އިސްލާމްދީނަކީ ސައެންސާއި ޓެކްނޮލެޖީއާ ތަޢާރުޟްވާ ދީނެއްނޫނެވެ. ކައުނުގައި ވާ ޙަޤީޤަތްތައް ދެނެގަތުމާއި ޚުދު އިންސާނާގެ އަމިއްލަ ނަފްސުގައި ލައްވާފައިވާ ޤުދުރަތްތެރިކަމުގެ މަތިވެރި ހެކިތައް ބަލައި ދިރާސާކުރުމަށް ﷲ އަންގަވާފައިވެވެ. ޢިލްމީ ޙަޤީޤަތުގެ މައްޗަށް ބިނާވެފައިވާ ކޮންމެ އާ ހޯދުމަކަށް އިސްލާމީ ޝަރީޢަތް މަރުޙަބާ ކިޔައެވެ. އެއިން ކޮންމެ ހޯދުމެއްގެ ފަހަތުން ފެނިގެންދާނީ ﷲ ގެ މަތިވެރި ކުޅަދުންވަތަކަމެވެ. މި މަޒްމޫނުގައި ކުރު ގޮތަކަށް މި ހުށައަޅަނީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސްގެ ފިޤުހު އެންޑް އުޞޫލުލްފިޤުހު ޑިޕާޓްމަންޓްގައި (2008) ވަނަ އަހަރު މާސްޓާރސް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހެރިޓޭޖް( ފިޤުހު އެންޑް އުޞޫލު ފިޤުހު) ގެ ދާއިރާއިން މާސްޓަރސް ފުރިހަމަކުރުމަށް އަޅުގަނޑު ހުށަހެޅި ތީސިސްގެ މުހިންމު ބައެއް ބައި ތަކެވެ
އެ ތީސިސް ލިޔެފައިވަނީ ލިޢާންގެ މައްސަލައިގައި ޤަރީނާއެއްގެ ގޮތުން ޑީއެންއޭގެ ޙުއްޖިއްޔަތުގެ މައްޗަށެވެ. މިގޮތުން ޑީއެންއޭގެ ޙަޤީޤަތާއި ޑީއެންއޭގެ ތެދުކަމާއި އިސްލާމީ ނަޒަރަކުން ޑީއެންއޭ ޤަރީނާއަކަށްވާގޮތާއި ޑީއެންއޭގެ ޙުއްޖިއްޔަތާމެދު އިސްލާމީ ފިޤުހުވެރިންގެ ރައުޔުތަކާއި އެކަމާ ގުޅިގެން ހެދިފައިވާ ދިރާސާތަކުގެ ނިންމުންތަކާއި ލިޢާންގެ މަފްހޫމާއި ލިޢާން ކުރެވޭ ގޮތާއި ލިޢާންގެ މައްސަލައިގައި ޑީއެންއޭ އަށް ދައުރެއް އަދާކުރެވިދާނެތޯއާއި ޑީއެންއޭ ތަޙުލީލު ކުރުމުގެ ކަމާބެހޭފަރާތްތަކާއި ޖުޑިޝަރީގެ ދައުރާއި މިކަމާ ގުޅުން ހުރި ގިނަ ކަންކަމެއް ތީސިސްގައި ބަޔާންވެފައިވާނެއެވެ. މި ތީސިސް ސުޕަވައިޒްކޮށްދެއްވީ މެލޭޝިޔާގެ ބޭފުޅެއްކަމުގައިވާ އެއިރު ފިޤުހު އުޞޫލު ފިޤުހު ޑިޕާޓްމަންޓްގެ ހެޑް، ޕްރޮފެސަރ ޑރ. ޢަޙްމަދު ބަޞްރީއެވެ. އަދި ކޯ ސްޕަވައިޒަރެއްގެ ގޮތުން ހުންނެވީ ޢިރާޤުގެ ބޭފުޅެއްކަމުގައިވާ ޕްރޮފެސަރ ޑރ ޢާރިފް ޢަލީ ޢާރިފެވެ. އެއީ އަރަބި ބަހުން ލިޔެވިފައިވާ ތީސިސްއެކެވެ. އަދި ފަހުން ފޮތެއްގެ ސިފައިގައި ޕަބްލިޝްކުރެވިފައިވެއެވެ.
ޝައްކެތް ވަސްވާހެއްނެތެވެ. މިޒަމާނުގެ ޢިލްމީ ހޯދުންތަކުގެ އުދަރެހަށް އުމީދު ގެނެސްދީ ޖިނާއީ ތަޙުޤީޤުތަކަށް ކުރިއެރުން ގެނައި ޢިލްމީ އެއް ވަސީލަތަކީ ޑީއެންއޭ އެވެ. ޑީއެންއޭ ޤަރީނާގެ ސަބަބުން ޖިނާއީ އެތައްކަމެއްގައި ޢަދުލުވެރިކަމަށް ވާޞިލްވެވިފައިވެއެވެ. ޖިނާއީ ތަޙުޤީޤުތަކުގައި ޑީއެންއޭ ޤަރީނާ ބޭނުންކުރުމަކީ އިސްލާމީ ޝަރީޢަތާ ތަޢާރުޟްވާ ކަމެއްނޫނެވެ. ވައްކަމާއި ފޭރުމާއި ރޭޕްކުރުން ފަދަ ޖިނާއީ ކުށްތަކުގެ އިތުރުން ގެއްލިފައިވާ މީހުން ކަށަވަރު ކުރުމާއި މަރުގެ ޙާދިސާތަކާއި ހަނގުރާމައިގައި މަރުވާ މީހުންނާއި އަލިފާނުގެ ޙާދިސާތަކުގައި ވަކި ނުކުރެވޭ ވަރަށް ހަށިގަނޑު އަދާފައިވާ މީހުންގެ ޙަޤީޤަތް ދެނެގަތުމަށް ޑީއެންއޭ ޤަރީނާގެ ބޭނުންކުރެވެއެވެ. މިދެންނެވި ކަންކަމުގައި ޤަރީނާއެއްގެ ގޮތުން ޑީއެންއޭ ބޭނުންކުރުމުގައި އިސްލާމީ ފިޤުހުވެރިންގެ މެދުގައި މާ ބޮޑު ޚިލާފެއް އޮތްކަމަށް ފާހަނގަވެފައިނެތެވެ. އަދި ކިއެއްތޯއެވެ. ހެއްކާއި ޤަރީނާއަކީ ހަމަ އެކަނި ފެނުމާއި އަޑުއިވުންކަމުގައި ތަޤުލީދީ ގޮތުން ޤަބޫލު ކުރެވިފައިވީ ނަމަވެސް، ޢަދުލުވެރިކަން ޤާއިމުކުރުމާއި ޙައްޤު ގޮތް ދެނެގަތުމަށް އެހެން ވަސީލަތެއްގައި ހިފުމަކީ އިސްލާމްދީން ތަރުޙީބު ދޭ ކަމެއް ކަމުގައި ފިޤުހުވެރި މުޖުތަހިދުން ބަޔާންކުރައްވާފައިވެއެވެ. އެހެން ކަމުން ( ބައްޔިނާތު) ހެއްކާއި ޤަރީނާގެ ތެރެއަން މިޒަމާނުގައި ބައެއް ކަންކަން ވަދެފައިވެއެވެ. ފޮރެންސިކް ތަޙުލީލުތަކާއި ވީޑިއޯއާއި އޯޑިއޯއާއި އަދި ޕޮލިސް ކުއްތާއާއި ފޮޓޯއާއި މި ނޫންވެސް އެހެން ވަސީލަތްތައް ވަދެފައިވެއެވެ. މިހިސާބުން ކުރެވޭ ސުވާލަކީ ޖިނާއީ ކަންކަމުގެ ޤަރީނާއެއްގެ ގޮތުން ބޭނުންކުރެވޭ (ޑީއެންއޭ) ދަރި ނަފީކުރުމުގައި (ލިޢާންކުރުމުގައި) ޤަރީނާ އެއްގެ ގޮތުން ބޭނުންކުރެވިދާނެތޯ ނުވަތަ ނޫންތޯ އާ މެދު ކުރެވޭ ސުވާލެވެ. މިކަމުގައި ޢިލްމުވެރިންގެ މެދުގައި ބޮޑު ޚިލާފެއް އުފެދިފައިވެއެވެ. ސަބަބަކީ ދަރި ނަފީކުރެވޭ ގޮތް ކަނޑައެޅިގެން ޤަޠުޢީ ގޮތެއްގައި ޤުރުއާނުގައި ސާބިތުވާން އޮތުމެވެ. ލިޢާންގެ މައްސަލައިގައި މައުޟޫޢީ ގޮތުން ޑީއެންއޭގެ ޙުއްޖިއްޔަތުގެ މައްޗަށް ދެން އަންނަ މަޒުމޫންގައި ވާހަކަ ދެއްކުމުގެ ކުރީން ޑީއެންއޭގެ ތާރީޚާއި ޙަޤީޤަތުގެ މައްޗަށް މި މަޒްމޫނު ޚާއްޞަކޮށްލަން ޤަސްތު ކުރަމެވެ.
ޑީއެންއޭގެ ޢިލްމީ ޙަޤީޤަތާއި ކީރިތި ޤުރުއާން:
ޑީއެންއޭ އަކީ ބޮޑުވެގެންވާ ޢިލްމީ އަޖައިބެކެވެ. ޑީއެންއޭގެ ޙަޤީޤަތަށް ވާޞިލްވުމުން ﷲގެ ކުޅަދުންވަންތަކަށް ސާބިތުވެއެވެ. ކަނޑައެޅިގެން އެނގޭ ގޮތުގައި ދަރި އުފެދިގެން އަންނަނީ ނުޠުފާ ( މަނި) އިންނެވެ. މިޙަޤީޤަތް ކީރިތި ޤުރުއާނުގެ އެތައް މަޤާމެއްގައި ބަޔާންވެގެންވެއެވެ. މިގޮތުން އަލްޤިޔާމަތު ސޫރަތުގެ (37-39 ) ގައި ބަޔާންވެގެންވާ އާޔަތްތަކުގެ މާނައިގައި ވެއެވެ. (އޮހޮރައިލެވޭ މަނީގެ ތިއްކެއް ކަމުގައި އޭނާ ނުވޭހެއްޔެވެ؟*ދެން ގަނޑުލޭކޮޅެއް ކަމުގައި އޭނާ ވިއެވެ. ފަހެ، އެކަލާނގެ އެ އިންސާނާ ހައްދަވައި، ފުރިހަމަކުރެއްވިއެވެ.*ފަހެ، އޭނާގެ ކިބައިން، ފިރިހެން އަންހެން ދެބާވަތް އުފެއްދެވިއެވެ. ) މިޒަމާނުގެ ޢިލްމުން ހާމަކޮށްދޭ ގޮތުގައި ދަރި އުފެދެނީ ދެ ބާވަތެއްގެ ނުޠުފާ އެއްވެގެންނެވެ. ނުޠުފާ އެކުލެވިގެންވަނީ ކްރޮމޮޒޮމް( Chromosome) ގެ މައްޗަށެވެ. އެއީ ފިރިހެން ޖިންސުގެ ކްރޮމޮޒޮމް (Y ) އާއި އަންހެން ޖިންސުގެ ކްރޮމޮޒޮމް (X ) އެވެ. މިގޮތުން ފިރިހެން ޖިންސު ރަމްޒު ކޮށްދޭ ( Y) އަންހެން ޖިންސު ރަމްޒުކޮށްދޭ ( X) އިސްވެ ގުޅިއްޖެ ނަމަ ލިބެނީ ފިރިހެން ދަރިއެއްކަން ހޯދުންތަކުން ބަޔާންވެފައިވެއެވެ. އަދި އަންހެން ޖިންސު ރަމްޒުކޮށްދޭ ކްރޮމޮޒޯމް (X ) ފިރިހެން ޖިންސު ރަމްޒުކޮށްދޭ ކްރޮމޮޒޯމް (Y )އާ އިސްވެ ގުޅިއްޖެ ނަމަ ލިބިގެންދާނީ އަންހެނުން ދަރިއެއްކަމުގައި ދިރާސާތަކުގައި ބަޔާންވެފައިވެއެވެ. ( ޣާނިމް، މުޙައްމަދު އަޙުމަދު، 63).
އިސްވެ ބަޔާންވެދިޔަ ޢިލްމީ ޙަޤީޤަތް މީގެ އެތައް އަހަރެއްގެ ކުރިން ކީރިތި ޤުރުއާނުގައި ވަނީ ބަޔާންކުރެވިފައެވެ. އަލްއިންސާން ސޫރަތުގެ (2) ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެވެ. ( إِنَّا خَلَقْنَا الْإِنسَانَ مِن نُّطْفَةٍ أَمْشَاجٍ نَّبْتَلِيهِ فَجَعَلْنَاهُ سَمِيعًا بَصِيرًا) މިބަސްފުޅުގެ މާނައިގައިވެއެވެ. (ހަމަކަށަވަރުން، އެއްކުރައްވާފައިވާ މަނިތިއްކަކުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. (އެއީ) އޭނާ امتحان ކުރެއްވުމަށްޓަކައެވެ. ފަހެ، ކަންފަތަށް އިވޭ، ލޮލަށް ފެންނަ މީހަކު ކަމުގައި ތިމަންރަސްކަލާނގެ އޭނާ ލެއްވީމެވެ.) މިއާޔަތުން ދޭހަކޮށްދެނީ ދަރިއުފެދިގެން އަންނަނީ ފިރިހެންނާގެ ނުޠުފާއާއި އަންހެނާގެ ނުޠުފާ އެއްވެ އިޚުތިލާޠު ވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. މިޒަމާނުގެ ޢިލްމު ބަޔާންކޮށްފައިވާ ގޮތުން ފިރިހެނާގެ ނުޠުފާގައި (XY ) ސެލްތައް ހިމެނެއެވެ. އަދި އަންހެނާގެ ނުޠުފާގައި ( XX) ވެއެވެ.
އިސްވެ ބަޔާންކުރެވުނު އާޔަތުގައިވާ ޙަޤީޤަތަށް އިޝާރާތްކުރައްވައި މަޝްހޫރު މުފައްސިރު އަދި ފިޤުވެރިޔާ އަލްއިމާމު އައްޝައުކާނީ ވިދާޅުވެފައިވެއެވެ. މި އާޔަތުގައި ބަޔާންވެގެންވާ (أمْشَاجٍ) އަކީ ނުޠުފާއަށް ނިސްބަތްކުރެވިފައިވާ ސިފައެކެވެ. އެއީ (مَشْجُ ) ނުވަތަ (مَشِيجُ) ގެ ޖަމްޢު ގޮތެވެ. އޭގެ މާނައަކީ އެކަތި އަނެކައްޗާ އެއްވެ މައްސުނިވުމެވެ. މުރާދަނީ ދަރިއުފެދެނީ ފިރިހެންނާއާއި އަންހެނާގެ ނުޠުފާ މައްސުނިވުމުނެވެ. ( އައްޝައުކާނީ، ފަތުޙުލްޤަދީރު،).
މަޝްހޫރު ޞަޙާބީ މި އުންމަތުގެ އެންމެ ބޮޑު ޢިލްމުވެރި މުފައްސިރު ޢަބްދުލްﷲ ބުނި އައްބާސް ވިދާޅުވެފައިވެއެވެ. ފިރިހެނާގެ ނުޠުފާއަކީ ހަރު ތެތްކަމެއް ހުންނަ ހުދުކުލައިގެ ފެނެކެވެ. އަނެހެނާގެ ނުޠުފާއަކީ ރީނދޫކުލައަށް ބުރަވެފައިވާ ދިޔާކޮށް ހުންނަ ފެނެކެވެ. މި ދެ ނުޠުފާ އެއްވުމުން ދަރި އުފެދިގެން ދެއެވެ. ކަށްޓާއި އާރު އުފެދެނީ ފިރިހެންނާގެ ފެނުންނެވެ. މަހާއި ލެޔާއި އިސްތަށި އުފެދެނީ އަންހެނާގެ ފެނުންނެވެ.) އަލްޤުރުޠުބީ، އަޙްކާމުލްޤުރުއާން.) ފިހެންނާގެ ނުޠުފާ އަންހެނާގެ ނުޠުފާގެ މައްޗަށް ގަދަވެއްޖެ ނަމަ ދަރި ވައްތަރުވެގެންދާނީ ފިރިހެނާއާއެވެ. އަންހެނާގެ ނުޠުފާ އިސްވެއްޖެ ނަމަ ވައްތަރުވެގެންދަނީ އަންހެނާއާއެވެ. (އަލްކަޢުބީ، ޚަލީފާ އަލީ، 20)
ޑީއެންއޭގެ ޢިލްމީ އަދި ފިޤުހީ މަފްހޫމު
ޢިލްމުކުރިއަރައި ގޮސް އިންސާނާގެ ޖިސްމު އުފެދިގެންވާ ގޮތުގެ ގިނަ ޙަޤީޤަތްތަކަކާ ހަމައަށް ސައެންސްވެރިންވަނީ ވާޞިލްވެފައެވެ. އަދި އިންސާނާގެ ޖީން ވަނީ ދެނެގަނެވިފައެވެ. އަދި އިންސާނާގެ ޖިސްމުގައިވާ ސެލްތަކުގައި އެކުލެވިގެންވާ ގިނަ ޙަޤީޤަތްތަކެއް ވަނީ ހޯދިފައެވެ. މިގޮތުން އެ ސެލްތަކުގައި (46 ) ކްރޮމޮޒޮމް އެކުލެވިގެންވެއެވެ. އެއިގެ ދެބައިކުޅަ އެއްބަޔަކީ ފިރިހެނާގެ ކްރޮމޮޒޯމެވެ. އަނެއް ބަޔަކީ އަންހެނާގެ ކްރޮމޮޒޮމެވެ. ޑީއެންއޭގެ ޙަޤީޤަތާއި އަޞްލަކީ އެ ސެލްތަކެވެ.
( DNA) އަކީ މުޞްޠަލަޙު (Deoxyribonucleic acid) ކުރުގޮތެވެ. ( ވާޞިލް، ނަޞްރު ފަރީދު، 2002 85)
ޑީއެންއޭގެ ޢިލްމީ ތަޢާރުފު އިސްލާމީ ފިޤުހުވެރިން އެކި ގޮތައް ގެންނަވާފައިވެއެވެ. މިގޮތުން މި ތަނުގައި މި ބަޔާންކޮށްލަނީ މިޞްރުގެ ޢިލްމުވެރިޔާ ޑރ. ސަޢުދުއްދީން ހިލާލީ ގެންނަވާފައިވާ ތަޢާރުފެވެ. ޢިލްމީ ގޮތުން ޑީއެންއޭގެ ޙަޤީޤަތް ވަޒަންކުރުމަށް ފަހު، އޭނާ ވިދާޅުވެފައިވަނީ “ޑީއެންއޭއަކީ ބައިލޮޖިކަލްގޮތުން އިންސާނާގެ ޖިސްމުގައިވާ ސެލްތަކެވެ. އެއިން އެ އިންސާނާގެ އައިޑެންޓިޓީ ހާމަވެއެވެ. އެއިން އިންސާނަކީ ވަކި ކާކުގެ ކާކުކަން ކަން ދަނެގަނެވެއެވެ. އެއިގެ އެއް ބަޔަކީ ބައްޕަގެ ފުށުން ވާރުތަވާ ވިރާސީ ސިފަތަކުގެ މައްޗަށް ޤާއިމުވެގެންވާ ބައެވެ. އަނެއް ބަޔަކީ މަންމަގެ ވިރާސީ ސިފަތަކެވެ. ( ހިލާލީ، ސަޢުދުއްދީން،2001، 25).
އާދެ! އިސްލާމީ ނަޒަރަކުން ޑީއެންއޭގެ ފިޤުހީ މަފްހޫމު އެކި ޢިލްމުވެރިންނާއި އެކި ފިޤުހީ މުއައްސަސާތަކުން އެކި ގޮތައް ގެންނަވާފައިވެއެވެ. ޢިބާރާތްތައް ތަފާތުވިކަމުގައިވިޔަސް، އެ މަފްހޫމުގެ އަޞްލުތައް އެއްގޮތް ވެގެންވެއެވެ. މިގޮތުން މިތަނުގައި ބަޔާންކޮށްލަނީ ޝަރުޢީ ނަޒަރަނުން ޑީއެންއޭގެ މަފްހޫމުގައި މުސްލިމު ވޯލްޑް ލީގް ގެ އިސްލާމިކް ފިޤުހު އެކަޑެމީގެ ބަޔާންކޮށްފައިވާ މަފްހޫމެވެ. އެކަޑެމީގެ ހަތްވަނަ ޤަރާރުގައި ވާގޮތުން ” ޑީއެންއޭ އަކީ އިންސާނާގެ ޖެނެޓިކް އާކިޓެކްޗަރެވެ. އެ ނިސްބަތްވެގެންވަނީ އިންސާނާގެ ހަށިގަނޑުގައިވާ ވިރާސީ ޖީންތަކަށެވެ. އެއިން، ކޮންމެ އިންސާނަކީ ވަކި ކާކުކަން ބަޔާންކޮށްދެއެވެ. އެއީ ވަރަށް އިތުބާރު ހުރި ވަސީލަތެކެވެ. ( މުސްލިމު ވޯލްޑްލީގް، އިސްލާމިކް ފިޤުހު އެކަޑެމީ، އަލްބަޞްމައުލްވިރާޘިއްޔާ ވަ މަޖާލާތުލްއިސްތިފާދަތި މިންހާ، މައްކަތުލްމުކައްރަމާ، 2002).އިސްވެ ބަޔާންވެދިޔަ ވާހަކަތަކުން ހާމަކޮށްދެނީ ޑީއެންއޭ އަކީ ޙަޤީޤަތްތަކެއްގެ މައްޗަށް ޤާއިމުވެގެންވާ އަދި ޝަރުޢުން ބަލައިގެންފައިވާ އިތުބާރު ހުރި ވަސީލަތެއްކަމެވެ.
ޑީއެންއޭގެ ތެދުކަން
އިންސާނާގެ ހަށިގަނޑުގައިވާ ޖީންތަކާއި ސެލްތަކުގެ ޙަޤީޤަތަށް ޑޮކްޓަރުންނާއި އިސްލާމީ ފިޤުހުވެރިން އިޢުތުރާފު ވެފައިވާއިރު، ޑީއެންއޭގެ ތެދުވެރިކަމުގެ ނިސްބަތާމެދު ވެސް ޢިލްމުވެރިން ބަޙުޘްކޮށްފައިވެއެވެ. ވިރާސީ ޢިލްމުގެ މާހިރުންނާއި ޑޮކްޓަރުން ބަޔާންކޮށްފައިވާ ގޮތުން ޑީއެންއޭ އަކީ 99%،99 ތެދު އެއްޗެކެވެ. އަނެއްބަޔަކު ހާމަކޮށްފައިވަނީ ޑީއެންއޭ އަކީ 100% ޞައްޙަ އެއްޗެއް ކަމުގައެވެ.
ޑީއެންއޭގެ މުހިންމުކަން
ޑީއެންއޭ އަކީ ޤަރީނާތަކުގެ ޢާލަމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެވެ. ޑީއެންއޭގެ މުހިންމުކަން ވަރަށް ބޮޑެވެ. މިގޮތުން ހާމަވާ ބައެއް މުހިންމު ކަންކަމުގެ ތޭގައި:
1- ވައްކަމާއި ފޭރުމާއި ރޭޕްކުރުންމާއި މަރުގެ މައްސަލަތައް ފަދަ ޖިނާއީ ކަންކަމުގައި ޙަޤީޤަތް ހޯދުމަށް ޑީއެންއޭ އަކީ އިތުބާރު ހުރި ވަސީލަތެކެވެ. ޖަރީމާއެއް ހިނގި ތަނުން ލިބޭ މުޖުރިމާ ގުޅޭ ކޮންމެ އަސަރަކުން ވެސް ޑީއެންއޭ ހެދިދާނެއެވެ. ހަމާއި ލެއާއި ދާހިއްޏާއި އިސްތައްޓާއި ކުޅާއި ނުޠުފާއިން ވެސް ޑީއެންއޭ ހެދިދާނެއެވެ. އެއަށް ކިތައްމެ ވަގުތެއް ހޭދަވެފައި ވިޔަސް ޑީއެންއޭ ހެދިދާނެއެވެ.
2- ޑީއެންއޭ އަކީ ވިރާސީ ގޮތުން ޙަޤީޤަތް ހާމަކޮށްދޭ އެންމެ ވަރުގަދަ ޤަރީނާކަމުގައި ޢިލްމުވެރިން ބަޔާންކޮށްފައިވެއެވެ.
3- އެކި އެކި ޖަނަވާރުތަކުގެ ނަސްލުތައް ދެނެގަތުމުގައި ވެސް ޑީއެންއޭ އަކީ ޤަރީނާއެކެވެ.
4- ބައެއް ޤައުމުތަކުގައި ކުއްޖާ ވިހާތަކުން ޑީއެންއޭ ހަދައި ބޭންކު ކުރެވެއެވެ.
އިސްލާމީ ޝަރީޢަތުގައި ޑީއެންއޭއަކީ އެއްވެސް މައްސަލައެއްގެ ޙުއްޖަތެއް ނުވަތަ ޤަރީނާއެއްގެ ގޮތުގައި ބޭނުންކުރެވެނީ އޭގައި ޝަރުޢީ ގޮތުން މުހިންމު ޝަރުޠުތަކެއް ފުރިހަމަވެގެންކަމުގައި މުސްލިމު ފިޤުހުވެރިން ބަޔާންކޮށްފައިވެއެވެ. އެއިގެ ތެރޭގައި ޑީއެންއޭ ތަޙުލީލުގެ ނަތީޖާ ކީރިތި ޤުރުއާނާއި ނަބިއްޔާގެ ސުންނަތުގެ އަޞްލަކާ ކަނޑައެޅިގެން ޚިލާފުވެގެންނުވާނެއެވެ. އެއީ ޝަރުޢީ ނުޞޫޞްތައް އިހުމާލުވެގެން ހިގައިދާނެތީއެވެ. މީގެ އިތުރުން ޑީއެންއޭ ތަޙުލީލުގެ ނަތީޖާ ބުއްދީގެ ހަމަތަކާ ވެސް ތަޢާރުޟުވެގެންނުވާނެއެވެ. އިސްލާމީ ކޯޓްތަކުގައި ޤަބޫލުކުރަނީ ކޯޓްގެ އަމުރަށް ހެދޭ ތަޙުލީލުތަކާއި ކަމާ ބެހޭ ތަޙުޤީޤީ އިދާރާއަކުން ހަދާ ތަޙުލީލުތަކެވެ.
އަދި ހަމަ އެފަދައިން ޑީއެންއޭ ތަޙުލީލު ކުރުމުގައި ޢިލްމީ ގޮތުން ވެސް ޝަރުޠުތަކެއް ކަނޑައަޅާފައިވެއެވެ. މިގޮތުން ޑީއެންއޭ ތަޙުލީލުކުރަންވާނީ ކަމާބެހޭ ޢިލްމުގެ ސްޕެޝަލިސްޓުންކަމުގައިކަނޑައެޅިފައިވެއެވެ. އަދި ތަޙުލީލުކުރެވެންވާނީ ކަމާ ބެހޭ އިދާރާއެއްގެ އިޛުނައާއެކު ކަމާއި ދައުލަތުގެ ބެލުމުގެ ދަށުގައިވާ ލެބޯޓްރީއަކަށް ވާންޖެހޭނެކަމުގައި ވެސް ބައެއް ޢިލްމުވެރިން ބަޔާންކޮށްފައިވެއެވެ. ސަބަބީ ޑީއެންއޭ ޤަރީނާއަކީ އެއިގެ މައްޗަށް ބިނާކޮށް ޤަޟާޢީ ޙުކުމެއް އަންނަ ޤަރީނާއަކަށްވާތީއެވެ.
ޝަރުޢީ ގޮތުން ޤަބޫލުކުރެވިގެންވާ ޑީއެންއޭ ތަޙުލީކަކީ އެކަކަށް ވުރެ ގިނަ މީހުންގެ މައްޗަށް އެކުލެވޭ ސްޕެޝަލިސްޓުންގެ މައްޗަށް އެކުލެވޭ ޓީމަކުން ހަދާ ތަޙުލީލަކަށް ވާންޖެހޭތޯއާމެދުގައިވެސް އިލްމުވެރިން ބަހުޘްކުރައްވާފައިވެއެވެ. މި މައްސަލައިގައި ޢިލްމުވެރިންގެ ތިން ރައުޔެއްވެއެވެ.
(ހ) ފުރަތަހަމަ ރައުޔުގެ ބޭފުޅުންގެ ނަޒަރުގައި ޝަރުޢީ ގޮތުން ޤަބޫލުކުރެވޭ ޑީއެންއޭ ތަޙުލީލެއް އެކަކަށްވުނެ ގިނަ ސްޕެޝަލިސްޓުން ހިމެނެންޖެހެއެވެ. މަދުވެގެން ދެމީހުން ހިމެނެންޖެހެއެވެ. އެއީ އިސްލާމީ ޝަރީޢަތުގައި ބަޔާންވެގެންވާ ހެކިވެރިންގެ ޢަދަދަށް ޤިޔާސްކޮށެވެ. މި ގޮތައް ބުރަވެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ޑރ. މުޙައްމަދު ސުލައިމާން އަލްއަޝްޤަރާއި ޑރ. އަލީ ޤުއްރާދާޣީއާއި ޑރ. ފުއާދު ޢަބްދުލްމުންޢިމާއި ޑރ. ޢުމަރު ޝައިޚް އަލްއަޞައްމާއި ޑރ. ޙަސަން ޝާޛުލީ ހިމެނިވަޑައިގަންނަވައެވެ. މި ބޭފުޅުން ވިދާޅުވަނީ ޑީއެންއޭގެ ދައުރަކީ ހެކިދޭ މީހެއްގެ ދައުރުކަމުން ޑީއެންއޭ ތަޙުލީލު ކުރުމުގައި އެކަކަށް ވުރެ ގިނަ ޚަރީބުން ހިމެނެންޖެހޭނެކަމުގައެވެ. މި ބޭފުޅުން ދަލީލެއްގެ ގޮތުން ގެންނަވަނީ އަލްބަޤަރާ ސޫރަތުގެ ( 282) ވަނަ އާޔަތެވެ. އެ އާޔަތުގައި ބަޔާންވެގެންވަނީ ދެ ހެކިންގެ ވާހަކައެވެ. އަދި ހަމަ އެހެންމެ، ފިޤުހުވެރިން ޤިޔާފާ ( މީހާގެ ވައްތަރަށް ބަލައި ނަސަބު ކިޔައިދިނުން) މުގައި އިހުޒަމާނުގައި އެކަކަށް ވުރެ ގިނަ ޤާއިފުންގެ މައްޗަށް ބުރަވުމަށް ބައެއް ފިޤުހުވެރިން ނެރެފައިވާ ރައުޔުވެސް މި ބޭފުޅުން ރިޢާޔަތްކުރައްވައެވެ. މިޒަމާނުގައި ދޮގުހެދުމާއި އޮޅުވާލުން ގިނަވެފައިވާތީވެ މިފަދަ ޙައްސާސް ކަމެއްގައި އެކަކަށް ވުރެ ގިނަ މީހުން ހިމެނެން ޖެހޭނެކަމުގައި ދެކެވަޑައިގަންނަވައެވެ. ( ޚަލީފާ ޢަލީ ކަޢުބީ، 52).
(ށ) ދެވަނަ ރައުޔުގައިވަނީ ޑީއެންއޭ ތަޙުލީލު ކުރުމުގައި ކޮންމެހެން ގިނަ ސްޕެޝަލިސްޓުން ތިބެން ނުޖެހޭ ކަމާއި އެންމެ މީހެއްގެ މައްޗަށް ވެސް ފުދޭނެކަމުގައެވެ. މިރައުޔަކީ ޑރ. ސަޢުދުއްދީން ހިލާލީއާއި ( ހިލާލީ 282،) ޑރ. ވަހުބާ ޒުޙައިލީގެ ރައުޔެވެ. ( އައްޒުޙައިލީ، 10) މި ރައުޔުގެ ބޭފުޅުން ވިދާޅުވަނީ އިހުގެ ފިޤުހުވެރިން ޤިޔާފައިގައި އެންމެ ޤާއިފެއްގެ ރައުޔަށް ބުރަވެފައިވާ ކަމަށެވެ. އެއީ ޝާފިޢީ މަޒްހަބާއި ޙަންބަލީ މަޒުހަބުގައި ވެސް އޮތް ރައުޔެއްކަމަށެވެ. އަދި ޡާހިރީ މަޒުހަބާއި އައުޒާޢީގެ ރައުޔަކީ ވެސް އެއީ ކަމުން، ޤިޔާފާގައި އެންމެ މީހެއްގެ ރައުޔަށް ބުރަވެވޭ އިރު، ޑީއެންއޭ ތަޙުލީލުގައި އެންމެ މީހެއްގެ ރައުޔަށް ބުރަނުވެންންވީ ސަބަބެއް ނެތެވެ. ސަބަބަކީ ޤިޔާފާގެ ބަހަށް ވުރެ، ޑީއެންއޭގެ ތެދުކަމުގެ ކަށަވަރުކަމުގެ ނިސްބަތް ބޮޑުކަމެވެ. ޤިޔާފަތަކީ ސިފައަށް ބަލައި ވައްތަރު ބަލައި ކާކުކަން ކިޔައި ދިނުމެވެ. ޑީއެންއޭއަކީ އިންސާނާގެ ޖެނެޓިކް ވިސާސީ ސިފަތަކުން ކާކުކަން ބުނެދިނުމެވެ.
(ނ) ތިންވަނަ ރައުޔަކީ، ޑީއެންއޭ ތަޙުލީލުގައި ބުރަވެވޭ ޢަދަދެއް ކަނޑައަޅާނީ ސަރުކާރުންނެވެ. އެހެނީ އެކަމުގައި އިތުބާރު ހުރި އެންމެ މީހެއްވެސް ސަރުކާރަށް ފާހަގަ ކުރެވިފައި ހުރެދާނެކަމުގައިވާތީއެވެ. މިއީ ޑރ. ޢުމަރު ސުބައްޔިލްގެ ރައުޔެވެ. ( އައްސުބައިޔިލް، 36 ).
އަޅުގަނޑުގެ ނަޒަރުގައި، މިކަމުގައި ކޮންމެހެން ސްޕެޝަލިސްޓުންގެ ވަކި އަދަދެއް ލާޒިމު ކުރުން މުހިންމެއްނޫނެވެ. އިތުބާރު ހުރި ލެބޯޓްރީ ޓެސްޓްތަކުން ފުދޭނެއެވެ. އެކަން ކަނޑައަޅާނީ ކަމާ ބެހޭ ތަޙުޤީޤީ ބާރުވެރި ފަރާތުންނެވެ. ނުވަތަ ސަރުކާރުންނެވެ. ޑީއެންއޭއާއި ހެކިވެރިންނާ ޤިޔާސްކުރުމަކީ ހަމަ ޖެހޭ ޤިޔާސެއްނޫނެވެ. ހެކިވެރިންނަކީ ލޮލަށް ފެނިގެން ހެކިދޭ މީހުންނެވެ. ޑީއެންއޭ އަކީ ތަޙުލީލު ތަކެކެވެ. ޑީއެންއޭ އަކީ ޢިލްމީ އުޞޫލުތަކެއްގެ މައްޗަށް ޤާއިމުވެފައިވާ ޢިލްމީ ތަޙުލީލުތަކެއްކަމުން ހެކިދޭ މީހާއާއި ޑީއެންއޭ އާ ޤިޔާސްކުރެވޭނެ މަގެއް ނެތެވެ.
ޑީއެންއޭ ތަޙުލީލުގައި މައްސަލަ ހުރެދާނެ ހެއްޔެވެ؟
ޑީއެންއޭއަކީ އެއިގެ ޒާތުގައި ތެދު އެއްޗެކެވެ. ނަމަވެސް ޑީއެންއޭ ތަޙުލީލު ކުރެވޭ ގޮތުން އޭގެ ނަތީޖާ ތަފާތުވެދާނެއެވެ. ކަމާ ބެހޭ ތަޖުރިބާކާރުން ހާމަކޮށްފައިވާ ގޮތުން ޑީއެންއޭ އަކީ އޭގެ ޒާތުގައި ޙައްޤު އެއްޗަކަށް ވިޔަސް، ދެ ކަމެއްގެ ސަބަބުން އޭގެ ނަތީޖާއަށް އަސަރުކޮށްފާނެއެވެ.
ފުރަތަމަ ކަމަކީ، ޖަރީމާއެއް ހިނގާތަނެވެ. ( Crime Scene ) އެވެ. ސީނުން ޑީއެންއޭ އަށް ބޭނުންވާ މާއްދާތައް ނެގޭ އިރު ރަނގަޅަށް އެކަން ނުކޮށްފި ނަމަ ނަތީޖާ އަށް ބަދަލު އަތުވެދާނެއެވެ. މިސާލަކަށް ރޭޕް ކުރުމާއި މަރުގެ މައްސަލަތައް ފަދަ ޖިނާއީ ކަންކަމުގެ ތަޙުޤީޤަށް ބޭނުންވާ މާއްދާތައްކަށް ނެގުމުގައި އެކަންކުރަން އޮންނަ ގޮތް ނޫން ގޮތަކަށް ކޮށްފި ނަމަ، ނުވަތަ އެމާއްދާތަކަށް ގެއްލުންލިބިފަ ހުރި ނަމަ، ނުވަތަ މާއްދާތައް ފޮހެލާފައި ހުރި ނަމަ ރަނގަޅު ނަތީޖާއެއް ނުނިކުމެދާނެއެވެ.
ދެވަނަ ކަމަކީ ތަޙުލީލުކުރާ ލެބޯޓްރީއެވެ. ބައިލޮޖިކަލް ތަޙުލީލުތައް ހެދުމުގައްޔާއި ޑީއެންއޭގެ ނަތީޖާ ނެރެދޭ ތަނަކީ އާޚިރުގައި ލެބޯޓްރީއެވެ. އެހެންކަމުން އެތަނުގައި ހުރި ވަސީލަތްތައް ފުރިހަމަ ވާންޖެހޭނެއެވެ. ފަންނީ ރިޕޯޓް އެކުލަވާލުމުގައި ގޯހެއް ހެދިދާނެކަމުގެ އިޙުތިމާލު އޮތުމެވެ. ( އަބުލްވަފާއު، 692)
ޑީއެންއޭ އަކީ ޤަރީނާއެއް ހެއްޔެވެ؟
ޤަރީނާއަކީ ކަމެއް ސާބިތުކޮށްދިނުމަށްޓަކައި ނުވަތަ ކަމެއް ނަފީ ކުރުމަށްޓަކައި ދިލާލަތުކޮށްދޭ ޢަލާމާތެވެ. ނުވަތަ ނިޝާނެވެ. މިސާލަކަށް ގެއަކުން މީހަކު ނިކުތް އިރު އޭނާގެ އަތުގައި ލޭގެ އަސަރާއެކު ޚަންޖައޮތް ތަން ފެނުމާއެކު، އެގެއަށް ބަޔަކު ވަން އިރު މީހެއްގެ ކަރުގައި ޚަންޖަރު އަޅާފައިވަނިކޮށް ފެނިއްޖެ ނަމަ އެ ގެއިން ޚަންޖަރު ހިފައިގެން ނިކުތް މީހާއަކީ ކުށްވެރިއާކަމަށް ވުމުގެ އިޙުތިމާލު ސާބިތުކުރުމަށް އެ ޤަރީނާ ބޭނުން ކުރެވިދާމެއެވެ. ( ޒައިދާން، ޢަބްދުލްކަރީމް 2002، 185).
އިސްލާމީ ޝަރީޢަތުގައްޔާއި އިސްލާމީ ޤަޟާއީ ނިޒާމުގައި ޤަރީނާއަކީ މުޢުތަބަރު ވަސީލަތެކެވެ. ޤަރީނާއަކީ މުޢުތަބުރު އެއްޗެއްކަމުގައި ކީރިތި ޤުރުއާނާއި މާތް ރަސޫލާގެ ސުންނަތުން ދިލާލަތުކޮށްދެއެވެ. މި ގޮތުން، މިނިކާ ކުއްތާއެއް ޔޫސުފްގެފާނު ކައިލި ކަމަށް ސާބިތުކޮށްދިނުމަށް ލެއާއެކުވާ ޤަމީހެއް އެކަލޭގެފާނުގެ ބައްޕާއަށް ފުޅަށް އަޚުންގެ ފަރާތުން އެރުވުނު ވާހަކަ ޔޫސުފް ސޫރަތުގެ ( 18) ވަނަ އާޔަތުގައި ބަޔާންވެފައިވެއެވެ. އަޚުންގެ ފަރާތުން އެ ޤަމީސް އެރުވީ އެމީހުންގެ ބަސް ތެދުކުރުމަށްޓަކައި ޤަރީނާއެއްގެ ގޮތުގައެވެ. ނަމަވެސް، ޔޫސުފު ސަލާމަތުން ހުންނެވި ކަމުގެ ޔަޤީންކަން ބައްޕާފުޅަށް ލިބިވަޑައިގެންނެވީ ވެސް އެ ޤަރީނާއިނެވެ. ބައްޕާފުޅު ވިދާޅުވީ މިނިކާ ކުއްތާ ޔޫސުފް ކައިލި ނަމަ ޔޫސުފް ލައިގެން ހުރި ތި ގަމީސް ނުވީދި ތިއޮތީ ކީއްވެގެން ހެއްޔެވެ؟ ( މުޙައްމަދު ރައުފަތު، 2، 572) މިހެންވުމުން ޔޫސުފާ މެދު، ބައްޕާފުޅު ޔަޢުޤޫބުގެ ހިތްޕުޅުގައި އުންމީދު އާވެގެން ދިޔައެވެ. އަދި އެ ދެބަފައި ކަލުން ބައްދަލުވެއްޖައުމަށް ދާންދެން އެ އުންމީދުގައި ހުންނެވިއެވެ.
ޤަރީނާގެ ދެވަނަ ދަލީލަކީ ވެސް ޔޫސުފްގެފާނާ ގުޅިފައިވާ ކަމެކެވެ. މިޞްރުގެ ޢަޒީޒުގެ އަނބިކަލނބަލުން އެކަލޭގެފާނުގެ އިސްތަށިފުޅުގައި އެޅުވި އިލްޒާމުން އެކަލޭގެފާނު ބަރީއަވެގެންވާ ކަމަށް ހާމަވީ ވެސް ޤަރީނާއަކުންނެވެ. އެއި ގަމީސްކޮޅު ފުރަގަހުން ވީދިފައި ހުރުމެވެ. ފުރަގަހުން ވީދިފައި ހުންނާނީ އެކަލޭގެފާނުގެ ފަހަތްޕުޅުން މީހަކު ދެމީމައެވެ. ކުރިމަތިން ވީދިފައި ހުރި ނަމަ ޒުލައިޚާގެ ބަސް ތެދުވެގެންވާނެ ކަމަށް އެ މައްސަލައިގައި ގޮތް ނިންމި ފަރާތުން ކަނޑައެޅި އެވެ. މި ވާހަކަ ޔޫސުފް ސޫރަތުގެ (26-28) ވަނަ އާޔަތުގައި ބަޔާން ވެގެން ވެއެވެ.
ކީރިރި ރަސޫލާގެ ސުންނަތަށް ނަޒަރު ހިންގައި ދިރާސާކޮށްލާއިރު ވެސް ޤަރީނާއަށް ޢަމަލުކުރައްވާފައިވާ ތަން ފެނެއެވެ. މިގޮތުން ޤިޔާފާ ( ވައްތަރާއި ސިފައަށް ބަލައި ނަސަބު ކިޔައި ދިނުން). މިކަމުގައި ބަލަނީ ސިފައާއި ވައްތަރަށެވެ. އެއީ ޢަލާމާތްތަކެކެވެ. ފިޤުހުވެރިންގެ ނަޒަރުގައި ޤިޔާފާއަކީ އިސްލާމީ ޤަޟާއީ ނިޒާމުގައި މުޢުތަރު ޤަރީނާއެކެވެ. މާލިކީ މަޒުހަބުގެ މުޖުތަހިދު ޢިލްމުވެރިޔާ އިމާމު އިބުނު ފަރްހޫން ވިދާޅުވެފައިވެއެވެ. މާލިކީ މަޒުހަބުގައިވާ ގޮތުން ޤަރީނާތަކަށް ޢަމަލުކުރުމަކީ ޤަޟާއީ ނިޒާމުގައި ޙުކުމްކުރުމުގެ އެއްގޮތެވެ. އަދި ޙަންބަލީ މަޒުހަބުގައި ވެސް މި ކަން އޮތް ގޮތަކީ މާލިކީ މަޒުހަބާ ގާތް ގޮތަކަށެވެ. އިމާމު އިބުނުލްޤައްޔިމު ވިދާޅުވެފައިވަނީ ބައެއް ފިޤުހުވެރިން ޤަރީނާތަކުގެ ވާހަކަ ޞަރީޙަ ބަހުން ގެންނަވާގައި ނެތެއްކަމަކު، އެބޭކަލުން ޙުކުމްތައް ތަރުތީބު ކޮށްފައިވަނީ ޤަރީނާގެ އަސާސަށް ބަލައިގެންކަމުގައި ފާހަގަ ވެއެވެ. ( ޒައިދާން، ޢަބްދުލްކަރީމް 187).
އިސްވެ ދިޔަ އާޔަތްތަކާއި ސުންނަތުގެ ދަލީލުތަކާއި ފިޤުހުވެރިންގެ ރައުޔުތަކުން ދޭހަކޮށްދެނީ ޤަރީނާއަކީ އެއިގެ ޒާތުގައި މުޢުތަބަރު އެއްޗެއްކަމެވެ. މިއިން ކަމުން ޖިނާއީ ކަންކަމުގައި ޙަޤީޤަތަށް ވާޞިލްވުމަށް ޑީއެންއޭގައި ހިފުމަކީ އިސްލާމީ ޝަރީޢާއާއި ތަޢާރުޟްވާނެ ކަމެއްނޫނެވެ. ސަބަބަކީ ޑީއެންއޭ އަކީ ޙައްޤަށް ވާޞިލްކޮށްދޭ ޢަލާމާތެކެވެ.
ނަސަބު ނޫން ކަންކަމުގައި ޤަރީނާއެއްގެ ގޮތުގައި ޑީއެންއޭ ބޭނުންކުމުގައި ދެބަސްވުމެއް ނެތެވެ. ނަމަވެސް ޑީއެންއޭއަކީ ޢިލްމީ ހޯދުމެއްގެ މައްޗަށް ބިނާވެގެންވާ ވަސީލަތެއްކަމުން، ނަސަބު ނަފީ ކުރުމާއި ސާބިތުކުރުން ފަދަ ޤަޠުޢީ ގޮތުން ވަކި ޙުކުމްތަކެއް ކަނޑައެޅިފައިވާ ޙައްސާސްކަމެއްގައި ޑީއެންއޭއަކީ ހަމަ އެއާ އެއްފަދަ ޤަތުޢީ ޤަރީނާއެއްގެ ގޮތުގައި ބޭނުންކުރުމާމެދު ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވުމެއް އުފެދިފައިވެއެވެ. މިކަމުގައި ތިން ތައުޔެއް ވެއެވެ.
ފުރަތަމަ ރައުޔަކީ، ޑީއެންއޭ އަކީ ސައްތައިން ސައްތަ އެއިގެ ޞައްޙަކަމާމެދު ސުވާލެއް ނެތް، ޤަޠުޢީ ޤަރީނާއެކެވެ. މިގޮތައް ބުރަވެވަޑައިގަންނަވަނީ ޑރ، ޢަބްދުލްޤާދިރ ޚައްޔާޠު ( އަލްޚައްޔާޠު 4، 1507 ) ޑރ ސަޢުދުއްދީން ހިލާލީ ( ހިލާލީ، 273) ޑރ ނަޞްރު ފަރީސު ވާޞިލް ( ވާޞިލް، 43 ) ޑރ މުޙުޔިއްދީން ޢަލީ ( ޤުއްރާ ދާޣީ، 27-30) އަދި 1998 ވަނަ އަހަރު ކުވައިތުގައި އޮތް އިސްލާމީކް އޮގަނައިޒޭޝަންގެ ނިންމުމަކީ ވެސް އެއީއެވެ. މި ރައުޔުގެ ބޭފުޅުން ދަލީލެއްގެ ގޮތުގައި ގެންނަވަނީ އަލް އަޙުޒާބު ސޫރަތުގެ ( 5) ވަނަ އާޔަތެވެ. އެ އާޔަތުގައި ވަނީ ދަރިންގެ ބަފައިންނަށް އެމީހުން ނިސްބަތްކުރުމަށެވެ. އެ ބޭފުޅުން ވިދާޅުވަނީ މި އާޔަތުގައި އެވަނީ ބައްޕަ ކަށަވަރު ކުރުމަށެވެ. ބައިލޮޖިކަލް ގޮތުން ދަރިފުޅުގެ އަޞްލުގެ ބައްޕައަށް އޭނާ ނިސްބަތްކުރުމަކީ ޙައްޤުގޮތެވެ. ވީމާ ޑީއެންއޭ މެދުވެރިކޮށް އެ ކަމަށް ވާޞިލްވެވެން އޮތް ކަމަށް މި ބޭފުޅުން ވިދާޅުވެއެވެ. މީގެ އިތުރުން މި ބޭފުޅުން ވިދާޅުވާ ގޮތުން ޑީއެންއޭގެ ތަޙުލީލުތަކަކީ ސައްތައިން ސައްތަ ޞައްޙަ ތަޙުލީލުތަކެވެ.
މި ރައުޔަށް އިޢުތިރާޟް ކުރައްވާ ބޭފުޅުން ވިދާޅުވަނީ މި ގޮތަށް މި ދޮރު ހުޅުވިއްޖެ ނަމަ ގިނަ ބަޔަކު ދަރިންނާ މެދު ޝައްކު އުފައްދައި ޓެސްޓުތައް ހަދަން ފަށާފާނެ ކަމާއި އަނެއްކޮޅުން ޑީއެންއޭ ތަޙުލީލު ކުރުމުގެ ގޯހެއް ހިނގުމުގެ އިޙުތިމާލު އޮތް ކަމަށެވެ. އެ ފަދަ ކަމެއްގެ މައްޗަށް ނަސަބުގެ ކަންކަން ނުނިންމޭނެ ކަމުގައެވެ. އިޙުތިމާލު އޮތުމުން އެކަމެއްގައި ޙުއްޖަތެއް ނެތެވެ.
ދެވަނަ ރައުޔަކީ، ޑީއެންއޭ އަކީ ޡައްނީ ޤަރީނާއެކެވެ. ޤަޠުޢީ ޤަރީނާއަކާ އެއް ދަރަޖައަށް ގޮސްފައިވާ ޤަރީނާއެއް ނޫނެވެ. އަދި އެއީ ނަސަބު ސާބިތު ކުރުމާއި ނަފީކުރުމުގައި ބޭނުން ކުރެވޭ ވަރުގެ މުޢުތަބު ޤަރީނާއެއް ވެސް ނުމެ ނޫން މެއެވެ. ނަމަވެސް އެއީ ކޯޓަށް ފެނިއްޖެ ޙާލަތެއްގައި ހަމަ އެކަނި ބޭނުންކުރެވޭ ޤަރީނާއެކެވެ. މިގޮތުން ކޯޓަށް ފެނިއްޖެ ޙާލަތެއްގައި ނަސަބު ސާބިތުކުރުމާއި ނަފީ ކުރުމުގައި ޑީއެންއޭ ބޭނުންކުރެވިދާނެކަމުގައި ޑރ ވަހުބާ އައްޒުޙައިލީ ( އައްޒުޙައިލީ، 2,، 529) އާއި ޑރ ޢުމަރު އައްސުބައްޔިލް(އައްސުބައްޔިލް، 27 ) ވިދާޅުވެފައިވެއެވެ. މި ރައުޔުގެ ބޭފުޅުންގެ ނަޒަރުގައި ޑީއެންއޭއަކީ އޭގެ ޒާތުގައި ޝަރުޢީ ދަލީލެއްނޫނެވެ. ނަސަބު ސާބިތުކުރުމުގައި ލޭގެ ތަޙުލީލު ހެދުމަކީ ފިޤުހުވެރިން އެއްބަސްވެފައިވާ ޝަރުޢީ ދަލީލެއްނޫނެވެ. ނަސަބު ސާބިތު ކުރުމާއި ނަފީ ކުރުމުގައި އޮތް ގޮތަކީ އިޤުރާރުވުމާއި ހެއްކާއި ޝަރުޢީ އުޞޫލުގެ މަތިން އޮތް ކައިވެނީގެ ގުޅުމެވެ. އަދި ހަމަ އެހެންމެ ޑީއެންއޭ އަކީ ޤަޠުޢީ ޤަރީނާއެއްކަމުގައި ނުބެލެވެނީ އެއިގެ ތަޙުލީލުތައް ހެދުމުގައި ގޯހެއް ހިގާފާނެކަމާއި ރިޕޯޓް އޮޅުވާލުމުގެ އިޙުތިމާލު އޮތްކަމަކަށްވާތީއެވެ. އެކަންކަމާމެދު އެއްވެސް ޚިލާފެއް ނެތް ޤަޠުޢީ ހެއްކާއި ޤަރީނާ ހުއްޓައި ޡައްނީ ޤަރީނާއެއްގެ މައްޗަށް ބުރަ ނުވެވޭނެކަމުގައި ވިދާޅުވެފައިވެއެވެ. މި ހެން އޮތްކަމުގައި ވިޔަސް، ދެ ފިރިހެނުން ދަރިއަކާ މެދު އަރާރުންވުން ފަދަ ޙާލަތެއް މެދުވެރިވެއްޖެ ނަމަ އެ ކުއްޖާގެ ނަސަބު ނިސްބަތްވާ މީހާ ކަނޑައެޅުމަށް ކޯޓުގެ އަމުރަށް ޑީއެންއޭ ހެދިދާނެކަމުގައި މި ރައުޔުގެ ބޭފުޅުން ވިދާޅުވެފައިވެއެވެ.
ތިންވަނަ ރައުޔުގެ ބޭފުޅުން ވިދާޅުވަނީ ޑީއެންއޭއަކީ ޤަޠުޢީ ޤަރީނާއާއި ގާތްކުރާ ޤަރީނާއެއްކަމުގައެވެ. މިއީ ޑރ، ނާޞިރު އަލް މައިމާންގެ ރައުޔެވެ. ( އަލްމައިމާން، 613). މި ރައުޔަށް އެހެން ބައެއް ޢިލްމުވެރިން ވެސް ތާއިދު ކުރައްވާފައިވެއެވެ.
މި މައްސަލައިގައި ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ރައުޔުތަކަށް ނަޒަރު ހިންގައި އަޅުގަނޑު ބުރަވާނީ، ޑީއެންއޭ އަކީ ވަރުގަދަ ޤަރީނާއެއްކަމުގައެވެ. ނަމަވެސް ނަސަބު ނަފީކުރުމާއި ސާބިތުކުރުމުގައި ޝަރުޢީ ގޮތުން ހުރި ޤަޠުޢީ ކަންކަމުގެ މައްޗަށް މި ޤަރީނާ އިސްވެގެން ނުވެއެވެ. އެހެން ނަމަވެސް ޤަޠުޢީ ކަންކަމަށް ބާރުދޭ ޤަރީނާއެއްގެ ގޮތުގައި ކޯޓުގެ އަމުގެ ދަށުން ބޭނުންކުރެވިދާނެއެވެ. މި ކަމުގެ ތަފްސީލް ލިޢާންގެ މައްސަލައިގައި ޑީއެންއޭގެ ޙުއްޖަތުގެ މައްޗަށް ލިޔެވޭ މަޒްމޫނުގައި ބަޔާންކުރާހުށީމެވެ.
މި ހިސާބުން ޑީއެންއޭގެ ޙަޤީޤަތުގެ މައްޗަށް ލިޔާން ޤަސްތުކުޅަވަރު ނިމުނީއެވެ. ދެން އަންނަ މަޒްމޫނުގައި ގެންނެވޭނީ އަޞްލު މައުޟޫޢެވެ. އެއީ ލިޢާންގެ މައްސަލައިގައި ޑީއެންއޭ ޤަރީނާގެ ބޭނުންކުރުމުގެ ޙުކުމެވެ. ޑީއެންއޭގެ ޙަޤީޤަތާ ބެހޭ ގޮތުން މިގެނެވުނު ވާހަކަތަކަކީ ތީސީސްގައި ބަޔާންކުރި ޗެޕްޓަރ ތަކުގެ ޚުލާޞާއެކެވެ. ބައެއް ބައިތައް ކުރުގޮތަކަށް ގެނެވިފައިވާނެއެވެ. އަޞްލު މަޤުޞަދަކަށް ވީ ލިޢާންގެ މައްސަލައަށް ވާހަކަ ދެއްކުމުގެ ކުރީން އިސްލާމީ ނަޒަރަކުން ޑީއެންއޭގެ ޙަޤީޤަތަށް ނަޒަރެއް ހިންގާލުމެވެ. އަދި އޭގެ ތެދުކަމާއި ތަޙުލީލުތަކުގެ ގޯހެއް ހިނގައިފާނެކަމުގެ އިޙުތިމާލު އޮތް ވަރު ދެނެގަތުމެވެ. ސަބަބަކީ ލިޢާންގެ މައްސަލައަކީ ޝަރުޢުގައި ޤަޠުޢީ ޙުކުމެއް އޮތް ކަމަކަށްވާތީވެ، ޡައްނީ ޤަރީނާއަކުން ނުވަތަ ގޯހެއް ހިގައިފާނެ އިޙުތިމާލު އޮތް ތަޙުލީލެއް ޤަޠުޢީ ޙުކުމެއްގެ މައްޗަށް އިސް ފަސް ކުރުމަކީ ލިޢާންގެ މައްސަލަގައި ޢިލްމުވެރިންގެ ބަޙުޘްބިނާކުރި އަސާސްކަމުގައިވީތީއެވެ.