށްދާ ބައިނަލްއަޤުވާމީ ވިޔަފާރީގެ ޤާފިލާތަކުގެ ވިޔަފާރިންވެސް ޓެކްސް ނެންގެވިކަމަށް ވެއެވެ.

(އ) ޒަކާތުގެ ނިޒާމު ތަޢާރުފުވުން: މުދަކުން ޒަކާތް ނެރުން ފަރުޟުވީ މަދީނާގެ ދައުރުގައެވެ. މުދަލުން ޒަކާތް ނެރުމަކީ އިސްލާމްދީނުގެ ތިންވަނަ ރުކުނެވެ. މުދަލު ޒަކާތުގެ ނިޒާމަކީ އާދަޔާ ޚިލާފު މާލީ ނިޒާމެކެވެ. މުޖުތަމަޢުން ފަޤީރުކަން ނެތިކޮށްލާން އޮތް އެންމެ ވަރުގަދަ އެއް ވަސީލަތެވެ. އެއީ އިސްލާމީ އިޖުތިމާޢީ ފަންޑެވެ. ޒަކާތުގެ ނިޒާމު ދަމަހައްޓަނީ ދައުލަތުންނެވެ. ފަޤީރުންނާއި މިސްކީނުންނާއި ޢާމިލުންނާއި ދަރަނިވެރީންނާއި އަޅުން މިނިވަންކުރުމަށާއި ޣައިރުމުސްލިމުންގެ ތެރެއިން މުސްލިމުންނާއެކު އެކުވެރިކޮށް އުޅޭ މީހުންނަށާއި ދަތުރުމަތީގައި ޙާލުގައި ޖެހިފައިވާ ފަރާތްތަކަށާއި اللهގެ މަގުގައި ހޭދަކުރާން ޒާކާތުގެ ނިޒާމުގެ ތެރެއިން ޚަރަދުކުރުން ފަރުޟުކުރެއްވިއެވެ. މި ޒަމާނުގައި ވެސް މިނިޒާމު ތަރައްޤީކުރެވި، ޒަކާތަށް ޚާއްޞަ އޮފީހެއް ހަދައި، ޤާނޫނީ އުޞޫލެއްގެ ދަށުން ޒަކާތުގެ ފައިސާ ދައުލަތުގެ ފަރާތުން ވުނަކޮށްފި ނަމަ، އެއީ ދުވަހަކު ވެސް ނިމުމެއް ނާންނާނެ، އަދި އަހަރުން އަހަރަށް ޖީލަކުން ޖީލަކަށް ވާރުތަވަމުންދާނެ ވަރުގަދަ މާލީ ނިޒާމެކެވެ.

(ވ) ފައިއާއި ޣަނީމާ މުދާ: ފައިއު މުދަލާއި ޣަނީމާ މުދަލަކީ ރަސޫލާﷺ ޤާއިމުކުރެއްވި ސަރުކާރުގެ ބައިތުލްމާލަށް (ސެންޓްރަލް ބޭންކް)އަށް ވަންނަ އެއްޗެކެވެ. އެއިގެ ބޭނުންކުރާންވީ ގޮތް ވެސް އަންގަވައިފައިވެއެވެ. ފައިއު މުދަލަކީ ހަނގުރާމައަކާ ނުލައި އިސްލާމީ ދައުލަތުގެ ދުޝްމަނުން ދޫކޮށްފައިވާ މުދަލެވެ. އެއާމެދު ޢަމަލުކުރާންވީ ގޮތް ކީރިތި ރަސޫލާﷺގެ އިޚުތިޔާރަށް ދޫކުރައްވައިފައިވެއެވެ. އަލްޙަޝްރު ސޫރަތުގެ ހަތްވަނަ އާޔަތުގައި الله ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. “ރަށްރަށުގެ أهل ވެރީންގެ ކިބައިން، اللَّه، އެކަލާނގެ رسول އާއަށް فَىء މުދަލުގެ ގޮތުގައި ލިބިދެއްވައިފި އެއްޗަކާމެދު (ދަންނާށެވެ!) ފަހެ، އެ ތަކެއްޗަކީ، اللَّه އަށާއި، رسول އާއަށާއި، ގާތްތިމާގެ މީހުންނަށާއި، يتيم ންނަށާއި، مسكين ންނަށާއި، ދަތުރުވެރީންނަށް خاصވެފައިވާ ތަކެއްޗެވެ. އެއީ އެ މުދާތައް ތިޔަބައިމީހުންކުރެ މުއްސަނދީންގެ މެދުގައި دور ވޭވެ ހުރިޔަނުދިނުމަށް ޓަކައެވެ. އަދި رسولއާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ.”

ޣަނީމާ މުދަލަކީ ހަނގުރާމައަށް ފަހު، އިސްލާމީ ދައުލަތުގެ ދުޝްމަނުން އަތުން ލިބޭ މުދަލެވެ. ކީރިތި ޤުރުއާނުގެ އަލްއަންފާލް ސޫރަތުގައި ސާޅީސް އެއްވަނަ އާޔަތުގައި الله ވަޙީކުރައްވާފައިވާ އާޔަތުގެ މާނައިގައިވެއެވެ. (ތިޔަބައިމީހުން ދަންނާށެވެ! ތިޔަބައިމީހުން غنيمةކުޅަ މުދަލެއްގެ ފަސްބައިކުޅަ އެއްބައި ވަނީ اللَّهއަށާއި، (އެކަލާނގެ) رسولއާއަށާއި، (އެކަލޭގެފާނުގެ) ގާތްތިމާގެ މީހުންނަށާއި، يتيمންނަށާއި، مسكينންނަށާއި، ދަތުރުވެރީންނަށެވެ. (އެއީ) اللَّهއަށާއި، حقއާއި، باطل ވަކިވުމުގެ ދުވަހު، ދެ لشكر ބައްދަލުވީ ދުވަހު، ތިމަންރަސްކަލާނގެ އަޅާގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް، ތިޔަބައިމީހުން إيمانވާ ކަމުގައިވާނަމައެވެ. اللَّهއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. (ނޯޓު: ގިނަ مفسّرން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި، غنيمة މުދާ ބެހެނީ ފަސް ބަޔަކަށެވެ. އޭގެ ތެރެއިން ހަތަރު ބައި ލިބެނީ، ހަނގުރާމައިގައި ބައިވެރިވި مسلمންނަށެވެ. އަނެއްބައި خاصّކުރެވިގެންވަނީ، މި آيةގައި ނަންގަނެވިގެންވާ ފަސް ބަޔަކަށެވެ. اللَّهއާއި، رسولއާގެ ބައި އެއީ އެއްބައެކެވެ.)

(މ) ބައިތުލްމާލު ޤާއިމުކުރެއްވުން: ބައިތުލްމާލުގެ މާނައަކީ (ފައިނޭންސް ހައުސް) މިހާރުގެ ގޮތުން ނަމަ ދައުލަތުގެ ޚަޒާނާ ޤާއިމުކުރެއްވިއެވެ. އެ ތަނަށް ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިއުއާއި ޣަނީމާއާއި ޞަދަޤާތާއި ވަޤުފާއި ޚަރާޖު ފަދަ ތަކެތި ޖަމާކުރައްވައެވެ. އަދި އެ ތަކެތި މުސްލިމުންނަށް ބަހާންޖެހޭ ވަގުތާ ޖެހެންދެން އެ ތާނގައި ބަހައްޓަވައެވެ. އަދި ޢަދުލުވެރި ގޮތުގައި ބައްސަވައެވެ.

(ފ) އައުޤާފުތައް އުފެއްދުމަށް ބާރު އެޅުއްވުން: ހަޤީޤަތަކީ އައުޤާފު މުދަލަކީ ދައުލަތުގެ މާލީ ވަސީލަތަކަށް ހަދާންޖެހެއެވެ. އެއީ ވަރަށް ބޮޑު ފައިދާއެއް ޤައުމަށް ކުރާ ކަމެކެވެ. ކީރިތި ރަސޫލާﷺގެ ޙަޔާތްޕުޅުގައި ވެސް ވަޤުފު އުފެއްދުމާއި ހިބަކުރުމާއި ޞަދަޤާތްކުރުމަށް ބާރު އެޅުއްވިއެވެ. އަދި މުސްލިމުންނަށް ފައިދާވާނޭ ގޮތަށް ދެމި ހުރި ޞަދަޤާތަކީ (ވަޤުފަކީ) މަރުވުމަށް ފަހު ވެސް ޘަވާބާއި ދަރުމަ ލިބޭނޭ ކަމެއްކަމުގައި ބަޔާންކުރެއްވިއެވެ. މިހެންކަމުން ވަރަށް ގިނަ އަޞްޙާބު ބޭކަލުން އެބޭކަލުންގެ އެކިއެކި ވަސީލަތްތައް ވަޤުފުކުރައްވައިފައިވެއެވެ. އެއިން އިޤުތިޞާދީ ގޮތުން މުޖުތަމަޢުގައި ފުދުންތެރިކަން އުފެދުނެވެ.

މުޙައްމަދުﷺ އުފެއްދެވި ދައުލަތުގެ އިޤުޞާދު މުޅީން ސުމަކުން ފަށައިގެން ކާމިޔާބުގެ އުސްމިނަށް ވާޞިލްވެވުނީ މާލީ ފަސާދައަށް ޖާގަ ނުދެއްވުމުގެ ސަބަބުންނެވެ. ޒަކާތް ނަގާން ދިޔަ މީހާ، ޒަކާތް ހިފައިގެން އައިސް ޒަކާތުގެ ބައި ބައިތުލްމާލަށް ލުމަށް ފަހު، މިއީ ތިމަންނާއަށް ލިބުނު ހަދިޔާއެކޭ ބުނެ، ބައެއް ތަކެތި ހިފައިގެން ދާން އުޅުމުން ރަސޫލާﷺ ޙަދީޘްކުރެއްވީ “ތިބާގެ މަންމަގެ ގޭގައި ތިބާ ހުރިނަމަ ތިބާއަށް ހަދިޔާއަކަށް ތިޔަ ލިބުނީސް ހެއްޔެވެ؟” އެއަށް ފަހު އެތަކެތި ބައިތުލްމާލަށް ނެންގެވިއެވެ.

އިސްލާމީ އިޤުތިޞާދީ ދައުލަތުގެ އިޤުތިޞާދު ބިނާވެފައި އޮންނާން ޖެހޭނީ އަމިއްލަވަންތަކަމުގެ މައްޗަށާއި އުފެއްދުންތެރިކަމާއި ފެންވަރު ރަނގަޅު ދެމެހެއްޓެނިވި މާލީ ނިޒާމެއްގެ މައްޗަށެވެ.

އިސްލާމީ ދައުލަތުގެ ވިޔަފާރީގެ މުޢާމަލާތްތައް އިސްލާމިކް ޓްރާންސެކްޝަންސް (ފިޤުހުލްމުޢާމަލާތު)ގެ ގޮތްތައް ވަރަށް ގިނައެވެ. އިސްލާމްދީނާއި ޙަޟާރަތުގައިވާ އިޤުތިޞާދީ ނިޒާމު މިއަދުގެ މުސްލިމުން ކުރިއަރުވާންޖެހެއެވެ. މިއަދުގެ މުސްލިމުން ބޮޑަށް މަޝްޣޫލުވެފައިވަނީ ފަރުޢީ ފިޤުހީ ޚިލާފުތަކުގައެވެ. އެ ޚިލާފުތައް ދޫކޮށް އިސްލާމީ ޤައުމުގެ އިޤުތިޞާދީ ޙަޟާރަތު ކުރިއަރުވާންޖެހެއެވެ. ރަސޫލާﷺގެ ޙަޔާތްޕުޅުގައި ޤާއިމުކުރެއްވި އިޤުތިޞާދީ ބިންގާތައް ފަހުން ވަޑައިގަތް ވެރީން ވަރުގަދަކުރެއްވިއެވެ. އަދި ވަކީން ޚާއްޞަކޮށް ޢުމަރު ބުނި ޚައްޠާބުގެ ވެރިކަމުގައި ވަރަށް ގިނަ ބަދަލުތައް ގެންނެވިއެވެ. ޢުމަރުގެފާނުގެ ވެރިކަމުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ޣައިރު މުސްލިމުން ދައްކަމުން ގެންދިޔަ ޓެކުސް، އެ މީހުން މުސްކުޅި ޢުމުރަށް ދިޔައިމާ ދައުލަތުން އެމީހުންނަށް ހިލޭ އެހީދޭ ގޮތަށް ހަމަޖެއްސެވިއެވެ. އަދި އިސްލާމީ ދައުލަތުގައި ފުރަތަމަ ފަހަރަށް ވަކި މުސްތަޤިއްލު ފައިސާ ފޮތި އުފެއްދެވިއެވެ. އެ ޒަމާނުގެ ތަރައްޤީވެފައިވާ ފާރިސީ އަދި ރޫމީންގެ ދައުލަތްތަކުގައި ހުރި ފަދަ ފައިނޭންސް ޑިޕާޓްމެންޓް އިސްލާމީ ދައުލަތުގައި އުފެއްދެވިއެވެ. އިސްލާމީ ދައުލަތުގެ ބިން ފުޅާވެގެން ދިޔުމުން ރަށްތައް ބިނާކުރައްވައި މަގުތަކާއި ދަތުރުކުރާނެ ދިގު ރާސްތާތައް ހެއްދެވިއެވެ. އިސްލާމީ ޢުމްރާނީ އިޤުތިޞާދީ ޙަޟާރަތަކީ ހާދަ ފުރިހަމަ ޙަޟާރަތެކެވެ. މިއަދު މުސްލިމުން ފަރުޢީ ޚިލާފުތައް ހަނދާން ނައްތާލައި މި ކަންކަން އާލާކޮށް ދިރުވައި އެ މަގުން ދައުލަތުގެ ކަންކަން ކުރިއަރުވާން ޖެހެއެވެ. އެއިރުން މުސްލިމުންނަކީ ފުދުންތެރި ބަޔަކަށް ވާނެކަމީ ޔަޤީންކަމެކެވެ.

ޚިޔާލު

  • ރަސޫލާﷺ ޤާއިމު ކުރެއްވި އިޤުތިޞާދީ އަސާސްތަކަކީ މިޒަމާނުގައި ވެސް ބޭނުން ހިފިދާނެ ނަމޫނާ އަސާސްތަކެއްކަމުން، އެ ކަންކަމުގެ މައްޗަށް މި ޒަމާނުގެ މުއައްސަސާތައް ހޭލުންތެރިކުރުވުން.
  • ދައުލަތުގެ އިޤުތިޞާދީ ވަސީލަތްތައް އިތުރުކޮށް، ބޮޑެތި މަޝްރޫޢުތަކަށް ދިޔުން.
  • ޓެކްސް ފްރީ ނުވަތަ ޑިއުޓީ ފްރީ ވިޔަފާރީގެ މަރުކަޒުތައް ގިނަކުރުން.
  • ވިޔަފާރީގެ މުޢާމަލާތުތައް އިސްލާމީ ނަޒަރިއްޔާތަކާއި އިޤުތިޞާދީ ފަލްސަފާގެ ދަށުން ވަޒަންކުރުން.
  • އިސްލާމިކް ލޯ އޮފް ޓްރާންސެކްޝަންސް (އިޤުތިޞާދީ މުޢާމަލާތުގެ ފިޤުހަށް) ޒުވާނުން ހޭލުންތެރިކުރުން.
  • މިނިވަން ވިޔަފާރީގެ ނިޒާމު އުފެއްދުން.
  • އަމިއްލަ އިޤުތިޞާދީ ފުދުންތެރިކަމަށް މަސައްކަތްކުރުން.
  • މޯލްތަކާއި ވިޔަފާރީގެ މަރުކަޒުތައް ޤާއިމުކޮށް ރައްޔިތުންގެ ޖީބަށް ވަންނަ އެއްޗެހި އިތުރުވާ ގޮތަށް އިޤުތިޞާދު ބައްޓަންކުރުން.
  • ޒަކާތުގެ ނިޒާމުން ވުނަކުރެވޭނޭ ގޮތް ހޯދުން.
  • ދައުލަތުން ވަޤުފު އުފެއްދުން.
  • ފިރިހެނުން ފަދައިން އަންހެނުންނަށް ވެސް ފިޔަފާރީގެ ފުރުޞަތު ފަހިކުރުން.

ކީރިތި ރަސޫލާﷺގެ ޙަޔާތްޕުޅުގައި އެޅިގެން ދިޔަ ބައެއް މުހިންމު އިޤުތިޞާދީ ބިންގާތަކުގެ ވާހަކައަކީ އިސްލާމީ ދައުލަތެއްގެ އިޤުތިޞާދީ ނަމޫނާއެވެ. އެ އަސާސްތަކުގެ އަލީގައި އެ ޒަމާނަކާއި ޙާލަތާ ގުޅޭ ގޮތަށް ކަންކަން ތަރުތީބު ކުރެވިދާނެއެވެ.

 

ގުޅުންހުރި ލިޔުންތައް
Comments

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *