BEIRUTYABEIRUT-HUSSEIN-ELZEIDI-2

އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތަކުގެ ތެރެެއިން އިންސާނާގެ ބުއްދި ރައްކާތެރިކުރުމުގެ މަޤުޞަދު

ތަޢާރުފު
އިންސާނާގެ ބުއްދި ޙިމާޔަތްކުރުމަކީ އިސްލާމީ ޝަރީޢަތުގެ އެންމެ މަތިވެރި ފަސް މަޤުޞަދުގެ ތެރޭގައި ހިމެނޭ މަތިވެރި މަޤުޞަދެކެވެ. ބުއްދި ޙިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި އިސްލާމީ ޝަރީޢަތުގައި ގިނަގުނަ އުޞޫލުތަކާއި މަބުދައުތަކެއް ކަނޑައަޅުއްވާފައިވެއެވެ. ކައުނުގައި ލައްވާފައިވާ ކަންކަމާމެދު ވިސްނައި ފިކުރު ހިންގައި ޢިލްމު ހޯދައި ބުއްދީގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އިސްލާމްދީނުގައި ގޮވާލައްވާފައިވެއެވެ. މި ކަރުދާހުގައި ޚުލާޞާގޮތެއްގައި ބަޔާންކޮށްފައިވާނީ ބުއްދީގެ ލޮޣަވީ މަފްހޫމާއި މަޤާޞިދުގެ ޢިލްމުގައި ބުއްދި ރައްކާތެރިކުމުގެ އިޞްޠިލާޙުގެ ޙަޤީޤަތަކާއި ބުއްދިއަށް އިސްލާމީ ޝަރީޢަތުގައި މުހިންމުކަން ދެވިފައިވާކަން ހާމަވެގެންދާ ދާއިރާތަކާއި ބުއްދި ރައްކާތެރިކުރުމަށްޓަކައި އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި ކަންކަމުގެ އިތުރުން، ބުއްދި ޙިމާޔަތްކުރުމަށްޓަކައި ޙަރާމްކުރެވިފައިވާ ޙިއްސީ އަދި މަޢުނަވީ ކަންކަމެވެ.

މުހިންމު ލަފުޒުތައް: އަލްޢަޤުލު، ޙިއްސީ، މަޢުނަވީ، މަޤުޞަދު، މަޤާޞިދު، ޢިލްމު، ފިކުރު، ތަރައްޤީ.

އަލްޢަޤްލު( ބުއްދި)ގެ މަފްހޫމް
ޢަރަބި ބަހުގައި ބުއްދި އަށް ބޭނުންކޮށް އުޅެނީ ( العَقْل) އެވެ. ޢަރަބި ބަހުގެ މަޝްހޫރު ޑިކްޝަނަރީ އެއްކަމުގައިވާ އަލްމުޢުޖަމުލްވަސީޠު ގައި ބަޔާންވެގެންވާ ގޮތުން އަލްޢަޤުލުގެ ލޮޣަވީ މަފްހޫމަކީ، އެކަމެއްގެ އަޞްލު ޙަޤީޤަތާ އެއްގޮތަށް އެކަމެއް ދެނެގަތުމެވެ. އެގޮތުން ކަންކަމުން ރައްކާތެރިވުން ހިމެނެއެވެ. (އަނީސް , 2004 )
ޢަރަބި ބަހުގެ ފުންނާބުއުސް ޢިލްމުވެރިއެއްކަމުގައިވާ އަލްޢައްލާމާ އިބުނު މަންޡޫރު ވިދާޅުވެފައިވެއެވެ. އިންސާނާގެ ބުއްދި އަށް ޢަރަބި ބަހުގައި (العقل ) ބޭނުންކުރެވެނީ، ހަލާކުން ސަލާމަތްވުމަށް މަގުފަހިކޮށްދޭތީއެވެ. (އިބުނު މަންޡޫރު, 1414).

ބުއްދި ރައްކާތެރިކުރުމުގެ މަފްހޫމު
އިންސާނާގެ ބުއްދި ރައްކާތެރިކުރުމަކީ ( The preservation of the mind) އިސްލާމީ ޝަރީޢަތުގެ އެންމެ މަތިވެރި ފަސް މަޤުޞަދުގެ ތެރެއިން މަޤުޞަދެކެވެ. މަޤާޞިދުއްޝަރީޢާގެ ޢިލްމުގައި އިންސާނާގެ ބުއްދި ރައްކާތެރިކުރުމުގެ މަފްހޫމަކީ، އޭނާގެ ބުއްދިއަށް ގެއްލުން ލިބިދާނެ ފަދަ ހިއްސީ އަދި މަޢުނަވީ އެންމެހާ ކަމަކުން އޭނާގެ ބުއްދި ޙިމާޔަތްކޮށް ރައްކާތެރިކުރުމެވެ. ބުއްދިއަކީ މާތް ﷲ އިންސާނާއަށް ދެއްވާފައިވާ އެންމެ މަތިވެރި ނިޢުމަތެވެ. އެހެނިހެން މަޚުލޫޤާތްތަކާއި އިންސާނާއާ ދެމެދުގައިވާ ތަފާތު ކަނޑައަޅާ ޖައުހަރަކީ އިންސާނާގެ ބުއްދިއެވެ. އިންސާނާއަކީ މުކައްލަފެއްކަމުގައި ކަނޑައެޅިގެންދަނީ ބުއްދީގެ މައްޗަށެވެ. އަދި އިންސާނާ ޝަރަފްވެރި މަޤުލޫޤެއްގެ ގޮތުގައި ވެގެންދިޔައީ ވެސް ބުއްދިއާއި ބުއްދީގެ އަލީގައި އުފަންވާ ޙިކުމަތުގެ ސަބަބުނެވެ. (ފާރިސް , 2014)
ބުއްދިއަކީ، ކަންކަމުގެ ޙަޤީޤަތް ދެނެގަތުމުގެ ފިކުރީ ވަސީލަތެވެ. ފައިދާ ހުރި ކަންކަމާއި ގެއްލުން ދެނިވިކަންކަން ދެނެގަތުމުގެ ބާރެވެ. ރަނގަޅުކަންކަމުގައި ހިފައި ނުބައިކަންކަމުން ދުރުވެގަނެވެނީ ބުއްދިއާއި ފިކުރު ހިންގައިގެންނެވެ. އިންސާނާގެ ބުއްދި އަށް ގެއްލުން ލިބޭ އެންމެހާ ކަމަކުން ބުއްދި ރައްކާތެރިކުރުމަށްޓަކައި އިސްލާމީ ޝަރީޢަތުގައި އުޞޫލުތަކާއި ކަންތައްތަކެއް ކަނޑައެޅިފައިވެއެވެ. އޭގެ ތެރޭގައި ޙިއްސީ ކަންކަމާއި މަޢުނަވީ ކަންކަން ހިމެނެއެވެ. (އަލްޔޫބީ , 1998)

ބުއްދީގެ މުހިންމުކަން
އިސްލާމީ ޝަރީޢަތުގެ މަޞްދަރުތަކަށް ނަޒަރު ހިންގާލުމުން، އިސްލާމީ ޝަރީޢަތުގައި ބުއްދިއަށް އާދަޔާ ޚިލާފު މުހިންމުކަމެއް ދެއްވާފައިވާކަން ކަށަވަރުވެގެންދެއެވެ. މިގޮތުން ފާހަގަކުރެވޭ މުހިންމު ބައެއްދާއިރާތައް ޚުލާޞާގޮތެއްގައި ބަޔާންކޮށްލާނަމެވެ.

(ހ) ކީރިތި ޤުރުއާން
ކީރިތި ޤުރުއާނުން ފެނިގެންދަނީ، އިންސާނާގެ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި ކަންކަމާމެދު ވިސްނައި ފިކުރު ހިންގުމަށާއި ތަދައްބުރު ކުރުމަށް ގޮވާލާފައިވާ ތަނެވެ. ﷲ ވޮޑިގެންވާކަމަށް ދަލީލުކޮށްދޭ ކައުނީ ޙުއްޖަތްތަކާމެދު ފިކުރު ހިންގުމަށް ޞަރީޙަ އެތައް އާޔަތެއް ކީރިތި ޤުރުއާނުގައި ބަޔާންވެގެންވެއެވެ. އެޙުއްޖަތްތަކުގެ އަލީގައި ބުއްދީގެ ބޭނުންކޮށް ﷲ މަޢުރިފާކޮށް ދެނެގަނެވެއެވެ. ކީރިތި ޤުރުއާނުގައި (العقل ) އާއި އެއާ ގުޅުންހުރި ޞަރީޙަ ލަފްޒުތައް ތިރީސް ހަތަރު މަޤާމުގައި ބަޔާންވެގެންވެއެވެ. އެއިގެ ތެރޭގައި ކައުނީ ޙުއްޖަތާ މެދު ވިސްނައި ފިކުރު ހިންގުމަށާއި ތަޝްރީޢު ކުރެވިފައިވާ އަޙުކާމުތަކާ މެދު ފިކުރު ހިންގުމަށް ގޮވާލައްވާފައިވެއެވެ. (އަލްމުޙާސިބީ , 1971)
ކައުނީ ޙުއްޖަތްތަކާމެދު ވިސްނުމަށް ބާރު އަޅުއްވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (وَمِنْ آيَاتِهِ يُرِيكُمُ الْبَرْقَ خَوْفًا وَطَمَعًا وَيُنَزِّلُ مِنَ السَّمَاءِ مَاءً فَيُحْيِي بِهِ الْأَرْضَ بَعْدَ مَوْتِهَا ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَعْقِلُونَ ) (الروم:24 ) ” އަދި ތިޔަބައިމީހުންނަށް ބިރުދެއްކެވުމުގެ ގޮތުންނާއި (ވާރެއާމެދު) އެދުންވެރި ކުރެއްވުމުގެ ގޮތުން، ވިދުވަރު ތިޔަބައިމީހުންނަށް ދެއްކެވުމާއި، ބިންގަނޑު މަރުވުމަށްފަހު އުޑުން ފެން ވެއްސަވައި، އެ ފެނުގެ ސަބަބުން އެ ބިން އަލުން ދިރުއްވާކަން ވަނީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންނެވެ. ހަމަކަށަވަރުން، ވިސްނާބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.”

އަދި ތަޝްރީޢު ކުރައްވާފައިވާ އަޙުކާމުތަކާމެދު ވިސްނައި ފިކުރުކުރުމަށް ގޮވާލައްވަމުން ވަޙީކުރައްވާފައިވެއެވެ. (وَلِلْمُطَلَّقَاتِ مَتَاعٌ بِالْمَعْرُوفِ ۖ حَقًّا عَلَى الْمُتَّقِينَ * كَذَٰلِكَ يُبَيِّنُ اللَّـهُ لَكُمْ آيَاتِهِ لَعَلَّكُمْ تَعْقِلُونَ ) (البقرة:240-241 ) ” ވަރިކޮށްފައިވާ އަންހެނުންނަށް އެކަށީގެންވާ ހެޔޮގޮތުގައި نفقات ދިނުން ހުށްޓެވެ. تقوى ވެރިންގެ މައްޗަށްވާ حق އެއްގެ ގޮތުގައެވެ. اللَّه، އެކަލާނގެ آية ތައް، ތިޔަބައިމީހުންނަށް އެފަދައިން ބަޔާންކޮށްދެއްވަނީ، ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ.”
މި ނޫންވެސް ވަރަށް ގިނަ މަޤާމު ތަކުގައި ބުއްދީގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް މާތް ﷲ އަންގަވާފައިވެއެވެ. މިކަންކަމުން ދޭހަވެގެން ދަނީ ބުއްދިއާމެދު ދީނުގައި ދެއްވާފައިވާ މުހިންމުކަމާއި ވިސްނައި ފިކުރުކުރުމަށް ބާރު އަޅުއްވާފައިވާ މިންވަރެވެ.

(ށ) ޝަރުޢީ ތަކުލީފުގެ ސަބަބު
އިންސާނާގެ ކިބައިގައި ބުއްދިހުރުމަކީ އެންމެހާ ޝަރުޢީ ތަކުލީފުތަކެއް އުފުލުމުގެ ސަބަބުކަމުގައި ލެއްވިއެވެ. ބުއްދި ނެތް މޮޔަމީހާއާއި ބުއްދި ފުރިހަމަ ނުވާ ކުޑަކުއްޖާއަކީ ޝަރުޢީގޮތުން ތަކުލީފު ލިބިގެންވާ ބައެއްނޫނެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސްކުރައްވާފައިވެއެވެ. (رُفِع القَلمُ عن ثلاثةٍ: عن النَّائمِ حتَّى يستيقظَ، وعن الصَّبي حتَّى يحتلِمَ، وعن المجنونِ حتَّى يَعقِلَ) ( أخرجه الترمذي 1423) މާނައީ، ” ނިދާފަ އޮތް މީހާ ހޭލައްޖައުމަންދާންދެންނާއި ކުޑަކުއްޖާ ބާލިޣުވެއްޖައުމަށްދާންދެންނާއި މޮޔަމީހާ އަށް (ބުއްދި) އަތުވެއްޖައުމަށް ދާންދެންނާއި، މި ތިންމީހުންގެ ކިބައިން (ޝަރުޢީ) ތަކުލީފު އުފުލިގެންވެއެވެ.”

(ނ) ބުއްދިއަށް ގެއްލުންލިބިދާނެ ޙިއްސީ އަދި މަޢުނަވީ ކަންކަން ޙަރާމްކުރައްވައި ބުއްދި ރައްކާތެރިކުރުމަށް ގިނަ ގުނަ އުޞޫލުތަކާއި މަބުދައުތަކެއް ކަނޑައެޅުއްވިއެވެ. މިގޮތުން ކަނޑައަޅުއްވާފައިވާ ކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
• އިންސާނާގެ ބުއްދި ރައްކާތެރިކުރުމުގެ ގޮތުން ބަގުރާއާއި މަސްތުވާ އެންމެހާ ތަކެއްޗެއް ޙަރާމްކުރައްވާފައިވެއެވެ. ބަގުރާއާއި މަސްތުވާތަކެތި ޙަރާމްކުރެއްވުމުގެ މަޤުޞަދަކީ ބުއްދި ޙިމާޔަތްކުރުމެވެ. (ރަޖަބް , 2016) މާތް ﷲ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ * إِنَّمَا يُرِيدُ الشَّيْطَانُ أَن يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ اللَّـهِ وَعَنِ الصَّلَاةِ ۖ فَهَلْ أَنتُم مُّنتَهُونَ ) ( المائدة 90-91 ) އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި نصيب ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، شيطان އާގެ عمل ތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ. شيطان އާ އެދޭކަން ކަށަވަރީ، ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި عداوة ތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި اللَّه ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ، ތިޔަބައިމީހުން ތިޔަތިބީ އެކަންތައްތައް ހުއްޓާލަންހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!). އިސްވެބަޔާންވެ ދިޔަ އާޔަތުން ދަލީލުކޮށްދެނީ ބަގުރާއަކީ، ޙަރާމްވެގެންވާ އެއްޗެއްކަމާއި ބަގުރާ ޙަރާމްކުރެއްވި މަޤުޞަދުވެސް ދޭހަވެއެވެ. ޝައްކެއް ނެތް ގޮތުގައި ބަގުރާއަކީ ހުރިހާ ފާފައެއްގެ މަންމައެވެ. އުންމުލްޚަބާއިޘެވެ. ބަގުރާގެ ސަބަބުން އިންސާނާގެ ބުއްދިއަށް ނުބައި އަސަރުކޮށް އިންސާނީ ވަންތަކަން ގެއްލުވާލައެވެ. އަދި ޞިއްޙީ ގޮތުން ވެސް އިންސާނާއަށް ބޮޑެތި ގެއްލުން ކުރިމަތިކުރެއެވެ. އަދި ބަގުރާގެ ސަބަބުން މުޖުތަމަޢުގައި ޢަދާވާތްތެރިކަމާއި ރުޅިވެރިކަން ފެތުރެއެވެ. ރާ ބޯ މީހުންގެ މައްޗަށް އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައަޅުއްވާފައިވެއެވެ. ރާއާއި ވިދިގެން، މަސްތުވާތަކެތީގެ އެންމެހާ ބާވަތްތަކެއް ޙަރާމްވެގެންވެއެވެ. މަސްތުވެއްޖެ ކޮންމެ އެއްޗަކީ ޙަރާމްވެގެންވާ އެއްޗެކެވެ. މަސްތުވާތަކެތީގެ ކިތައްމެ ކުޑަ މިންވަރެއްވެސް ޙަރާމްވެގެންވެއެވެ. މި އެންމެހާ ތަކެއްޗެއް ޙަރާމްވެގެންވަނީ އިންސާނާގެ ކިޔާނުގައިވާ އެންމެ އަގުހުރި ޖައުހަރުކަމުގައިވާ ބުއްދި ރައްކާތެރިކޮށް ޙިމާޔަތްކުރުމުގެ ގޮތުނެވެ.

• ބުއްދި ރައްކާތެރިކުރުމަށްޓަކައި އިންސާނާގެ ބުއްދިއަށް ގެއްލުންދެނިވި އެންމެހާ ކަމަކުން ރައްކާތެރިކޮށް ޢަޞަބީ ސުލޫކަކީ ވަޒަންހަމަ ސުލޫކެއްގެ ގޮތުގައި ދެމެހެއްޓޭތޯ މަސައްކަތްކުރަން ބާރުއަޅުއްވާފައިވެއެވެ. ހަމަ އެފަދައިން މަސްތުވާތަކެތިން ދުރުވާންޖެހެއެވެ. މަސްތުވާތަކެއްޗާ މެދު ދީނުގައި ކަނޑައަޅުއްވާފައިވާ ޢުޤޫބާތް ތަންފީޒުކުރެވެންޖެހޭނެއެވެ. ހަމަ އެގޮތައް ސިކުނޑިއަށް ގެއްލުންވާ ނުބައި އަޚުލާޤީ ސިފަތަކުން ވެސް ސަލާމަތްވާންޖެހޭނެއެވެ. (ޢަޠިއްޔާ , 2003)

• ޢިލްމު ހޯދުމަށް އަމުރުކުރައްވާފައިވެއެވެ. އިސްލާމީ ރިސާލަތުގެ އެންމެ ފުރަތަމަ އަމުރަކީ ވެސް ޢިލްމު ހޯދުމަށް ބާރު އަޅައި އައިސްފައިވާ އަމުރެކެވެ. މިހެންކަމުން ބުއްދި ރައްކާތެރިކުރުމަށް އޮތް އެންމެ މުހިންމު ވަސީލަތަކީ ޢިލްމު ހޯދައި ލިބިގަތުމެވެ. ޢިލްމު ހޯދައި ޢިލްމީ ކަންކަމުގައި އިޖުތިހާދުކުރުމާއި ޢިލްމު ހޯދުމަށް ދަތުރުކުރުމާއި މަލަކޫތީ ޢާލަމުގައިވާ ކަންކަމާމެދު ވިސްނުމާއި މިއެންމެހާ ކަންކަންކަމަކީ ބުއްދި އަށް ރައްކާތެރިކަން ގެނެސްދޭނެ ކަންކަމެވެ. އުންމަތަށް ބޭނުންވާ ކޮންމެ ޢިލްމެއް ޙާޞިލްކުރުމަކީ ކިފާޔަތުގެ ފަރުޟެކެވެ. ބޮޑުންނާއި ވެރިންނަށް ކަނު ތަބަޢަވުމުން ސަލާމަތްވާނީ ވެސް ޢިލްމު ލިބިގެންނެވެ. (އަލްޤަރަޟާވީ ޔ. , 2008)

• ޝިރުކުގެ އެންމެހާ ބާވަތްތަކެއް ޙަރާމްކުރައްވާފައިވެއެވެ. މާތްވެގެންވާ އިސްލާމްދީނުގެ އެންމެ މަތިވެރި ދަޢުވަތަކީ ތައުޙީދުގެ ދަޢުވަތެވެ. އެއީ އިންސާނާގެ އަޅުވެތިކަން ﷲ އަށް ޚާލިޞްކުރުމެވެ. އަދި އޭނާގެ ވިސްނުމާއި ފިކުރު، ބުދަށް އަޅުކަންކުރުމާއި، ޚުރާފީ ކަންކަމާއި ސިޙުރުހާހޫރައާއި ޖާދުލާއި ރަމަލު ޖެހުމާއި ފާލުބެލުން ފަދަ ޝިރުކާއި ކަހީނުކަންކަމުގެ އެންމެހާ ބާވަތްތަކުން މިނިވަންކުރުމެވެ. މި ދެންނެވި ޝިރުކުގެ ޢަމަލުތަކުގެ ސަބަބުން އިންސާނާގެ ބުއްދި އެތަކެއްޗާއި ކަންކަމާއެކު ކަސްތޮޅު އެޅެއެވެ. އެތަކެއްޗާއި އެކަންކަމުން މިނިވަންނުވާހާ ހިނދެއްގައި ޙަޤީޤީ މިނިވަންކަމެއްގެ ރާޙަތު އިންސާނާގެ ފިކުރާއި ވިސްނުމަށް ނުލިބޭނެއެވެ.

• އިންސާނާގެ ބުދިއަށް އިޙުތިރާމްކުރުމަށާއި އިންސާނީ ވަންތަކަމުގައި ދެމިހުރުމަށާއި ޖަނަވާރުންގެ ދަރަޖައަށް ނުވެއްޓުމަށް އަމުރު ކުރައްވާފައިވެއެވެ. އެ ދަރަޖައަށް އިންސާނާވެއްޓިގެން ހިނގައްޖެ ނަމަ، ޚުދު ޖަނާރުންނަށް ވުރެ އިންސާނާގެ ދަރަޖަށް ދަށްވެގެންދެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (أَمْ تَحْسَبُ أَنَّ أَكْثَرَهُمْ يَسْمَعُونَ أَوْ يَعْقِلُونَ ۚ إِنْ هُمْ إِلَّا كَالْأَنْعَامِ ۖ بَلْ هُمْ أَضَلُّ سَبِيلًا) ( الفرقان: 44) ” ނުވަތަ އޭގެތެރެއިން ގިނަމީހުން އަހާކަމަށް، ނުވަތަ ވިސްނާކަމަށް، ކަލޭގެފާނު ހީފުޅުކުރައްވަމުތޯއެވެ؟ ޖަނަވާރުތަކެއް ފަދައިން މެނުވީ، އެއުރެން ނުވެތެވެ. އަދި ކިއެއްތަ! އެއަށްވުރެވެސް އެއުރެން މަގުފުރެދުން ބޮޑެވެ.”

އިސްވެ ބަޔާންވެ ދިޔައީ ބުއްދި ޙިމާޔަތްކުރުމަށްޓަކައި ކަނޑައަޅުއްވާފައިވާ މުހިންމު ބައެއްކަންކަމެވެ. މި ތަރަހައިގެ ތެރޭގައި ހިމެނިދާނެ ކިތައްމެ ކަމެއް ޝަރުޢުގައި ކަނޑައެޅިފައިވެއެވެ.

*މީގެ ކުރިން ވެސް މި މައުޟޫޢަށް އަވަސް އޮންލައިގައި ލިޔެފައިވާނެއެވެ. 

 

ރިފަރެންސް

ރަޖަބް , ޢ. (2016, 1 28). އަންވާޢުލްމަޤާޞީދި ވަލްޙާޖަތު އިލައިހާ. ޙިފްޡުލްޢަޤްލި, p. 2.

އަނީސް , އ. (2004 ). އަލްމުޢުޖަމުލްވަސީޠު . މުޖައްމަޢުއްލޮޣަތިލްޢަރަބިއްޔާ : މަކްތަބަތުއްޝުރޫޤުއްދައުލިއްޔާ .

އިބުނު މަންޡޫރު, މ. (1414). ލިސާނުލްޢަރަބް. ބެއިރޫތު : ދާރު ޞާދިރު.

އަލްމުޙާސިބީ , އ. (1971). އަލްޢަޤްލު ވަ ފަހްމުލްޤުރުއާން. -: ދާރުލްފިކްރި .

އަލްޤަރަޟާވީ, ޔ. (2008). ދިރާސަތުން ފީ ފިޤްހި މަޤާޞިދިއްޝަރީޢާ. އަލްޤާހިރާ: ދާރުއްޝުރޫޤު.

އަލްޔޫބީ , މ. (1998). މަޤާޞިދުއްޝަރީޢަތި ވަޢަލާޤަތުހާ ބިލް އަދިއްލަތިއްޝަރުޢިއްޔާ. އައްރިޔާޟު: ދާރުލްހިޖްރާ ލިއްނަޝްރި.

ޢަޠިއްޔާ , ޖ. (2003). ނަޙުވަ ތަފްޢީލި މަޤާޞިދިއްޝަރީޢާ. ސޫރިއާ: ދާރުލްފިކްރި .

ފާރިސް , ޠ. (2014). މަޤާޞިދުއްތަޝްރީޢިލްޖިނާއީ ފިލްއިސްލާމި. އައްޝާރިޤާ: ޖާމިޢަތުއްޝާރިޤާ.

 

ގުޅުންހުރި ލިޔުންތައް
Comments

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *