ހަރުކަށި ފިކުރު ނައްތާލެވޭނީ ހަރުކަށި ފިކުރަކީ ކޮަބައިކަން ބުނެދީ، އިސްލާމީ ފިޤުހީ އުޞޫލުތަކާއި ޝަރުޢީ އިޞްޠިލާޙުތަކާމެދު އެފިކުރުގެ އަހުލުވެރިން ގެންގުޅޭ ނުބައި މަފްހޫމްތަކުގެ ޙަޤީޤަތް ރަނގަޅަށް ކިޔާދީ ޒުވާނުންނާއި މުޅި މުޖުތަމަޢު ހޭލުންތެރިކޮށްގެންނެވެ.
މިސާލަކަށް ތަކުފީރު، ޖިހާދު، އަލްވަލާއުވަލްބަރާއު، ޢިލްމުވެރިންގެ މެދުގައި އިޚުތިލާފު އުފެދުމުގެ ސަބަބުތަކާއި މި ނޫންވެސް އިސްލާމީ ޢަޤީދާއާއި ފިޤުހާ ގުޅުންހުރި މިފަދަ މުހިންމު އިޞްޠިލާޙުތަކުގެ އަސްލު ޙަޤީޤަތް ޢިލްމުވެރިން މެދުވެރިކޮށް ޒުވާނުންނަށް ކިޔައި ދެވެންޖެހެއެވެ.
ހަރުކަށި ފިކުރުން ޤައުމު ސަލާމަތްކުރުމަށްޓަކައި މިހާރުގެ ޙާލަތު ދަނެ އިސްލާމީ ފަލްސަފާގެ އަލީގައި ހަރުދަނާ އިސްތިރާތީޖީ ޕްލޭނެއް އެކުލަވާލައިގެން މުސްތަޤުބަލަށްޓަކައި މަސައްކަތްކުރުމުމަކީ ވަރަށް މުހިންމު ކަމުގައި ދެކެމެވެ.
ހަރުކަށި ފިކުރަކީ ޤާނޫނީ ޢުޤޫބާތުން ނުވަތަ ވަޢުޡު އިރުޝާދުން އެކަނި ރަނގަޅު ކުރެވޭނެ ކަމެއްނޫން. ދިގުދެމިގެންވާ ޙައްލެއް ބޭނުން ނަމަ އެކަމަށް ސީދާ އަމާޒުކޮށްގެން ޢިލްމީ ގޮތުންނާއި ފިކުރީ ގޮތުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ.
ޤައުމީ މި ފަދަ މަސައްކަތެއްގައި ޤައުމުގެ އެއްވެސް މުއައްސަސާއަކުން އެހީތެރިކަމެއް ބޭނުންވާ ނަމަ ޢިލްމީ ގޮތުން ދެވެން އޮތް އެންމެހާ އެހީތެރިކަމެއް ވެދިނުމަކީ އަޅުގަނޑަށް ލިބޭނެ އުފަލެކެވެ.