dhoani

އިސްލާމީ ނަޒަރަކުން: ފަތުރުވެރިންނަށް ޙިމާޔަތާއި ރައްކާތެރިކަން ދިނުން

ފަރުތުވެރިކަމަކީ އިސްލާމީ ނަޒަރުން ބަލާއިރު އެކަމަށް އިސްލާމީ ޝަރީޢަތުގައި ތަރުޙީބު ދީފައިވާ ކަމެކެވެ. ބިން މަތީގައި އެއްތަނުން އަނެއް ތަނަށް ދަތުކޮށް އެކި ތަންތަނަށް ޒިޔާރަތްކޮށް އެކި ޤައުމުތަކުގެ މީހުން އުޅުނު ގޮތާއި އުޅޭ ގޮތާއި އެއުރެންގެ ހަޟާރަތާއި ޘަޤާފަތް ދަނެ، އެކަންކަމުން ޢިބްރަތާއި ފިލާވަޅު ލިބިގަތުމާއި ހިތްހަމަޖެހުން ހޯދުމަކީ ދީން ބާރު އަޅާފައިވާ ކަމެކެވެ. މާތް ﷲ ކީރިތި ޤުރުއާނުގެ އަލްމުލްކު ސޫރަތުގެ ފަނަރަ ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.  “އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، ފަސޭހަތަނެއް ކަމުގައި ބިންގަނޑު ލެއްވި ރަސްކަލާނގެއެވެ. ފަހެ، އެތާނގެ ކަންކޮޅުތަކުގައި ތިޔަބައިމީހުން ހިނގައި ދަތުރުކުރާށެވެ! އަދި އެކަލާނގެ ދެއްވި رزق ން ކާށެވެ!”

އިސްވެ ދިޔަ އާޔަތާއި އިސްލާމްދީނުގެ ޢާއްމު އުޞޫލުތަކަށް ނަޒަރު ހިންގާލުމުން އިލްހާމްކޮށްދެނީ އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމަކީ  ބާރު އަޅާފައިވާ ކަމެއްކަމުގައެވެ. އަދި އެއީ ދީނީ، އިންސާނީ، ބައިނަލްއަޤުވާމީ މިންގަނޑުތަކުން ބަލާއިރު ވެސް ކޮންމެ މީހަކަށް ވެސް ލިބިގެންވާ ޙައްޤެއްކަމެވެ. އެ ޙައްޤަށް އުނިކަން ގެނައުމާއި އެ ޙައްޤު ނިގުޅައި ގަތުމަކީ ޖާއިޒު ވެގެންވާ ކަމެއްނޫނެވެ.

ކުޑަވެސް ޝައްކެތްނެތެވެ! އިސްލާމްދީނަކީ އިޙުސާންތެރިކަމުގެ މައްޗަށް ޤާއިމުވެގެންވާ އެންމެ މަރިވެތި ދީނެވެ. މިހެންކަމުން އިސްލާމީ ޤައުމުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހެޔޮކޮށް ހިތުމުގައި މުސްލިމުން މިސާލު ދައްކަންޖެހޭނެއެވެ. އިސްލާމްދީނުގެ ޚާއްޞަވެގެންވާ ސިފަތަކުގެ ތެރޭގައި ރަޙުމަތާއި ކުލުވެރިކަމާއި އިޙުސާންތެރިކަން ހިމެނެއެވެ. ދުނިޔޭގެ ގިނަ ބައްރުތަކެއްގައި އިސްލާމްދީން ފެތުރިގެން ދިޔައީ މުސްލިމުންގެ ރިވެރި އަޚުލާޤުގެ ސަބަބުންކަމީ ތާރީޚުގައި ރަން އަކުރުން ލިޔެވިފައިވާ ޙަޤީޤަތެކެވެ.

އާދެ! އިސްލާމްދީނުގައި މެހުމާނުންގެ ދަރަޖަ މަތިވެރި ކުރައްވާފައިވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. “މާތް ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާމީހާ، އޭނާގެ މެހުމާނާއަށް ހެޔޮކޮށްހިތާށެވެ.” މި  މަތިވެރި ބަސްފުޅުން ދޭހަކޮށްދެނީ މެހުމާނުންނަށް ކަމޭހިތުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއްކަމުގައެވެ. އަދި އެކަމަކީ ނުހަނު މަތިވެރި ސަވާބާއި ދަރުމަހުރި ކަމެއްކަމުގައެވެ. އެއީ ވަކި ދީނެއްގެ މީހެއްކަމުގައި ބެލުމެއްނެތި ކޮންމެ މެހުމާނަކަށް ކަމޭހިތުމަކީ ދީނުގެ ތެރެއިންވާ ކަމެކެވެ. އެމީހެއްގެ މަޤާމާއި ގުޅޭ ފަދައިން އެމީހަކަށް މެހުމާންދާރީ ދިނުމަކީ ދީނުގެ ތެރެއިންވާ ކަމެކެވެ.

މުސްލިމު ޤައުމުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަބުރާއި މުދަލާއި ފުރާނައަށް ރައްކާތެރިވުމަކީ އަޅުގަނޑުމެން ކޮންމެ މުސްލިމެއްގެ ކޮނޑުގައި އެޅިފައިވާ ދީނީ ވާޖިބެކެވެ. ކޮންމެ ދީނެއްގެ ފަތުރުވެރިއެއްކަމުގައި ވިޔަސް އެމީހަކާ މެދު އިޙުސާންތެރިކޮށް ކަންކަން ކުރުމަކީ ދީން އަންގަވާފައިވާ ގޮތެވެ. މާތް ﷲ ވަޙީކުރައްވާފައިވަނީ ޞުލްޙަވެރިކަމާއެކު އުޅޭ އެހެން ދީންތަކުގެ މީހުންނަށް ހެޔޮކޮށް ހިތުމަށެވެ. އިޙުސާންތެރިވުމަށެވެ. އެއީ ﷲ ލޯބިވެވޮޑިގެންވާ ޢަމަލެއްގައި ޤުރުއާނުގައި ބަޔާންވެގެންވެއެވެ. މިހެންކަމުން ފަތުރުވެރިންނަށް އޮޅުވާލައިގެން އެމީހުންނާމެދު އިހާނެތިކޮށް ކަމެއް ކޮށްގެން ނުވާނެއެވެ. އެގޮތައް ކަންކަންކުރުމަކީ އަޅުގަނޑުމެންގެ ދީން މަނާކޮށްފައިވާކަމެކެވެ.

ޤައުމަށް އައިސް އުޅޭ ފަތުރުވެރިންގެ ތެރެއިން ބައެއް ފަރާތްތަކަކީ މުސްލިމުންގެ ޘަޤާފަތަށް އެހާ ފަރިތަ ބަޔަކަށް ނުވެދާނެއެވެ. އެފަދަ ޙާލަތުގައި ވެސް އެމީހުންނާ މެދު ޢަމަލު ކުރަންޖެހޭނީ ވެސް ވަރަށް އިޙުސާންތެރިކޮށްނެވެ. އިސްލާމްދީނުގެ ރިވެތިކަން އެމީހުންނަށް ހާމަވެގެންދާނީ އެފަދަ ޙާލަތުގައެވެ.

ވިސްނައި ފިކުރު ހިންގާށެވެ! މިސްކިތުގެ ތެރެއަށް ކުޑަކަމު ދިޔަ އަޢުރާބީއާމެދު ކީރިތި ރަސޫލާ ޢަމަލުފުޅު ކުރެއްވި ގޮތުން ނަމޫނާ ލިބިގަންނަންޖެހޭނެއެވެ. އޭނާ މިސްކިތުގެ ތެރެއަށް ކުޑަކަމު ދަނިކޮށް އަޞްޙާބު ބޭކަލުންނަށް ފެނިވަޑައިގަތުމުން އެބޭކަލުން އަވަސްވެވަޑައިގަތީ ގަދަކަމުން އޭނާ އެތަނުން ބޭރަށް ލުމަށެވެ. ނަމަވެސް ކީރިތި ރަސޫލާ ޙަދީސްފުޅު ކުރެއްވީ އޭނާ ކުޑަކަމު ގޮސް ނިމެންދެން ދޫކޮށްލެއްވުމަށެވެ. އޭނާ ނިމުމުން، ގެންނަވައި އޭ އަޚާއެވެ. މި މިސްކިތްތަކަކީ ތިޔަ ފަދަ ކަންކަން ކުރުމަށް ހުރި ތަންތަނެއްނޫނޭ ޙަދީސްކުރެއްވިއެވެ. އަދި މިސްކިތްތަކަކީ ﷲ މަތިން ހަނދުމަކުރުމަށާއި ނަމާދު ޤާއިމުކުރުމަށްޓަކައި ޚާއްޞަ ވެގެންވާ ﷲ ގެ ގެކޮޅުތައް ކަމުގައި އޭނާއަށް ޙަދީސްކުރެއްވިއެވެ. އާދެ! އެއަޢުރާބީ ފަހުން ބުނެފައިވަނީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ވުރެ، ތިމަންނާއަށް ހެޔޮކޮށް ނަސޭޙަތްތެރިވި ބޭކަލަކު ތިމަންނާގެ ޙަޔާތުގައި ފެނިފައި ނުވެއެވެ. އެ އަޢުރާބީގެ ހިތުގައި އެކަމުގެ ސަބަބުން ކީރިތި ރަސޫލާއަށް މަތިވެރި މަޤާމެއް ދެވުނެވެ. މި ޙަދީސުން ދޭހަކޮށްދެނީ މުޖުތަމަޢުގައި މުންކަރާތްތައް ހިންގަން ދޫކޮށްލަންޖެހޭ ވާހަކައެއްނޫނެވެ. މުންކަރާތްތައް ހުއްޓުވުނުގައި އިޙުސާންތެރިވާންޖެހޭކަމެވެ.

އާދެ! އިސްލާމްދީނުގެ އެންމެ މަތިވެރި ފަސް މަޤުޞަދުގެ ތެރޭގައި މީސްތަކުންގެ ފުރާނައާއި އަބުރާއި މުދާ ޙިމާޔަތްކޮށް ޙީމާޔަތްކުރުން ހިމެނެއެވެ. މި މަތިވެރި މަޤުޞަދުތައް ބިންމަތީގައި ޤާއިމު ކުރުމަކީ މުސްލިމުންގެ މަސްއޫލިއްޔަތެކެވެ.

އެއްވެސް މީހެއްގެ ދީނުގެ ސަބަބުން އޭނާގެ ފުރާނައަށް ނުރައްކާކޮށްގެން ނުވާނެއެވެ. އެއީ އިސްލާމީ ޝަރީޢަތުގައި މަނާވެގެންވާ ކަމެކެވެ. ނުޙައްޤުން އެއްވެސް އިންސާނެއްގެ ފުރާނަ ދުއްވާލުމަކީ ކަނޑައެޅިގެން ޙަރާމްކަމެކެވެ. އެއީ ދުނިޔެއާއި އާޚިރަތުގައި ޢުޤޫބާތް ހުރި ކަމެކެވެ.

ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި އިތުރު އެކަލޭގެފާނުގެ އަރިހަށް ވަޑައިގެންނެވި އެހެން ދީންތަކުގެ އެންމެނަށް ހެޔޮކޮށް ހިއްތަވައި މެހުމާންދާރީ ފުރިހަމަ ކުރެއްވިއެވެ. އެމީހުންނާ އެކަލޭގެފާނު އިސްތިޤުބާލު ކުރެއްވީ  ވެސް އަލްމަސްޖިދުއްނަބަވީގައެވެ. އެމަތިވެރި އަޚުލާޤުން މިއަދުގެ ޖީލުތަކުން ޢިބްރަތް ޙާޞިލްކުރަންޖެހޭނެއެވެ.

އިސްލާމީ ޤައުމެއްގައި އަމާންކަން ލިބިގެން، އެބަހީ ވިސާ ލިބިގެން ޤާނޫނާއި ޤަވާޢިދުތަކުގެ ތެރެއިން ވަދެ ތިބި އެންމެންނަކީ މުސްތައުމަނުންނެވެ. އެއީ ދައުލަތުން އަމާންކަން ދީފައިވާ ޞުލްޙަވެރި ފަރާތްތަކެވެ. އެއިގެ ތެރޭގައި ޑިޕްލޮމޭޓުންނާއި ކުންފުނިތަކުގައި މަސައްކަތްކުރާ މީހުންނާއި، ވިޔަފާރިވެރިންނާއި ނޫސްވެރިންނާއި އަސްކަރީންނާއި އެކި ތަންތަނުގައި ވަޒީފާ އަދާކުރާ މީހުންނާއި ފަތުރުވެރިން ހިމެނޭނެއެވެ. އެއިން މީހަކަށް އެއްވެސް ގެއްލުމެއް ދިނުމަކީ އިސްލާމީ ޝަރީޢަތުގައި ޖާއިޒުވެގެންވާ ކަމެއްނޫނެވެ. އެންމެ ޞައްޙަކަންބޮޑު ޙަދީސް ފޮތްކަމުގައިވާ އިމާމު އަލް ބުޚާރީގެ ޞަޙީޙްގައި ޢަބްދުﷲ ބިން ޢަމްރުގެ އަރިހުން ރިވާވެގެންވެއެވެ. ސަލާމާތް ޞަލަވާތް ލެއްވި އިތުރު އެކަލޭގެފާނުގެ ހަދީސްކުރެއްވިއެވެ. ” މުޢާހިދަކު، ( އެބަހީ ދައުލަތުން އަމާންކަންދީގެން ޤާނޫނާއި ޤަވާޢިދުތަކުގެ ތެރެއިން ޤައުމަށް ވަދެ ހުރިމީހަކަށް) ހަމަލާއެއް ދީ އޭނާ މަރައިފި މީހަކަށް ސުވަރުގޭގެ ވަސްވެސް ނުލިބޭނެއެވެ. ” މި ފަދަ މުޢާހިދުންގެ ތެރޭގައި ޓޫރިސްޓުންނާއި ރަސްމީ ބޭނުންތަކަށް ޤައުމަށް އައިސްއުޅޭ ބިދޭސީންނާއި މުސްލިމެއްގެ ދަޢުވަތަކަށް އައިސް ތިބޭ ޣައިރު މުސްލިމުން ހިމެނޭނެކަމުގައި ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. ވީމާ، މިކަންކަމާމެދު މުސްލިމުން ވިސްނައި ފިކުރު ހިންގަންޖެހޭނެއެވެ.

އާދެ! ޤައުމުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންވެސް، ޤައުމުތަކުގެ ދީނާއި ސަޤާފަތާއި ޢާއްމު ދިރިއުޅުމުގެ ވައްޓަފާޅިއަށް އިޙުތިރާމްކުރަންވާނެއެވެ. އަދި އެމީހުންނަށް ޤައުމުގެ ސަޤާފަތް އޮޅުން ފިލުވައި ދިނުމަކީ ޓްވަލްއެޖެންސީތަކުން ކުރަންވާނެ ކަމެކެވެ. ސަޤާފަތާއި ޤާނޫނާއި ޤަވާޢިދުތަކަށް އިޙުތިރާމްކުރުމަކީ ތަހުޒީބުކަމެކެވެ.ސަޤާފަތާއި ޤާނޫނާއި ޤަވާޢިދުތަކުގެ ތަރަހައިން ބޭރުވާ ފަރާތްތަކަށް ތަރަހައިގެ ތެރެއަށް ގެނައުމައްޓަކައި ޤާނޫނު ހިންގާ ފަރާތްތަކުން ފިޔަވަޅުތައް އަޅަންވާނެއެވެ. ޤައުމު ހެޔޮ ގޮތުގައި ކުރިއަށް ދާނީ އެއިރުންނެވެ.

ގުޅުންހުރި ލިޔުންތައް
Comments

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *