Anger2_153553

ނަފުރަތުގެ ކުށް ބަޔާންކުރާ ބިލާއި މެދު އަޅުގަނޑުގެ ޚިޔާލު!

ނަފުރަތު އުފެއްދުމުގެ ޢަމަލުތައް އިސްލާމްދީނުގައި ވަނީ މަނާކުރައްވާފައެވެ. ދީނަށް ފުރައްސާރަކުރުމާއި ދޮގު ހެދުމާއި ދޮގު ފެތުރުމާއި ތަފާތުކުރުމާއި އަބުރާ ބެހުމާއި އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަކުރުމާއި ނުބައި ލަޤަބުތަކުން ގޮވުމާއި އޮޅުވާލުމާއި ނުޙައްޤުން ލޭ އޮހޮރުވާލުމާއި މިފަދަ ކަންކަންވަނީ ނަހީކުރައްވާފައެވެ.
އިސްލާމީ ޝަރީޢާގައި ކަނޑައެޅިގެންވާ އުޞޫލުތަކާއި ޤަވާޢިދުތަކާއި ޟަވާބިޠުތަކާ ޚިލާފަށް އެއްވެސް މުސްލިމަކީ ކާފަރެއްކަމުގައި ބުނުމަކީ އިސްލާމީ ޢަޤީދާއާ ޚިލާފުކަމެކެވެ. ޝަރުޢީ ގޮތުން އެކަމުގައި ގޮތް ނިންމުންވަނީ ބޭރުފުށަށެވެ. ހިތްތަކުގައިވާ ކަންކަން ދެނެވޮޑިގެންވާނީ މާތް ﷲ އެވެ.

ނަފުރަތުގެ ޢަމަލު ހުއްޓުވުމުގެ ނަމުގައި ޤާނޫނުލްޢުޤޫބާތަށް ގެންނަން އުޅޭ އިޞްލާޙުގައި ނަފްރަތުގެ ޢަމަލަކީ ކޮބައިކަން ޞަރީޙަކޮށް ބަޔާންކުރަންޖެހޭނެއެވެ. އިސްލާމްދީނުގެ ޤަދަރު ކުޑަކޮށް ދީނުގެ ޝިޢާރުތަކަށް ފުރައްސާރަކޮށް ތައުހީނުކުރުމުގެ އެންމެހާ ފިކުރުތައް ފެތުރުމާއި ޢަމަލުތައް ހިންގުން ޞަރީޙަކޮށް ޤާނުގައި މަނާކުރެވެން ޖެހޭނެއެވެ. އިސްލާމީ މުޖުތަމަޢުތަކުގައި ނަފްރަތުގެ ޢަމަލުގެ ފެށޭ ހިސާބަކީ އެއީ އެވެ. އިސްލާމީ ޢަޤީދާއާ ދެކޮޅު ބާޠިލު ފިކުރުތަކާއި ޢަމަލުތައް ހުއްޓުވުމަށް އިސްލާމީ ޢަޤީދާގެ އަލީގައި ޢިލްމީ ހުއްޖަތުގެ މައްޗަށް ބިނާކޮށް ދެވޭ ދަޢުވަތަކީ ނަފުރަތުގެ ޢަމަލުގެ މަފްހޫމުގެ ތެރޭގައި ހިމެނޭ ކަމަކަށް ވެގެން ނުވާނެއެވެ.

ޤާނޫނަށް ގެންނަ ބަދަލުގެ ސަބަބުން އިސްލާމީ ޝަރީޢަތުގައި ކަނޑައެޅި ބަޔާންވެގެންވާ (ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމުގެ) މަތިވެތި އަސާސަށް އެއްވެސް އުނިކަމެއް އައިސްގެން ނުވާނެއެވެ. ޤުރުއާނާއި ސުންނަތުގައިވާގޮތުން އެއީ އިސްލާމީ މުޖުތަމަޢުގެ އިޖުތިމާޢީ ރުކުނެކެވެ.

ނަފުރަތުގެ ޢަމަލު ހުއްޓުވުމަށް ޤާނޫނުލްޢުޤޫބާތަށް ހުށަހެޅިފައިވާ އިޞްލާޙުތަކުގެ ތެރެއަށް “ޝަރުޢީ ޟަވާބިޠު” އިތުރު ކުރަންޖެހޭ ކަމަށް ދެކެމެވެ. އެހެން ނޫން ނަމަ، ހުޅަހަޅާފައި އޮތް ޞީޣާ އޮތް ގޮތުން އިސްލާމީ މުޖުތަމަޢުގައި ޤަސްތުގައި ހިނގާ ދީނާ ޚިލާފު ފިކުރުތައް ހުއްޓުވުމަށް ޤާނުނީ ގޮތުން ހުރަސްތަކެއް މެދުވެރިވެދާނެކަމަށް ފެނެއެވެ.
ޝަރުޢީ ޟަވާބިޠު ތަކުން ބޭރުން މީހުން ކާފިރުކޮށް އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއާ ޚިލާފަށް ހިންގޭ އެންމެހާ ހަރުކަށި ވިސްނުންތަކާއި ޢަމަލުތަކަކީ ވެސް ޤާނޫނީ ގޮތުން ހުއްޓުވަންޖެހޭކަންކަމެވެ.

އިސްލާމީ މުޖުތަމަޢެއްގައި ނަފްރަތުގެ ޢަމަލުތައް ހުއްޓުވަން ޤާނޫނެއް ހަދާ ނަމަ، އެފަދަ ޢަމަލުތައް ހުއްޓުވުމަށް އިސްލާމީ ޝަރީޢަތުގައި ބަޔާންވެގެންވާ އުޞޫލުތަކާއި ފަލްސަފާތަކުގެ އަލީގައި ޤާނޫނު އެކުލަވާލެވިއްޖެ ނަމަ ޤައުމާއި މުޖުތަމަޢަށް ކުރާނެ ފައިދާ ބޮޑުވާނެއެވެ.

ޢަދާވާތްތެރިކަން ކުޑަ މުޖުތަމަޢެއް ބިނާކުރުމުގެ އަަސާސީ މަގަކީ ތަޢުލީމާއި ތަރުބިޔަތު ދިނުމުގެ މަގެވެ. މިގޮތުން އިސްލާމީ ނަޒަރިއްޔާތުގެ އަލީގައި “ވެލިއުސް އެންޑް އެތިކްސް” ތަޢުލީމީ މަންހަޖުގެ ތެެރެއިން އުނގަންނައިދީ އެކަކު އަނެކަކަށް އިޙުތިރާމްކުރާން ދަންނަ ފިކުރީ ގޮތުން ވަޒަން ހަމަ ޝަޚުޞިއްޔަތެއް ބިނާކުރަން ޤައުމީ މަސައްކަތްތަކެއް ކުރަން ޖެހެއެވެ.

މުޖުތަމަޢުގައި ހުންނަ ފިކުރީ، އިޖުތިމާޢީކަންކަން ހައްލުކުރުމުގައި ތަޢުލީމާއި ތަރުބިޔަތުގެ މަގަކީ ކާމިޔާބު މަގެވެ. އިސްލާމްދީނުގައިވާ ޢުޤޫބާތުގެ ޙުކުމްތަކަށް ވުރެ އަޚުލާޤީ ތަރުބަވީ އިރުޝާދުތަކާއި ސިފަތައް ގިނަވެފައިވަނީ ކުށަށް އަރައިގަންނަން ފަސްޖެހޭ އިންސާނަކު ބިނާކުރުމަށެވެ. ފިކުރީ މައްސަލަތަކަކީ ހަމަ އެކަނި އަދަބުދީގެން ޙައްލުކުރެވޭނޭ ކަންކަމެެއްނޫނެވެ. އެކަމަކު އަދަބު ދިނުމަކީ ވެސް އިޞްލާޙީ ފަރުވާގެ ތެރެއިން ހިމެނޭ ކަމެކެވެ. މުޖުތަމަޢާއި ޤައުމުގެ ސަލާމަތަށްޓަކައި އަޅަންޖެހޭ ފިޔަވަޅެކެވެ.

ގުޅުންހުރި ލިޔުންތައް
Comments

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *