ދިވެހި ރާއްޖޭގައި 1983 ވަނަ އަހަރު ޒަކާތާ ބެހޭ އޮފީހުގެ ނަމުގައި ސަރުކާރުން އޮފީހެއް އުފެއްދިއެވެ. އެއިގެ ކުރީގައި ޒަކާތުގެކަންކަން ރާއްޖޭގައި އިދާރީ ގޮތުން ހިންގި ގޮތެއް ތަނަވަސްގޮތެއްގައި އެނގޭކަން ނެތެވެ. ޒަކާތާ ބެހޭ އޮފީސް އުފެދުނު ފަހުން، އެ އިދާރާއިން ޒަކާތުގެ ކަންކަމުގައި މީހުން ހޭލުންތެރިކުރަން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަން ފެންނަން އެބަ ހުއްޓެވެ. ޒަކާތާ ބެހޭ އޮފީސް ހުރި ގޮތަށް ހުރި ނަމަ ދިވެހިރާއްޖޭގައި ޒަކާތުގެ ހަރުދަނާ އިދާރީ ނިޒާމެއް ޤާއިމު ކުރަން ވަރަށް ބޮޑަށް ފަސޭހަވީސް ކަން ކަށަވަރެވެ.
ޒަކާތާ ބެހޭ އޮފީސް އުފެއްދި އަހަރުގައި މުދަލު ޒަކާތައް ލިބިފައިވަނީ ގާތް ގަނޑަކަށް އެއް މިލިއަން ރުފިޔާ ކަމުގައި ޒަކާތާ ބެހޭ އޮފީހުގެ ރިޕޯޓްތަކުން ދައްކައެވެ. (1,79,053,67) އެއީ މާލެއިން (817,226,96) އަތޮޅުތަކުން (261,826,72) (ޒަކާތުގެ އަހައްމިއްޔަތު، 1983: 19) އެވެ. 1984 ޒަކާތް ބެހި އިރު، މުއްލަފަތު ޤުލޫބުގެ ބަޔާއި (އަޅުން މިނިވަންކުރުން) މިބައިތަކަށް ބައެއް އަޅައިފައި ނުވެއެވެ. (ރިލިޖަސްއެފެއާޒް, 1989)
ފަހުން، ޒަކާތާ ބެހޭ އޮފީސް ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާޒުގެ ޔުނިޓަކަށް ބަދަލުވިއެވެ. އެއަށް ފަހު މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒުގެ ދަށް ދިޔައެވެ. އަދި (1996) ގައި އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖުލިސް އުފެދުމާ އެކު ޒަކާތާ ބެހޭ ކަންކަން ކުރާ ގޮތަށް ހަމަޖެހުނީ އެ ތަނުގެ ޔުނިޓަކަށެވެ. އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖުލީހުން ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށް ޓަކައްޔާއި މީހުން ހޭލުންތެރިކޮށް ޒަކާތް އޭގެ ޙައްޤުވެރިންނަށް ފޯރުކޮށްދިނުމުގައި ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައިވާކަން ލިޔެކިއުންތަކުން އެނގެން އެބަ ހުއްޓެވެ. (ޢަބްދުﷲ, 2011)
(2008) ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒު އުފެދި އެ ތަނުގެ ހިންގުމާ އަޅުގަނޑުމެން ޙަވާލުވި އިރުން ފެށިގެން ރާއްޖޭގައި ޒަކާތުގެ ނިޒާމު އިތުރަށް ތަރައްޤީ ކުރަން މަސައްކަތްކުރެވިފައިވާނެއެވެ. (2008) ގައި މުދަލު ޒަކާތަށް ލިބުނީ (14,928,734) ރުފިޔާއެވެ. (އިސްލާމިކްއެފެއާޒް މ. , 2008).
(2008) ގައި ޒަކާތުގެ ބެހެނިވެރިންގެ އުޞޫލުތައް މުރާޖިޢާކޮށް ފަޤީރުންގެ ޙާޖަތްތަކަށް ބަލައި ޒަކާތު ފަންޑުންގިނަ ޚިދުމަތް ދިނުމުގެ މަގު ފަހިކުރެވުނެވެ. މި ގޮތުން ގެނެވުނު ބަދަލުތަކުގެ ތޭރޭގައި ފަޤީރުންނާއި މިސްކީނުންގެ މަފްހޫމު ތަނަވަސްކުރުމާއި ފީސަބީލިﷲ ގެ މަފްހޫމު ތަނަވަސްކުރުން ހިމެނެއެވެ. އެއީ ފަޤީރުންގެ ޙާޖަތްތަކަށް ބަލައި އަދި އިސްލާމީ ދަޢުވަތުގެ މަސައްކަތްތައް ފުޅާކުރުމުގެ މަޤުޞަދުގައެވެ.
ފީސަބީލިﷲ ގެ ބައިން ވާޢިޒުންނަށް އުޖޫރަ ދިނުމާއި ކިޔަވާކުދިންނަށް އެހީވުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި އެކި ތަންތަނުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުނެވެ. އަދި މީގެ އިތުރުން މުއައްލަފަތުލްޤުލޫބުގެ ބަޔަށް ވެސް ރާއްޖޭގައި ޢަމަލު ކުރަން ފެށުނެވެ. މި ގޮތުން ރާއްޖޭގައި ތިބެ އަލަށް އިސްލާމްވާ ބިދޭސީންނަށް ޒަކާތު ފަންޑުންމާލީ ގޮތުން އެހީތެރިވުން ފެށުނެވެ. މިއީ އެ މުއްދަތުގެ ތެރޭގައި ޒަކާތް ބެހުމުގެ ކަންކަމުގައި ގެނެވިފައިވާ ފާހަނގަކުރެވޭ ފަދަ ބޮޑެތި ބަދަލުތަކެވެ.
ހަމައެހެންމެ، (2012) އިން (2015) އަށް، ޢިލްމީ އިޖުތިހާދުގެ އަލީގައި ޒަކާތުގެ ނިޒާމަށް ގިނަ ބަދަލުތަކެއް ގެނެވިފައިވާނެއެވެ. މިގޮތުން ޙާޖަތަށް ބަލައި ފަޤީރުންނާއި މިސްކީނުންގެ ބަޔާއި ފީސަބީލިﷲ ބައިގެ މަފްހޫމް ތަނަވަސްކުރުމާއި ޒަކާތުގެ ކަންކަމުގައި ލަފާ ދޭނެ ޚާއްޞަ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ އެއް އެކުލަވައިލުމާއި ޒަކާތާ ގުޅޭ އިތުރު ޤަވާޢިދުތަކާއި އުޞޫލުތައް އެކުލަވައިލުމުގެ އިތުރުން، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިޑީބީ)ގެ އެހީގައި ޒަކާތާ ބެހޭ ޤާނޫނުގެ ދެލިކޮޕީ އެކުލަވައިލައި އެޓާރނީ ޖެނެރަލް (އޭޖީ) އޮފީހަށް ފޮނުވިފައިވާނެއެވެ. ކަމުގެ ނަތީޖާއެއްގެ ގޮތުން (2015- 2018) އަށް ޒަކާތު ފަންޑަށް ފައިސާ އިތުރުވެ ކުރިއެރުން އައިސްފައިވެއެވެ. ގިނަ ގުނަ ޚިދުމަތްތަކެއް ދެވިފައިވެއެވެ.
ޒަކާތުގެ އެންމެހާ ކަމެއް ކުރިއަށް ދިޔައީ ޒަކާތާ ބެހޭ ކޮމެޓީގެ ބެއްލެވުމުގެ ދަށުންނެވެ. އެ ކޮމިޓީގައި މިނިސްޓްރީ އޮފް ފިނޭންސާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި މަދަނީ ކޯޓާއި މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި ވިޔަފާރިވެރިންގެ ޖަމިއްޔާ ފަދަ ދައުލަތުގެ މުއައްސަސާތަކުން މަންދޫބުން ތިއްބަވައެވެ. ޤާނޫނެއްގެ ދަށުން ޒަކާތް ނެރެވި އޭގެ ހައްޤުވެރިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމު ވަކި އިދާރާއެއްގެ ދަށުން ހަމަޖެހިޖެ ނަމަ ޒަކާތާ ބެހޭ ކަންކަން އިދާރީ ގޮތުން މުސްތަޤިއްލުވެ ޒަކާތް ނަގައި ބެހުމުގެ ކަންކަން ފަސޭހަ ވާނެއެވެ.
ދިވެހިރާއްޖޭގެ ތާރީޚަށް ބަލާއިރު ޚާއްޞަ ގޮތެއްގައި (1978) އިން ފެށިގެން ޒަކާތުގެ ކަންކަމަށް މީހުން ހޭލުންތެރިކޮށް، ޒަކާތް ނަގައި ބެހުމުގެ ކަންކަން އިދާރީ ގޮތުން ހަރުދަނާ ކުރުމަށް ޓަކައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަން ފުރޭފުކުރެވިފައިވާ ރަސްމީ އެކިއެކި ލިޔެކިއުންތަކުން ފެންނަން އެބަ ހުއްޓެވެ.