7aa2f9074ad456ffb513d109ad0a15d6

އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތަކުގެ ތެރެއިން މުދާ ޙިމާޔަތްކުރުމުގެ މަޤުޞަދު

މުދަލަށް ލޯބިކުރުމަކީ ކޮންމެ އިންސާނެއްގެ ޠަބީޢަތުގައި މާތް ﷲ ލައްވާފައިވާފައިވާ ފިޠުރީ ސިފައެކެވެ. މުދަލުގެ އަޞްލު ވެރިފަރާތަކީ މާތް ﷲ އެވެ. އެއީ އިންސާނުންނާ ޙަވާލުކުރެވިފައިވާ އަމާނާތެކެވެ. މުދަލާއި ދަރީންނަކީ ދުނިޔޭގައި ޒީނަތެކެވެ. މުދާ ހެޔޮގޮތުގައި ބޭނުންކުރާ މީހުންނަށް ޤިޔާމަތް ދުވަހުގައި ވަނީ މަތިވެރިވެގެންވާ ދަރަޖައެވެ.
ކީރިތި ޤުރުއާނުގައި (المال ) މުދަލުގެ ވާހަކަ ( 86) ފަހަރު ބަޔާންކުރައްވާފައިވެއެވެ. އޭގެ ތެރޭގައި މުފުރަދު ގޮތުގައްޔާއި ޖަމްޢުގޮތުގައްޔާއި މަޢުރިފާއެއްގެ ގޮތުގައްޔާއި ނަކިރާއެއްގެ ގޮތުގައި ބަޔާންކުރުން ހިމެނެއެވެ. މިހުރިހާ ކަމަކުން ދޭހަވަނީ ޤުރުއާނުގައި މުދަލާމެދު ދެއްވާފައިވާ އަހައްމިއްޔަތެވެ. (ލާފީ , 1436)

މުދާ ޙިމާޔަތްކުރުމަކީ ހެޔޮ ގޮތުގައި މުދާ ބޭނުންކުރުމާއި އިސްރާފު ނުކުރުމާއި ﷲ ރުހިވޮޑިގެންވާ ގޮތުގައި މުދަލުން ހޭދަކޮށް މުދާ އިތުރުކުރުމެވެ. މުދާ ޙިމާޔަތް ކުރުމުގެ މަޤުޞަދު ކަނޑައެޅިފައިވަނީ، މުދަލަކީ އިންސާނީ ޙަޟާރަތުގެ މައިބަދަކަމުގައިވާތީއެވެ. މުދަލާ ނުލައި އެއްވެސް ޙަޟާރަތެއް ދެމިއެއް ނޯންނާނެއެވެ. މުދާ ޙިމާޔަތް ކުރުމަކީ އިސްލާމީ ޝަރީޢަތުގެ އެންމެ މަތިވެރި އެއް މަޤުޞަދެވެ.

މުދާޙިމާޔަތްކުރުން މަޤުޞަދެއްކަމުގައި ލެއްވުމުގެ އިތުރުން މުދަލުން ޒަކާތް ނެރުމަކީ އިސްލާމްދީނުގެ އެންމެ މަތިވެރި ފަސް ރުކުނުގެ ތެރެއިން ރުކުނެއްކަމުގައި ވަނީ ލައްވާފައެވެ. އަދި ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ކަނޑައެޅިފައިވާ ކުޅަދާނަކަމުގެ ތެރޭގައި މުދަލުގެ ކުޅަދާނަކަން ލައްވާފައިވެއެވެ. ﷲ ގެ މަގުގައި ޖިހާދުކުރުމުގެ ކުޅަދާނަކަން ވެސް މުދަލާ ގުޅިފައިވެއެވެ. އަދި ދީނުގެ ވަރަށް ގިނަ ކަންކަން ޤާއިމު ކުރުމުގައި މުދަލާ ގުޅިފައިވެއެވެ، (ލާފީ , 1436).

މުދާ ޙިމާޔަތްކުރުމަށްޓަކައި އިސްލާމީ ޝަރީޢަތުގައި ޤަވާޢިދުތަކެއް ކަނޑައަޅުއްވާފައިވެއެވެ. އޭގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
ދިރިއުޅުމަށްޓަކައި މުދާ ހެޔޮގޮތުގައި ހޯދުމަށް ބާރު އަޅުއްވާފައިވެއެވެ. (هُوَ الَّذِي جَعَلَ لَكُمُ الْأَرْضَ ذَلُولًا فَامْشُوا فِي مَنَاكِبِهَا وَكُلُوا مِنْ رِزْقِهِ وَإِلَيْهِ النُّشُورُ) (الملك:15) ” ތިޔަބައިމީހުން ބުނާއެއްޗެއް ސިއްރުކުރާށެވެ! ނުވަތަ އެ ފާޅުކުރާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ހިތްތަކުގައި ވާހާކަމެއް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.” މިއާޔަތުގެ ތަފްސީރުގައި އަލްއިމާމު އިބުނު ކަޘީރު ވިދާޅުވެފައިވެއެވެ: ބިމުގެ ކޮންމެ ހިސާބެއްގައި ބޭނުން ގޮތަކަށް ދަތުރުކުރާށެވެ. ރިޒުޤު ހޯދުމަށާއި ގަނެވިޔަފާރިކުރުމަށްޓަކައި ބިމުގެ އެކި ސަރަޙައްދުތަކަށް ގޮސް އައިސް އުޅޭށެވެ. އަދި ދަންނާށެވެ. މާތް ﷲ ތިޔަބައިމީހުންނަށް އެކަންކަން ފަސޭހަކޮށްދެއްވައިފުމަށް ދާންދެން ތިޔަބައިމީހުން ކުރާ ކަމަކުން ފައިދާއެއް ނުވެއެވެ. (އިބުނު ކަޘީރު, 2000).

– މަސައްކަތްތެރިކަމަށް ބާރު އަޅުއްވާފައިވުން: މިކަމާ ގުޅިގެން ކީރިތި ރަސޫލާ ހަދީސްކުރައްވާފައިވެއެވެ.(مَا أَكَلَ أَحَدٌ طَعَامًا قَطُّ خَيْرًا مِنْ أَنْ يَأْكُلَ مِنْ عَمَلِ يَدِهِ وَإِنَّ نَبِيَّ اللَّهِ دَاوُدَ عَلَيْهِ السَّلَام كَانَ يَأْكُلُ مِنْ عَمَلِ يَدِهِ) (رواه البخاري: 2072). ” އެމީހެއްގެ އަމިއްލަ އަށް ކުރާ މަސައްކަތަކުން ހޯދާގަތް ވަރުގެ ރަނގަޅު އެއްޗެއް މީހަކު ނުކާނެއެވެ. ހަމަކަށަވަރުން މާތް ﷲގެ ނަބިއްޔާ ދާވޫދު ޢަލައިހިއްސަލާމް ފަރިއްކުޅުއްވައި އުޅުއްވީ އަމިއްލަފުޅަށް މަސައްކަތްކުރައްވައިގެންނެވެ ”
– ވިޔަފާރީގެ މުޢާމަލާތުތައް ހުއްދަކުރެއްވިއެވެ. މިގޮތުން ގަނެވިއްކުމާއި ރަހުނުކުރުމާއި ދަރަނީގެ މުޢާމަލާތްތަކާއި ޝަރިކާއާއި މުސާޤާތާއި މުޒާރަޢާ، އަދި މި ނޫންވެސް އެކި އެކި ވިޔަރީގެ ޢަޤުދުތަކާއި މުޢާމަލާތްތައް، އެހެންމީހުންގެ ޙައްޤުތަށް ނުޙައްޤުން އަރައިގަތުމެއް ނެތް ގޮތުގައި ހުއްދަކުރައްވާފައިވެއެވެ. (ލާފީ , 1436)

ޙަލާލުގޮތުގައި މުދާ ހޯދުމަށް އަމުރު ކުރައްވާފައިވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ وَاشْكُرُوا لِلَّهِ إِنْ كُنْتُمْ إِيَّاهُ تَعْبُدُونَ) (البقرة: 172). “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން ހަމައެކަނި اللَّه އަށް އަޅުކަންކުރާ ކަމުގައިވާނަމަ، އެކަލާނގެއަށް ޝުކުރުވެރިވާށެވެ.”

ޝައްކެއްނެތް ގޮތުގައި ޙަލާލު ގޮތުގައި މުދާ ހޯދައި ޙަލާލު ގޮތުގައި މުދާ ބޭނުންކުރުމަކީ މުދާ ޙިމާޔަތްކުރުމުގެ އެންމެ ހެޔޮ މަގެވެ.
އިސްލާމީ ޝަރީޢަތުގެ ނުޞޫޞުތަކަށް ނަޒަރު ހިންގާލާއިރު، މުދަލަށް ގެއްލުން ލިބިދާނެ އެންމެހާ މަގެއް ބަންދުކުރައްވާފައެވެ. އަދި ނުޙައްޤުން މުދަލަށް އަރައިގަންނަ ފަރާތްތަކަށް ޢުޤޫބާތް ކަނޑައަޅުއްވާފައިވެއެވެ. މިގޮތުން ކަނޑައެޅިފައިވާ ބައެއް ކަންކަން މިތަނުގައި ބަޔާންކުރަމެވެ.

މުދާ އިސްރާފު ކުރުން ޙަރާމްކުރައްވާފައިވެއެވެ. މާތް ވަޙީކުރައްވާފައިވެއެވެ. (يَا بَنِي آدَمَ خُذُوا زِينَتَكُمْ عِندَ كُلِّ مَسْجِدٍ وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ) (الأعراف:31) ” އޭ آدم ގެދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި إسراف ނުކުރާށެވެ! ހަމަކަށަވަރުން، إسراف ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ.” އަލްޙާފިޡު އިބުނު ޙަޖަރު ވިދާޅުވެފައިވެއެވެ. މުދާ އިސްރާފުކުރުން ޙަރާމްވެގެންވަނީ، މުދަލަކީ އަޅުތަކުންގެ މަޞްލަޙަތުތައް އޭގެ މަތީގައި ޤާއިމުވެގެންވާ އަސާސެއްކަމުގައިވާތީއެވެ. މުދާ އިސްރާފުކޮށް ފައިދާއެއް ނެތް ގޮތުގައި ނަގާލުމަކީ އެކަން ކުރާ ފަރާތާއި އެހެންމީހުންގެ ޙައްޤުތައްވެސް ގެއްލިގެން ހިގައިދާނެކަމެކެވެ. (އިބުނު ޙަޖަރު , 1379)

މުދާ ގެންގުޅެން ނޭނގޭ މީހުންގެ އަތުން މުދަލުގެ ބެލެނިވެރިކަން ނެގުން. މާތް ވަޙީކުރައްވާފައިވެއެވެ. ( وَلَا تُؤْتُوا السُّفَهَاءَ أَمْوَالَكُمُ الَّتِي جَعَلَ اللَّـهُ لَكُمْ قِيَامًا وَارْزُقُوهُمْ فِيهَا وَاكْسُوهُمْ وَقُولُوا لَهُمْ قَوْلًا مَّعْرُوفًا) ( النساء:5) ” އަދި، ދޯދިޔާ މީހުންނަށް، (އެބަހީ: ވިޔާނުދާ خرد ކޮށް، إسراف ކޮށް އުޅޭމީހުންގެ އަތަށް) ތިޔަބައިމީހުންގެ އަތުގައިވާ އެއުރެންގެ މުދާތައް ނުދޭށެވެ! އެ މުދަލަކީ، ދިރިއުޅުން ހިފަހައްޓައިދެނިވި ބާރެއްކަމުގައި اللَّه ތިޔަބައިމީހުންނަށް ލައްވާފައިވާ އެއްޗެކެވެ. އަދި، ތިޔަބައިމީހުން އެއިން، އެއުރެންނަށް ކާންދޭށެވެ! އަދި އެއުރެންނަށް އަންނައުނު ދޭށެވެ! އަދި، ތިޔަބައިމީހުން، އެއުރެންނަށް ހެޔޮބަސް ބުނާށެވެ! ”

މި އާޔަތުގެ ތަފްސީރުގައި އަލްޢައްލާމާ އައްސަޢްދީ ވިދާޅުވެފައިވެއެވެ: (السفهاء) އަކީ (سفيه) ގެ ޖަމްޢެވެ. އެއީ ބުއްދި ހަމަ ނުޖެހުމާއި މޮޔަވުމުގެ ސަބަބުން ރަނގަޅު ގޮތުގައި މުދާ ގެންގުޅެން ނޭނގޭ މީހުންނާއި ކުޑަކުއްޖަކަށްވުމުގެ ސަބަބުން، ނުވަތަ ހަރުދަނާ ކަމެއް ނެތުމުގެ ސަބަބުން ސަބަބުން މުދާ ގެންގުޅެން ނޭނގޭ މީހުންނެވެ. މިފަދަ ފަރާތްތަކުގެ މުދާ އެފަރާތާ ޙަވާލު ކުރުން ވާރިސުންނަށް ނަހީ ކުރައްވާފައިވެއެވެ. އެހެނީ މުދަލަކީ އަޅުތަކުންގެ އެންމެހާ ކަމެއް އޭގެ މަތީގައި ޤާއިމުވެގެންވާ ވަސީލަތެވެ. ސަފީހުންނަކީ ރަނގަޅު ގޮތުގައި މުދަލުގެ ބޭނުންކުރަން ނޭނގޭ މީހުންނެވެ. ނަމަވެސް، އެމީހުންގެ މުދަލުން އެމީހުންނަށް ހޭދަކުރަންޖެހޭނެއެވެ. އެމީހުންގެ ބޭނުންތައް ފުއްދައިދޭންވާނެއެވެ. އަދި އެމީހުން މުދާ ގެންގުޅެވޭ ވަރަށް ހަރުދަނާވީ ދުވަހަކުން އެމީހުންގެ މުދާ އެމީހުންނާ ޙަވާލުކުރެވޭނެ ވާހަކަ ބުނެ ހިތް ހެޔޮ ކަމާއެކު މުޢާމަލާތު ކުރަންވާނެއެވެ. (އައްސަޢުދީ, 2002)

ވައްކަންކުރާ މީހުންނަށް ޙައްދު ކަނޑައަޅާފައިވުން. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ( وَالسَّارِقُ وَالسَّارِقَةُ فَاقْطَعُوا أَيْدِيَهُمَا جَزَاءً بِمَا كَسَبَا نَكَالًا مِّنَ اللَّـهِ ۗ وَاللَّـهُ عَزِيزٌ حَكِيمٌ)(المائدة: 38) ” ވައްކަންކުރާ ފިރިހެނާއާއި، ވައްކަންކުރާ އަންހެނާ (ދަންނާށެވެ!) ފަހެ، ތިޔަބައިމީހުން އެ ދެމީހުންގެ އަތްތައް ބުރިކުރާށެވެ! (އެއީ) އެ ދެ މީހުން ކުޅަކަންތަކުގެ ޖަޒާއަކަށް، اللَّه ގެ حضرة ން ކަނޑައަޅުއްވާފައިވާ عبرة ތެރި عقوبات އެއްގެ ގޮތުންނެވެ. اللَّه އީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ. ” .މިއީ މާތް ﷲ ގެ ޙުކުމްފުޅެކެވެ. މިޙައްދަކީ ވަކި ޝަރުޠުތަކާއި ހަމަތަކެއްގެ މަތިން ޤާއިމު ކުރެވޭ ޙައްދެކެވެ. މިގޮތުން ވަގަށް ނަގާ އެއްޗަކީ ދީނާރެއްގެ ހަތަރު ބައިކުޅަ އެއްބަޔަށް ވުރެ އަގު ހުރި އެއްޗަކަށްވުމާއި ޙިރުޒުގައި ރައްކާކުރެވިފައިވާ އެއްޗަކަށްވުމާއި ސިއްރިޔާތުގައި ނެގުން ފަދަ ޝަރުޠުތައް ކަނޑައެޅިފައިވެއެވެ. މިހެންކަމުން ފާޅުގައި ކުރެވޭ ވައްކަމުންނާއި ޚިޔާނާތާއި ފޭރުން ފަދަ ކަންކަން މިޙުކުމްގެ ތެރެއަށް ނުވަންނާނެކަމުގައި ފިޤުހުވެރިން ބަޔާންކުރައްވާފައިވެއެވެ. ނަމަވެސް މިކަންކަމަކީ ވެސް ޙަރާމްކުރައްވާފައިވާ ކަންކަމެވެ. އަދި އެމުދަލެއްގައި ތިމާއަށް ޙައްޤެއްވާ މުދަލަކުން ވައްކަންކުރާ މީހާގެ މައްޗަށް ވެސް ޙައްދު ޤާއިމު ނުކުރާނެއެވެ. ބައްޕައަކު އޭނާގެ ދަރީގެ މުދަލުން ވައްކަން ކޮށްގެން، ނުވަތަ އަގެއް ނެތް މުދަލަކުން ( އެބަހީ: ޝަރުޢީ ގޮތުން އަގެއް ނެތް ތަކެއްޗެވެ. އެއީ މާތް ﷲ ޙަރާމްކުރައްވާފައިވާ ތަކެއްޗެވެ. މިސާލަކަށް ބަގުރާއާއި އޫރު ފަދަ ތަކެތިން) ވައްކަން ކުރުން ފަދަ ޙާލަތްތަކުގައި ޙައްދު ޤާއިމު ނުކުރެވޭނެއެވެ. އަދި އެކަމެއްގައި އެއްވެސް ޝުބުހައެއް އޮތްކަމެއްގައި ވެސް ޙައްޤު ޤާއިމު ނުކުރެވޭނެއެވެ. ޝަރުޢީ ގޮތުން ޙައްދު ޤާއިމުކުރުމުގެ ޝަރުޠު ފުރިހަމަ ނުވާ ޙާލަތްތަކުގައި، ނަސޭޙަތް ދިނުން ނުވަތަ ތަޢުޒީރު ކުރެވިދާނެއެވެ. މި މައުޟޫޢުގައި މި ނޫންވެސް ގިނަ ކަންކަން ފިޤުހުވެރިން ފާހަނގަކޮށްފައިވެއެވެ.

މަގު ފޭރޭ މީހުންގެ މައްޗަށް ޙިރާބާގެ ޙައްދު ކަނޑައެޅުން: މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ( إِنَّمَا جَزَاءُ الَّذِينَ يُحَارِبُونَ اللَّـهَ وَرَسُولَهُ وَيَسْعَوْنَ فِي الْأَرْضِ فَسَادًا أَن يُقَتَّلُوا أَوْ يُصَلَّبُوا أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُم مِّنْ خِلَافٍ أَوْ يُنفَوْا مِنَ الْأَرْضِ ۚ ذَٰلِكَ لَهُمْ خِزْيٌ فِي الدُّنْيَا ۖ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ) (المائدة:33) ” اللَّه އާއި، އެކަލާނގެ رسول އާއާ ހަނގުރާމަކޮށް އުޅޭ މީހުންނާއި، ބިމުގައި فساد ކުރުމަށް މަސައްކަތް ކޮށްއުޅޭ މީހުންގެ ޖަޒާއެއް ކަމުގައިވާކަން ކަށަވަރީ އެއުރެން މެރުމެވެ. ނުވަތަ صليب އަށް އެރުވުމެވެ. ނުވަތަ، ތަފާތުކޮށް އެއުރެންގެ އަތްފައި ބުރިކުރުމެވެ. (އެބަހީ: ކަނާތާއި، ވާތުފައި ނުވަތަ ވާތާއި، ކަނާތުފައި ބުރިކުރުމެވެ.) ނުވަތަ، ރަށުން ފޮނުވައިލުމެވެ. އެއީ އެއުރެންނަށް ދުނިޔޭގައި ހުރި ނިކަމެތިކަމެވެ. އަދި آخرة ގައި، އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ. ”

މީސްތަކުންގެ މުދާ ނުޙައްޤުން ކެއުމަކީ ފާފައެއްކަމުގައި ކަނޑައެޅުން. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ( وَلَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ وَتُدْلُوا بِهَا إِلَى الْحُكَّامِ لِتَأْكُلُوا فَرِيقًا مِّنْ أَمْوَالِ النَّاسِ بِالْإِثْمِ وَأَنتُمْ تَعْلَمُونَ ) (البقرة:188 ) ” އަދި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި باطل ގޮތުގައި ނުކާށެވެ! އަދި ތިޔަބައިމީހުން ދެނެތިބެގެންމެ، ފާފަވެރި ގޮތުގައި މީސްތަކުންގެ މުދާތަކުގެ ތެރެއިން ބައެއް ކެއުމަށްޓަކައި އެ މުދާތައް (އެބަހީ: އެ މުދާތަކުން ބައެއް) حاكم ންނަށް ނުދޭށެވެ! ”

މުދަލަށް އިހުމާލުވުން ޙަރާމްކުރައްވައި އިހުމާލުވާ ފަރާތް ޒިންމާކުރުވުން. ކީރިތި ރަސޫލާ ޙަދީސްކުރައްވާފައިވެއެވެ. (مَنْ أَخَذَ أَمْوَالَ النَّاسِ يُرِيدُ أَدَاءَهَا أَدَّى اللَّهُ عَنْهُ وَمَنْ أَخَذَ يُرِيدُ إِتْلَافَهَا أَتْلَفَهُ اللَّهُ ) (رواه البخاري: 2387 ) ” މީސްތަކުންގެ އަތުން އަބުރާ ދެއްކުމަށް މުދަލެއް ހޯދައިފި މީހަކަށް އެ މުދަލެއް އަނބުރާ ދެއްކުމުގައި ﷲ ތައުފީޤު ދެއްވާނެއެވެ. އަދި މުދަލަކަށް އިހުމާލުވެ ގެއްލުންދިނުމަށް މީސްތަކުންގެ މުދާ ނަގާ މީހާ، މާތް ﷲ ގެއްލެނިކުރައްވާނެއެވެ.
އިސްވެ ބަޔާންވެ ދިޔައީ އިސްލާމީ ޝަރީޢަތުގެ އެންމެ މަތިވެރި ފަސް ފަޤުޞަދުގެ ތެރެއިން ފަސްވަނަ މަޤުޞަދެވެ.

ރިފަރެންސް:

އިބުނު ޙަޖަރު , އ. (1379). ފަތުޙުލްބާރީ . -: އަލްމަކްތަބަތުއްސަލަފިއްޔާ .

އިބުނު ކަޘީރު, އ. (2000). ތަފްސީރުލްޤުރުއާނިލްޢަޡީމް. ބެއިރޫތު : ދާރު އިބުނު ޙަޒްމް .

ލާފީ , މ. (1436). ޙިފުޡުލްމާލި ފިލްއިސްލާމި. އައްރިޔާޟު: މަޢުޤިޢުލްމުސްލިމް.

އައްތުވައިލް، ޢ(2017) އައްސަރިޤަތުއްލަތީ ލާ ޤަޠްޢަ ފީހާ، މައުޤިޢު އަލޫކާ.

ގުޅުންހުރި ލިޔުންތައް
Comments

ކިޔުންތެރިންގެ ޚިޔާލުތައް

  1. ވަރަށް ފުރިހަމަ މަސައްކަތެއް ގޮތުގަ ބަލައިގަންނަން ޖަޒާކަﷲ ޚައިރަނ އަޅުގަނޑު ހަނދާންވޭ މީގެ ދިހަ ވަރަކަށް އަހަރުކުރި ސޯގެ ޤުރުއާން ކިޔަވާ އަޑު އަހާ ހިތުން އަޅުގަނޑު މަންމަ ގޮވައިން ރަމަޟާން މަހުގައި އިސްލާމީ މަރުކަޒައް ތަރާވީސް ނަމާދައް ދާ ހަނދާން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *