108

އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތަކުގެ ތެރެއިން އިސްލާމްދީން ޙިމާޔަތްކުރުމުގެ މަޤުޞަދު

ދީން ރައްކާތެރިކުރުމުގެ މާނައަކީ މުސްލިމު އިންސާނާގެ އިސްލާމީ ޢަޤީދާ އަށް ގެއްލުންވެ ފާސިދުވެދާނެ ފަދަ އެންމެހާ ކަން ކަމަކުން ޢަޤީދާ ރައްކާތެރިކުރުމާއި ޢަޤީދާ ދެމެހެއްޓުމުގެ ޢަމަލުތައް ޤާއިމު ކުރުމެވެ. (އިބްނު ޢާޝޫރު , 2004).

އިންސާނުންގެ ޙަޔާތުގައި ދީނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އިންސާނާ އުޅޭނެހާ ގޮތަކަށް އުޅެން ދޫކޮށްކޮށްލައިފި ނަމަ އިންސާނީ ވަންތަކަން ގެއްލިގެން ހިނގައިދާނެއެވެ. އިންސާނާއަކީ މާއްދިއްޔަތާ ރޫޙާނިއްޔަތު އެކުވެގެން ފިޠުރަތުކުރެވިފައިވާ މަޚުލޫޤެއްކަމުން އޭނާގެ ޙަޔާތުގައި ދީނަކީ އޭނާގެ އަޚުލާޤީ މުޢާމަލާތާއި އެންމެހާ ސުލޫކެއް ވަކި އުޞޫލެއްގެ ތެރޭގައި ވަޒަން ހަމަކޮށް ހިފަހައްޓައިދޭ އެންމެ މުހިންމު ރައުސްމާލެވެ.

ކުޑަވެސް ޝައްކެއްނެތެވެ! މާތް ﷲގެ ޙަޟުރަތުގައި ޤަބޫލުވެވިގެންވާ ދީނަކީ ހަމައެކަނި އިސްލާމްދީނެވެ. މި ޙަޤީޤަތް ކަށަވަރުކޮށްދެއްވައި އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ( إِنَّ الدِّينَ عِندَ اللّهِ الإِسْلاَمُ وَمَا اخْتَلَفَ الَّذِينَ أُوْتُواْ الْكِتَابَ إِلاَّ مِن بَعْدِ مَا جَاءهُمُ الْعِلْمُ بَغْيًا بَيْنَهُمْ وَمَن يَكْفُرْ بِآيَاتِ اللّهِ فَإِنَّ اللّهِ سَرِيعُ الْحِسَابِ )( آل عمران:19) “ހަމަކަށަވަރުން ﷲ ގެ ޙަޟްރަތުގައި ޙައްޤު ދީނަކީ އިސްލާމްދީނެވެ. އެނޫން ދީނެއް އެކަލާނގެ ޤަބޫލެއް ނުކުރައްވާނެއެވެ. ޔަހޫދީންނާއި ނަޞާރާއިން ކާފިރުވެ، ދީނާމެދު ދެބަސްވާންފެށީ ދުނިޔޭގެ އެދުމަށްޓަކައްޔާއި، ޙަސަދަވެރިކަމުގެ ސަބަބުންނެވެ. އެއީ އެބައިމީހުންގެ ގާތަށް ރަސޫލު ބޭކަލުން ޙައްޤު ދީނައިގެން ވަޑައިގަތުމަށްފަހު އެބައިމީހުންގެ މައްޗައް ޙުއްޖަތް ޤާއިމުވުމަށް ފަހުގައެވެ. ފަހެ ހަމަކަށަވަރުން ﷲ ގެ އާޔަތްތަކަށް ކާފިރުވެ، އެއާޔަތްތައް ދޮގުކޮށް އުޅޭ މީހުންގެ ޙިސާބު ބެއްލެވުމުގައި ﷲ އަވަސްވެވޮޑިގެންވެއެވެ.”

އިސްލާމްދީނަކީ ޙައްޤުދީން ކަމުން، އެންމެހައި މީސްތަކުން އެދީނަށް ވަނުމަށް އިސްލާމްދީން ވަނީ ގޮވާލާފައެވެ. އެދީން ނޫން ދީނެއް ޤަބޫލުކޮށްފި މީހާގެ ކިބައިން އެއްވެސް ކަމެއް ޤަބޫލު ނުކުރައްވާނޭ ކަމަށް ﷲ ވަނީ އަންގަވާފައެވެ. (وَمَن يَبْتَغِ غَيْرَ الإِسْلاَمِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الآخِرَةِ مِنَ الْخَاسِرِينَ ) آل عمران:85 . ” دين އެއްގެ ގޮތުގައި إسلام دين ނޫން دين އެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) قبول އެއް ނުކުރައްވާ ހުށްޓެވެ. އަދި، آخرة ގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.

އިސްވެދިޔަ ދަލީލުތަކުން ހާމަވެގެންދިޔައީ އިސްލާމްދީނަކީ ޙައްޤުދީންކަމެވެ. އަދި އިސްލާމްދީން ނޫން ދީނެއް ﷲގެ ޙަޟުރަތުގައި ޤަބޫލުވެވިގެންނުވާކަމެވެ. މުޖުތަމަޢުގައި ދީން ރައްކާތެރިކޮށް ދެމެހެއްޓުމަށް މަސައްކަތްކުރުމުގެ ތެރޭގައި ޞައްޙަ ޢަޤީދާ ފަތުރައި ތަޢުހީދުގެ ކަލިމަފުޅުގެ މައްޗަށް މީސްތަކުން ތަރުބިޔަތުކުރުމާއި ނަމާދު ޤާއިމު ކުރުމާއި ޒަކާތް ނެރެ އޭގެ ޙައްޤުވެރިންނަށް ފޯރުކޮށްދިނުމާއި ރަމަޟާން މަހުގެ ރޯދަ ހިފުމާއި ކުޅަދާނަކަން ލިބިގެންވާ މީހާ ޙައްޖުވުން ހިމެނެއެވެ.
އަދި އީމާންކަމުގެ ރުކުންތައްކަމުގައިވާ، ﷲ އަށް އީމާންވުމާއި އެކަލާނގެ މަލާއިކަތުންނަށް އީމާންވުމާއި އެކަލާނގެ ބާވާލެއްވި ފޮތްތަކަށް އީމާންވުމާއި އެކަލާނގެ ފޮނުއްވި ރަސޫލު ބޭކަލުންނަށް އީމާންވުމާއި އާޚިރަތް ދުވަހަށް އީމާންވުމާއި ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުން، މި ރުކުންތައް ދަމަހައްޓައި އޭގެ މައްޗަށް މީސްތަކުން ތަރުބިޔަތު ކުރުން ހިމެނެއެވެ.

މިކަންކަމުގެ އިތުރުން، މިކަންކަންކަމަށް އިތުރު ފުރިހަމަކަން ގެނެސް ދިނުމަށްޓަކައި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކުރައްވާފައިވާ ސުންނަތް ތަކުގައި ހިފުމާއި އިސްލާމްދީނުގެ ރިވެތި ޘަޤާފަތާއި އަޚުލާޤު ނަގަހައްޓައި ފެތުރުން ހިމެނެއެވެ.

އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ބިންމަތީގައި ޤާއިމު ކުރުމަކީ ދީން ދެމެހެއްޓުމުގެ އެންމެ މަތިވެރި އެއް އުޞޫލެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (وَأَنِ احْكُم بَيْنَهُم بِمَا أَنزَلَ اللَّهُ وَلَا تَتَّبِعْ أَهْوَاءَهُمْ وَاحْذَرْهُمْ أَن يَفْتِنُوكَ عَن بَعْضِ مَا أَنزَلَ اللَّهُ إِلَيْكَ ۖ فَإِن تَوَلَّوْا فَاعْلَمْ أَنَّمَا يُرِيدُ اللَّهُ أَن يُصِيبَهُم بِبَعْضِ ذُنُوبِهِمْ ۗ وَإِنَّ كَثِيرًا مِّنَ النَّاسِ لَفَاسِقُونَ* أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ اللَّهِ حُكْمًا لِّقَوْمٍ يُوقِنُونَ) (المائدة: 49-50) މާނައީ : ”އަދި ﷲ ބާވައިލައްވާފައިވާ ޙުކުމަށް އެބައިމީހުންގެ މެދުގައި ކަލޭގެފާނު ޙުކުމް ކުރަށްވާށެވެ! އަދި، އެބައިމީހުންގެ އެދުންތަކަށް ތަބަޢަވެވަޑައި ނުގަންނަވާށެވެ! އަދި ﷲ ކަލޭގެފާނަށް ބާވައިލެއްވި ބައެއް ޙުކުމްތަކުން ކަލޭގެފާނު އެއްކިބާކޮށްފާނެކަމަށް އެބައިމީހުންނާމެދު ރައްކާތެރިވެ ވަޑައިގަންނަވާށެވެ! ފަހެ އެބައިމީހުން ޤުރުއާނުގެ ޙުކުމަށް ފުރަގަސް ދީފިނަމަ، ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ﷲ އިރާދަކުރައްވާފައިވަނީ، އެބައިމީހުންގެ ބައެއް ފާފަތަކުގެ ސަބަބުން، އެބައިމީހުންނަށް ޢުޤޫބާތް ދެއްވުމަށެވެ. އަދި ހަމަކަށަވަރުން މީސްތަކުންގެ ތެރެއިން ގިނަމީހުންނީ ފާސިޤުން ކަންކަށަވަރެވެ. ފަހެ އެބައިމީހުން އެދެނީ ޖާހިލިއްޔަ ޒަމާނުގެ ޙުކުމް ހެއްޔެވެ؟ އަދި ޔަޤީން ކުރާ ބަޔަކަށް ﷲ އަށްވުރެ ޙުކުމްކުރެއްވުމުގައި މޮޅީ ކާކުހެއްޔެވެ؟

އާދެ! އިސްލާމްދީން ބިންމަތީގައި ދެމެހެއްޓުމުގައި ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމަކީ އިސްލާމީ އިޖުތިމާޢީ ރުކުނެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (وَلْتَكُنْ مِنْكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنْكَرِ وَأُولَئِكَ هُمُ الْمُفْلِحُونَ) آل عمران: 104 މާނައީ: ” ހެޔޮކަމުގެ މަގަށް ގޮވާލައި ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ. ދިންނަވައި ނަސީބުލިބޭނެ މީހުންނަކީ އެއީއެވެ.”

ދީން ދެމެހެއްޓުމުގެ ދެވަނަ ދާއިރާއަކީ، ދީނާ ދެކޮޅަށް ކުރެވޭ ކަންކަމުން ދީން ސަލާމަތްކުރުމަށް މަސައްކަތްކުރުމެވެ. މިޒަމާނުގައި ނަމަ އިސްލާމްދީނާއި އިސްލާމީ މުޖުތަމަޢުތަކާއި ދެކޮޅަށް އެކި ފެންވަރުގައި ކުރެވޭ ފިކުރީ، އަދި އިޤުތިޞާދީ އަޅުވެތިކުރުން ފަދަ ކަންކަމުން އިސްލާމީ މުޖުތަމަޢުތައް ސަލާމަތްކުރަންޖެހެއެވެ. އެކަންކަމާ ކުރިމަތިލުމަށްޓަކައި ހުރިހާ ފެންވަރެއްގައި ތައްޔާރުވުމަކީ ބޭނުންތެރިކަމެވެ.

