freedom of expression

އިސްލާމީ ނަޒަރަކުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން

މާތްވެގެންވާ އިސްލާމްދީނުގެ އަސާސީ މަބާދިއުތަކަށް ނަޒަރު ހިންގާލުމުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ވަރަށް ފުރިހަމަ ގޮތެއްގައި އިންސާނާ އަށް ދީފައިވާ ޙައްޤެކެވެ. ދުނިޔޭގެ އެހެނިހެން ފަލްސަފީ ނިޒާމުތަކަށް ވުރެން ފުރިހަމަ ގޮތެއްގައި އަޚްލާޤީ ހަމަތަކަށް ތަބާވެ ތިބެގެން ޚިޔާލު ފާޅުކުރުމަށް އިސްލާމްދީން ބާރު އަޅާފައިވެއެވެ.

މިއަދު އަޅުގަނޑުމެންގެ ޤައުމުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދޮރު މިވަނީ އިންތިހާއަށް ތަނަވަސް ވެފައެވެ. ބައެއް ފަރާތްތަކުން މިފުރްޞަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާކަމީ ހިތާމަކުރަން ޖެހޭކަމެކެވެ. ޚިޔާލުފާޅުކުރުމުގެ ނަމުގައި މީސްމީހުންގެ ކާޓޫނުތައް ކުރަހައި ނުބައި ލަޤަބުތަކުން ގޮވައި ދުލުން އިސްލާމްދީން ހުއްދަނުކުރާ ހުތުރު ބަސްތައް ބުނެވޭތަން އެބައާދެއެވެ. މިއީ އިޞްލާޙަށްޓަކައި ކުރެވޭ ކަމަށްވުމުގެ ބަދަލުގައި ފަސާދައަށް ދޮރު ހުޅުވިގެންދާ ކަމަކަށް ވުން ކައިރިއެވެ.

އެއްވެސް ޝައްކެއްނެތް ގޮތުގައި މާތްވެގެންވާ އިސްލާމްދީނަކީ އެންމެ ފުރިހަމަ ނިޒާމެވެ. އިންސާނީ ޖަމާޢަތަށް އެންމެ މަޞްލަހަތު ހުރި ގޮތް ކަނޑައަޅުއްވާފައިވާ މަތިވެރި ނިޒާމެވެ. މިއީ އިންސާނިއްޔަތުގެ ތާރީޚުގައި އިންސާނުން ތަޖުރިބާކޮށްފައިވާ ޙަޤީޤަތެކެވެ. އިސްލާމް ދީނުގައި ވަކިކަމެއް ކުރުމަށް އަމުރު ކުރައްވާފައިވާ ގޮތަކަށް އެކަމެއްކުރުމުން އިންސާނީ ޖަމާޢަތަށް ފައިދާކުރާކަމީ އިންސާނުން ދެކިފައިވާ ޙަޤީޤަތެކެވެ. މިއީ ހަމަ އެކަނި އިސްލާމީ ތާރީޚް ދެކިފައިވާ ކަމެއްނޫނެވެ. އެހެނިހެން ދީންތަކާއި ފަލްސަފީ ނިޒާމުތައްވެސް މިކަމުގެ މައްޗައް ހެކިވެއެވެ.

ޚިޔާލު ފާޅުކުރުމާއި ބިނާކުރަނިވި ފާޑު ކިއުމަކީ ޤައުމުގެ ކުރިމަގު އުޖާލާކުރާނޭ އަސާސެކެވެ. އިންސާނާއަށް ﷲ ތަޢާލާ ވަނީ ވިސްނުމާއި ބުއްދި ދެއްވާފައެވެ. އޭނާގެ މުޖުތަމަޢުގެ ކަންހިނގުމުގައި ޚިޔާލުފާޅުކުރުމުގެ ޙައްޤުވެސް ވަނީ ހޯދައިދެއްވާފައެވެ. ކީރިތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައިވެސް އަޞްޙާބު ބޭކަލުންގެ ތެރޭގައި ކީރިތި ރަސޫލާއަށް ކަންކަމުގައި ޚިޔާލުދެއްވާ ލަފާ ދެއްވާ ހައްދަވާ ބޭކަލުން ތިއްބެވިއެވެ.

އަދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ  ބައެއް ކަންކަމުގައި ދެކެވަޑައިގަންނަވާ ގޮތާއި ޚިލާފަށް އަޞްޙާބު ބޭކަލުން ޚިޔާލު ހުޅަހަޅުއްވާފައިވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ  އެބޭކަލުންގެ ޚިޔާލުފުޅުތަކަށް އިޙްތިރާމް ކުރައްވާފައިވެއެވެ. އަދި އެބޭކަލުންގެ ބައެއް ޚިޔާލުފުޅުތަކާ އެއްގޮތައް ޢަމަލުފުޅު ކުރައްވާފައިވެސް ވެއެވެ.

މިގޮތުން އެކަލޭގެފާނުގެ ޚިޔާލުފުޅާ އިދިކޮޅަށް އެކަލޭގެފާނަށް މަޝްވަރާ އެރުވުނު ކަންކަމުގެ ތެރޭގައި ޙުދައިބިއްޔާގައި ޢުމަރުގެފާނު ދެއްވި ޚިޔާލާއި ބަދުރު ހަނގުރާމަކުރެއްވުމަށް ވަޑައިގެން މަޑުކުރެއްވި ތަނަށްވުރެން ރަނގަޅު އެހެން ތަނެއްގެ ވާހަކަ ބަޔާންކުރެއްވަމުން ބޭކަލަކު ދެއްވި ޚިޔާލުފުޅަކާއި އަދި އުޙުދު ހަނގުރާމައިގައި މަދީނާއިން ބޭރުގައި ހަނގުރާމަ ކުރެއްވުމަށް ޒުވާން އަޞްޙާބު ބޭކަލުން ދެއްވި ޚިޔާލުފުޅުތަކާއި މިނޫންވެސް ކިތަންމެ ޙާދިޘާތަކެއް ހިމެނެއެވެ.

ޢުމަރުގެފާނާއި އަދި ޢަޞްޙާބު ބޭކަލުންގެ ތެރެއިން ވަރަށް ގިނަ ބޭކަލުން ޙުދައިބިއްޔާގެ ޞުލްޙައާއި އިދިކޮޅު ހެއްދެވިއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ  އާއި އަބޫބަކުރުގެ ފާނާއި ދެބޭކަލުން ބުރަވެވަޑައިގަތީ އެބައިމީހުންނާއެކު ޞުލްޙަ ޤާއިމު ކުރެއްވުމަށެވެ. މިކަމުގެ ސަބަބުން މައްކާފަތަޙަވުމަށް މަގުފަހިވެގެން ދިޔައެވެ.

ބަދުރު ހަނގުރާމައިގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ލަޝްކަރާއިގެން މަޑުކުރެއްވީ ހަނަފަސްތަނެއްގައެވެ. އެތަނަކީ ހަނގުރާމައިގައި މަޑުކުރެއްވުމަށް ޙިކުމަތްތެރި ތަނެއްނޫންކަމަށް ދެކެވަޑައިގެން ބޭކަލަކު މަޝްވަރާ ދެއްވުމުން އެތަން ދޫކުރައްވައި ފެނާއި ގާތް ތަނަށް ވަޑައިގަތެވެ. މިކަމުގެ ސަބަބުން މުސްލިމުންނަށް ހަނގުރާމައިގެ މައިދާނުގައި ފަސޭހަތަކެއް ލިބިގެން ދިޔައެވެ.

އުޙުދު ހަނގުރާމަ ކުރެއްވުމަށް ކީރިތި ރަސޫލާ ޚިޔާލު ކުރެއްވީ މަދީނާގެ ރަށުގެ ތެރޭގައެވެ. ނަމަވެސް އަޞްހާބު ބޭކަލުންގެ ތެރޭގައި ތިއްބެވި ޒުވާން ބޭކަލުން ބުރަވެ ވަޑައިގަތީ މަދީނާއިން ބޭރުގައި ހަނގުރާމަ ކުރުމަށެވެ. ކީރިތި ރަސޫލާ އެގޮތަށް ކަންތައްކުރެއްވިއެވެ. މިކަމުގެ ސަބަބުން ހިތި ނަތީޖާއާ ކުރިމަތި ލާންޖެހުނެވެ.

އަދި ޚިޔާލުފާޅުކުރުމަށް މިނިވަންކަންދެވިފައިވާ މިންވަރު އަންގައިދޭ އެންމެ ވަރުގަދަ ހެއްކަކީ ވަޙީ ބާވާލެއްވޭ މާތް ނަބިއްޔަކަށް އަޞްޙާބު ބޭކަލުން ޚިޔާލު ދެއްވާކަމެވެ. މިގޮތުން ޚަންދަޤު ނުވަތަ އަޙްޒާބު ހަނގުރާމައިގައި މަދީނާ ވަށައިގެން ޚަންދަޤު ކޮންނެވުމަށް މާތް ޞަޙާބީ ސަލްމާނުލްފާރިސީ ދެއްވި ޚިޔާލު ފުޅު ހިމެނެއެވެ. އެމާތް ޞަޙާބީގެ ޚިޔާލުފުޅުގެ މަތިން ކީރިތި ރަސޫލާ ދުޝްމަނުންގެ ކިބައިން މަދީނާ ޙިމާޔަތްކުރެއްވުމަށްޓަކައި ޚަންދަޤު ކޮންނެވިއެވެ.

އަދި ބައެއް ބޭކަލުން ކަންތައް ކުރައްވާ ގޮތާމެދު ހިތްހަމަ ޖެހިވަޑައި ނުގަންނަވާ ކީރިތި ރަސޫލާ ޚުދު މީސްތަކުން އެއްކުރައްވާ ވާހަކަފުޅު ދައްކަވާ ހައްދަވައެވެ. ނަމަވެސް ގިނަ ފަހަރު އެއިން ބޭކަލެއްގެ ނަންފުޅު ވިދާޅެއް ނުވެއެވެ. އެއީ މީސްތަކުންގެ މެދުގައި އެބޭކަލުން ފަޟީޙަތް ނުކުރެއްވުމަށެވެ. ވިދާޅުވަނީ “މިވެނި އެވެނި ބަޔަކު މިފަދައިން ކަންތައް އެބަކުރެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟”

ޝައްކެއްނެތް ގޮތުގައި މިއީ މިކަމުގައި އޮތް އެންމެ ރީތި އުސްލޫބެވެ. އިޞްލާޙު ކުރަން ބޭނުންނަމަ މިފަދައިން ޢަމަލު ކުރުމަކީ ކާމިޔާބު އުސްލޫބެކެވެ. މިކަމުގެ ނަތީޖާ އަފްރާދުންނަށާއި މުޖުތަމައަށް ކުރާނެ ކަން ކަށަވަރެވެ.

އިސްވެދިޔަ ވާހަކަތަކުން އެނގޭ އެއްޗަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއްކަމެވެ. އަދި ވެރިއަކަށް ހުންނަ މީހާއަށް ވެސް ރައްޔިތުންގެ ފަރާތުން ޚިޔާލު ހުށަހެޅިދާނެކަމެވެ. އަދި އެޚިޔާލަކީ ޤައުމުގެ މަޞްލަޙަތު އޭގައިވާ ޚިޔާލެއް ނަމަ އެއަށް ޢަމަލު ކުރުން ލާޒިމުކަމެވެ. އޭގައި މަޞްލަޙަތެއް ނުވާކަމަށް ފެނިއްޖެނަމަ އެޚިޔާލަށް ޢަމަލު ކުރުމަކީ އޭނާގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ނޫންކަމެވެ. އަދި ވެރިއެއް ނަމަ އޭނާގެ އަމިއްލަ ޚިޔާލާ އެއްގޮތް ނޫން ޚިޔާލެއް އޭނާއަށް ހުށަހެޅިއްޖެ ނަމަ އެއަށް މަރުޙަބާ ކިއުމަކީވެސް މާތް ސިފައެއްކަމެވެ.

އަޞްޙާބު ބޭކަލުންގެ ތެރެއިން ބޭކަލަކު ވިދާޅުވެފައިވެއެވެ.” މުޙައްމަދުގެފާނަށް ވުރެން ބޮޑަށް އަޞްޙާބުންނާއި ޚިޔާލުބަދަލުކޮށް މަޝްވަރާ ހޯއްދަވާ ބޭކަލަކު ދުވަހަކުވެސް ތިމަންމެން ނުދެކެމެވެ”

މުޖުތަމަޢުގެ ކަންތައްތަކުގެ އިތުރުން ދައުލަތް ހިންގުމުގައި މާތްވެގެންވާ އިސްލާމް ދީނުގެ އުޞޫލަކީވެސް މަޝްވަރާގެ ނިޒާމެވެ. މަޝްވަރާއަކީ މުހިއްމު އެއްޗެކެވެ. މަޝްވަރާއެއްނެތި ކަންތައްކުރުމަކީ އޭގެ ނަތީޖާއާމެދު ސުވާލު އުފެދޭކަންކަމެވެ. އަދި ކަންކަމަށް ފާޑު ކިއުމަކީ ވެސް ކުރިއަރައި ތަހުޒީބުގެ ތެރެއަށް ވަނުމުގެ ތަޅުދަނޑިއެވެ. މިތަޅުދަނޑިން ހުރަސް ދޮރުފަތްތައް ހުޅުވިގެންދާނީ ފާޑުކިއުންތައް ބަލައިގަތުމުންނެވެ.

އިސްލާމީ ޝަރީޢަތުގައި ދައުލަތް ހިނގުމުގެ ނިޒާމު ބިނާވެގެންވަނީ މަޝްވަރާގެ މަތިވެރި އުޞޫލުތަކުގެ މައްޗަށެވެ. އާލު ޢިމްރާން ސޫރަތުގެ (159) ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. ” އެބައިމީހުންނަށް ކަލޭގެފާނު އޯގާތެރިވެވަޑައިގަތީ މާތް ﷲ ގެ ޙަޟްރަތުން ލެއްވި ރަޙްމަތެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، ޚުލްޤުފުޅު ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވީ ނަމަ، ކަލޭގެފާނުގެ އަރިހުން އެބައިމީހުން ދުރުހެލިވެގެން ހިނގައްޖައީހެވެ. ފަހެ އެބައިމީހުންނަށް މަޢާފު ކުރައްވާށެވެ. އަދި އެބައިމީހުންގެ ފާފަ ފުއްސެވުމަށް އެދި ﷲ އަށް ދުޢާކުރައްވާށެވެ! އަދި މަޝްވަރާކުރެއްވުމަށް ބޭނުންފުޅުވާ ކަންކަމާމެދު އެބައިމީހުންނާ ކަލޭގެފާނު މަޝްވަރާ ކުރައްވާށެވެ. މަޝްވަރާކުރެއްވުމަށްފަހު ކަމެއްކުރެއްވުމަށް ކަލޭގެފާނު ޢަޒުމު ކަނޑަ އަޅުއްވައިފިނަމަ މާތް ﷲ އަށް ވަކީލު ކުރައްވައި އެކަމެއްކުރެއްވުމުގައި ކުރިއަށް ވަޑައިގަންނަވާށެވެ. ހަމަކަށަވަރުން އެކަލާނގެ އަށް ވަކީލު ކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެން ވެއެވެ.”

އަދި މުއުމިނުންގެ ސިފަތައް ބަޔާންކުރައްވަމުން  އައްޝޫރާ ސޫރަތުގެ (38) ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. ” އަދި، އެބައިމީހުންނަކީ، އެބައިމީހުން ހައްދަވާބޮޑުކުރެއްވި ރަސްކަލާނގެ ޙަޟުރަތަށް ކިޔަމަންތެރިވެ އިޖާބަދީ، ނަމާދުގެ ވަގުތުގައި ނަމާދު ޤާއިމުކުރާ މީހުންނެވެ. އަދި އެބައިމީހުންގެ މެދުގައި، ކަންތައްތައް ކުރުން އޮތީ މަޝްވަރާގެ މަތިންނެވެ. އަދި ތިމަން ﷲ އެބައިމީހުންނަށް ދެއްވި ރިޒުޤުން ﷲ ގެ މަގުގައި އެބައިމީހުން ހޭދަކޮށް އިންފާޤު ކުރަތެވެ”.

ކުރީ އާޔަތުގައި އެވަނީ މާތް ނަބިއްޔާއަށް އައިސްފައިވާ އަމުރެކެވެ. ދެވަނަ އާޔަތުގައި އެބަޔާންކުރައްވަނީ މުއުމިނުންގެ ސިފައެވެ.  ކީރިތި ރަސޫލާގެ ސުންނަތައް ނަޒަރު ހިނގައިލުމުން މަޝްވަރާގެ ނިޒާމު ވަރަށް ފުރިހަމައަށް ބަޔާންކުރައްވާފައިވެއެވެ. ބަދުރު ހަނގުރާމަ ކުރެއްވުމަށާއި ބަދުރުގެ އަސީރުންގެ މައްސަލައިގައްޔާއި، އުޙުދު ހަނގުރާމައަށް ނިކުމެވަޑައިގަތުމުގައި އަޞްޙާބުންގެ މަޝްވަރާ ހޯއްދަވާފައިވެއެވެ. އަދި ހަމަ އެހެންމެ އަޙްޒާބު ހަނގުރާމައިގައިވެސް މަޝްވަރާ ހޯއްދަވާފައިވެއެވެ. އަދި ދައުލަތް ހިނގުމުގެ ކަންކަމުގައި އަބޫބަކުރުއްޞިއްދީޤާއި، ޢުމަރުލްފާރޫޤުގެ މަޝްވަރާ ވަރަށް ގިނަ ގިނައިން ހޯއްދަވާކަމުގައި ވިއެވެ. އަދި ސަރަޙައްދުތަކަށް ސަފީރުން ފޮނުއްވުމުގައިވެސް ފޮނުއްވާ ބޭކަލުންނާމެދު، މިދެބޭކަލުންގެ މަޝްވަރާ ހޯއްދަވަތެވެ.

ކީރިތި ރަސޫލާއަށް ފަހުގައި މަޝްވަރާގެ މަޖްލިސްތައް ފުޅާވެގެންދިޔައެވެ. އެއީ ނަބަވީ ޙަޔާތައް ފަހު ދެން ވަޙީއެއް ނާންނާނެތީއެވެ. މިހެންކަމުން ހުރިހާ ޚަލީފާއިންވެސް އަޞްޙާބު ބޭކަލުންގެ ތެރެއިން އިސް ބޭކަލުންނާއި، ޤަބީލާތަކުގެ ވެރިންނާއި، ޢިއްޒަތްތެރިންގެ މަޝްވަރާހޯއްދަވަތެވެ. އަދި ވަކިން ޚާއްޞަކޮށް ކީރިތި ޤުރްއާނާއި ނަބިއްޔާގެ ސުއްނަތުން އެބައިމީހުންނަށް ނައްޞެއް ފެންނަން ނުވާ ކަންކަމުގައި މަޝްވަރާތައް ގިނަ ކުރައްވައެވެ.

މިގޮތުން އަބޫބަކުރުގެފާނުގެ ޒަމާނުގައި ޤުރްއާން އެއްފޮތަކަށް ޖަމަޢަކުރެއްވުމުގައްޔާއި، މުރުތައްދުވީ މީހުންނާ ކުރެއްވި ހަނގުރާމަތަކުގެ މައްސަލައިގައްޔާއި، ޢިރާޤުން ފަތަޙަވި ބިންތައް ހަނގުރާމަވެރިންނަށް ބެއްސެވުމުގެ މައްސަލައިގައި އަޞްޙާބު ބޭކަލުންގެ މަޝްވަރާ ހޯއްދެވިއެވެ.

 

ޚިޔާލު ފާޅުކުރުމުގެ ހަމަތައް

ކޮންމެއަކަސް މަޝްވަރާއާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މާތްވެގެންވާ އިސްލާމްދީނުގައި ވަނީ އަޚްލާޤީ މިންގަނޑަށް ފައްތައިފައެވެ. ވަކި އުޞޫލުތަކެއްގެ ދަށުން އެކަން ކުރުމަށް ބާރު އަޅައިފައެވެ. މިގޮތުން ކަނޑައަޅާފައިވާ އުޞޫލުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

ޚިޔާލު ފާޅުކުރުމަކީ މުޤައްދަސް ޙައްޤެއް

ޚިޔާލުފާޅުކުރުމަކީ އިންސާނީ ޙަޟާރަތުގައި މަތިވެރިވެރި ވެގެންވާ ޙައްޤަކަށްވީ ހިނދު ޚާއްޞަ ގޮތެއްގައި އެކިއެކި ދީންތަކުގެ ރަމްޒު ތަކަށް އިސްވެ ބަދު ބަސްބުނުމާއި ވަހީއާ މެދު ޝައްކުއުފެއްދުމާއި ނަބީބޭކަލުންގެ ރިސާލާތުތައް ދޮގުކުރުމާއި ނަބީބޭކަލުންނާއި އެބޭކަލުންގެ އަޞްޙާބު ބޭކަލުންގެ ކާޓޫނު ކުރެހުމާއި ﷲ ބާވާލެއްވި ފޮތްތައް ދޮގުކުރުމާއި ދީންތަކަށް ފުރައްސާރަކުރުމާއި މިބާވަތުގެ ކަންކަމީ ޚިޔާލުފާޅުކުރުން ކަމުގައެއް ނުބެލެވޭނެއެވެ. އެއީ ސަމާވީ ދީންތަކާއި ވަޟްޢީ ފަލްސަފާތަކުގައި ވެސް މަނާވެގެންވާ ކަންކަމެވެ. އެހެން ނަމަވެސް ދީނީ ނުވަތަ ޢަޤީދާއާ ގުޅުން ހުރި ކަމެއްގައި ޙަޤީޤަތް ހޯދުމަށްޓަކައި ސުވާލު ކުރުމާއި ދީންތަކުގެ ޙަޤީޤަތް ހޯދުމަށް އަޅައިކިއުމުގެ ނަޒަރަކުން ޢިލްމީ ދިރާސާ ކުރުމާއި ޢިލްމީ ގޮތުން ޙުއްޖަތް ޤާއިމު ކުރުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއްނޫނެވެ.

 

ދީނާ ޚިލާފު ޚިޔާލަކަށް ނުވުން

އަލްޙުޖްރާތު ސޫރަތުގެ 1 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ [ އޭ އީމާންވީ މީސްތަކުންނޭވެ! ﷲ އާއި އެކަލާނގެ ރަސޫލާ ކަމެއްގައި އަންގަވާފައިވާގޮތަށް ތިޔަބައިމީހުން އިސްވެ ގޮތް ނުކިޔާށެވެ. އަދި ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ. ހަމަކަށަވަރުން ﷲ އީ ތިޔަބައިމީހުން ދައްކާ ވާހަކަ ރަނގަޅަށް އައްސަވާ ވޮޑިގެންވާ އިލާހެވެ. ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.  ] މިހެން ކަމުން ﷲ އާއި އެކަލާނގެ ރަސޫލާ ކަމެއްގައި ނިންމަވާފައިވާ ގޮތަކަށް ނުވަތަ އެއާ ތަޢާރުޟްވާގޮތަކަށް ޚިޔާލެއް ހުށަހެޅިއްޖެނަމަ އެޚިޔާލުވާނީ ޝަރުޢީ ހަމަތަކުން ބޭރުގައިވާ ޚިޔާލަކަށެވެ. ޝަރުޢީ ހަމަތަކުން ބޭރުވެއްޖެނަމަ އެއަށް ޢަމަލުކުރެވިގެން ނުވާނެއެވެ. އެއާ އެއްގޮތަށް މުޖުތަމަޢުގެ ކަމެއްވެސް އަދި އިސްލާމީ ދައުލަތެއްގެ ކަމެއްވެސް ނިންމިގެންވެސް ނުވާނެއެވެ.

 

ޖަމާޢަތުގެ މަޞްލަޙަތަށްޓަކައި ހުށަހެޅޭ ޚިޔާލަކަށް ވުން

ވަކި ބައެއްގެފައިދާއަށްޓަކައި ހުށަހެޅޭ ޚިޔާލުތަކަކީ މަޞްލަޙަތު އޭގައި ވާ އެއްޗެއްނޫނެވެ. ޚިޔާލު ފާޅުކުރަންޖެހޭނީ މުޖުތަމަޢާއި ތިމާގެ ޤައުމުގެ ޢާއްމު މަޞްލަޙަތަށްޓަކައި ކަންތައްތައް އިޞްލާޙު ކުރުމަށެވެ. ފަހަރެއްގައިވެސް ޖަމާޢަތުގެ ތެރޭގައި ފަސާދަ އުފެދި ޢާއްމު މަޞްލަޙަތަށް ބުރޫ އަރާފަދަ ގޮތަކަށް ޚިޔާލު ފާޅުކުރެވިގެން ނުވާނެއެވެ. އޭރުން ޚިޔާލު ފާޅުކުރުމުގެ މަޤްޞަދު ގެއްލި ހިނގައިދާނެއެވެ. މީގެ މާނައަކީ ވަކި ބަޔަކު އަމިއްލަ ފައިދާއަށްޓަކައި ކުރާ ކަންކަމަށް ފާޑު ނުކިޔާ ވާހަކައެއްނޫނެވެ. އެފަދަ ބަޔަކަށާއި އެފަދަ ކަންކަމަށް ފާޑު ކިޔަން ވާނެއެވެ. އެއީ އެބައިމީހުންނާއި އެބައިމީހުން ކުރާ އެކަންތައްތައް އިޞްލާޙު ކުރުމަށްޓަކައެވެ. މިއީ ފަސާދައެއްނޫނެވެ. މިއަށް ކިޔަނީ އިޞްލާޙު ކުރުމެވެ. ނަމަވެސް މިފަދައިން ޚިޔާލު ފާޅުކުރަންވާނީ ވެސް ޢަދާވާތްތެރިކަން މުޖުތަމަޢުގައި ނުފެތުރޭ ގޮތެއްގެ މަތިންނެވެ. އާލު ޢިމްރާން ސޫރަތުގެ (104) ވަނަ އާޔަތުގައި ﷲ ވަޙީކުކަރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. [ ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައްނަހީކޮށް، ހެޔޮމަގަށް ގޮވައިލާ ޖަމާޢަތެއް ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ. ކާމިޔާބު ލިބޭނެ ބަޔަކީ ހަމަ އެއީއެވެ.] މިހެންކަމުން ޚިޔާލު ފާޅުކުރުން ބިނާވާންޖެހޭނެ އަޞްލަކީ އިޞްލާޙެވެ. ފަސާދައެއްނޫނެވެ. ޢަދާވާތްތެރި ކަމެއްވެސް ނޫނެވެ. ޒާތީ ކަންތައްތަކެއްވެސް ނޫނެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފި ޙަޤީޤަތް ފޮރުވި ހަވާނަފްސާއެއްގޮތަށް ގޮސްފިކަމުގައި ވަނީ ނަމަ ނަތީޖާ ރަނގަޅެއްނުވާނެއެވެ. ކުރިންވެސް ދެންނެވި ފަދައިން މަޤްޞަދު އޮންނާނީ ގެއްލިފައެވެ.

 

އެއްވެސް ސަބަބަކާ ނުލައި ހުތުރު ބަސްތައް ނުބުނުން

ހުތުރު ބަސްތައް ބުނުމަކީ ﷲ ރުހި ވޮޑިގެންވާ ކަމެއްނޫނެވެ. ކޮންމެ ކަމަކާ ބެހޭގޮތުން ޚިޔާލު ފާޅުކުރިޔަސް މުސްލިމުންގެ ސިފަޔަކަށް ވާންވާނީ އަޚްލާޤީ މިންގަނޑުން އެޚިޔާލެއް ފާޅުކުރުމެވެ. ހުތުރު ބަހުން ބަސްބުނުމަކީ އިސްލާމްދީން ތަރުޙީބުދޭކަމެއްނޫނެވެ. ނަމަވެސް އެމީހެއްގެ ފުށުން ތިމާއަށް އަނިޔާވެރިކަމެއް ލިބިއްޖެނަމަ އެވާހަކަ ދެއްކިދާނެއެވެ. އެމީހާކަންކުރިގޮތުގެ ވާހަކަ ހާމަކުރުމުގެ ގޮތުންނެވެ. މިއީ ﷲ ގެ ފޮތުން އެނގެން އޮތް ޙަޤީޤަތެކެވެ. އައްނިސާ ސޫރަތުގެ (148) ވަނަ އާޔަތުގައި ﷲ ބާވާލެއްވި ބަސްފުޅުގެ މާނައިގައިވެއެވެ: [އަނިޔާވެރިވެވި، އަނިޔާއެއް ލިބިގެންވާ މީހާ  މެނުވީ، ބުނާ ބުނުމުން ނުބައިކަން ފާޅުކުރުމަށް ﷲ ލޯބިވެވޮޑިގެން ނުވެއެވެ. އައްސަވާ ވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވެއެވެ.]

 

ޙިކުމަތުގެ ބޭނުން ކުރުން

ދީނުގައި ﷲ އާއި އެކަލާނގެ ނަބިއްޔާ ނިންމަވާފައިވާ ގޮތާއި ޚިލާފަށް ބަޔަކު މީހުން ޢަމަލު ކުރަމުންދާނަމަ، ނުވަތަ، ދީނުގެ ކަމެއް އޮޅުވާލެވޭނަމަ އެކަމެއްގައި ޙައްޤު ގޮތް ބަޔާންކުރުމަކީ މުސްލިމުންގެ މައްޗަށް އޮތް ވާޖިބުކަމެކެވެ. ވަކިން ޚާއްޞަކޮށް ދީނުގެ ޢިލްމުވެރިން މިކަމުގައި އިސްނަގަންޖެހޭނެއެވެ. އެކަމަކު ދީނީ ކަންކަމުގައި ވާހަކަދައްކާ އުޅޭ އުޅުމުގައިވެސް ޙިކުމަތުގެ ބޭނުން ކުރުމަކީ މުހިއްމު ކަމެކެވެ. މީސްތަކުންގެ ތެރޭގައި ފިތުނަ އުފެދެން މެދުވެރިވާ ފަދަ ވާހަކަތައް ދެއްކުމަކީ ކުރެވިގެންވާނެ ކަމެއްނޫނެވެ. އަދި މީސްތަކުންގެ މެދުގައި މަޒްހަބީ ބައިބައިވުމާއި، ޖަދަލު އުފެދޭ ފަދަ ގޮތަކަށް ވެސް ވާހަކަ ދެއްކިގެން ނުވާނެއެވެ. ދީނީ ކަންކަމުގައި ޚިޔާލު ފާޅުކޮށް ވާހަކަދައްކަންވާނީ އެކަމަށް ޤާބިލު، އެކަށީގެންވާ ވަރަށް ތަޢުލީމު ލިބިފައިވާ މީހުންނެވެ. ނޫންނަމަ އެމީހަކަށް އެކުރެވެނީ އޭނާގެ މުޖުތަމަޢުގެ ޙައްޤުގައި ކުށެކެވެ. އަދި ﷲ ގެ ޙައްޤުގައިވެސް ކުށެކެވެ. ކަންކަމާމެދު ޚިޔާލު ފާޅުކުރާއިރު ތިމާ ޚިޔާލު ފާޅުކޮށް ވާހަކަދައްކަންވާނީ ތިމާއަށް ޤާބިލުކަން ލިބިގެންވާ ދާއިރާގައެވެ. ތިމާއަކީ ދީނީ ކަންކަމުގައި ވާހަކަދެއްކޭ ހައިޘިއްޔަތު ލިބިގެންނުވާ މީހެއްނަމަ ރީތި ގޮތަކީ ދީނީ ކަންކަމުގައި ވާހަކަ ނުދެއްކުމެވެ. ވަކިން ޚާއްޞަކޮށް ޙަރާމް ޙަލާލު ކަންކަމުގައި އެފަދަ މީހުން ވާހަކަ ދައްކައިގެންނުވާނެއެވެ.

 

މީހުންގެ އަބުރާ ނުބެހުން       

ފާޑުކިޔަން ވާނީ މީހުން ކުރާ ކަންކަމަށެވެ. ކަންތައްތައް އިޞްލާޙު ވާނީ އޭރުންނެވެ. މީހުންގެ އަމިއްލަ ޒާތީ ކަންކަމަށް ފާޑުކިއުމުން މުޖުތަމަޢުގައި ޢަދާވާތްތެރިކަން އުފެދިދާނެއެވެ. އަޅުގަނޑުމެންނަކީ މުސްލިމުންކަމުން އަޅުގަނޑުމެން ތަބާވާންވާ އަޚްލާޤީ ސިފަތަކެއްވެއެވެ. މަކަރާއި ޙީލަތް ހަދައި މީހުންގެ ޢިއްޒަތް ނަގައިލުމަކީ މުސްލިމުންގެ ސިފައެއްނޫނެވެ. ޢިއްޒަތަކީ ވަކި މީހަކަށް، ނުވަތަ ވަކި ބަޔަކަށް ދެއްވާފައިވާ އެއްޗެއްނޫނެވެ. އެންމެ މޮޅުމީހާއިން ފެށިގެން އެންމެ ނިކަމެތި މީހާއާ ހަމައަށް ކޮންމެ މީހަކަށް ވެސް އަބުރާއި ޢިއްޒަތް ލިބިގެން ވެއެވެ. ޢިއްޒަތްތެރިޔާ އޭނާގެ އަބުރާ ޢިއްޒަތް ޙިމާޔަތްވުމަށް އެދޭފަދައިން އަނެކާގެ އަބުރާ ޢިއްޒަތް ޙިމާޔަތްކުރުމަށްވެސް އެދެންވާނެއެވެ. މިހެންކަމުން ޚިޔާލު ފާޅުކުރުމުގައި ތެދުވެރި ވާންވާނެއެވެ. ދުލާއި ގަލަމުން ޚިޔާލު ފާޅުކުރިއަސް އޭގައި މީހުންގެ ޙުރްމަތް ނުކެނޑޭފަދަ ގޮތަކަށް މީހުންނާއި މުޚާޠަބުކުރަންވާނެއެވެ. މީހުންގެ ސިފަ ބަދަލުކޮށް ކާޓޫނު ކުރަހައި، ﷲ ހެއްދެވި ގޮތް ބަދަލުކޮށް، ހުތުރު ގޮތްގޮތަށް މީހުންގެ ސޫރަ ބަދަލު ކުރުމަކީ އިސްލާމީ އުޞޫލެއްނޫނެވެ. މިއީ ވަރަށް ގިނަ ބަޔަކު މިފަހަކަށް އައިސް ކުރާކަމެކެވެ. ނުބައި އާދައެކެވެ. މިއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ޙުދޫދުން ބޭރުވެގެން ދިއުމެވެ. އިސްލާމީ ރިވެތި އުޞޫލެއްވެސް ނޫނެވެ.

 

މީހުން ކުރާ ކަންކަމާބެހޭ ގޮތުން ފާޑުކިޔާނަމަ އެކަމެއްގައި ޔަޤީކަން އޮތުން   

ކޮންމެ ވާހަކައެއް ދެއްކިޔަސް، އެވާހަކައަކީ ހިނގާފައިވާ ކަމަކާ ބެހޭގޮތުން ދެއްކި ވާހަކައެއްނަމަ، އެކަމަކާ މެދު ޔަޤީންކަން އޮންނަން ވާނެއެވެ. އެވާހަކައަކީ ދޮގުވާހަކައަކަށް ވެގެންނުވާނެއެވެ. އަދި ވަކިން ޚައްޞަކޮށް މީހަކަށް ނިސްބަތްކޮށް ކަމެއް ގެ ވާހަކަ ބުނާނަމަ، އެމީހަކު އެކަމެއްކުރިކަމަށް ހެކި ސާބިތުވެފައިވާން ވާނެއެވެ. ތުހުމަތުގެ ސަބަބުން މީހަކު އަދި ކުށްވެރިއަކަށް ނުވާނެއެވެ. އެމީހެއްގެ މައްޗައް ކަމެއް ސާބިތު ނުވާހާ ހިނދަކު ޝަރުޢީ، އަދި ޤާނޫނީ ހަމަތަކުން އެމީހާ އަކީ ކުށްވެރިއެއްނޫނެވެ. މީހުން ނުކުރާ ކަންކަން މީހުންގެ ބޮލުގައި އަޅުވާ ވާހަކަ ދެއްކުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ. އަދި އެއީ އިސްލާމީ އުޞޫލެއްވެސް ނޫނެވެ.

 

ތެދު ދޮގު ބަލައި ވާހަކަ ދެއްކުން       

އިވޭ ކޮންމެ އަޑެއްގެ ތެދު ދޮގު ބެލުމަކީ އެވާހަކައަކަށް ޙަވާލާދީ އެވާހަކަ ދައްކާމީހާ ކޮންމެހެން ބަލަންޖެހޭކަމެކެވެ. ވަކިން ޚާއްޞަކޮށް ނޫސްވެރިން މިކަމުގައި ތެދުވެރި ވާން ވާނެއެވެ. ޚަބަރެއް ލިބިއްޖެނަމަ، އެކަމެއްގެ ހަޤީޤަތް ބަލަންވާނެއެވެ. އިވޭ ކޮންމެ ވާހަކައެއް އެއީ ތެދުކަމަށް ބަލައި އެވާހަކަ ފެތުރުމަކީ ކުރެވިގެންވާނެ ކަމެއްނޫނެވެ. ނޫންނަމަ ފަހުން އެކަމާ ހިތާމަ ކުރަންޖެހިދާނެއެވެ.

 

ޚިޔާލަށް އިޙުތިރާމު ކުރުން           

ތިމާކުރާކަމަކަށް އެހެން މީހަކު ފާޑުކިޔާ ކަމުގައި ވަނީ ނަމަ އެކަމަކަށް މަރުޙަބާ ކިޔަންވާނެއެވެ. ތިމާކުރާކަމަކާ އިދިކޮޅަށް، ނުވަތަ ދެކޭ ގޮތާއި ތަޢާރުޟްވާގޮތަށް މީހަކު ޚިޔާލެއްދީފިނަމަ، އެ ޚިޔާލު ދިން ފަރާތަކީ ތިމާގެ ޢަދާވާތްތެރިއެއްކަމުގައި ދެކިގެން ނުވާނެއެވެ. މިހެން ދެކެން ވެއްޖެނަމަ އެހިސާބުން މުޖުތަމަޢުގެ މިޞްރާބު ބަދަލުވާނެއެވެ. ވީމާ އެހެން މީހުންގެ ޝުޢޫރުތަކާއި އިޙުސާސްތައް ދަތުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. ވަކިން ޚާއްޞަކޮށް ޤައުމެއްގެ ވެރިއަކަށް ހުންނަމީހާއަށް، އޭނާގެ ރައްޔިތުންގެ ފަރާތުން އަންނަ ޚިޔާލުތަކަށް އިޙުތިރާމު ކުރަންވާނެއެވެ. ޤައުމު ހިންގުމުގައި އޭގެ ބޭނުންވެސް ކުރަންވާނެއެވެ. އޭރުން އެންމެނަށް ފައިދާކުރަނިވި ގޮތަކަށް މަޞްލަޙަތު އޮންނާނެއެވެ. އަދި އެންމެންވެސް އުޅޭނީ އުފަލުގައެވެ.

އިސްވެ ބަޔާންވެ ދިޔައީ މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތަކުގެ އަލީގައި ޚިޔާލު ފާޅުކުރުމާ ބެހޭގޮތުން އަޅުގަނޑު ބަޔާންކުރި ވާހަކަ ކޮޅެކެވެ. އެންމެހައި ބޭފުޅުންނަށް މަންފަޢާކުރާނޭ ކަމަށް ޔަޤީން ކުރަމެވެ.

 

 

ގުޅުންހުރި ލިޔުންތައް
Comments

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *