މިހާރަކަށް އައިސް ސޯޝަލްމީޑިއާގައި ލިޔާ މީހުންގެ ލިއުންތަކުގައި އިސްލާމްދީނުގެ އުޞޫލުތަކަށް ހުތުރުވާގޮތައް ލިޔެވެމުން އެބަދެއެވެ. ޝައްކެތް ނެތްގޮތުގައި އިސްލާމްދީނުގެ ހުރިހާ ޙުކުމްތަކަކީވެސް ޤަދަރުވެރި، މަތިވެރި ޙުކުމްތަކެކެވެ. އެއަށް ކޮންމެ އިންސާނަކުވެސް ބޯލަނބައި ކިޔަމަންގަންނަންޖެހެއެވެ. ނަމަވެސް ހިތާމަޔަކީ ބައެއް މީހުންދީނުގެ އަސާސުތަކަށާއި، ޙުކުމްތަކަށް ފުރައްސާރަކުރާކަމެވެ. މިއީ އެއްވެސް މުސްލިމަކު ކޮށްގެންވާނެކަމެއްނޫނެވެ.
ކީރިތި ޤުރްއާނާއި މާތް ރަސޫލާގެ ސުންނަތުން ސާބިތުވާންހުރި އެއްވެސް ކަމަކަށް ފުރައްސާރަ ކުރެވިގެން ނުވާނެއެވެ. ދީނުގައި އެކަމެއް ކުރުމަށް އަންގަވާފައިވާ ކަމަކަށް އެއްވެސް އުނިއިތުރެއް ނުގެނެސް އެކަމަކަށް ދޭންޖެހޭ ޤަދަރު އެކަމަކަށް ދޭންޖެހޭނެއެވެ. މިހެންކަމުން ކޮންމެ މުއުމިނެއްގެ ވާޖިބަކަށް ވާންޖެހޭނީ ﷲ އަށާއި ރަސޫލާއަށާއި، މުއުމިންގެ މަގަށް ތަބައަވުމެވެ. އެމަގަކީ ކޮބައިކަން، ޝަރުޢީ ހަމަތަކުގެ އަލީގައި އޮޅުން ފިލުވުމެވެ. ކޮންމެކަމެއްވެސް ކުރުމުގައި ޝަރުޢުގެ ދާއިރާއިން ބޭރުނުވެ އެކަމެއްކުރުމެވެ.