އިސްލާމްދީން ރައްކާތެރިކުރުމަށްޓަކައި އިސްލާމީ ޝަރީޢަތުގައި ސާބިތު މަބުދައުތަކެއް ކަނޑައެޅިފައިވީ ނަމަވެސް، އެހެންދީންތަކުގެ އަހުލުވެރިންގެތެރެއިން ޞުލްޙަވެރިކަމާއެކު އުޅޭ އެންމެހާ ފަރާތްތަކާ އެކު ޞުލްޙަވެރި ގުޅުން ދެމެހެއްޓުމަކީ އިސްލާމްދީން ތަރުޙީބުދީފައިވާ ކަމެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ( لَّا يَنْهَاكُمُ اللَّـهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ ) (الممتحنة: 8 ) ” ތިޔަބައިމީހުންގެ دين އާހުރެ، ތިޔަބައިމީހުންނާ ހަނގުރާމަނުކުރާ، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ތިޔަބައިމީހުން ހެޔޮކޮށްހިތައި، އަދި އެއުރެންނަށް عدل ވެރިގޮތުގައި ކަންތައް ކުރުން، اللَّه ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަތެވެ. ހަމަކަށަވަރުން، عدل ވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ”
މި އާޔަތުން ދިލާލަތުކޮށްދެނީ މުސްލިމުންނާ އެކު ޞުލްޙަވެރިކޮށް އުޅޭ ފަރާތްތަކާމެދު އިޙުސާންތެރިކޮށް މުޢާމަލާތުކުރުމާއި ހެޔޮ ރަނގަޅު ގުޅުން ބާއްވައި ދެމެހެއްޓުމަކީ އިސްލާމްދީން މަނާކުރާ ކަމެއްނޫންކަމެވެ.

އަދި އެހެންމެ، މަޖްބޫރުކޮށްގެން މީސްތަކުން އިސްލާމްދީނަށް ވެއްދުމަކީ އިސްލާމްދީނުގެ އުޞޫލެއްނޫނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (لَا إِكْرَاهَ فِي الدِّينِ ۖ قَد تَّبَيَّنَ الرُّشْدُ مِنَ الْغَيِّ ۚ فَمَن يَكْفُرْ بِالطَّاغُوتِ وَيُؤْمِن بِاللَّـهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ لَا انفِصَامَ لَهَا ۗ وَاللَّـهُ سَمِيعٌ عَلِيمٌ ) (البقرة: 256) “دين އަށް ވެއްދުމުގައި مجبور ކުރުމެއް ނެތެވެ. ހަމަކަށަވަރުން، ضلالة ގެ އަނދިރިކަމުގެ ތެރެއިން، هداية ގެ ސާފު އަލިމަގު އެނގި ފާޅުވެއްޖެއެވެ. ފަހެ، شيطان އާޔަށް كافر ވެ اللَّه އަށް إيمان ވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ، އެންމެ ވަރުގަދަ عقيدة ގައި ހިފަހައްޓައިފިކަން ކަށަވަރެވެ. ނެތި ދިޔުމެއް އެޔަކަށް ނުވެއެވެ. اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”

މިއާޔަތުން ހެކިދެނީ އިސްލާމްދީނަށް މީސްތަކުން ވެއްދުމުގައި އެއްވެސް މަޖްބޫރުކަމެއް ނެތްކަމާއި މަޖްބޫރުކޮށްގެން ވެއްދުމަށްވުރެ، ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކަށް އިސްލާމްދީނުގެ ހިދާޔަތުގެ މަގު ސާފުކަމާއެކު ފާޅުވާންހުރި ކަމެވެ.

އަދި އެހެން ދީންތަކުގެ މީހުން އަޅުކަންކުރާ ތަކެއްޗަށް މުސްލިމުން އިސްވެ، ޢައިބު ކިޔައި ހުތުރު ބަސްބުނެ އުޅުމަކީ ކީރިތި ޤުރުއާނުގައި ނަހީކުރައްވާފައިވާކަމެވެ. އެއީ އެކަމުގެ ނަތީޖާއެއްގެ ގޮތުން އެއުރެން ﷲ އަށް ހުތުރު ބަސްބުނެފާނެ ކަމަށްޓަކައެވެ. އެ ދޮރުހުޅުވުމަކީ ކުރެވިގެންވާނެ ކަމެއްނޫނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ( وَلَا تَسُبُّوا الَّذِينَ يَدْعُونَ مِن دُونِ اللَّـهِ فَيَسُبُّوا اللَّـهَ عَدْوًا بِغَيْرِ عِلْمٍ ۗ كَذَٰلِكَ زَيَّنَّا لِكُلِّ أُمَّةٍ عَمَلَهُمْ ثُمَّ إِلَىٰ رَبِّهِم مَّرْجِعُهُمْ فَيُنَبِّئُهُم بِمَا كَانُوا يَعْمَلُونَ) (الأنعام:108 ). “اللَّه ދޫކޮށް، އެއުރެން އަޅުކަންކުރާ ތަކެއްޗަށް ތިޔަބައިމީހުން އެއްޗެހިގޮވައި ނަހަދާށެވެ! އޭރުން ނޭނގިތިބެ އެއުރެން عداوة ތެރިކަމުގެ ގޮތުން اللَّه އަށް އެއްޗެހި ގޮވައިފާނެތެވެ. ހަމައެފަދައިން، ކޮންމެ أمّة އަކަށްމެ އެބަޔެއްގެ عمل، ތިމަންރަސްކަލާނގެ ޒީނަތްތެރިކޮށް ދެއްކެވީމެވެ. ދެން އެއަށްފަހު، އެއުރެން رجوع ވާހުށީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށެވެ. ދެން އެއުރެން ކޮށްއުޅުނު عمل ތަކުގެ ވާހަކައިން، އެކަލާނގެ އެއުރެންނަށް خبر އަންގަވާނެތެވެ.”

އެހެންދީންތަކުގެ މީހުންނަށް އިސްލާމީ ރިސާލަތު ފޯރުކޮށްދޭންވާނީ ޙިކުމަތާއި ވެތި ވަޢުޡާއި ޢިލްމީ ޙުއްޖަތާއެކުގައެވެ. މިކަން ކީރިތި ޤުރުއާނުގައިވަނީ ކަނޑައަޅުއްވާފައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (ادْعُ إِلَىٰ سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ ۖ وَجَادِلْهُم بِالَّتِي هِيَ أَحْسَنُ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِ ۖ وَهُوَ أَعْلَمُ بِالْمُهْتَدِينَ ) ( النحل:125 ) “حكمة އާއި، ރިވެތި وعظ އާއެކު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ރިވެތި ގޮތުގައި އެއުރެންނާ جدل ކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ މަގުން އެއްކިބާވެގެންވާ މީހުން، މޮޅަށް ދެނެވޮޑިގެންވެތެވެ. އަދި ތެދުމަގުލިބިގެންވާ މީހުންވެސް، މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ.”

އަދި ވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ( قُلْ هَـٰذِهِ سَبِيلِي أَدْعُو إِلَى اللَّـهِ ۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي ۖ وَسُبْحَانَ اللَّـهِ وَمَا أَنَا مِنَ الْمُشْرِكِينَ) (يوسف: 108 ) ” ކަލޭގެފާނު ވިދާޅުވާށެވެ! މިއީ ތިމަންކަލޭގެފާނުގެ މަގެވެ. ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނަށް تبع ވި މީހުން، اللَّه ގެ ފަރާތަށް ގޮވައިލައްވަނީ، އަލިވެގެންވާ دليل އާއެކުގައެވެ. އަދި اللَّه ގެ ހުސްطاهر ވަންތަކަމާއެވެ! އަދި شريك ކުރާ މީހުންގެ ތެރެއިން ތިމަންކަލޭގެފާނު ނުވަމެވެ. ”

އަދިވެސް ވަޙީކުރައްވާފައިވެއެވެ. ( وَلَا تُجَادِلُوا أَهْلَ الْكِتَابِ إِلَّا بِالَّتِي هِيَ أَحْسَنُ إِلَّا الَّذِينَ ظَلَمُوا مِنْهُمْ ۖ وَقُولُوا آمَنَّا بِالَّذِي أُنزِلَ إِلَيْنَا وَأُنزِلَ إِلَيْكُمْ وَإِلَـٰهُنَا وَإِلَـٰهُكُمْ وَاحِدٌ وَنَحْنُ لَهُ مُسْلِمُونَ) ( العنكبوت:46 ) “ރިވެތިވެގެންވާ ގޮތުގައި މެނުވީ ތިޔަބައިމީހުން ފޮތުގެ أهل ވެރިންނާ جدل ނުކުރާށެވެ! އެއުރެންގެ ތެރެއިން އަނިޔާވެރިވެގެންވާ މީހުން ފިޔަވައި އެހެން މީހުންނަށެވެ. އަދި ތިމަންމެންނަށް ބާވައިލެއްވި ފޮތަށާއި، ތިޔަބައިމީހުންނަށް ބާވައިލެއްވި ފޮތަށް ތިމަންމެން إيمان ވެއްޖައީމޭ ތިޔަބައިމީހުން ބުނާށެވެ! ތިމަންމެންގެ إله އަކީވެސް، އަދި ތިޔަބައިމީހުންގެ إله އަކީވެސް އެއް إله އެކެވެ. އަދި ތިމަންމެން އެކަލާނގެއަށް ކިޔަމަންވެ، إسلام ވަމުއެވެ. ”

އަދި ވެސް ވަޙީކުރައްވާފައިވެއެވެ. (قُلْ يَا أَهْلَ الْكِتَابِ تَعَالَوْا إِلَىٰ كَلِمَةٍ سَوَاءٍ بَيْنَنَا وَبَيْنَكُمْ أَلَّا نَعْبُدَ إِلَّا اللَّـهَ وَلَا نُشْرِكَ بِهِ شَيْئًا وَلَا يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِّن دُونِ اللَّـهِ ۚ فَإِن تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ ) (آل عمران:64 ) ” ކަލޭގެފާނު ވިދާޅުވާށެވެ! އޭ ފޮތުގެ أهل ވެރިންނޭވެ! އަހުރެމެންގެ މެދުގައްޔާއި ތިޔަބައިމީހުންގެ މެދުގައި، ހަމަހަމަވެ، އެއްގޮތްވެގެންވާ كلمة އަކަށް އަންނާށެވެ! (އެއީ) اللَّه އަށް މެނުވީ، އަހުރެމެން އަޅުކަން ނުކުޅައުމެވެ. އަދި، އެކަލާނގެޔާ އެއްވެސް އެއްޗެއް އަހުރެމެން شريك ނުކުޅައުމެވެ. އަދި، އަހުރެމެންގެ އެއްބަޔަކު އަނެއްބަޔަކީ اللَّه ފިޔަވައި ކަލާނގެތަކެއް ކަމުގައި ނުހެދުމެވެ. ފަހެ، އެއުރެން (އެކަމާ) ދެކޮޅުހަދައި، ފުރަގަސްދީފިނަމަ، (އެއުރެންނަށް) ތިޔަބައިމީހުން ބުނާށެވެ! ހަމަކަށަވަރުން، ތިމަންމެންނީ مسلم ން ކަމުގައި ތިޔަބައިމީހުން ހެކިވާށެވެ!”

އިސްލާމްދީނަކީ ރަޙުމަތުގެ ދީންކަމުން، ތަފާތު ކުރުމެއްނެތި އޯގާތެރިކަމާއެކު އެންމެހާ ފަރާތްތަކާމެދު މުޢާމަލާތު ކުރުމަކީ އިސްލާމްދީނަށް މީސްތަކުން ލޯބިޖެހިގެންދާނެކަމެއްކަން ކަށަވަރެވެ. މިހެންކަމުން ކީރިތި ޤުރުއާނުގެ އަލީގައި ބަޔާންކުރެނު އުޞޫލުތައް މުސްލިމުން ދަމަހައްޓަންވާނެއެވެ.

ގުޅުންހުރި ލިޔުންތައް
Comments

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *