އިސްލާމްދީނުގައި އިންސާނީ ދަރިފަސްކޮޅުވަނީ މަތިވެރިކުރައްވާފައެވެ. އިސްލާމީ ޝަރީޢަތުގައި އިންސާނާގެ ނަސަބަށް ޚާއްޞަ މަޤާމެއް ދެއްވާފައިވެއެވެ. އިސްލާމީ އުންމަތުގައި ޚާއްޞަ ވެގެންވާ އެންމެ މުހިންމު އެއްކަމަކީ ނަސަބެވެ. ކޮންމެ މީހަކަށް ވެސް އޭނާއަކީ ކާކުގެ ކާކުކަން ބުނެދެވެއެވެ. ނަސަބު ނުވަތަ ޢިރްޟު(އަބުރު) ޙިމާޔަތްކުރުމަކީ އިސްލާމީ ޝަރީޢަތުގެ އެންމެ މަތިވެރި ފަސް މަޤުޞަދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ނަސަބުގެ މަތިވެރިކަން
ޝަރުޢީ ގޮތުން ބަލާއިރު، ނަސަބުގެ މަފްހޫމަކީ ޙާލަތުގެ ނިޔާކުރާގޮތުން ދެމީހެއްގެ ދެމެދަށް އިތުރުވެގެންދާ ޙުކުމެކެވެ. އެއިގެ މާނައަކީ، ޝަރުޢީ ކައިވެނީގެ ގޮތުން ގުޅިފައިވާ ގުޅުމަކުން، އުފަންވާ ދަރީގެ ނިސްބަތް އެކުއްޖާގެ ބައްޕަ އަށް ނިސްބަތްވުމެވެ. މިއީ އިސްލާމްދީނުގައި މަތިވެރިކުރައްވާފައިވާ ކަމެކެވެ. އަލްއަޙްޒާބު ސޫރަތުގެ (6 ) ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (ادْعُوهُمْ لِآبَائِهِمْ هُوَ أَقْسَطُ عِندَ اللَّهِ ۚ فَإِن لَّمْ تَعْلَمُوا آبَاءَهُمْ فَإِخْوَانُكُمْ فِي الدِّينِ وَمَوَالِيكُمْ ۚ وَلَيْسَ عَلَيْكُمْ جُنَاحٌ فِيمَا أَخْطَأْتُم بِهِ وَلَٰكِن مَّا تَعَمَّدَتْ قُلُوبُكُمْ ۚ وَكَانَ اللَّهُ غَفُورًا رَّحِيمًا ( މާނައީ” އެ ދަރިން އެއުރެންގެ ބަފައިންނަށް ނިސްބަތްކުރާށެވެ! އެގޮތް اللَّه ގެ حضرة ގައި عدل ވެރިކަން ބޮޑެވެ. އެ ދަރިންގެ ބަފައިން ތިޔަބައިމީހުންނަށް ނޭނގޭނަމަ، ފަހެ، އެއީ دين ގެ ފަރާތުން ތިޔަބައިމީހުންގެ أخ ންނެވެ. އަދި ތިޔަބައިމީހުންގެ އެހީތެރިންނެވެ. އަދި ތިޔަބައިމީހުންނަށް ނޭނގިގެން (ކުށުން) ކުރެވުނު ކަމެއްގެ ފާފައެއް ތިޔަބައިމީހުންގެ މައްޗަކަށް ނެތެވެ. އެހެނެއްކަމަކު، ފާފަވެރިކަން އޮންނާނީ ތިޔަބައިމީހުންގެ ހިތްތައް قصد ކުޅަ ކަމަކާ މެދުގައެވެ. އަދި ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.”
އަދި ކީރިތި ރަސޫލާ ޙަދީސްކުރައްވާފައިވެއެވެ. ” އެއީ ބައްޕަ ނޫންކަންކަން އެނގި ހުރެ، އެމީހާއަކީ ބައްޕަކަމުގައި ޤަބޫލުކޮށްފި މީހާއަށް ސުވަރުގެ ޙަރާމްވެގެންވެއެވެ.” (އަލްބުޚާރީ، 6766)، އަދި ވެސް އިތުރު އެކަލޭގެފާނު ޙަދީސްކުރައްވާފައިވެއެވެ. ” ތިޔަބައި މީހުންގެ ބަފައިންނަށް ނިސްބަތްވުމުން ތިޔަބައިމީހުން އެއްކިބާވެ ނުގަންނާށެވެ.” އެބަހީ ބައްޕަ ނޫން މީހަކަށް ނަސަބު ނިސްބަތް ނުކުރާށެވެ ) ފަހެ، ބައްޕައިންގެ ކިބައިން އެއްކިބާވެގެންފި މީހާ އިސްލާމްދީނުން ބޭރުވެއްޖެއެވެ.” (އަލްއަޞްފަހާނީ، 216).
މިކަންކަން މި ގޮތައް ކަނޑައެޅިގެން ދިޔައީ އިހުޒަމާނުގައި މުޖުތަމަޢުތަކުގައި އިސްލާމްދީން ބާވާލެއްވުމުގެ ކުރީން ހުރި ޢާދަތައް ނައްތައިލުމުގެ ގޮތުންނެވެ. އަޅުން މިނިވަންކުރުމަށް ފަހު، އޭނާގެ ބައްޕައަކީ ސާހިބު މީހާ ކަމުގައި ކަނޑައެޅުމާއި(ތަބައްނީ ކުރުން) އެއީ އެއިރުގައި އޮތް ކަމެކެވެ. އަދި އެއް އަންހެނަކު ގިނަ ފިރިހެނުންނާއެކު ކައިވެނިކޮށް ލިބޭ ދަރި އެއްގެ ބައްޕައަކީ އެއްމެން އެއްތާކަށް އެއްކޮށް، އެއިގެ ތެރެއިން އަންހެންމީހާ ކަނޑައަޅާ މީހަކު ކަމުގައި ހެދުމާއި މިފަދަ އެތައް ޖާހިލީ ނުބައި އާދަތައް އޮތެވެ. މި އާދަތައް ފިލުވައި ފިޠުރަތުގެ ޠާހިރު އުޞޫލުތަކުގެ ތެރެއަށް އިންސާނުން ގެނައުމަށްޓަކައި މާތް ﷲ ޝަރީޢަތްބާވާލެއްވިއެވެ. އިސްލާމީ ޝަރީޢަތުގައި އަންގަވާފައިވާ ގޮތުން އެއްވެސް އިންސާނަކު އޭނާގެ ބައްޕަ ނޫން މީހަކަށް ނިސްބަތްކުރެވިގެން ނުވާނެއެވެ. އޭނާގެ ދަރިއެއް ނޫންކަން ކަށަވަރު ވާ ޙާލަތުގައި، ނުވަތަ ޝައްކުވެއްޖެ ޙާލެއްގައި އެކަމުގައި ޢަމަލު ކުރަންވީ ގޮތް އިސްލާމީ ޝަރީޢަތުގައި ބަޔާންވެގެންވެއެވެ. މިވެނި މީހަކީ ކުއްޖާގެ ބައްޕަ ނޫންކަން ކަށަވަރުވާއިރު އެކުއްޖަކު އޭނާއަށް ނިސްބަތްކުރުމަކީ މަނާކުރައްވާފައިވާ ކަމެކެވެ.
ނަމަވެސް މިތަނުގައި ބަޔާންކުރުން ޙައްޤު އެހެން ނުކުތާއެއް އެބައޮތެވެ. އެއީ މިޒަމާނުގައި ދަރިން އެޑޮޕްޓު ކުރުމުގެ މައްސަލައެވެ. ކުއްޖާގެ ނަސަބު ބައްޕަ ނޫން މީހަކަށް ނިސްބަތް ކުރުމެއްނެތި އެޑޮޕްޓްކުރުމަކީ އިސްލާމީ ނަޒަރުން ބަލާއިރު ހުއްދަ ކަމެކެވެ. މިސާލަކަށް ދަރީން ނުލިބޭ މީހެއް އެހެން މީހެއްގެ ދަރިއެއް ބަލައި ބޮޑު ކުރުމާއި، ޔަތީމް ކުދިން ބަލައި ބޮޑުކުރުމާއި ރެފިއުޖީ ކުދިން ބަލައި ބޮޑުކުރުމާއި ފަޤީރުންގެ ދަރިންނަށް އަޅައިލައި، ނުވަތަ ދަރީން ގިނަ މީހެއްގެ އަތުން ކުދިން ގެނެސްގެން ބަލައި ބޮޑުކުރުމާއި ޖަލުގައި ދިގުމުއްދަތަކަށް ހޭދަކުރަންޖެހިފައިވާ ބައެއްގެ ދަރިން ބެލުމާއި މިކަންކަމަކީ މަނާ ކަމެއްނޫނެވެ. އަދި ކިއެއް އެއީ ނުހަނު ސަވާބު ލިބޭނޭ އިޖުތިމާޢީ ކަންކަމެވެ. ކިތައްމެ ލޯބި ވިޔަސް އަމިއްލަ ދަރީން ގޮތައް އެކުދިންނާ މެދު ދުއްޓަސް ތިމާއަށް އެކުދިންގެ ނަސަބު ނިސްބަތް ނުކުރެވޭނެއެވެ. އެކުދިންގެ ނަސަބު ނިސްބަތްކުރަންވާނީ އެކުދިންގެ އަޞްލު ބައްޕައިންނަށެވެ. ބައްޕަ ނެނގޭ ކުއްޖެއް ނަމަ އެއީ އަޚުންނެވެ. އެކުދިންނަށް ނިކަމެތި ހިތް ދަތިވާ އެއްވެސް ކަމެއް އަދި ތަފާތުކުރުމެއް އޮވެގެން ނުވާނެއެވެ. ފުރިހަމަ ލޯތްބާއި އިޙުތިރާމާއި ޤަދަރު އެކުދިންނަށް ދެވެންވާނެއެވެ.
ދަރި ނަފީކުރުން ( ލިޢާން)
ދަރި ނަފީކުރުމަކީ ވަރަށް ބޮޑު ކަމެކެވެ. އިސްލާމީ ޝަރީޢަތުގައި ދަރި ނަފީ ކުރުމަށް ލިޢާން ކުރުން ފިޔަވައި އެހެން ގޮތެއް ކަނޑައަޅުއްވާފައި ނެތެވެ. އިސްލާމީ ޝަރީޢަތުގައި ލިޢާން ކުރާނެ ގޮތް ޤަޠުޢީ ގޮތުން ބަޔާންކުރައްވާފައިވެއެވެ. ދެމަފިރިންގެ މެދުގައި ދަރީގެ ނަސަބާ މެދު ޚިލާފު އުފެދި، އެއީ ފިރިމީހާގެ ދަރިއެއްކަމާ މެދު ފިރިމީހާއަށް ޝައްކުވެއްޖެ ހިނދެއްގައި ދިއުން އޮތީ ލިޢާން ކުރުމަށެވެ. ލިޢާންކުރުން ނޫން އެހެން ގޮތެއް ޚިޔާރު ކުރެވޭނެ ގޮތެއް އޮތްކަމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމަކުން ފެންނާކަން ނެތެވެ. އުފެދޭ ސުވާލަކީ މިޒަމާނުގައި ޑީއެންއޭގެ ހޯދުންތަކުން ދަރީގެ ނަސަބު ޢިލްމީ ގޮތުން ސާބިތުވާން އޮއްވާ، ލިޢާން ކުރުމުގައި އެޤަރީނާގެ ބޭނުން ކުރެވިދާނެބާވައެވެ؟ މިއީ ވަރަށް މުހިންމު ސުވާލެކެވެ. މި ސުވާލުގެ ޖަވާބަށް ދިއުމުގެ ކުރިން ލިޢާންކުރުމަކީ ކޮބައިކަން ބަޔާންކުރަން ޤަސްތު ކުރަމެވެ. ދެން އަންނަ މަޒްމޫނެއްގައި ލިޢާންކުރުމުގައި ޑީއެންއޭގެ ދައުރުގެ މައްޗަށް ލިޔާން ޤަސްތު ކުރަމެވެ.
ލިޢާންގެ މަފްހޫމް
ލޮޣަވީ ގޮތުން ލިޢާނަކީ ލާޢިންގެ މަޞްދަރެވެ. އެއީ ނުރުހުމާއެކު ދުރުކުރުމެވެ. ( ﷲގެ ރަޙުމަތުން ދުރުކުރުމެވެ.) އިމާމު އިބުނު ޙަޖަރު ވިދާޅުވެފައިވެއެވެ. ލިޢާން މި ލަފުޒު ނެގިފައިވަނީ ( އައްލަޢުނު) މިލަފްޒުންނެވެ. އެއީ ލިޢާން ކުރާއިރު، ލިޢާންކުރަމުން ބުނެވެނީ ތިމަންނާ ދޮގު ހަދާ ނަމަ ތިމަންގެ މައްޗަށް ﷲ ގެ ލަޢުނަތް ހުއްޓެވެ. ( އިބުނު ޙަޖަރު، 2004، 9، 7092).
ލިޢާންގެ ފިޤުހީ މަފްހޫމްގައި ޙަނަފީ މަޒްހަބުގެ ޢިލްމުވެރިން ވިދާޅުވެފައިވަނީ ލިޢާންއަކީ ލަޢުނަތާއި ކޯފާގެ ބަހާއެކު ކަށަވަރުވެގެން އަންނަ ހެކިން ފަދަ ހުވާތަކެކެވެ. (އަލްކާސާނީ، 2002،3،384 ).
މާލިކީ މަޒްހަބުގެ ޢިލްމުވެރިންގެ ނަޒަރުގައި ލިޢާންކުރުމަކީ އަނބިމީހާ ޒިނޭކޮށްފި ކަމަށް ބުނެ ނުވަތަ އޭނާ ބަލިވެ އިނދެފައިވަނީ ތިމަންގެ ދަރިއަކަށް ނޫންކަމަށް ބުނެ ހުވާކުރުމެވެ. އަދި ފިރިމީހާ އެ ހަދަނީ ދޮގެއްކަމުގައި ބުނެ، ޒިނޭގެ ޙައްދުން އެއްކިބާވުމަށް އޭނާގެ ދިފާޢުގައި ކުރާ ހުވާކުރުމެވެ. (އަލްމަޣުރިބީ، 1995، 5، 456).
ޝާފިޢީ މަޒްހަބުގެ ޢިލްމުވެރިންގެ ރައުޔުގައި، ލިޢާންއަކީ އަނބިފިރިކަމުގެ ތައްމަތި ހަނޑިކޮށްފައިވާކަން ( އެބަހީ އަނބިމީހާ ޒިނޭކޮށްފައިވާކަން ސާބިތުކުރުމަށް، ނުވަތަ ދަރި ނަފީކުރުމަށް މަޖްބޫރީ ޙާލެއްގައި ޙުއްޖަތެއްގެ ގޮތުގައި ބަޔާންކުރާ ބަސްތަކެކެކެވެ.(އަލްއަޒްހަރީ، 1997، 4، 102).
ޙަންބަލީ މަޒްހަބުގެ ޢިލްމުވެރިންގެ ނަޒަރުގައި ލިޢާންކުރުމަކީ ﷲގެ ލަޢުނަތާއި ކޯފާގެ ބަސް ހިމަނައިގެން ހުވަޔާގުޅުވައިގެން ދެފަރާތުން ދޭ ހެކި ތަކެކެވެ. (އަލްބަހޫތީ، 1997، 5، 454).
ހަތަރު މަޒުހަބުގެ ފިޤުހުވެރިންގެ ރައުޔުތަކަށް ނަޒަރު ހިންގާލުމުން ހާމަވެގެން ދަނީ ލިޢާންގެ ޝަރުޢީ މަފްހޫމެއް ގެނައުމުގައި ޤުރުއާނުގައި ލިޢާންކުރުމުގެ ކައިފިއްޔަތު ބަޔާންވެފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކުރައްވާފައިވާ ކަމެވެ. އެހެންކަމުން މަޒުހަބުތަކުގެ ރައުޔުތަކުގައި ޢިބާރާތުގައި ޚިލާފެއް ހުއްޓަސް، އެންމެހާ ތަޢާރުފެއްގެ މުރާދު އެއްގޮތް ވެގެންވެއެވެ.
ކީރިތި ޤުރުއާނުގައި ލިޢާން
ލިޢާންކުރުމުގެ ކައިފިއްޔަތު ޤުރުއާނުގައި ވަރަށް ތަފުޞީލުކޮށް ބަޔާންވެގެންވެއެވެ. ލިޢާން ކުރެވެނީ ޙައްދުން ސަލާމަތްވެ، ކޮންމެ މީހަކު ވެސް އަބުރު ރައްކާތެރިކުރުމަށްޓަކައެވެ. ލިޢާންކުރެވިއްޖެ ނަމަ ދެމީހުން އަބަދަށްޓަކައި ވަކިވީއެވެ. އަދި ޤަޛުފު ކުރިކަމުގައި ތުހުމަތުފައި ފިރިމީހާގެ ގައިގައި ޙައްދެއް ނުޖެހޭނެއެވެ. އަދި ޒިނޭ ކުރި ކަމުގެ ތުހުމަތެއްގައި އަނބިމީހާގެ ގައިގައި ވެސް ޙައްދެއް ނުޖެހޭނެއެވެ. ލިޢާންކުރަން ޖެހެނީ ފިރިމީހާގެ އަތުގައި އިތުރު ހެއްކެއް ނެތުމުން އޭނާގެ އަނބިމީހާއާ މެދު ކުރާ ތުހުމަތު ސާބިތުކުރުމަށްޓަކައެވެ. އަދި އަންހެނާގެ އަބުރު ސަލާމަތްކުރުމުގެ ގޮތުން ވެސް މެއެވެ. ކީރިތި ޤުރުއާނުގެ އައްނޫރު ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَالَّذِينَ يَرْمُونَ أَزْوَاجَهُمْ وَلَمْ يَكُن لَّهُمْ شُهَدَاءُ إِلَّا أَنفُسُهُمْ فَشَهَادَةُ أَحَدِهِمْ أَرْبَعُ شَهَادَاتٍ بِاللَّـهِ ۙ إِنَّهُ لَمِنَ الصَّادِقِينَ ﴿٦﴾ وَالْخَامِسَةُ أَنَّ لَعْنَتَ اللَّـهِ عَلَيْهِ إِن كَانَ مِنَ الْكَاذِبِينَ ﴿٧﴾ وَيَدْرَأُ عَنْهَا الْعَذَابَ أَن تَشْهَدَ أَرْبَعَ شَهَادَاتٍ بِاللَّـهِ ۙ إِنَّهُ لَمِنَ الْكَاذِبِينَ ﴿٨﴾ وَالْخَامِسَةَ أَنَّ غَضَبَ اللَّـهِ عَلَيْهَا إِن كَانَ مِنَ الصَّادِقِينَ ﴿٩﴾ وَلَوْلَا فَضْلُ اللَّـهِ عَلَيْكُمْ وَرَحْمَتُهُ وَأَنَّ اللَّـهَ تَوَّابٌ حَكِيمٌ ﴿١٠﴾ ” އަދި އެއުރެންގެ އަމިއްލަ نفس ތައް މެނުވީ ހެކިދޭބަޔަކު އެއުރެންނަށް ލިބިގެންނުވާ حال، އެއުރެންގެ އަނބީންނަށް قذف ކުރާމީހުން (ދަންނާށެވެ!) ފަހެ، އެއިން ކޮންމެ މީހަކު، اللَّه ގަންދީ ހަތަރު ހުވައިން ހުވާކުރުން ހުށްޓެވެ. ހަމަކަށަވަރުން، އޭނާއީ ތެދުވެރިންގެ ތެރެއިންވާ މީހަކު ކަމަށެވެ. އަދި ފަސްވަނަ ހުވާކުރުން ހުށްޓެވެ. އޭނާއީ ދޮގުވެރިންގެ ތެރެއިންވާ މީހަކު ކަމުގައިވާނަމަ، ހަމަކަށަވަރުން، اللَّه ގެ لعنة އޭނާގެ މައްޗަށް ހުރިކަމަށެވެ. ހަމަކަށަވަރުން، އޭނާއީ ދޮގުވެރިންގެ ތެރެއިންވާ މީހެއްކަމަށް اللَّه ގަންދީ އެކަނބުލޭގެ ހަތަރުހުވައިން ހުވާކުރުމުން، އެކަނބުލޭގެ ކިބައިން عقوبات (އެބަހީ: حد ޖެހުން) ކެނޑޭނެތެވެ. އަދި ފަސްވަނަ ހުވާކުރުން ހުށްޓެވެ. އޭނާއަކީ ތެދުބުނާ މީހުންގެ ތެރެއިންވާ މީހަކު ކަމުގައިވާނަމަ، ހަމަކަށަވަރުން، اللَّه ގެ ކޯފާ އެކަނބުލޭގެ މައްޗަށް ހުރިކަމަށެވެ. އަދި اللَّه ގެ فضل ވަންތަކަމާއި، އެކަލާނގެ رحمة ވަންތަކަން ތިޔަބައިމީހުންގެ މައްޗަށް ނުވާނަމައެވެ. (އެބަހީ: އެކަލާނގެ رحمة ވަންތަކަން ނުވާނަމަ، ތިޔަބައިމީހުން فضيحة ކުރައްވައި ހަލާކުކުރައްވައިފީހެވެ.) އަދި ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ، حكيم ވަންތަ ރަސްކަލާނގެއެވެ.”
މިއާޔަތްތައް ބާވާލެއްވުމުގެ ސަބަބާ ބެހޭ ގޮތުން އަލްއިމާމު އައްނަވަވީ ވިދާޅުވެފައިވެއެވެ. ” ލިޢާން ކުރުމާމެދު ބާވާލެއްވިފައިވާ އާޔަތްތައް ބާވާލެއްވުނު ސަބަބާމެދު ޢިލްމުވެރިން އިޚުތިލާފުވެ ވަޑައިގެންފައިވެއެވެ. އެ އާޔަތް ބާވާލެއްވުނީ ހިލާލު ބުނި އުމައްޔާއާ ބެހޭ ގޮތުންތޯ ނުވަތަ ޢުވައިމިރު އަލް ޢަޖްލާނީ އާ ބެހޭ ގޮތުންތޯ އާމެދު ޢިލްމުވެރިން އިޚުތިލާފުވެވަޑައިގެންފައިވެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ އާޔަތްތައް ބާވާލެއްވިފައިވަނީ ޢުވައިމިރާ މެދުގައެވެ. އެހެނީ ޢުމައިމިރާ މުޚާޠަބު ކުރައްވައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސް ކުރައްވާފައިވެވެ. ( އޭ ޢުވައިމިރެވެ. ތިބާއާއި ތިބާގެ އަނބިކަނބުލޭގެއާ މެދު މާތް ﷲ އާޔަތްތަކެއް ބާވާލައްވައިފިއެވެ.) މި ޙަދީސް އިމާމު މުސްލިމު ރިވާކުރައްވާފައިވެއެވެ. މި މައްސަލައިގައި ޖުމުހޫރު ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. މި އާޔަތްތައް ބާވާލެއްވުނީ ހިލާލު ބުނި އުމައްޔާއާ ބެހޭ ގޮތުންނެވެ. ގިނަ ޢިލްމުވެރިންގެ ރައުޔަކީ މިއީއެވެ. އެހެނީ ހިލާލު ބުނި އުމައްޔާގެ ހާދިސާއަކީ ޢުވައިމިރުގެ ޙާދިސާއަށް ވުރެ ކުރިން ހިނގާފައިވާ ހާދިސާއެކެވެ. އެހެންކަމުން އޭނާއާމެދު ބާވާލެއްވުނު އާޔަތްތަކަކީ ޢާއްމު ޙުކުމެއް ކަމުން އެފަދަ ޙާލަތެއް މެދުވެރިވެފައިވާ އެންމެން އެޙުކުމުގައި ޝާމިލުވާތީވެ، ކީރިތި ރަސޫލާ ޢުވައިމިރަށް އޮގޮތައް ވިދާޅުވީ ކަމުގައި ވެދާނެއެވެ. އިމާމުއް ނަވަވީ ވިދާޅުވެއެވެ. ފަހަރުގައި އެ ދެމީހުންގެ ހާދިސާއަކީ ކައިރި ކައިރީގައި ހިނގާފައިވާ ހާދިސާތަކަކަށް ވެދާނެއެވެ. ނަމަވެސް އެނގެން އޮތް ގޮތުން އެންމެ ފުރަތަމަ ލިޢާން ކުރި މީހަކީ ހިލާލު ބުނި އުމައްޔާއެވެ.
އަނބިމީހާއާ މެދު ޒިނޭގެ ތުހުމަތުކޮށް، ދަރި ނަފީކުރާ މީހުންނަށް މި އާޔަތްތަކުންވަނީ ޙައްލު ހޯދައިދީފައެވެ. އެއީ އަނބިމީހާ ޒިނޭކޮށްފި ކަމުގެ ތުހުމަތަށް ޙުއްޖަތެއް ނުދެއްކޭ ނަމަ ކަންކުރަންވީ ގޮތް އާޔަތްތަކުގައި ބަޔާންވެގެންވެއެވެ. ލިޢާން ކުރުމަކީ ދަރި ނަފީ ކުރުމުގައި އޮތް ޙައްލެވެ. ޖުމުހޫރު ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތުން ހިލާލު ބުނި އުމައްޔާ، ގެއިން ބޭރުގައި އުޅެފައި އައިވަގުތު، އޭނާގެ އަނބިމީހާ އެހެންމީހަކާއެކު ޒިނޭކުރަން އޮއްވައި އޭނާގެ ލޮލަށް ފެނުމުން، އެކަމާ މެދު ކީރިތި ރަސޫލާއަށް ޝަކުވާ ދެންނެވުމުން، އެކަމާމެދު ވަކި ޙުކުމެއް ކުރިން އައިސްފައި ނެތުމުން އެއްޗެއް ވިދާޅުނުވެ ހުންނެވުމުން މިއާޔަތްތައް ބާވާލެއްވުނީއެވެ. އެއަށް ފަހު، އިތުރު އެކަލޭގެފާނު ހިލާލު ބުނި އުމައްޔާއަށް ވިދާޅުވިއެވެ. ތިބާއަށް މެދުވެރިވެފައިވާ މައްސަލައިގެ ޙައްލު މާތް ﷲ ބާވާލައްވައިފިއެވެ. ދެން ހިލާލު ދެންނެވިއެވެ. ތިމަންނާ އުންމީދު ކޮށްގެން ހުރީ ތިޔަގޮތަށެވެ. އެއަށް ފަހު ހިލާލުގެ އަންހެނުން ގެނެވުނެވެ. އެކަބުލޭގެ ކުރިމަތީގައި ހިލާލު އޭނާގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވިއެވެ. އެކަނބުލޭގެ ހިލާލުގެ ތުހުމަތު ދޮގު ކުރިއެވެ. ދެން ކީރިތި ރަސޫލާ ވިދާޅުވީ ލިޢާން ކުރުމަށެވެ. ދެން ހަތަރު ފަހަރު ހުވާކޮށް އޭނާ އެ ބުނަނީ ތެދު ކަމުގައި ހިލާލު ކަށަވަރު ކުރިއެވެ. ފަސް ވަނަ ފަހަރަށް ހުވާކުރުމުގެ ކުރިން ހިލާލަށް ބުނެވުނެވެ. އޭ ހިލާލެވެ، ދުނިޔޭގެ ލަދުވެތިކަމާއި ޢަޒާބު އާޚިރަތުގެ އަޒާބަށް ވުރެން ލުޔެވެ. އެވަގުތު ހިލާލު ބުންޏެވެ. ތިމަންނާ މި ބުނަނީ ތެދެވެ. އެހެން ބުނެ ފަސްވަނަ ފަހަރު ހުވާކޮށް ތިމަންނާ މިބުނަނީ ތެދުކަމަށާއި، އެއީ ދޮގެއް ކަމުގައި ވަނީ ނަމަ ތިމަންނާ އަށް މާތް ﷲ ގެ ލަޢުނަތް ހުރި ކަމުގައި ވިޔަސް ހެޔޮ ކަމަށް ބުންޏެވެ. އަދި މިމަގުން އަންހެންމީހާ ވެސް ހަތަރު ފަހަރު ހެކިވެ ހުވާކޮށް އޭނާއަކީ ތެދުވެރިއެއްކަމާއި އޭނާގެ ފިރިމީހާ އޭނާގެ ބޮލުގައި އަޅުވަނީ ދޮގު ތުހުމަތެއްކަމާއި ފިރިމާހާއަކީ ދޮގުވެރިއެއްކަމަށް ބުނެ ހުވާކޮށް ފަސްވަނަ ފަހަރު، ތިމަންނާގެ ފިރިމީހާއަކީ ތެދުވެރިއެއް ނަމަ ތިމަންނާއަށް ﷲގެ ކޯފާ ހުރިކަމަށް ކަށަވަރު ކުރިއެވެ. އެއަށް ފަހު އެ ދެމީހުން ކައިވެނި ރޫޅައި ޒަވާޖީ ޙަޔާތް ނިމުމަކަށް ގެނެސް ވަކިކުރިއެވެ. އަދި އެ އަންހެނާ ވިހާ ކުއްޖާ ބައްޕަ އަށް ނިސްބަތް ނުކުރުމަށާއި ދަރިއަށް ޢައިބު ނުކިޔަން އެންގެވިއެވެ. އަދި ކީރިތި ރަސޫލާ ޙަދީސް ކުރެއްވިއެވެ. އެ އަންހެން މީހާ ވިހާ ކުއްޖާއަކީ ބޮލުގެ އިސްތަށިގަނޑު ރަތް، ފޫކޮޅުގެ މަސްގަނޑު ކުޑަ ތަނބި ކަށި ހިމަ ކޮށް އޮތް ކުއްޖެއް ނަމަ އެއީ ހިލާލުގެ ދަރިއެކެވެ. އަދި އެކުއްޖާއަކީ ކަޅު ދޮން، ވަރުގަދަ، ގުނަންތަކުގައި ވަރު ހުރި ތަނބިކަށި ވަރުގަދަ ފޫކޮޅުގެ މަސްގަނޑު ބޮޑު ކުއްޖެއް ނަމަ އެއީ، އެ ކަނބުލޭގެ އާއެކު އެ ޢަމަލު ހިންގި މީހާގެ ދަރިއެކެވެ. ދެން އެކުއްޖާ ވިހެއުމަށް ފަހު، ކީރިތި ރަސޫލާ އެ ސިފަކުރެއްވި ސިފަކުރުން ދިމާވީ، ހިލޭ ފިރިހެންމީހާއާއެވެ. އެއަށް ފަހު ރަސޫލާ ޙަދީސްކުރެއްވިއެވެ. ލިޢާން ކުރުން ލެއްވިފައި ނެތް ނަމަ ތިމަންކަލޭގެފާނާ އެ ކަނބުލޭގެއާމެދު އެހެން ޙުކުމެއްވީހެވެ. މިހެން ވިދާޅުވީ އެކަނބުލޭގެ ލިޢާންކުރުމުގައި ދޮގު ހެދިކަން ސާބިތުވުމުންނެވެ. އަދި އެ ދެމީހުންނަށް އެވަގުތު ވެސް ކީރިތި ރަސޫލާ ހަނދުމަކޮށްދެއްވިއެވެ. “ތިޔަ ދެ މީހުންކުރެ އެކަކީ ދޮގުވެރިއެއްކަން މާތް ﷲ ދެނެވޮޑިގެންވެއެވެ.
ލިޢާންކުރުން ވާޖިބުވެގެންވަނީ ދެ ޙާލަތެއްގައެވެ. އެއީ
(ހ) އަނބިމީހާގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުން.
(ށ) ދަރި ނަފީ ކުރުން، ނުވަތަ ބަލިވެ އިނީ އޭނާގެ ދަރިޔަކަށް ނޫންކަމަށް ބުނުން.
ދަރި ނަފީކުރުމަށްޓަކައި ހުށަ އަޅަންޖެހޭނީ ކަމާ ބެހޭ ކޯޓަށެވެ. ޢިލްމުވެރިން ބަޔާންކޮށްފައިވާ ގޮތުން ދަރި ވިހެއުމުގެ ކުރިން ވެސް ނަފީ ކުރެވިދާނެއެވެ. އަދި ވިހާ ފަހުން، ނަންކިއުމާމެދު އޮންނަ ހަތް ދުވަހުގެ ތެރޭގައި ވެސް ނަފީ ކުރެވިދާނެއެވެ. އަދި އަނބިމީހާގެ ނިފާސްގެ މުއްދަތުގައި ވެސް ނަފީ ކުރެވިދާނެއެވެ. ނަމަވެސް ޙަނަފީ މަޒުހަބުގައި އޮތް ގޮތުން ދަރި ވިހެއުމަށް ފަހު، އޭނާއަށް ލިބޭ ތަހުނިޔާތައް ޤަބޫލު ކުރުމަށް ފަހު ދެން އެ ދަރި ނަފީއެއް ނުކުރެވޭނެއެވެ. ސަބަބަކީ ކުރިން އޭނާގެ ރުހުން އެކަމަށް އޮތުމެވެ. އެކަމާމެދު ސުކޫތުވުމެވެ. ސުކޫތުން ދޭހަކޮށްދެނީ ރުން އޮތްކަމެވެ. މިއީ ޙަނަފީ މަޒުހަބުގެ ބައެއް ޢިލްމުވެރިންގެ ރައުޔެވެ. ނަމަވެސް ޙަނަފީ މަޒުހަބުގެ މުޖުތަހިދު ބައެއް ޢިލްމުވެރިން ވިދާޅުވަނީ ނިފާސްގެ މުއްދަތުގެ ތެރޭގައި ދަރި ނަފީ ކުރެވިދާނެއެވެ. އެއީ ވިހެއުމުގެ އަސަރުކަމުގައިވާތީއެވެ.
ޝާފިޢީ މަޒުހަބުގައި އޮތް ގޮތުން ދަރި ނަފީ ކުރާ ނަމަ އެކަމުގައި އޮތް ގޮތަކީ ވީ އެންމެ އަވަހަށް ނަފީ ކުރުމެވެ. ކޮންމެހެން ވިހަންދެން އިންތިޒާރު ކުރާކަން ނުޖެހެއެވެ. ޙަންބަލީ މަޒުހަބުގެ ޢިލްމުވެރިން މިމައްސަލައިގައި ތާއިދު ކުރަނީ ޙަނަފީ މަޒުހަބުގެ ގިނަ ޢިލްމުވެރިންގެ ރައުޔަށެވެ. އެއީ ދަރި ނަފީ ކުރެވެނީ ވިހެއުމަށް ފަހުގައި ކަމަށެވެ. މާލިކީ މަޒުހަބުގެ ޢިލްމުވެރިން ދަރި ނަފީ ކުރުމުގައި ފުރިހަމަ ވާންޖެހޭ ދެ ޝަރުޠެއް ބަޔާންކުރައްވާފައިވެއެވެ. އެއީ އަނބިމީހާއާއެކު ޖިމާޢު ނުވެ ހުރި މުއްދަތުގައި އަނބިމީހާ ބަލިވެ އިންކަމަށް ބުނުމާއި ވިހެއިމުގެ ކުރިން ނަފީކުރުމެވެ.
ޚުލާޞާއަކީ ޙަނަފީ މަޒުހަބާއި ޙަންބަލީ މަޒުހަބުގައި ވިހެއުމުގެ ކުރިން ދަރި ނަފީ ނުކުރެވެއެވެ. ޝާފިޢީ މަޒުހަބާއި މާލިކީ މަޒުހަބުގައި ވިހެއުމުގެ ކުރިން ވެސް ފަހުން ޖާއިޒުވެގެން ވެއެވެ.
ލިޢާންގައި ފުރިހަމަވާންޖެހޭ ޝަރުޠު
– ލިޢާން ކުރެވެންޖެހޭނީ ޙާކިމު، ނުވަތަ ޤާޟީގެ ކުރިމަތީގައެވެ.
– ފަސް ފަހަރު ހުވަކުރުން، މިޢަދަދު އުނި ވެއްޖެ ނަމަ ލިޢާން ޞައްޙައެއް ނުވާނެއެވެ.
– ލިޢާން ކުރަން ފަށަންވާނީ ފިރިމީހާއެވެ.
– ލިޢާން ކުރަމުން ދާއިރު، އެކަކު އަނެކަކަށް އިޝާރާތް ކުރުން.
ލިޢާން ކުރުމުގައި ޤާޟީގެ ދައުރު
ލިޢާންކުރަންވާނީ ޙާކިމުގެ ކުރިމަތީގައެވެ. ނުވަތަ ޙާކިމު ތަމްސީލު ކުރާ ޤާޟީގެ ކުރިމަތީގައެވެ. އަދި އެދެމީހުންނަށް ޤާޟީގެ ފަރާތުން ލިޢާން ކުރުމުގެ ކުރިން ނަސޭޙަތް ދެވެންވާނެއެވެ. އަދި އެދެމީހުން ކުރެ އެކަކީ ދޮގުވެރިއެއްކަމުގައި ﷲ ދެނެވޮޑިގެންވާ ކަން އެދެމީހުންނަށް ހަނދާންކޮށްދެވެންވާނެއެވެ. ( ވަހުބާ ޒުޙައިލީ، 7110).
ދަރި ނަފީކުރުމަށް ފަހު، ލިޢާންކުރުމަށް ފިރިމީހާ ދެކޮޅު ހަދައިފި ނަމަ އޭނާގެ ގައިގައި ޤަޛުފުގެ ޙައްދުޖެހޭނެ ކަމަށް ޖުމުހޫރު ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. ޙަނަފީ މަޒުހަބުގެ ރައުޔަކީ ލިޢާންކުރުމަށް ދެކޮޅު ހަދައިފި ނަމަ ބަންދު ކުރުމެވެ. އަދި އެ މުއްދަތުގައި އޭނާގެ ހެދީ ދޮގެއްކަމުގައި ބަޔާންކޮށްފި ނަމަ ޤަޒުފުގެ ޙައްދު ޖެހޭނެކަމުގައެވެ. ފިރިމީހާ ލިޢާންކުރުމަށް ފަހު، ލިޢާންކުރުމަށް އަނބިމީހާ ދެކޮޅު ހަދައިފި ނަމަ، ޙަނަފީ މަޒުހަބުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ އޭނާ ދޫކޮށްލެވޭނެކަމުގައެވެ.
ލިޢާންގެ ނަތީޖާ:
އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެ މަތީން ދެ މަފިރިންގެ މެދުގައި ލިޢާން ކުރެވިއްޖެ ނަމަ އެއިގެ މައްޗަށް އަންނަނިވި ކަންކަން ތަރުތީބު ވެގެން ދެއެވެ.
– ދެމީހުން ކުރެ މީހެއްގެ ގައި ގައި ޙައްދެއް ނުޖެހޭނެއެވެ. ޤަޒުފު ކުރި ކަމުގެ ޙައްދު ފިރިމީހާގެ ގައިގައި ނުޖެހޭނެއެވެ. އަދި ޒިނޭގެ ޙައްދެއް އަނބިމީހާގެ ގައިގައި ވެސް ނުޖެހޭނެއެވެ. އެދެމީހުންގެ ކަންކަންވަނީ ﷲ ގެ ހަޟްރަތަށެވެ. އެދެމީހުންގެ ތެރެއިން ދޮގުވެރިޔަކީ ކާކުކަން މާތް ﷲ ދެނެވޮޑިގެންވެއެވެ. ދެމީހުންގެ އަބުރު ވެސް މި ދުނިޔޭގައި ޙިމާޔަތްވީއެވެ. އަންހެނާއަކީ ޒިނޭ ކޮށްފައިވާ މީހެއްކަމަށް ބުނެ އޭނާއަށް މަލާމާތެއް ނުކުރެވޭނެއެވެ.
– ދަރިފުޅުގެ ނަސަބު ފިރިމީހާއަށް ނިސްބަތް ނުކުރެވޭނެއެވެ. ދަރި ލައްވާނީ ތައްމައްޗަށެވެ.
– ޤާޟީ އެ ދެމަފިރިންގެ ކައިވެނި ރޫޅައި އަބަދަށްޓަކައި ވަކި ކުރާނެއެވެ. ލިޢާން ކުރުމަށް ފަހު އެ ދެމީހުންނަށް އަލުން ދުވަހަކު ވެސް ކައިވެނި ނުކުރެވޭނެއެވެ.
ލިޢާންގެ މަފްހޫމުގެ މައްޗަށް މި މަޒްމޫނުގައި ލިޔާން ޤަސްތުކުރި މިންވަރު ލިޔެ ނިމުނީއެވެ. އިސްވެ ބަޔާންވެ ދިޔަ ޙުކުމްތައް ފިޔަވައި ވެސް ލިޢާންގެ މައްސަލައިގައި ޢިލްމުވެރިން ވަރަށް ގިނަ ވާހަކަތައް ދައްކަވާފައިވެއެވެ. މި މަޒްމޫނުގެ މަޤުޞަދަކީ ލިޢާން ކުރުމުގައި ޑީއެންއޭގެ ދައުރާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ކުރީން ލިޢާންގެ ޙަޤީޤަތުގެ މައްޗަށް ކުރުގޮތަކަށް އަލިއަޅުވާލުން ކަމުގައިވާތީވެ އިތުރު ތަފްޞީލު ބަޔާން ނުކުރީއެވެ. ދެން އަންނަ މަޒްމޫނެއްގައި ބަޔާންކުރުން އޮތީ ލިޢާން ކުރުމުގައި ޑީއެންއޭ ހެދުމުގެ ޙުކުމާ ބެހޭ ގޮތުންނެވެ.