555

ހުޅަނގުގެ ޑިމޮކްރަސީއާއި އިސްލާމީ ވެރިކަން ހިންގުމުގެ ނިޒާމު

ޑިމޮކްރަސީ އަކީ ސިޔާސީ މާޙައުލުގައި ވަރަށް ޢާއްމު ލަފްޒެކެވެ. ޑިމޮކްރަސީގެ ފަލްސަފާއަކީ ހުޅަނގުގެ ނަޒަރިއްޔާއެކެވެ. ހުޅަނގުގެ ޑިމޮކްރަސީ އޭގެ އަސްލު ޞޫރައިގައި އިސްލާމީ ޤައުމުތަކުގައި އަށަގެންނެވުމަކީ ހަމަޖެހޭ ކަމެއް ކަމަށް މުސްލިމު ފަލްސަފާވެރިން ޤަބޫލެއް ނުކުރެއެވެ. ހުޅަނގުގެ ޑިމޮކްރަސީއާއި އިސްލާމީ ނިޒާމާ ދެމެދު ވަރަށް ގިނަ ފަރަޤުތަކެއްވެއެވެ. އޭގެ ބައެއް ކަންތައްތައް ކުރުގޮތަކަށް ދަންނަވާލާނަމެވެ.

ހުޅަނގުގެ ޑިމޮކްރަސީއާއި އިސްލާމީ ވެރިކަން ހިންގުމުގެ ނިޒާމާ ހުރި ތަފާތުތައް:

ވެރިކަން ހިންގުމުގެ އިސްލާމީ ނިޒާމުގެ އުޞޫލުތައް ފެށިގެން އަންނަ މަޞްދަރަކީ ވަޙީ އެވެ. އެއީ ޤުރުއާނާއި ކީރިތި ރަސޫލާގެ ޞައްޙަ ސުންނަތެވެ. މަޝްވަރާއަކީ އިސްލާމީ ނިޒާމުގެ ވެރިކަން ހިންގުމުގެ އަޞްލުތަކުގެ ތެރެއިން އަޞްލެކެވެ. ޑިމޮކްރަސީގެ ހުރިހާ ކަމެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އެއީ ވަޟްޢީ ފަލްސަފާއެކެވެ.

ހުޅަނގުގެ ޑިމޮކްރަސީގައި ދީން ވަނީ ވެރިކަން ހިންގުމުމުގެ ނިޒާމުން ވަރަށް ބޮޑަށް އެކަހެރި ކުރެވިފައެވެ. ދީނާމެދު ދައުލަތުން މުހިއްމުކަން ދިނުމެއްނުވެއެވެ. ސަބަބަކަށް ވަނީ އެއީ ދައުލަތް ހިނގުމުގެ ނިޒާމުން ދީން ވަކި ވެފައިވާ ނިޒާމަކަށް ވުމެވެ. އެނިޒާމު އުފެދުނީވެސް އެސަބަބަށްޓަކައެވެ. ހުޅަނގުގެ ޑިމޮކްރަސީގައި ދީނަކީ ފަރުދީ މިނިވަންކަމެކެވެ. މިހެން މިކަންވާންޖެހުނީ ފައްޅިތަކުގެ އަނިޔާވެރިކަމުންނާއި ނަޞާރާއިންގެ ޝަރީއަތުގައި ދައުލަތެއް ހިނގުމުގެ ނިޒާމެއް ނެތުމުންނެވެ. އިސްލާމީ ނިޒާމުގައި ދީނަކީ އަޞްލެވެ. އޭގެ ދަށުން ހުރިހާ ބާރުތަކެއް ކަނޑައެޅިގެން އާދެއެވެ. އިސްލާމް ދީނުގައި ދައުލަތް ހިންގުމުގެ ނިޒާމެއް އެބައޮތެވެ. އެނިޒާމުގެ އެންމެ ފުރަތަމަ ރުކުނަކީ ޝަރުޢުގެ އަސާސްތަކެވެ.
އިސްލާމީ ޝަރީޢަތުގައި ވާފަދަ، އަޚްލާޤީ، އިޖުތިމާޢީ، އިޤުތިޞާދީ، ސިޔާސީ އުޞޫލުތަކެއް ހުޅަނގުގެ ޑިމޮކްރަސީއަކު ނެތެވެ.

ރައްޔިތުން ނުވަތަ އުއްމަތް މިއީ ހުޅަނގުގެ ޑިމޮކްރަސީގައި ނަމަ ވަކި ސަރަޙައްދެއްގައި ދިރިއުޅޭ ހުރިހާ ޢަޤީދާތަކެއް ޝާމިލުވާ މާނަ ދޭހަވާ ބަހެކެވެ. ނަމަވެސް އިސްލާމީ ނިޒާމުގައި އުއްމަތް ނުވަތަ ރައްޔިތުން މާނަކުރެވެނީ އިސްލާމް ދީނަށް ނިސްބަތްވި ކޮންމެ މީހަކަށެވެ. އެއީ ކޮންމެ ތަނެއްގައި އެމީހަކު ވީނަމަވެސް އެމީހަކީ އުއްމަތުގެ މީހެކެވެ. ނަމަވެސް އިސްލާމީ ނިޒާމުގެ ދަށުގައި އުޅޭ ޣައިރު މުސްލިމުންގެ ޙައްޤުތައް އިސްލާމްދީން ރައްކާތެރިކުރެއެވެ. ދައުލަތް ހިންގުމުގައި ޣައިރު މުސްލިމުންގެ އެހީތެރިކަން ހޯދުމަކީ ދީން މަނާކުރާ ކަމެއްނޫނެވެ. އިސްލާމީ ދައުލަތުގެ ހިޔަލުގައި ޣައިރު މުސްލިމުން ދިރިއުޅުމަކީ މައްސަލައެއްނޫނެވެ. އެބައިމީހުންގެ އެންމެހާ ޙައްޤުތަކެއް އިސްލާމީ ދައުލަތުން ޙިމާޔަތްކުރަންޖެހެއެވެ. އެއީ އިސްލާމީ ޝަރީޢަތް ބާރު އަޅާފައިވާ ކަމެކެވެ.

ހުޅަނގުގެ ޑިމޮކްރަސީ އަކީ މާއްދިއްޔަތުގެ މައްޗަށް ބިނާވެގެންވާ ނިޒާމެކެވެ. ދުންޔަވީގޮތުން ރައްޔިތުންނަށް ބާއްޖަވެރި ހަމެޖެހޭ ދިރިއުޅުމެއް ހޯދުމަށް މި ނިޒާމު މަސައްކަތްކުރެއެވެ. އެއީ އިޤްތިޞާދީގޮތުންކަމުގައި ވިޔަސް، ސިޔާސީގޮތުން ކަމުގައި ވިޔަސް، އިޖުތިމާޢީ ގޮތުން ކަމުގައި ވިޔަސް މެއެވެ.

ނަމަވެސް އިސްލާމީ ނިޒާމު ބާރު އަޅަނީ އެންމެހައި އިންސާނުންނަށް ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ޙާޞިލުކޮށްދިނުމަށެވެ. މިހެންކަމުން ކަނޑައެޅިގެން ވަޙީ ބަސްފުޅު އައިސްފައި ނުވާ ކަންކަމުގައި އުއްމަތުގެ މަޝްވަރާ ހޯދައިގެން ކަންތައްތައް ނިއްމުމަށް ބާރު އަޅުއްވާފައިވެއެވެ. އިސްލާމީ ވެރިކަމުގެ ފަރާތުން ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރެއެވެ.

އިސްލާމީ ޝަރުޢުގައިވާ ޢާއްމު ޙައްޤުތަކާއި މިނިވަންކަން ޑިމޮކްރަސީއާ ދެގޮތަކުން ތަފާތެވެ.(ހ) އިސްލާމީ ޝަރީޢަތުގައި ޙައްޤުތަކަކީ ޝަރީޢަތުގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި ފަރުދުންނާއި ޖަމާޢަތުގެ މަޞްލަޙަތަށްޓަކައި ކަނޑައެޅިފައިވާ ޙައްޤުތަކެކެވެ. ޑިމޮކްރަސީގައި ޙައްޤުތަކާއި މިނިވަންކަން ފަރުދާއި ވީ ކޮޅަށް ބުރަވެފައިވާކަމަށް ފާހަގަކުރެވެއެވެ.

(ށ) އިސްލާމީ ނިޒާމުގައި ޙައްޤުތަކާއި މިނިވަންކަން ވަނީ ޝަރީޢަތުގެ ހަމަތަކުގެ ތެރޭގައި ޤައިދުކުރެވިފައެވެ. ޑިމޮކްރަސީގައި މިއީ ހުޅުވާލެވިފައިވާ މިނިވަންކަމެކެވެ. އިސްލާމީ ނިޒާމުގައި މިނިވަންކަމުގެ މުރާދަކީ ތިމާގެ އަމިއްލަ ނަފުސާއި އަނެކުންނަށް ގެއްލުމެއް ލިބިގެން ނުވާކަމެއް ކުރުމެވެ.

ހުޅަނގުގެ ޑިމޮކްރަސީގައި ވެރިކަން ހިނގުމުގެ ބާރަކީ މުސްތަޤިއްލު އަމިއްލަ ވަންތަ ބާރެކެވެ. އެބައިމީހުންގެ ޤަރާރުތަކަކީ ތަންފީޒު ކުރެވޭނެ ޤަރާރުތަކެކެވެ. އެއީ އިންސާނީ ފިޠުރަތާއި އަޚްލާޤާ ގުޅުމެއްނުވާ ޤަރާރުތަކެއްކަމުގައިވިޔަސް އެއަށް އަޣްލަބިއްޔަތު ލިބިއްޖެނަމަ ފާސްވެގެން އެއަށް ޢަމަލު ކުރެވެއެވެ. މިސާލަކަށް އެއްޖިންސުގެ ކައިވެނި ކުރުން ހުއްދަ ކުރާ ޤާނޫނަކަށް އަޣްލަބިއްޔަތު ލިބުމުން އެކަން ހުއްދަވާނެއެވެ. މިފަދަ ކަންކަމަކީ އިންސާނީ ފިޠުރަތު މުގުރާލާ ކަންކަމެވެ. ނަމަވެސް އިސްލާމީ ނިޒާމަކީ ﷲ ގެ ޝަރީޢަތުގެ ދަށުގައިވާ ނިޒާމެކެވެ. ދައުލަތް ހިންގުމުގެ ހުރިހާ ބާރެއް ފެށިގެން އަންނަނީ ﷲ ގެ ޝަރީޢަތުންނެވެ. އޭގެ އުޞޫލުތަކުންނެވެ. އޭގެ އަޚްލާޤީ ހަމަތަކުންނެވެ. ކިތައްމެ ގިނަ ބައެއްގެ ރުހުން ލިބުނަސް ޝަރުޢީ ދާއިރާއިން ބޭރުގައި އެއްވެސް ކަމެއް ކުރުމެއްނެތެވެ. ޝަރުޢުގެ އެއްވެސް ނައްޞަކާ ޚިލާފަށް މަޝްވަރާއެއް ނުކުރެވޭނެއެވެ. މުޅި ދައުލަތުގެ ޢާއްމު މަޞްލަޙަތައްޓަކައި ޝަރުޢުގެ އުޞޫލުތަކާ ތަޢާރުޟްނުވާގޮތަށް ޤާނޫނާއި ޤަވާޢިދުތައް އެކުލަވާލުމުގެ ބާރު އިސްލާމީ ދައުލަތަށް ލިބިގެންވެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އަށް ނަޒަރު ހިންގާލާއިރު ފާހަގަވެގެން ދަނީ ޤާނޫނު އަސާސީ ބައްޓަންވެފައިވަނީ އިސްލާމީ އުޞޫލުތަކުގެ މައްޗަށް ކަމެކެވެ. މިގޮތުން ޙައްޤުތައް ކަށަވަރުކޮށްދީފައިވަނީ އިސްލާމީ ޝަރީޢަތުގެ އަސާސްތަކުގެ ތެރޭގައެވެ. ޚިޔާލު ފާޅުކުރުން ޤައިދު ކުރެވިފައިވަނީ ވެސް އެ އުޞޫލުގެ ތެރޭގައެވެ. އިންސާނީ ޙައްޤުތަކުގެ ތެރެއިން މުޢުތަބަރު ޙައްޤަކީ ވެސް ޤާނޫނު އަސާސީގައިވާ ގޮތުން އިސްލާމީ ޝަރީޢަތާ ތަޢާރުޟް ނުވާ ކަންކަމެވެ. މިހެންކަމުން ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަކީ އިސްލާމީ އުޞޫލުތަކުގެ މައްޗަށް ޤާއިމު ވެފައިވާ ދިމިޤުރާޠީ ނިޒާމެކެވެ. ރާއްޖޭގެ ޑިމޮކްރަސީއަކީ ރާއްޖެއަށް ފެތޭ ގޮތައް ބައްޓަން ކުރެވިފައިވާ އިސްލާމީ ނިޒާމެކެވެ. އެހެން ކަމުން ދިވެހިން އެމަގުން އެކަން ދަމަހައްޓަންވާނެއެވެ.

ގުޅުންހުރި ލިޔުންތައް
Comments

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *