ތަޢުލީމީ ނިޒާމަކީ ޤައުމެއްގެ ޙަޔާތުގެ މައިބަދައެވެ. މީގެ އަހަރުތަކެއް ފަހުން ޤައުމެއް ބާއްވަން ބޭނުންވާ ގޮތް މިއަދުގެ ތަޢުލީމީ ނިޒާމުގެ ތެރެއިން ކަނޑައެޅިދާނެއެވެ. ތަޢުލިމީ ނިޒާމު ޤައުމުތަކުގައި ބައްޓަންވެފައި އޮންނަނީ ޤައުމީ ތަޞައްވަރެއްގެ މައްޗަށެވެ. ޤައުމުތަކުން ޤަބޫލުކުރާ ދީނާއި ޘަޤާފަތާއި ބަހާތަކުގެ މައްޗަށެވެ. އެހެންކަމުން ތަޢުލީމީ ނިޒާމުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން އަތް ބާނަށް އެއްވެސް ޤައުމަކުން ޖާގައެއް ނުދެއެވެ. ދުނިޔޭގައި މިކަން ހިގާ ގޮތަކީ މިއީއެވެ.
ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތަޞައްވަރު ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާންވެފައި އެބަ އޮތެވެ. ތަޢުލީމީ ނިޒާމުގެ ތެރެއަށް ގެންނަ އެންމެހާ ބަދަލުތަކާއެކު އެ ތަޞައްވަރު ދަމަހައްޓަން ޖެހޭނެއެވެ. ޤާނޫނު އަސާސީގެ (އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ބާބުގައި) އުނގެނުމުގެ ޙައްޤު ބަޔާންކުރާ މާއްދާ (36) ގެ (ނ) ގައި ބަޔާންވެގެންވަނީ ” ތަޢުލީމީ ނިޒާމުގެ ތެރެއިން އިސްލާމްދީނަށް ބޯލަނބައި ކިޔަމަންގަތުމަށް ބާރު އެޅުމަށާއި އިސްލާމްދީނަށް ލޯބި ޖެއްސުމަށާއި އިންސާނީ ޙައްޤުތަކަށް އިޙުތިރާމް ކުރުމަށާއި ޢާއްމުކޮށް އެންމެންގެ މެދުގައި ޞުލްޙަ މަސަލަސްކަމާއި ރަޙުމަތްތެރިކަން ބާއްވައިގެން އުޅުމުގެ މުހިންމުކަން އަންގައިދީ މިކަންކަން ކުރިއެރުވުމަށް ބާރު އަޅަންވާނެއެވެ.”
އިސްވެ ދިޔަ ދުސްތޫރީ ނައްޞުގައި އެވަނީ ދިވެހި ދައުލަތުގެ ތަޢުލީމީ ނިޒާމު އޮންނަންވާ ގޮތުގެ ތަޞައްވަރެވެ. އެހެންކަމުން، ތަޢުލީމީ ނިޒާމުގެ ތެރެއިން އިސްލާމްދީން ދެކެ ލޯބިވާ ދަރީން އުފެދުމަށް މަގުފަހި ކުރަންޖެހެއެވެ. މި ނޫން ގޮތަކަށް ރާއްޖޭގެ ތަޢުލީމީ ނިޒާމު ބައްޓަން ކޮށް ސެކިއުލަރ ކުރުމަށް ބާރު އެޅުމަކީ ނުރައްކާތެރިކަން ބޮޑު ކަމެކެވެ. އެފަދަ ކަމެއް ހިގާ ނަމަ އެކަމެއް ހުއްޓުވަންޖެހޭނެއެވެ.
ކަމާބެހޭ ޢިލްމުވެރިންނާއި މުފައްކިރުންގެ ބެލުމުގެ ދަށުން މި ޒަމާނުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ރިޢާޔަތްކޮށް އިސްލާމީ މުޤައްރަރުތަކަށް އުނި އިތުރު ގެނައުމަކީ ވަކި މައްސަލައެކެވެ. ދުނިޔެއަށް އަންނަ ތަރައްޤީއާއި ބަދަލު ތަކަށް އަމާޒުކޮށް މައުޟޫޢުތައް ތަރައްޤީކުރުމަކީ ބޭނުންތެރިކަކެމެވެ. އަޤީދާގެ ބައިތަކުގެ އިތުރުން، އިސްލާމީ ޙަޟާރަތުގައި އިންސާނީ ޙައްޤުތައް ނެގެހެއްޓުމަށް ދީފައިވާ މުހިންމުކަމާއި ޢުމްރާނީ ކުރިއެރުމާއި އުފެއްދުންތެރިކަމާއި ތަރައްޤީއަށް ދެވިފައިވާ މުހިންމުކަމާއި އިލްމީ ގޮތުންނާއި އިޤުތިޞާދީ ގޮތުންނާއި އިޖުތިމާޢި ގޮތުންނާއި އިސްލާމީ ޙަޟާރަތުގައި ހޯދާފައިވާ ކުރިއެރުންތަކާއި ކުރިއެރުން ހޯދުމަށް ބާރު އަޅާފައިވާ މިންވަރާއި އަޚްލަޤާއި މުޢާމަލާތުގެ ފިލާވަޅުތައް އަންނަންޖެހޭނެއެވެ. އިސްލާމީ ޙަޟާރަތުގައި މީސްތަކުން އުޅެމުން ދިޔަ ޞުލްހަވެރިކަމުގެ މިސާލުތައް އެނގެންޖެހެއެވެ. އިސްލާމީ ޢަޤީދާގެ އަލީ ގައި އިންސާނުން ޙަޟާރަތެއް ބިނާކުރިކަން އެނގެން ޖެހެއެވެ. އިސްލާމްދީން ނޫން ސަމާވީ އެހެން އެއްވެސް ދީނަކަށް ޙަޟާރަތެއް ނިސްބަތް ކުރެވިފައި ނެތްކަން ވެސް އެނގެންޖެހެއެވެ. އިސްލާމީ ޙަޟާރަތުގެ އަލީގައި ދީންތަކުގެ މީހުންނަށް ލިބުނު އަމާންކަމާއި އުޅެމުން ދިޔަ ޞުލްހަވެރިކަން ދަސްކުރަންވެސް ޖެހެއެވެ. މާތް ނަބިއްޔާގެ ރަޙުމަތުގެ މަތިވެރި ނަބަވީ ޝަޚުޞިއްޔަތުން މިސާލުތައް ދަސްކޮށްދެވެން ޖެހެއެވެ. މިހާރު ހުރި މުޤައްރަރުތައް މުރާޖިޢާކުރެވޭ ނަމަ މިކަންކަމަށް ރިޢާޔަތްކުރެވެންވާނެކަމުގައި ދެކެމެވެ.