101

އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތަކުގެ ތެރެއިން ފުރާނަ ޙިމާޔަތްކުރުމުގެ މަޤުޞަދު

ތަޢާރުފު

އިންސާނާއަކީ މާތް ﷲ މި ބިންމަތީގައި ލައްވާފައިވާ އެކަލާނގެ ޚަލީފާއެވެ. މާތް ﷲ ވަނީ އެހެނިހެން މަޚުލޫޤާތްތަކުގެ މައްޗަށް އިންސާނާ މަތިވެރި ކުރައްވައި މާތް ކުރައްވާފައެވެ. އަދި އިސްލާމީ ޝަރީޢަތުގައިވަނީ އިންސާނީ ޙައްޤުތަކާއި ކަރާމަތު މަތިވެރިކޮށްފައެވެ. އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކަށް ނަޒަރު ހިންގާލުމުން އިންސާނާގެ ފުރާނަ ޙިމާޔަތްކުރުމަކީ އިސްލާމީ ޝަރީޢަތުގެ އެންމެ މަތިވެރި ފަސް މަޤުޞަދުގެ ތެރެއިން މަޤުޞަދެއްކަން ހާމަވެގެންދާނެއެވެ. އިންސާނާގެ ފުރާނަ ރައްކާތެރިކޮށް ޙިމާޔަތްކުރުމަށްޓަކައި އިސްލާމީ ޝަރީޢަތުގައި މަތިވެރި ޙުކުމްތަކާއި ޤަވާޢިދުތަކާއި މަބުދައުތަކެއް ކަނޑައަޅުއްވާފައެވެ. މިކަރުދާހުގައި ބަޔާންކޮށްފައިވާނީ އިސްލާމީ ޝަރީޢަތުގެ ނަޒަރުގައި އިންސާނާގެ ފުރާނަ ޙިމާޔަތްކުރުމުގެ މަފްހޫމާއި ފުރާނަ ޙިމާޔަތްކުރުމަށްޓަކައި އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ މައިގަނޑު ކަންތައްތަކެވެ.

މުހިންމު ލަފުޒުތައް: ފުރާނަ، މަޤުޞަދު، ނަފުސު، ޤިޞާޞް، ދިޔަ، ޞިއްޙަތު، ތިމާވެށި، ޙައްޤު، ޢަދުލު، ޤާނޫނު

ފުރާނަ ޙިމާޔަތްކުރުމުގެ މަފްހޫމު

ފުރާނަ ރައްކާތެރިކުރުން (The preservation of the self/soul) ގެ މަފްހޫމަކީ، އިންސާނާގެ ފުރާނަ ދުއްވާލުމަށް ( ދިރިހުރުން ނެތިކޮށްލުމަށް) ނުޙައްޤުން އެއްވެސް ގެއްލުމެއް ލިބިދާނެފަދަ ކަންކަމުން ފުރާނަ ރައްކާތެރިކުރުމެވެ. (އިބްނު ޢާޝޫރު , 2004)
އިމާމު އިބުނު ޢާޝޫރުގެ އިޞްޠިލާޙުގެ މައްޗަށް ނަޒަރު ހިންގާލުމުން ދޭހަވެގެންދަނީ، އިންސާނާގެ ފުރާނަ ރައްކާތެރިކުރުމަކީ އިންސާނާގެ ދިރިހުރުން ކަށަވަރުކުރުންކަމާއި، ދިރިހުރުމަށް ގެއްލުން ލިބިދާނެ އެންމެހާ ދޮރުތަކެއް އިސްލާމީ ޝަރީޢަތުގައި ބަންދުކޮށްފައިވާކަމެވެ.

އިސްލާމީ ޝަރީޢަތުގެ މަޞްދަރުތަކުން އެނގިގެންދަނީ އިންސާނާގެ ފުރާނަ ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީޢަތުގައި ނުހަނު މަތިވެރި ކަމެއްދީފައިވާ ކަމެއްކަމަށެވެ. މިގޮތުން ފުރާނައަށް ދިރުން ހޯދައި ދިނުމަށް ކުރުން ލާޒިމުވެގެންވާ ކަންކަމާއި، ފުރާނައަށް ގެއްލުންލިބޭ ކަންކަމުން ދުރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އިސްލާމީ ޝަރީޢަތުގައި ބަޔާންކުރައްވާފައިވެއެވެ. (ރަޖަބް , 2016)

ނުހައްޤުން އިންސާނާގެ ފުރާނައެއް ދުއްވާލުމަކީ ކަނޑައެޅިގެން މަނާކުރައްވާފައިވާ ކަމެކެވެ. މަންމަގެ ބަނޑުގައި އިންސާނާ ނުޠުފާއެއްގެ ގޮތުގައި ގަރުބަ ގަތީއްސުރެ ފުރާނަ ޙިމާޔަތްކުރުމަށް އިސްލާމީ ޝަރީޢަތުގައި ގޮވާލައްވާފައިވެއެވެ. މިގޮތުން ޝަރުޢީ ޢުޒުރެއް ނެތި ދަރިވެއްޓުން ވެސް ޙަރާމްކުރައްވާފައިވެއެވެ. (ފާރިސް , 2014) މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّـهُ إِلَّا بِالْحَقِّ ۗ وَمَن قُتِلَ مَظْلُومًا فَقَدْ جَعَلْنَا لِوَلِيِّهِ سُلْطَانًا فَلَا يُسْرِف فِّي الْقَتْلِ ۖ إِنَّهُ كَانَ مَنصُورًا) (الإسراء: 33). ” އަދި ތިޔަބައިމީހުން، اللَّه حرمة ތެރިކުރައްވާފައިވާ نفس އެއް حق އަކާ ލައިގެންމެނުވީ ނުމަރާށެވެ! އަދި އަނިޔާގެގޮތުގައި، މަރައިލެވޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާގެ ولى ވެރިޔާއަށް، ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ. ފަހެ، قتل ކުރުމުގައި އޭނާ إسراف ނުކުރާހުށިކަމެވެ! ހަމަކަށަވަރުން، އެ ولى ވެރިޔާއަކީ، نصر ލިބިގެންވާ މީހެއް ކަމުގައިވިއެވެ. “.

ޝައިޚުލް އިސްލާމް އިބުނު ތައިމިއްޔާ ( رحمه الله ) ވިދާޅުވެފައިވެއެވެ. “ދީނާއި ދުނިޔޭގެ ކަންކަމުގައި ފަސާދަ އުފެދެއެވެ. މިގޮތުން ދުނިޔަވީ ކަންކަމުގައި އުފެދޭ އެންމެ ބޮޑު ފަސާދައަކީ ނުޙައްޤުން ފުރާނައެއް ދުއްވާލުމެވެ. އެހެންކަމުން ނުޙައްޤުން ފުރާނައެއް ދުއްވާލުން ހިމެނިގެން ވަނީ، ކުފުރަށް ފަހު، ދެން އޮންނަ އެންމެ ބޮޑު ފާފަކަމުގައެވެ. ކުފުރަކީ ދީނުގައި އުފެދޭ އެންމެ ބޮޑު ފަސާދައެވެ. (އަލްބަދަވީ, 1999)

އިސްލާމީ ޝަރީޢަތުގެ ނަޒަރުން ބަލާއިރު ކޮންމެ ދީނެއްގެ މީހެއްކަމުގައި ވިޔަސް، އެމީހާގެ ފުރާނައަކީ ޙިމާޔަތްކުރެވިގެންވާ އެއްޗެކެވެ. ޞުލްޙަވެރިކަމާއި އަމާންކަމާއެކު، އިސްލާމީ ދައުލަތުގެ ހިޔަލުގައި އުޅޭ، ނުވަތަ އިސްލާމުންނާއެކު ޞުލްޙަވެރިކަމާއެކު އުޅޭ އެންމެހާ މީސްތަކުގެ ފުރާނަ ޙިމާޔަތްކުރުމަކީ ދައުލަތާއި މުޖުތަމަޢާއި އަފުރާދުންގެ މައްޗަށް ވާޖިބުވެގެންވާކަމެކެވެ.

އިސްލާމީ ޝަރީޢަތައި އިންސާނާގެ ފުރާނަ އަށް ދިރުން ކަށަވަރު ކުރުމަށްޓަކައި ގިނަކަންތައްތަކެއް ކަނޑައަޅުއްވާފައިވެއެވެ. މިގޮތުން ކަނޑައަޅުއްވާފައިވާ މައިގަނޑު ކަންކަމުގެ ތެރެއިން ބައެއް މިސާލުތައް ބަޔާންކޮށްލާނަމެވެ.

• އާދަމުގެ ދަރީންނަކީ އިންސާނީ ގޮތުން ކަރާމާތްތެރިކަން ލިބިގެންވާ ބައެއްކަމުގައި ލައްވައި އެންމެހާ އިންސާނުންގެ މެދުގައި ތަފާތުކަމެއް ނެތި، އެންމެންގެ ފުރާނަ އަށް ޙިމާޔަތް ދީފައިވެއެވެ. މާތް ވަޙީކުރައްވާފައިވެއެވެ. (وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا ) (الإسراء:70) “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آدم ގެދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން رزق ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ.” .
މިއާޔަތުން ދޭހަކޮށްދެނީ އިންސާނުންނަކީ މާތް ﷲ މަތިވެރި ކުރައްވާފައިވާ ބައެއްކަމަށެވެ. އެމަތިވެރި ކުރެއްވުން ފުރިހަމަ ވެގެންދަނީ ފުރާނަ ރައްކާތެރިކުރެވިގެންނެވެ. އިންސާނާ ވުޖޫގައި ހުރުމުގެ ޖައުހަރަކީ އޭނާގެ އެ އަގުހުރި ފުރާނައެވެ. އެއްވެސް ކުށެއްނެތި ނުޙައްޤުން ފުރާނަ ދުއްވާލައި އިންސާނީ ކަރާތަށް އަރައިގަތުމަކީ ޖިނާއީ ކުށެކެވެ. އެއީ ދުނިޔެއާއި އާޚިރަތުގައި ޢުޤޫބާތް ހުރިކަމެކެވެ.

• އެންމެ ފުރާނައަކަށް ދިރުން ހޯދައި ދިނުމަކީ މުޅި އިންސާނިއްތަށް ދިރުން ދިނުން ފަދަ ކަމެއްގެ ގޮތުގައި ލައްވައި، އެއްމެ ފުރާނައެއް ނުޙައްޤުން ދުއްވާލުމަކީ މުޅި އިންސާނިއްޔަތު އެކީގައި ޤަތުލުކުރުން ފަދަ ކަމެއްކަމުގައި ކަންޑައަޅުއްވާފައިވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (مِنْ أَجْلِ ذَٰلِكَ كَتَبْنَا عَلَىٰ بَنِي إِسْرَائِيلَ أَنَّهُ مَن قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا ۚ وَلَقَدْ جَاءَتْهُمْ رُسُلُنَا بِالْبَيِّنَاتِ ثُمَّ إِنَّ كَثِيرًا مِّنْهُم بَعْدَ ذَٰلِكَ فِي الْأَرْضِ لَمُسْرِفُونَ ) (المائدة:32) “އެކަމަށްޓަކައި إسـرآئيـل ގެދަރިންގެ މައްޗަށް، ތިމަންރަސްކަލާނގެ ކަނޑައެޅުއްވީމެވެ. نفس އެއް މަރައިގެން، ނުވަތަ ބިމުގައި فساد އެއް އުފައްދައިގެން ނޫންގޮތަކަށް، نفس އެއް މަރައިފި މީހަކު، އެންމެހާ މީސްތަކުން މެރިފަދައެވެ. އަދި އެ نفس ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފިމީހާ) އެންމެހާ މީސްތަކުން ދިރުވިފަދައެވެ. ހަމަކަށަވަރުން، بيان ވެގެންވާ ހެކިތަކާއިގެން، ތިމަންރަސްކަލާނގެ رسول ން އެއުރެންގެ ގާތަށް ވަޑައިގަތެވެ. ދެން އެއަށްފަހު، އެއުރެންގެ ތެރެއިން ގިނަމީހުންނީ ބިމުގައި إسراف ކޮށްއުޅޭ މީހުންކަން ކަށަވަރެވެ. (އެބަހީ: މީހުން މެރުމާއި، كافر ކަމުގައި ހައްދުފަހަނަޅައި ގޮސްފައިވާ މީހުންކަން ކަށަވަރެވެ.)”.

• އަނިޔާއިން ސަލާމަތްވުމަށާއި ފުރާނަ ދިފާޢުކުރުމަށްޓަކައި ޖިހާދުކުރުން ފަރުޟު ކުރައްވާފައިވެއެވެ. އިސްލާމްދީނުގައި ޖިހާދު ފަރުޟު ކުރެއްވުނީ އެހެންދީންތަކުގެ މީހުން ޤަތުލުކުރާކަށް ނޫނެވެ. ކިއެއްތޯ އެވެ. ޖިހާދަކީ އަނިޔާވެރިކަމުން ދިފާޢުވެގަތުމަށް ފަރުޟު ކުރެއްވިކަމެކެވެ. ޖިހާދު ފަރުޟުކުރެއްވުމަށް ބާވާލެއްވި އާޔަތުން މިކަން ހާމަކޮށްދެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (أُذِنَ لِلَّذِينَ يُقَاتَلُونَ بِأَنَّهُمْ ظُلِمُوا ۚ وَإِنَّ اللَّـهَ عَلَىٰ نَصْرِهِمْ لَقَدِيرٌ) (الحج: 39) ” ހަނގުރާމަވެވެމުންދާ މީހުންނަށް، ހަނގުރާމަ ކުރުމުގެ إذن ދެއްވައިފިއެވެ. އެއީ ހަމަކަށަވަރުން، އެއެރުންނަށް އަނިޔާ ލިބުނުކަމަށްޓަކައެވެ. އަދި ހަމަކަށަވަރުން، އެއުރެންނަށް نصر ދެއްވުމަށް، اللَّه ކުޅަދުންވަންތަކަން ކަށަވަރެވެ. މިއާޔަތުން ދިލާލަތުކޮށްދޭ ގޮތުން ހަނގުރާމަ ވެވެމުންދާ މީހުންނަކީ އަނިޔާލިބިފައިވާ ބައެކެވެ. އަދި އެފަދަ ޙާލަތުގައި ދިފާޢުވެގަތުމަށްޓަކައި ޖިހާދުކުރުމުގެ އިޒުނަ މާތް ﷲ ދެއްވީއެވެ.

• ހަނގުރާމައިގެ ޙާލަތުގައި މަދަނީ ފަރާތްތަކަށް ޙިމާޔަތްދެއްވާފައިވެއެވެ. މިކަން ކަށަވަރުކޮށްދެއްވަމުން އަމީރުލްމުއުމިނީން އަބޫކުރުއްޞިއްދީޤު ހިޖުރައިން ބާރަ ވަނަ އަހަރު ޝާމްކަރައަށް ފޮނުއްވި ލަޝްކަރުގެ މީހުންނާ މުޚާޠަބު ކޮށް ވިދާޅުވެފައިވެއެވެ: ( يَا أَيُّها النَّاسُ، قِفُوا أُوصِيكُم بِعَشْرٍ فَاحْفَظُوهَا عَنِّى: لاَ تَخُونُوا وَلاَ تَغْلُوا، وَلاَ تَغْدُرُوا وَلاَ تُمثِّلوا، وَلاَ تَقْتُلوا طِفْلاً صَغِيراً، وَلاَ شَيخاً كَبِيراً وَلاَ امرأةً، وَلاَ تَعْقِروا نَخْلاً وَلاَ تَحْرِقُوه، وَلاَ تَقْطَعُوا شَجَرَةً مُثْمِرَةً، وَلاَ تَذْبَحُوا شَاةً وَلاَ بَقَرَةً وَلاَ بَعِيراً إلاَّ لِمآكلة) ” އޭ މީސްތަކުންނޭވެ! އަޑުއަހަން ތިބޭށެވެ. ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ވަޞިއްޔަތް މިކުރާ ދިހަ ކަންތައް ތިމަންކަލޭގެފާނުގެ ފަރާތްޕުޅުން ތިޔަބައިމީހުން ދަސްކުރާށެވެ. ތިޔައިމީހުން ޚިޔާނާތްތެރި ނުވާށެވެ. އަދި ޣަނީމާގެ މުދަލުން ތިޔަބައިމީހުން ވައްކަން ނުކުރާށެވެ. ޣަދަރުވެރި ނުވާށެވެ. މީހުންގެ ގުނަންތައް ބުރިބުރި ނުކުރާށެވެ. ކުޑަ ކުއްޖަކު ޤަތުލު ނުކުރާށެވެ. ޢުމުރުން ދުވަސްވެފައިވާ މުސްކުޅިއަކު، އަދި އަންހެނަކު ވެސް ޤަތުލު ނުކުރާށެވެ. ކަދުރު ރުކެއް އުފުރާ ނުލާށެވެ. އަދި ކަދުރު ރުކެއްގައި ހުޅުޖަހައި އަންދާ ވެސް ނުލާށެވެ. މޭވާ އަޅާ ގަހެއް ކަނޑާ ނުލާށެވެ. ބަކަރިއެއް ވިޔަސް ގެރިއެއް ވިޔަސް ޖަމަލެއް ވިޔަސް، މިއިން އެއްޗެއް ކެއުމުގެ މަޤުޞަދުގައި ނޫނީ ޒަބަޙަ ނުކުރާށެވެ. . (ބަސްޔޫނީ , 2003).

• މާތް ﷲ މަތިވެރިކުރެއްވި ފުރާނަ އަށް ރައްކާތެރިކަން ދެއްވުމުގެ ގޮތުން، ބަނޑުގައި އޮންނަ ދަރިފުޅަށް ވެސް ޙިމާޔަތްދޭންޖެހެއެވެ. ފަޤީރުކަން ދެކެ ބިރުން ދަރީން ނުމެރުމަށް ވެސް އަންގަވާފައިވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (وَلَا تَقْتُلُوا أَوْلَادَكُم مِّنْ إِمْلَاقٍ ۖ نَّحْنُ نَرْزُقُكُمْ وَإِيَّاهُمْ ۖ) (الأنعام:151) ” އަދި فقير ކަމުގެ ސަބަބުން ތިޔަބައިމީހުން ދަރިން ނުމަރާށެވެ! ތިޔަބައިމީހުންނަށާއި، އެ ދަރިންނަށް رزق ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. ”

• ނަފްސުގެ އެއްވެސް ގުނަވަނަކަށް ނުޙައްޤުން އަނިޔާއެއްދީފި ނަމަ އެކަމުގެ ޢުޤޫބާތްތައް ކަނޑައަޅުއްވާފައިވެއެވެ. އަދި އެއީ އެންމެހާ ސަމާވީ ރިސާލާތު ތަކުގައި ވެސް ކަނޑައަޅުއްވާފައިވާޙުކުމެއްކަން ބަޔާންކުރައްވާފައިވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (وَكَتَبْنَا عَلَيْهِمْ فِيهَا أَنَّ النَّفْسَ بِالنَّفْسِ وَالْعَيْنَ بِالْعَيْنِ وَالْأَنفَ بِالْأَنفِ وَالْأُذُنَ بِالْأُذُنِ وَالسِّنَّ بِالسِّنِّ وَالْجُرُوحَ قِصَاصٌ ۚ فَمَن تَصَدَّقَ بِهِ فَهُوَ كَفَّارَةٌ لَّهُ ۚ وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّـهُ فَأُولَـٰئِكَ هُمُ الظَّالِمُونَ ) (النساء: 45) ” އެ توراة ގައި އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ (قصاص ގެ أصول) ކަނޑައެޅުއްވީމެވެ. ހަމަކަށަވަރުން، نفس އަކަށް نفس އެކެވެ. ލޮލަކަށް ލޮލެކެވެ. ނޭފަތަކަށް ނޭފަތެކެވެ. ކަންފަތަކަށް ކަންފަތެކެވެ. ދަތަކަށް ދަތެކެވެ. زخم ތަކަކީ قصاص ހުރި ކަމެކެވެ. ފަހެ، އެކަން މާފުކޮށްފި މީހާޔަށް އެއީ كفّارة އެކެވެ. އަދި اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ، ހަމަ އަނިޔާވެރިންނެވެ. ” ގައި ކަނޑައަޅުއްވާފައިވެއެވެ.

މި ޙުކުމްތަކުގައި ވެސް މަޢާފް ކުރުމާއި ދިޔަ( ކައްފާރާ) ގެ ޙުކުމްތައް ލައްވާފައިވެއެވެ. މިގޮތައް މިކަންކަމުގައި ލުއި ދެއްވާފައިވަނީ ވެސް ޢަދުލުވެރިކަން ޤާއިމު ކުރުމަށާއި އޯގާތެރިކަމާއި ރަޙުމަތުގެ މަބުދައުތައް ނެގެހެއްޓުމަށެވެ.

• ޤިޞާޞްގެ ޙުކުމް ކަނޑައަޅުއްވާފައިވެއެވެ. ނަފްސެއް ނުޙައްޤުން މަރައިފި ނަމަ އެކަމުގައި ޤިޞާޞްގެ ޙުކުމްތައް ވެސް މާތް ﷲ ބާވާލައްވާފައިވެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.(يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى ۖ الْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالْأُنثَىٰ بِالْأُنثَىٰ ۚ فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاءٌ إِلَيْهِ بِإِحْسَانٍ ۗ ذَٰلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ ۗ فَمَنِ اعْتَدَىٰ بَعْدَ ذَٰلِكَ فَلَهُ عَذَابٌ أَلِيمٌ ) البقرة: 178) ” އޭ إيمان ވެއްޖެ މީސްތަކުންނޭވެ! قتل ކުރެވޭ މީހުންނާމެދު قصاص ހިފުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) أخ އާގެ ފަރާތުން قصاص ގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް (ވާރުތަވެރިޔާ) އެދުން ހުށްޓެވެ. އަދި إحسان ތެރިކަމާއެކު މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އެދިޔަ އަދާކުރުން ހުށްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި رحمة އެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ عداوة ތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި عذاب ހުށްޓެވެ.” ފުރާނައަށް ނުޙައްޤުން ގެއްލުންދިނުމުގެ ބަދަލެއްގެ ގޮތުން ކަނޑައަޅުއްވާފައިވާ ޤިޞާޞްގެ ޙުކުމްތަކުގެ ތެރޭގައި މަރަށް މަރު ހިފުން، ނުވަތަ މަރުގެ ދިޔަ ނަގާފައި ޤާތިލަށް މަޢާފުކުން، ނުވަތަ ދިޔައަކާ ނުލައި އެކީ އެކައްޗަކަށް މަޢާފުކުރުމާއި މި ތިން ޙުކުމް ލައްވާފައިވެއެވެ. އެކަންކަން އެގޮތަށް ލައްވާފައިވަނީ ޢަދުލުވެރިކަމެއްގެ ގޮތުންނެވެ. އެޙުކުމްތަކުގެ ތެރެއިން ވަކި ގޮތެއް ޚިޔާރުކުރުމުގެ ބާރު ދީފައިވަނީ މައްޔިތާގެ ވާރިސުންނަށެވެ. އެކަމުގެ ތެރެއަށް ޝަރުޢީ ހަމަތަކުގެ މަތީން ތަދައްޚުލުވުމުގެ ޙައްޤެއް އެހެން ފަރާތަކަށް ލިބިގެން ނުވެއެވެ. މަޢާފު ހޯދައި ދިނުމުގައި މެދުވެރިއެއްގެ ދައުރު އެހެން ފަރާތަކަށް އަދާކުރެވިދާނެކަމަށް އަޅުގަނޑު ދެކެމެވެ. ނަމަވެސް ވަކި ގޮތެއް ކަނޑައެޅުމުގެ ބާރު އޮންނާނީ ސީދާ ވާރިސުންނަށެވެ.

• އަމިއްލަ ނަފްސު މަރާލުން( ދަންޖެހުން) ވެސް އިސްލާމްދީނުގައި ނަހީކުރައްވާފައެވެ. އަމިއްލަ ނަފްސު މަރާލުމަކީ އިސްލާމީ ޝަރީޢަތުގައި ވަރަށް ބޮޑު ފާފައެކެވެ. އެކަމާ ގުޅިގެން ވަޢީދުގެ ބަސްފުޅުތައް ވާރިދުވެފައިވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސް ކުރައްވާފައިވެއެވެ. (مَنْ قَتَلَ نَفْسَهُ بِحَدِيدَةٍ فَحَدِيدَتُهُ فِي يَدِهِ يَتَوَجَّأُ بِهَا فِي بَطْنِهِ فِي نَارِ جَهَنَّمَ خَالِدا فِيهَا أَبَدا. وَمَنْ شَرِبَ سمّا فَقَتَلَ نَفْسَهُ فَهُوَ يَتَحَسَّاهُ فِي نَارِ جَهَنَّمَ خَالِدا مُخَلَّدا فِيهَا أَبَدا. وَمَنْ تَرَدَّى مِنْ جَبَلٍ فَقَتَلَ نَفْسَهُ فَهُوَ يَتَرَدَّى فِي نَارِ جَهَنَّمَ خَالِدا مُخَلَّدا فِيهَا أَبَدا) أخرجه مسلم (109) ދަނގަޑުން (ކަތިވަޅި، ކަނޑި އެނޫންވެސް ވަސީލަތަކުން) ޖަހައި އަމިއްލަ ނަފްސު މަރައިފި މީހާ ޤިޔާމަތް ދުވަހުން އެ އިން އޭނާގެ ބަނޑުގައި ޖަހަ ޖަހައި އަބަދަށް ނަރަކައިގައި އޮންނާނެއެވެ. އަދި ޒަހަރެއް ބޮއެގެން އަމިއްލަ ނަފްސު މަރައިފި މީހާ އޭގެ އަސަރާއެކު އަބަދަށް ނަރަކައިގައި އޮންނާނެއެވެ. އަދި ފަރުބަދައެއްގެ މައްޗަށް( އުސްތަނަކަށް) އަރައި ފުއްމާލައިގެން އަމިއްލަ ނަފްސު މަރައިފި މީހާ ވެސް އަބަދައްޓަކައި ނަރަކައިގައި ލެއްވޭނެއެވެ.

މިކަންކަމުގެ އިތުރުންވެސް، މީހުން މަރައި މަގުފޭރުމާއި، ނުޙައްޤުން އެކަކު އަނެކަކަށް ހަނގުރާމަކުރުމާއި ނުޙައްޤުން ލޭ އޮހޮރުވުން ފަދަ ކަންކަން ވެސް ޙަރާމްކުރައްވާފައިވެއެވެ. އަދި ޙަރާމްކުރައްވާފައިވާ ތަކެތި ވެސް ފުރާނަ ސަލާމާތްކުރަންޖެހޭ ފަދަ ޟަރޫރީ ޙާލަތުގައި ހުއްދަކޮށްފައިވުމާއި، ފުރާނަ ސަލާމަތްކުރުމަށްޓަކައި، މަޖްބޫރީ ޙާލަތެއްގައި، ހިތުގައި އީމާންކަން ސިއްރުކޮށް، ދުލުން ކުފުރުގެ ބަހެއް ބުނުން ވެސް އިސްލާމީ ޝަރީޢަތުގައި ޖާއިޒު ކުރައްވާފައިވެއެވެ. މިކަންކަމުން ދޭހަވަނީ ފުރާނަ ސަލާމަތްކުރުމަށްޓަކައި އިސްލާމްދީނުގައި ދެއްވާފައިވާ މަތިވެރި ދަރަޖައެވެ.

އިންސާނާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އިސްލާމީ ޝަރީޢަތުގައި ނުހަނު މަތިވެރި މުހިންމު ކަމެއް ދެއްވާފައިވެއެވެ. ފުރާނަގެ މަޞްލަޙަތު ޙިމާޔަތްކުރުމަށްޓަކައްޔާއި ގެއްލުންހުރި ކަންކަމުން ފުރާނަ ސަލާމަތްކުރުމަށްޓަކައި ޙުކުމްތައް ކަނޑައަޅުއްވާފައިވެއެވެ. އެހެނީ އިންސާނާއަކީ މި ބިންމަތީގައި ﷲ ލައްވާފައިވާ މުކައްލަފު ކަމުން އޭނާ އަށް ގެއްލުން ލިބުމަކީ ﷲ އެއްކައުވަންތަކުރާ މުކައްލަފު ނެތިވެގެން ދިއުމެވެ. އިންސާނާ ނެތިވެ ދިއުމަކީ ބިން މަތިން ދީން ނެތިވެ ދިއުމެވެ. (އަލްޔޫބީ , 1998).

މި މައުޟޫޢަށް މީގެ ކުރިން ވެސް އަވަސް އޮންލައިންގައި ޝާއިޢުކޮށްފައިވާނެއެވެ.

ރެފަރެންސް:
ރަޖަބް , ޢ. (28/1/2016). އަންވާޢުލްމަޤާޞީދި ވަލްޙާޖަތު އިލައިހާ. ޙިފްޡުލްޢަޤްލި, p. 2.
ބަސްޔޫނީ , މ. (2003). އަލްވަޘާއިޤުއްދައުލިއްޔާ ބި ޙުޤޫޤިލްއިންސާނި. އަލްޤާހިރާ : ދާރުއްޝުރޫޤު .
އިބްނު ޢާޝޫރު , މ. (2004). މަޤާޞިދުއްޝަރީޢަތިލްއިސްލާމިއްޔާ. އައްދައުޙާ: ވުޒާރަތުއްޝުއޫނިލްއިސްލާމިއްޔާ.
އަލްބަދަވީ, ޔ. (1999). މަޤާޞިދުއްޝަރީޢާ ޢިންދަ އިބްނު ތައިމިއްޔާ. ޖޯޑަން: ދާރުއްނަފާއިސް.
އަލްޔޫބީ , މ. (1998). މަޤާޞިދުއްޝަރީޢަތި ވަޢަލާޤަތުހާ ބިލް އަދިއްލަތިއްޝަރުޢިއްޔާ. އައްރިޔާޟު: ދާރުލްހިޖްރާ ލިއްނަޝްރި.
ފާރިސް , ޠ. (2014). މަޤާޞިދުއްތަޝްރީޢިލްޖިނާއީ ފިލްއިސްލާމި. އައްޝާރިޤާ: ޖާމިޢަތުއްޝާރިޤާ.

ގުޅުންހުރި ލިޔުންތައް
Comments

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *