އިސްލާމް ދީނަކީ ދަޢުވަތާއި ދައުލަތުގެ ދީނެވެ. މުސްލިމުންނާ އިސްލާމްދީން ޙިމާޔަތްކުރާނެ ދައުލަތެއް އޮތުމަކީ އިސްލާމްދީނުގެ ޠަބީޢަތް ހުރިހާ ޒަމާނެއްގައި ވެސް ލާޒިމުކުރާކަމެވެ. އިސްލާމްދީނުގެ ގިނަ ކަންތައްތަކެއް ޤާއިމު ކުރުމުގެ މަސްއޫލިއްޔަތު ޙާކިމުގެ ކޮނޑުގައި އެޅިފައިވެއެވެ. އިސްލާމީ ޙުކޫމަތުގެ މަސްއޫލިއްޔަތަކީ ﷲ ގެ އެއްކައުވަންތަކަން ބިންމަތީގައި ޤާއިމުކޮށް ޙިމާޔަތްކުރުމާއި މީސްތަކުންގެ މެދުގައި ޢަދުލުވެރިކަން ޤާއިމުކުރުމާއި މީސްތަކުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި ދީނާއި ދުނިޔޭގެ ކަންކަން އިޞްލާޙުގެ މަގުން ހިންގުމެވެ.
އިސްލާމީ ދައުލަތަކީ ހަމަ އެކަނި މުސްލިމުން ދިރިއުޅޭ ދީނީ ދައުލަތެއްނޫނެވެ. އިސްލާމީ ދައުލަތަކީ އިސްލާމީ އުޞޫލުތަކުގެ މައްޗަށް ޤާއިމުވެގެންވާ މަދަނީ ދައުލަތެކެވެ. ދައުލަތުގެ ހިޔަލުގައި ތިބޭ ހުރިހާ ދީނެއްގެ އަހުލުވެރިންގެ ހައްޤުތައް ތަފާތު ކުރުމެއް ނެތި ޙިމާޔަތްކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރިސާލަތު ލެއްވިގެންވަނީ ދީނާއި ދުނިޔޭގެ މަންފާ އޭގެ މައްޗަށް ޤާއިމުވެގެންވާ ރިސާލަތެއްގެ ގޮތުގައެވެ. އަޤީދާއާއި އަޅުކަމާއި އަޚުލާޤާއި އިޤުތިޞާދީ މުޢާމަލާތާއި ޖިނާއީ އުޤޫބާތާއި ޢާއިލީ ނިޒާމުގެ އުޞޫލުތަކާއި ޤަވާޢިދުތަކާއި ޙުކުމްތަކާއި އިންސާނީ ޙައްޤުތަކާއި ބައިނަލްއަޤުވާމީ ގުޅުންތަގެ މަބާދިއުތައް އިސްލާމްދީނުގައި ބަޔާންވެގެންވެއެވެ. މައްކާގައި ކުރިއަށް ދިޔައީ ދަޢުވަތުގެ މަރުޙަލާއެކެވެ. ދައުލަތުގެ މަރުޙަލާ ފެށުނީ މަދީނާގެ ހިޖުރައިންނެވެ. ހިޖުރައަށް ފަހުގައި ދައުލަތުގެ މަރުޙަލާގައި ވާޖިބުތަކާއި ޙުކުމްތައް ބާވާލައްވަން ފެއްޓެވިއެވެ.
މައްކާގައި ދީނަށް ގޮވާލެއްވުމުގައި ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ބާރަ ވަރަކަށް އަހަރު ހޭދަކުރެއްވިއެވެ. މީހުން ބިނާކުރުމާއި ތަރުބިޔަތު ކުރުމާއި ﷲގެ އެއްކައުވަންތަކަމުގެ ޢަޤީދާ މުސްލިމުންނަށް އުގަންނަވައި ދެއްވުމާއި އިސްވެ ދިޔަ އުންމަތްތަކުގެ ވާހަކަތައް ކިޔައިދެއްވުމާއި ނަރަކައާއި ސުވަރުގޭގެ ވާހަކަތައް އުނގަންނަވައި ދެއްވުގެ އަމާޒަކީ އިސްލާމްދީނުގެ ރިސާލަތުގެ ދަޢުވަތާއި އިސްލާމީ މުޖުތަމަޢާއި ދައުލަތް ޤާއިމުކޮށްދޭނެ އަޤީދާ ވަރުގަދަ ޖީލެއް ބިނާކުރުމެވެ. އިސްލާމީ ދައުލަތެއް ޤާއިމު ކުރުމުގެ ފުރަތަމަ މަރުޙަލާއަކީ އަޤީދާ ވަރުގަދަ ދަރީންތަކެއް ބިނާކުރުމެވެ. ރަނގަޅު ފަރުދަކު ބިނާކުރުމުގެ ނަތީޖާއަކީ އޭނާގެ ސަބަބުން ރަނގަޅު ޢާއިލާއެއް ބިނާވެގެން އައުމެވެ. ރަނގަޅު ޢާއިލާގެ ނަތީޖާއަކީ ހެޔޮ ލަފާ މުޖުތަމަޢެއް އުފަންވުމެވެ. ހެޔޮ ލަފާ މުޖުތަމަޢުގެ މޭވާއަކީ ޢަދުލުވެރި ވެރިކަމެއް ޤާއިމުވުމެވެ. މަދީނާގައި ދައުލައް ޤާއިމު ކުރެއްވީ މިދެންނެވި ފަދަ ދަރީންނެވެ.
ދާރުލްއަރުޤަމްގައި ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ކިޔަވައިދެއްވި ދަރިވަރުންނެވެ. މަދީނާގައި އިސްލާމީ ދައުލަތް ޤާއިމުވެގެން ދިއުމުގެ ކުރިން އިސްލާމީ ދައުލަތެއް ޤާއިމު ކުރުމުގެ އިސްތިރާތީޖީ އެތައް ރޭވުންތަކެއް ކުރިއަށް ދިޔައެވެ. އެކި އެކި ދާއިރާތަކުގެ މީހުންނަށް އަމާޒުކޮށް އިސްލާމީ ދަޢުވަތު ދެއްވުން ހިމެނެއެވެ. ވިޔަފާރިވެރިންނާއި ސިޔާސީ ލީޑަރުންނާއި އަސްކަރީ ބޭފުޅުންނަށް އަމާޒުކޮށް ދަޢުވަތު ދެއްވިއެވެ. މަދީނާއާ ހަމަ އަށް ވާޞިލްވުމުގެ ކުރިން ގިނަ ކަންތައްތަކެއް ހިނގިއެވެ. މަދީނާއަށް ހިޖުރަ ކުރެއްވުމަކީ އޭގެ ފަހު މަރުޙަލާއެވެ. މަދީނާއަށް ހިޖުރަކުރައްވައި ދައުލަތް ޤާއިމު ކުރެއްވުމުގެ ކުރިން ޠާއިފަށް ވަޑައިގެންވެސް ބާރުވެރިކަމަކާއި ޙިމާޔަތާއި އެހީތެރިކަން ހޯއްދެވުމަށް މަސައްކަތްކުރެއްވުމާއި ޙައްޖު މޫސުމުގައި ޢަރަބި ޤަބީލާތަކުގެ އެހީތެރިކަން ހޯއްދެވުމަށް މަސައްކަތްކުރެއްވުމާއި މުސްލިމުން ޙަބަޝާގެ ޙިމާޔަތް ހޯދުމާއި ޢަޤަބާގައި ހިނގައި ދިޔަ ބައިޢަތު ފާހަގަކޮށްލެވެއެވެ. މި މަގުން ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ މަދީނާގައި ޤާއިމުކޮށްދެއްވި ދައުލަތްވަނީ ފަހުން ފުޅާވެގެންގޮސް ދުނިޔެ ޙައިރާންކޮށްލި ވަރުގަދަ ޢިލްމީ ކުރިއެރުން ހޯދައި ޙަޟާރަތެއް ބިނާކޮށް މުޅި ދުނިޔޭގެ ބޮޑު ބަޔަކަށް ވެރިކަން ކުރި ދައުލަތަކަށް ވެފައެވެ. މި މަޒްމޫނުގައި އަލިއަޅުވާލަނީ ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި އިސްލާމީ ދައުލަތް ޤާއިމުކުރެއްވުމަށް ޢަމަލުކުރެއްވި އިސްތިރާތީޖީ ޙަރަކާތުގެ މައްޗަށެވެ.
އަޤަބާއަކީ މިނާ ކައިރީގައި ވާ ތަނެކެވެ. އެއީ ޙައްޖު މޫސުމުގައި މީހުން އެއްވެ އުޅުނު ތަނެކެވެ. ޢަޤަބާގެ ބައިޢަތަކީ މަދީނާގައި އިސްލާމީ ދައުލަތުގެ ބިންގާ އެޅިގެން ދިޔަ އެންމެ މުހިންމު ވަރުގަދަ އަސާސެވެ. އެއީ ރަން އަކުރުން އިސްލާމީ ތާރީޚުގައި ލިޔެވެންޖެހޭ ޙަޤީޤަތެކެވެ. އަންޞާރިއްޔަ ބޭކަލުންނާ ކީރިތި ރަސޫލާ އާ ފުރަތަމަ ބައްދަލުވި މަޤާމެވެ. މިކަން ހިނގައި ދިޔަ ގޮތަކީ ޢާއްމު އުޞޫލުން ޙައްޖު މޫސުމުގައި މައްކާއަށް އަންނަ އެކި ވަފުދުތަކާ ބައްދަލު ކުރައްވައި ކީރިތި ރަސޫލާ އެބައިމީހުންނަށް އިސްލާމްދީނަށް ގޮވާލެއްވުމުގެ ތެރެއިން ޙައްޖު މޫސުމުގައި މައްކާއަށް އައިސް އުޅުނު ހަ ޒުވާނަކާ ކީރިތި ރަސޫލާއާ ބައްދަލުވިއެވެ. އެމީހުންނަކީ ކޮން ރަށެއްގެ ބައެއްތޯ ކީރިތި ރަސޫލާ އެއްސެވިއެވެ. އެމީހުންގެ ޖަވާބުގައި ތިމަންމެންނަކީ ޔަޘްރިބް( މަދީނާ)ގެ ބައެއްކަމަށް ދެންނެވިއެވެ. އެހިނދު، ތިމަންކަލޭގެފާނާ ވާހަކަ ދައްކާލަން ވަގުތުކޮޅެއް ދެވިދާނެތޯ ކީރިތި ރަސޫލާ ސުވާލު ކުރެއްވިއެވެ. އެމީހުން އެކަމަށް އެއްބަސްވުމުން ކީރިތި ރަސޫލާ އެމީހުންނަށް އިސްލާމްދީން ހުށައަޅުއްވައި އެކަލޭގެފާނަކީ ފަހު ޒަމާނުގެ ނަބިއްޔާކަން ބަޔާންކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ރިވެތި ވައުޡާއި ނަސޭޙަތް އަޑު އަހައި އެމީހުން އިސްލާމްދީނަށް ވަދެއްޖެއެވެ. އަދި ޖެހިގެން އަންނަ ޙައްޖު މޫސުމުގައި ޢަޤާބަގައި ބައްދަލުވުމަށް ވަޢުދުވެ އެ ހަ މީހުން ޔަޘްރިބް ( މަދީނާ) އަށް އެނބުރި ހިގައްޖެއެވެ. ޖެހިގެން އައި އަހަރު ޙައްޖު މޫސުމުގައި އިތުރު މީހުންނާ އެކު ޖުމުލަ ބާރަ މީހުންނެވެ. އެއީ އިސްލާމްވެގެން އައި މީހުންނެވެ. މިކަމުގެ މައްޗަށް ކީރިތި ރަސޫލާ އުފާކުރައްވައި އެމީހުންގެ ކިބައިން ބައިޢަތު ހިއްޕެވިއެވެ. ﷲ އަށް ޝަރީކު ނުކުރުމަށާއި ވައްކަން ނުކުރުމަށާއި ދޮގު ނުހެދުމަށާއި ޒިނޭ ނުކުރުމަށާއި ހެޔޮ ކަންކަމުގައި ކިޔަމަންގަތުމަށް ބައިޢަތު ހިއްޕެވިއެވެ. އަދި އެބައިމީހުނަށް އިސްލާމްދީން އުނގަންނަވައި ދެއްވުމަށް ބޭކަލަކު ފޮނުވައި ދެއްވުމަށް ކީރިތި ރަސޫލާއަށް ދެންނެވިއެވެ. އަދި ޖެހިގެން އަންނަ ޙައްޖު މޫސުމުގައި ޢަޤަބާގައި ބައްދަލުވުމަށް ވަޢުދުވެ އެ ބާރަ މީހުން ޔަޘްރިބަށް އެނބުރި ދިޔައެވެ.
ޢަޤަބާގެ ބައިޢަތުގައި މަދީނާއިން އައި ބޭކަލުންގެ އެދުމުގެ މަތިން އިސްލާމްދީން އުނގަންނަވައި ދެއްވުމަށް ސަފީރެއްގެ ގޮތުން މުޞްޢަބު ބުނު ޢުމައިރު ފޮނުއްވިއެވެ. ޙަސަބާއި ނަސަބުގެ ގޮތުން އަރައި ހުންނެވި ޒުވާނެކެވެ. ވަރަށް ތަނަވަސް ޢާއިލާއަކަށް ނިސްބައިވެވަޑައިގަންނަވާ ބޭކަލެކެވެ. ނަމަވެސް އެ މުއްސަނދި ދިރިއުޅުން ދޫކުރައްވައި ﷲ އާއި އެކަލާނގެ ރަސޫލާއަށް އީމާންވެ އިސްލާމްދީނަށް ޚިދުމަތްކުރެއްވުމަށް ރަސޫލާގެ އަރިހުގައި މަސައްކަތްކުރެއްވިއެވެ. މިފަދަ އަމާނާތްތެރި ބޭކަލަކު ސަފީރެއްގެ ގޮތުން ފޮނުއްވިއެވެ. ލޮބުވެތި ޞަޙާބީ މުޞްޢަބަކީ އިސްލާމްދީނުގެ އެންމެ ފުރަތަމަ ސަފީރެވެ. އެކަލޭގެފާނު މަދީނާއަށް ވަޑައިގެން އިސްލާމްދީނަށް ދަޢުވަތު ދެއްވުމުގެ މަސައްކަތް ފައްޓަވައިފިއެވެ. އެކަލޭގެފާނުގެ މަތިވެރި މަސައްކަތުން އިސްލާމްދީނުގެ ދަޢުވަތު ނުވަންނަ ގެއެއް މަދީނާގައި ނެތެވެ. ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަ ކުރެއްވި އިރު މަދީނާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ތިބީ އިސްލާމްދީނަށް ވަދެ އެކަލޭގެފާނަށް މަރުޙަބާ ކިޔަން ތައްޔާރަށެވެ. މުޞްޢަބަކީ ވަފާތެރި މަތިވެރި ޞަޙާބީއެކެވެ. ކީރިތި ރަސޫލާ ނުހަނު ލޯބިފުޅުވާ ބޭކަލެކެވެ. އެކަލޭގެފާނު ޝަހީދުވީ އުޙުދު ހަނގުރާމައިގެ ތެރޭގައި މެދުވެރިވި ހިތާމަވެރި ޙާދިސާގައެވެ. މުޞްޢަބު ޝަހީދުވެފައިވާތަން ފެނިވަޑައިގަތުމުން ކީރިތި ރަސޫލާ ކީރިތި ކުރެއްވިއެވެ. އެކަލޭގެފާނުގެ ކަފުނުން އިސްތަށިކޮޅުން ނިވާކުރުމުން ފައިންޕުޅުން ކަޝްފުވެއެވެ. ފައިންޕުޅުން ނިވާކުރުމުން އިސްތަށިފުޅު ކަޝްފު ވެއެވެ. މުޞްޢަބު ބުނޖު ޢުމައިރަކީ މުއްސަނދި ތަނަވަސް ދިރިއުޅުން ދޫ ކުރައްވައި ﷲ އަށްޓަކައި ޤުރުބާނީވެވަޑައިގެންނެވި ނަމޫނާ ޝަޚުޞިއްޔަތެވެ.
ޢަޤަބާގެ ފުރަތަމަ ބައިޢަތުގައި ބައިވެރިވި ބާރަ މީހުން ޖެހިގެން އައި އަހަރުގައި ޙައްޖު މޫސުމުގައި ކީރިތި ރަސޫލާގެ އަރިހަށް އައީ ހަތްދިހައަށް ވުރެ ގިނަ މުސްލިމުންނާ އެކުގައެވެ. މިހާބޮޑަށް މުސްލިމުންގެ ޢަދަދު އިތުވެގެންދިޔައީ މުޞްޢަބު ބުނު ޢުމައިރުގެ މަތިވެރި މަސައްކަތުންނެވެ. ކުރީ ފަހަރު ތަކާ ޚިލާއަށް މި ފަހަރުގައި އަންހެން ބޭކަނބަލުން ވެސް ބައިރިވިއެވެ. މި ފަހަރު އައި އެންމެންގެ ކިބައިންވެސް ބައިޢަތު ހިއްޕެވިއެވެ. މި ފަހަރުގެ ބައިޢަތުގައި ތަފާތު ކަމެއް އައެވެ. އެއީ ވެރިންނާ ދެކޮޅުނުވުމަށް ބައިޢަތު ހިއްޕެވިއެވެ. މި ކަމުން ދޭހަވަނީ ދަޢުވަތުގެ އަމާޒު އެހެން ދިމާއަކަށް މިޞްރާބު ޖަހައިފި ކަމެވެ. އަދި ޢަޤަބާގެ ދެވަނަ ބައިޢަތު ވެގެން ދިޔައި އިސްލާމީ ދައުލަތް މަދީނާގައި ޤާއިމުކުރުމުގެ މަޝްވަރާތައް ކުރިއަށް ދިޔަ ކޮންފަރެންސަށެވެ. މި ބައްދަލުވުމުގައި ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަކުރައްވައިފި ނަމަ އެކަލޭގެފާނު ޙިމާޔަތްކުރާނެކަމުގެ ވަޢުދު އެމީހުންގެ ކިބައިން ހިއްޕެވިއެވެ. އެމީހުންގެ ޖާނާއި މުދާ ޤުރުބާންކޮށްގެން ވެސް އެކަލޭގެފާނު ޙިމާޔަތްކުރާނެކަމަށް އަޙުދުވިއެވެ. މި ބައްދަލުވުމުގައި ރަސޫލާގެ ބޮޑު ބޭބޭފުޅު އައްބާސްގެފާނު ބައިވެރިވެލައްވައި ކީރިތި ރަސޫލާ މަދީނާއަށް ވަޑައިގެންފި ނަމަ އެކަލޭގެފާނަށް ގެއްލުމެއް ނުދެއްވުމަށާއި އެކަލޭގެފާނާ މެދު ރައްކާތެރިވުމަށް ނަސޭޙައް ދެއްވިއެވެ. ނަމަވެސް އެއިރު ޢައްބާސްގެފާނު އިސްލާމްވެވަޑައިނުގަންނަވައެވެ. މި ބައްދަލުވުމުގައި ބައިވެރިވީ ބައްދަލުވުމުގެ މަޤުޞަދުގެ ޙައްސާސްކަމުންނާއި ޢާއިލީ ބޭފުޅެއްގެ ގޮތުންނެވެ. މަދީނާއިން ޢަޤަބާއަށް އައި ހަތްދިއަށް ވުރެން ގިނަ މީހުންގެ ތެރެއިން ބާރަ މީހުން އިޚުތިޔާރު ކުރައްވައި އެއީ “ނަޤީބުން” ކަމުގައި ކަނޑައަޅުއްވައި އިސްލާމްދީނަށް ގޮވާލުމާއި މުސްލިމުންނަށް ރައްކާތެރިކަން ދިނުމުގެ މަސައްކަތް އެބޭކަލުންނާ ޙަވާލު ކުރެއްވިއެވެ. އެއަށް ފަހު އެބައިމީހުން މަދީނާއަށް އެނބުރި ހިގައްޖެއެވެ.
ކީރިތި ރަސޫލާއާއި މަދީނާގެ އަހުލުވެރިންނާއެކު ހިނގައި ދިޔަ ބައިޢަތުގެ ޚަބަރު ކޮންމެވެސް ގޮތަކުން ޤުރައިޝުންނަށް ލިބި މައްކާގެތެރެ ކޮންމެވެސް ވަރަކަށް ހޫނުވާން ފެށިއެވެ. އަދި މައްކާއިން ނިކުމެވަޑައިގެން މުޙައްމަދުގެފާނު މަދީނާއަށް ވަޑައިގެންފި ނަމަ ޤުރައިޝުންގެ ބާރު ނެތިވެ އިސްލާމްދީނަށް ގަދަކަން ލިބިދާނެކަމަށް ބަލައި މައްކާގެ އެކި ޤަބީލާތައް ވެގެން ކީރިތި ރަސޫލާ ޝަހީދުކޮށްލުމަށް ރޭވިއެވެ. ޝައިޠާނާގެ މި ވަސްވާސްތަކަށް ހެއްލި ކީރިތި ރަސޫލާ ޝަހީދުކޮށްލުމަށް ޤުރައިޝުން ނިންމިއެވެ. އެޙާލަތުގައި ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަކުރެއްވުމަށް ﷲ އިޒުނަ ދެއްވައިފިއެވެ. އަދި އަބޫބަކުރުގެފާނަށް އެވާހަކަ ދަންނަވައި އެކަލޭގެފާނުގެ އަރިހުގައި ހިޖުރައިގެ ދަތުރުގައި ބައިވެރިވުމުގެ ދަޢުވަތު ދެއްވިއެވެ. އަބޫބަކުރުގެފާނު އެކަން ބަލައިގަތީ އުފާވެރިކަމުން ކީރިތިކުރައްވާ ޙާލުކޮޅުގައެވެ. އަދި ދެބޭކަލުން ވެސް ހިޖުރައިގެ ޙަރަކާތް ގެންދަވާނެ ގޮތް ރާއްވަވައި ކީރިތި ރަސޫލާ އަވަހާރަފުޅު ލައްޕަވާ މަޤާމުގައި ޢަލީގެފާނު އޮންނަވާ ގޮތައް ކަންކަން ރާއްވަވައި އަބޫބަކުރުގެފާނުގެ ބޭފުޅުން އެ ދަތުރުގައި އެދެކަލުންނަށް ފަރިއްކޮޅު ގެންދެވުމާއި ރަށުތެރޭގެ ޚަބަރުތައް ގެނެސް ދެއްވުމަށް ޙަވާލު ކުރައްވައި ރޭގަނޑުގެ ވަގުތެއްގައި މައްކާއިން ނިކުމެ ވަޑައިގެންނެވިއެވެ. އަދި ޘައުރު ފަރުބަދައިގައި ތިން ދުވަސް ވަންދެން މަޑު ކުރެއްވުމަށް ފަހު މަދީނާއަށް ވަޑައިގެންނެވިއެވެ. މަދީނާއަށް ވަޑައިގެންނެވި މަގުމަތީގައި ޤުބާގައި ނަމާދު ކުރައްވައި ހެއްދެވިއެވެ. އެއަށް ފަހު މަދީނާއަށް ވަޑައިގެން މުހިންމު ފިޔަވަޅުތަކެއް އެޅުއްވިއެވެ.
1- ނަބަވީ މިސްކިތް ބިނާކުރެއްވުން: މިސްކިތް ބިނާކުރުމުގެ މަޤުޞަދަކީ އުންމަތުގެ ފިކުރީ އަސާސްތަކުގެ މައްޗަށް މުޖުތަމަޢު އެއްބައެއްގެ ގޮތުގައި އެއްބައިވަންތަ ބައެއްގެ ގޮތުގައި ބިނާކުރުމެވެ. އަޅުކަންކުރުމުގެ އިތުރުން ތަރުބަވީ އަދި މަޝްވަރާކުރުމާއި އިޖުތިމާޢީ މަރުކަޒަކަށް މިސްކިތް ވެގެން ދިޔައެވެ.
2- އަޚުކުރެއްވުން. މައްކާއިން މަދީނާއަށް ހިޖުރަކުރި މީހުންނަކީ މުދަލާއި ގެދޮރު ދޫކޮށް އައި ބައެއް ކަމުން އެމީހުންނަށް އެންމެންގެ މެދުގައި އަޚުވަންތަކަން ކަނޑައެޅުއްވިއެވެ. މިއީ ތާރީޚުގައި މި ގޮތައް ޤާއިމުކުރެވުނު ފުރަތަމަ އަޚުވަންތަކަމުގެ ނިޒާމެވެ.
3- މުޢާހަދާތައް ޤާއިމު ކުރެއްވުން: މަދީނާގައި އިސްލާމީ ދައުލަތް ޤާއިމުވެގެން ދިޔަ އިރު ވަށައިގެން ވަރަށް ގިނަ ގޮންޖެހުންތައް ހުއްޓެވެ. އެކި ދީންތަކުގެ މީހުން އުޅެމުން ދިޔައެވެ. މަދީނާގައި ޤާއިމުވި އިސްލާމީ ދައުލަތާ ވަށައިގެންވާ ޔަހޫދީ ޤަބީލާތަކާ އެނޫންވެސް ޤަބީލާތަކާ އެކު މުޢާހަދާތައް ހައްދަވައި ޞުލްޙަ ޤާއިމު ކުރެއްވިއެވެ.
4- ސަފީރުން ފޮނުއްވުން: މަދީނާގައި އިސްލާމީ ދައުލަތް ޤާއިމުކުރެއްވުމާއެކު އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި އެކި ޤައުމުތަކަށް އިސްލާމްދީނުގެ ދަޢުވަތާއެކު ސަފީރުން ފޮނުއްވަން ފެއްޓެވިއެވެ. މިގޮތުން ފާރިސީންގެ ވެރިއާ ކިސްރާއާއި ރޯމްގެ ވެރިޔާ ހިރަޤުލްއައި މިޞްރުގެ މުޤައުޤިސްއާއި ޙަބަޝާގެ ނަޖާޝީގެ އަރިހަށް އިސްލާމްދީނުގެ ދަޢުވަތު ހިމެނޭ ފަތްކޮޅުތަކާއިގެން ސަފީރުން ފޮނުއްވިއެވެ.
5- ޞަޙީފަތުލްމަދީނާ ( ދުސްތޫރު): ޞަޙީފަތުލްމަދީނާ ނުވަތަ ދުސްތޫރުލްމަދީނާއަކީ އިސްލާމީ ތާރީޚުގައި ލިޔެވިގެން ދިޔަ ފުރަތަމަ ޤާނޫނު އަސާސީ އެވެ. މަދީނާގެ މުޖުތަމަޢުގައި ދިރިއުޅެމުން ދިޔަ އެންމެންގެ ޙައްޤުތައް އޭގައި ރައްކާތެރިކޮށްދީފައިވެއެވެ. ގާތް ގަނޑަކަށް ސާޅީސް އަށް މާއްދާގެ މައްޗަށް އެކުލެވޭ އެ ދުސްތޫރުގައި މައިނޯރިޓީގެ ޙައްޤުތައް ފުރިހަމަ އަށް ރައްކާތެރިކޮށްދީފައިވެއެވެ. އަދި ހަނގުރާމައިގެ ޙާލުގައި މަދީނާ ދިފާޢުކުރަން މަދީނާގެ ރައްޔިތުން ގުޅިގެން މަސައްކަތް ކުރަންޖެހޭނެ ކަމަށް ވެސް ކަޑައަޅުއްވާފައިވެއެވެ. މިއީ އިސްލާމީ ތާރީޚުގައި ވެސް އަދި ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ އަސާސީ އެކެވެ.
6- ބައިތުލްމާލު އުފެއްދެވުން: މިހާރުގެ ގޮތުން ދަންވަނީ ނަމަ އެއީ (ސެންޓްރަލްބޭންކް) ކަމުގައި ބުނެވިދާނެއެވެ. ދައުލަތަށް ލިބޭ ޓެކްސްއާއި ހަނގުރާމަތަކުން ލިބޭ ޣަނީމާއާއި ޒަކާތުގެ އެތައް ޖަމާކޮށް އޭގެ ޙައްޤުވެރިންނަށް ދެއްވިއެވެ.
7- ތަޢުލީމު ދެއްވުން: ރައްޔިތުންނަށް ތަޢުލީމު ދެއްދުމަށް ޚާއްޞަ އަހަމިއްޔަތު ކަމެއް ދެއްވިއެވެ. ބައެއް ހަނގުރާމަތަކުން އަސީރުކުރެވުނު މީހުން މިވަންކުރުމުގެ ފިދުޔައެއްގެ ގޮތުން މުސްލިމުންގެ ދަރިންނަށް ލިޔަން ކިޔަން ދަސްކޮށްދިނުން ހިމެނެއެވެ. މި ނޫން ވެސް މިފަދަ ކިތައްމެ ހެޔޮ ބަދަލެއް ޤާއިމު ކުރެއްވިއެވެ.
1- އިސްލާމީ މުޖުތަމަޢުގެ ފެށުމަކީ ރަނގަޅު ފަރުދަކު ބިނާކުރުން.
2- ދުރާލާ ކަންކަމަށް ތައްޔާރުވުން.
3- ތަފާތު ދާއިރާތަކުން މީހުން ބިނާކުރުން.
4- އިސްލާމީ ދައުލަތާއި މުޖުތަމަޢު އުފެއްދުމުގައި ދެ ޖިންސުގެ މީހުން ގުޅިގެން މަސައްކަތް ކުރުން
5- އިސްލާމީ މުޖުތަމަޢުގައި އުޅޭ އެހެން ދީންތަކުގެ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރުން.