މިސްކިތް 2

މާލެ ސިޓީއަށް ބޮޑެތި ޒަމާނީ މިސްކިތްތައް: އިސްލާމީ ޙަޟާރަތުގެ ނިޝާންތައް

މާލެ ސިޓީއަކީ މި ފަޚުރުވެރި އިސްލާމީ ދިވެހިރާއްޖޭގެ ހިތެވެ. ތާރީޚީ ސިޓީއެކެވެ. ޖިހާދުގެ ރަމްޒެވެ. ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ މައި ކިއްލާއެވެ. މިސިޓީގެ އެކި ތަންތަނުގައި ޒަމާނުއްސުރެ މިސްކިތްތައް ބިނާކުރެވިފައިވެއެވެ. އެކި ޒަމާންތަކުގައި އެކި ފެންވަރުގެ މިސްކިތްތަކެވެ. ދައުލަތާއި އަމިއްލަ ފަރާތްތަކުން މިސްކިތްތައް ބިނާކޮށްފައިވެއެވެ.
މާލެ ސިޓީގައި ބާވެފައި ހުރި މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ ބޮޑެތި މިސްކިތްތައް ބިނާކުރުމަކީ ސަރުކާރުގެ އަމާޒެެކެވެ. މިގޮތުން ރައްދެބައިމަގާއި މަޖީދީމަގު ކަންމަތީގައި ހުރި ދުވަސްވީ ބަރުބަރީ މިސްކިތުގެ މަސައްކަތް ވެސް މިދިޔަ އަހަރުގައިވަނީ ފެށިފައެވެ. ތިން ބުރިއަށް ބިނާކުރެވޭ ޒަމާނީ އެ މިިސްކިތް މިއަހަރުގެ ޑިސެމްބަރު މަހުގައި އިރާދަކުރެއްވިއްޔާ ހުޅުވޭނެއެވެ. އަދި މަޖީދީމަގުގައި ހުންނަ ޒިކުރާ މިސްކިތް އަންނަ ޖަނަވަރީ މަހުގައި ފެށޭނެއެވެ. އެތަން ވެސް ވަނީ ބަޔަކާ ޙަވާލުކުރެވިފައެވެ. މިހާރު ކުރިއަށް ދަނީ ޑިޒައިން ކުރުމުގެ މަރްޙަލާއެވެ.
ވިލިމާލެގައި ބާވެފައި ހުރި ސަލާމް މިސްކިތް ތަޅާލައި އެތަނުގައި ވެސް ޒަމާނީ ބޮޑު މިސްކިތެއް އެޅުމުގެ މަސައްކަތް ފެށޭނެއެވެ. އެތަންވެސް ވަނީ ބަޔަކާ ޙަވާލު ކުރެވިފައެވެ. މިހާރު ކުރިއަށް ދަނީ ޑިޒައިންކުރުމުގެ މަރްޙަލާއެވެ. ބޮޑުގެ ވަގުތީ މިސްކިތް ހުރި ތަނުގައި ދަޢުވާ ސެންޓަރަކާއެކު ހަތަރު ބުރީއަށް ބިނާކުރެވޭ ޒަމާނީ ބޮޑު މިސްކިތުގެ ބިންގާ މާދަމާ (30 އޮކްޓޫބަރު ،2025) އެޅިގެންދާނެއެވެ. 2 އަހަރު ތެރޭ މި ހުރިހައި ތަންތަން ﷲ ގެ ހެޔޮ ރަޙުމަތްފުޅާއެކު ނިމޭނެއެވެ.
ހުޅުމާލެ ފޭސް 1 ގައި ހުރި ވަގުތީ މިސްކިތް ހުރިތަނުގައި ވެސް އެދަނީ ބޮޑު ޒަމާނީ މިސްކިތެއް ބިނާކޮށް ނިމެމުންނެވެ. މިހުރިހައި ތަނަކަށް ވަނީ ހެޔޮ އެދޭ ފަރާތްތަކުން ސްޕޮންސަރ ލިބިފައެވެ. ދެން ބާކީ މާލެ ސިޓީގައި ހުންނާނީ ބާވެފައި ހުރި އެންމެ މިސްކިތެކެވެ. އެއީ ހެންވޭރު މަސްޖިދު ޢަފީފުއްދީނެވެ. ﷲ އިރާދަކުރެއްވިއްޔާ އެތަން ވެސް ޒަމާނީ ފެންވަރަށް ބިނާކުރެވޭނެ މަގު އަންނަ އަހަރު ފަހިވެގެންދާނެއެވެ. މިހުރިހައި މަޝްރޫޢަކަށް ގާތް ގަނޑަކަށް 200 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ޚަރަދުވާނެކަމަށް ލަފާކުރެވެއެވެ.
ﷲ ގެ ޙަޟްރަތަށް ޙަމްދުކޮށް ޝުކުރާއި ޙައްޤުމަތިވެރި ސަނާ އުފުލަމެވެ. މިކަމަށް އެކަލާނގެ މަގު ފަހިކޮށްދެވިކަމަކީ އެކަލާނގެ ދީލަތިވަންތަކަމާއި މިރާއްޖެއަށް އޮތް މަތިވެރި ރަޙުމަތެވެ. މާލެގައި ބާވެފައި ހުރި މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިގެންދާއިރު، އާސާރީ މިސްކިތްތައް ހަމަ އެގޮތުގައި އާސާރީ ތަންތަން ގޮތުގައި ދެމިހުންނާނެއެވެ. ޒަމާނީ މިސްކިތްތައް ބިނާކުރެވިގެން މިދަނީ އިލްމީ އަދި އިޖްތިމާޢީ ގޮތުން ވެސް އެތަންތަން ބޭނުންކުރެވޭނެ ފަދަ ގޮތަކަށެވެ.

ގުޅުންހުރި ލިޔުންތައް
Comments

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *