މުދަލުން ޒަކާތް ނެރުމަކީ އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން ތިންވަނަ ރުކުނެވެ. މުދަލުން ޒަކާތް ނެރުން ފަރުޟު ވުމުގެ ސަބަބުން އިސްލާމީ އުންމަތުގެ އިޖުތިމާޢީ ޙާލަތާއި އިޤުތިޞާދީ ޙާލަތު ރަނގަޅުވެއެވެ. އިސްލާމްދީނުގެ ރުކުންތަކުގެތެރެއިން ޙާލަތާއި ވަގުތާއި ޙައްޤުވެރިންގެ ޙާޖަތާއި މަޞްލަޙަތަށް ބަލައި، އެންމެ ބޮޑަށް ތަނަވަސްކޮށް ފުޅާ ކުރެވެން އޮތް ރުކުނަކީ ޒަކާތުގެ ރުކުން ކަން ފާހަގަކުރެވެއެވެ. މި ގޮތުން؛ ދުނިޔޭގެ އަދުގެ ޙާލަތާ ގުޅިގެން ޒަކާތުގެ ޙައްޤުވެރިންގެ މަފްހޫމަށް ތަނަވަސް ބަދަލުތަކެއް ގެނެސް؛ އިސްލާމީ ގިނަ ޤައުމުތަކެއްގައި އެއަށް ޢަމަލު ކުރަމުން އަންނަ ކަން ފާހަގަކުރަމެވެ.
އާދޭހެވެ! ޒަކާތަކީ އިޖުތިމާޢީ އެއްބައިވަންތަކަން ޤާއިމު ކުރުމަށް ޓަކައި ކަނޑައެޅިގެންވާ މާލީ ނިޒާމެކެވެ. އެއީ ފަޤީރުކަމުގެ ދާއިމީ ޙައްލެވެ. ދުނިޔޭގެ އެހެން ވަޟުޢީ ފަލްސަފާއެއްގައި ނުވަތަ ޤާނޫނެއްގައި ވެސް އިސްލާމްދީނުގައިވާ ޒަކާތުގެ ނިޒާމު ފަދަ އިޖުތިމާޢީ މާލީ ނިޒާމެއް ނުވެއެވެ. މުދަލު ޒަކާތް ޙައްޤު ގޮތުގައި ނެރެވި، ހައްޤު ގޮތުގައި އޭގެ އަހުލުވެރިންނަށް ފޯރުކޮށްދެވިއްޖެ ނަމަ، އިޖުތިމާޢީ ޢަދާލަތު ޤާއިމުވެ އިސްލާމީ އުންމަތުން ފަޤީރުކަން ނެތޭނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ.
މުދަލުން ޒަކާތް ނެރުން ފަރުޟުކުރެއްވުމުގެ ޙިކުމަތަކީ؛ މުދަލުގައި ބަރަކާތްލައްވައި ނަފްސު ޠާހިރުކުރެއްވުމެވެ. ކީރިތި ޤުރުއާނުގެ އައްތައުބާ ސޫރަތުގެ (103) ވަނަ އާޔަތުގައި މާތް ﷲ މި ކަން ބަޔާންކުރައްވައިފައިވެއެވެ. (خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِمْ بِهَا وَصَلِّ عَلَيْهِمْ إِنَّ صَلَاتَكَ سَكَنٌ لَهُمْ وَاللَّهُ سَمِيعٌ عَلِيمٌ ) (103) (އޭގެސަބަބުން ކަލޭގެފާނު އެއުރެން طاهر ކުރައްވާނޭ، އަދި އެއުރެންނަށް ހެޔޮކަން އިތުރުކޮށްދެއްވާނޭ صدقاتއެއް، އެއުރެންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ! އަދި އެއުރެންނަށް ޓަކައި ކަލޭގެފާނު دعاء ކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ دعاءއަކީ، އެއުރެންނަށް އޮތް ހިތްހަމަޖެހުމަކާއި، رحمةއެކެވެ. اللَّهއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.)
ކީރިތި ޤުރުއާނުގެ އައްތައުބާ ސޫރަތުގެ (60) ވަނަ އާޔަތުގައި މުދަލު ޒަކާތުގެ ޙައްޤުވެރިންނަކީ ކޮބައިކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (۞ إِنَّمَا ٱلصَّدَقَـٰتُ لِلْفُقَرَآءِ وَٱلْمَسَـٰكِينِ وَٱلْعَـٰمِلِينَ عَلَيْهَا وَٱلْمُؤَلَّفَةِ قُلُوبُهُمْ وَفِى ٱلرِّقَابِ وَٱلْغَـٰرِمِينَ وَفِى سَبِيلِ ٱللَّهِ وَٱبْنِ ٱلسَّبِيلِ ۖ فَرِيضَةًۭ مِّنَ ٱللَّهِ ۗ وَٱللَّهُ عَلِيمٌ حَكِيمٌۭ) (60) މާނައީ، (ހަމަކަށަވަރުން، ޞަދަޤާތުގެ ތަކެތި ވަނީ ފަގީރުންނަށާއި، މިސްކީނުންނަށާއި، އެ ކަމުގެ ޢާމިލުންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި، (އެބަހީ: އަލަށް إسلام ވީ މީހުންނަށާއި) އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، اللَّهގެ މަގުގައްޔާއި (حالގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. اللَّهގެ ޙަޟްރަތުން ކަނޑައަޅުއްވާފައިވާ ފަރުޟެއްގެ ގޮތުގައެވެ. اللَّهއީ، މޮޅަށް ދެނެވޮޑިގެންވާ، حكيمވަންތަ ރަސްކަލާނގެއެވެ.) މި އާޔަތުގައި މާތް ﷲ ވަނީ އެކަލާނގެ އަމިއްލަ ޒާތުފުޅުން، ޒަކާތް ޙައްޤުވާ ފަރާތްތައް ކަނޑައަޅުއްވައިފައެވެ. އެ ކަމުގެ ތެރެއަށް އެހެން ބަޔަކަށް ތަދައްޚުލުވުމުގެ ފުރުޞަތެއް ނެތެވެ.
އިސްލާމީ ދުނިޔޭގެ ތަޖުރިބާ
އިސްލާމީ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ޒަކާތާ ބެހޭ ޚާއްޞަ އިދާރާތައް ޤާއިމުކޮށްފައިވެއެވެ. އިދާރީ ގޮތުން އެންމެ ފާހަގަ ކުރެވޭ ފަދަ ޒަކާތުގެ މުއައްސަސާއެއް ހުރި އިސްލާމީ ޤައުމަކީ ކުވައިތެވެ. ކުވައިތުގެ ޒަކާތު ގެއަކީ ޤާނޫނެއްގެ ދަށުން ހިންގަމުން އަންނަ ދައުލަތުގެ މިނިވަން މުއައްސަސާއެކެވެ. ކުވައިތުގެ ޒަކާތު ގެއަކީ މުޅި އިސްލާމީ ދުނިޔެއަށް ހުރި ނަމޫނާ މުއައްސަސާއެކެވެ. އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އިން އެ މުއައްސަސާގެ އަގުވަޒަންކުރުމުގެ ގޮތުން 2019 ވަނަ އަހަރުގައި އެ މުއައްސަސާއަށް އެވޯޑް ދީފައިވެއެވެ. ދެން ޒަކާތުގެ އެންމެ ރަނގަޅު އިދާރީ ނިޒާމެއް އޮންނަނީ ސޫދާނުގައެވެ. ސޫދާންގެ ޒަކާތު ޗެމްބަރަކީ ޤާނޫނެއްގެ ދަށުން ހިންގަމުން އަންނަ މިނިވަން މުއައްސަސާއެކެވެ. މީގެ އިތުރުން މިޞްރާއި ޔޫއޭއީއާއި ބަޙުރައިންއާއި ޤަޠަރާއި ސަޢޫދީ ޢަރަބިއްޔާއާއި މެލޭޝިޔާގެ ޒަކާތުގެ މުއައްސަސާތަކަކީ ވެސް ފާހަގަކުރެވޭ މުއައްސަސާތަކެކެވެ.
ދިވެހިރާއްޖޭގެ ޒަކާތު ގޭގެ ތަޞައްވުރު
ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އިޞްލާޙުކޮށް؛ ޒަމާނަށް އައިސްފައިވާ ބަދަލުތަކަށް ރިޢާޔަތްކޮށް ޒަކާތާބެހޭ ޚާއްޞަ އިދާރާއެއް ރާއްޖޭގައި ޤާއިމުކުރުމަކީ އަޅުގަނޑުގެ ނަޒަރުގައި ވަރަށް ބޭނުންތެރިކަމެކެވެ. އަޅުގަނޑަށް ފެންނަ ގޮތުގައި ދިވެހިރާއްޖެއަށް އެންމެ މުނާސަބު ގޮތަކީ ކުވައިތުގައި ހުންނަ ފަދަ ޒަކާތު ގެއެއް ރާއްޖޭގައި އުފެއްދުމެވެ. (މޯލްޑިވްސް ޒަކާތު ހައުސް) ގެ ނަމުގައި ޤާނޫނެއްގެ ދަށުން ވަކި އިދާރާއެއް އުފެއްދިދާނެއެވެ. އެ އިދާރާ ހިންގަން ދައުލަތުގެ ފައިސާއިން ހޭދައެއް ކުރާކަން ނުޖެހޭނެއެވެ. އެ އިދާރާގެ ހުރިހައި ކަމެއް ހިންގުމާއި އެ އިދާރާގެ މުވައްޒަފުންގެ މުސާރަ ދޭނީ ސީދާ ޒަކާތު ފަނޑުންނެވެ. އެހެނީ އެ ފަދަ އިދާރާއެއް އުފެއްދިއްޖެ ނަމަ އެ އިދާރާއެއް ވާނީ ޒަކާތުގެ “ޢާމިލް” އަށެވެ. ޢާމިލުންނަކީ ޒަކާތް ނަގައި ބަހާ މީހުންނެވެ. މި ޒަމާނުގައި މުދަލު ޒަކާތް ނަގައި ބަހާ މުއައްސަސާ ވާނީ “ޢާމިލު” ގެ މަޤާމުގައިވާ ތަނެއް ކަމުގައި އޯއައިސީގެ އިންޓަރނޭޝަނަލް އިސްލާމިކް ފިޤުހު އެކެޑަމީގެ ޤަރާރު (3/18/165) ގައިވެއެވެ. މިފަދަ މުއައްސަސާއެއް ޤާނޫނަކުން އުފެދޭ އިރު، ޒަކާތުގެ ފައިސާ ވަކިން ބެލެހެއްޓޭނެ އިދާރީ އިންތިޒާމެއް ޤާނޫނުގެ ތެރެއިން ހަމަޖެހިފައި އޮންނަން ވާނެއެވެ.
ޒަކާތުގެ ފައިސާ ވުނަކުރުން
ޒަކާތުގެ ބެހެނިވެރިންގެ ޟަރޫރީ ޙާޖަތްތަކާއި މަޞްލަޙަތަށް ޓަކައި ސަރުކާރަށް ނުވަތަ ސަރުކާރުން ކަނޑައަޅާ ފަރާތަކަށް ޒަކާތު ފައިސާ ވުނަކުރެވިދާނެތޯއާ މެދު ފިޤުހުވެރިންގެ މެދުގައި ޢިލްމީ ޚިލާފެއް އުފެދިފައިވެއެވެ. (ޝަބީރު, 1426). މި މައްސަލައިގައި އަޅުގަނޑަށް ބޮޑަށް ބުރަވެވެނީ ދައުލަތުގެ ބެލުމުގެ ދަށުން، ޒަކާތުގެ ޙައްޤުވެރިންގެ ޟަރޫރީ މަޞްލަޙަތަށް ޓަކައި، ވަކި ޝަރުޠުތަކެއްގެ ދަށުން ޒަކާތުގެ ފައިސާ ވުނަ ކުރެވޭނޭ ކަމަށް ބުނާ ރައުޔަށެވެ. ސަބަބަކީ ވުނަކޮށް ފައިދާ އިތުރުނުކޮށް މި ޒަމާނުގައި އަހަރަކު އެއްފަހަރު ދެވޭ ކުޑަ ލާރިކޮޅަކުން ޙާޖަތްތައް ފުރިހަމަކަމާ އެކު ނުފުއްދޭތީއެވެ. ވުނަ ކުރެވިއްޖެ ނަމަ ޒަކާތުގެ ބެހެނިވެރިންނަށް ދާއިމީ ޙައްލެއް ލިބޭނެއެވެ. އިޖުތިމާޢީ ޢަދާލަތު ޤާއިމުކޮށް މުޖުތަމަޢުން ފަޤީރުކަން ނައްތައިލެވިދާނެއެވެ. ފަޤީރުން މުއްސަނދިންނަށް ހަދައި އެ މީހުންނަކީ ޒަކާތް ހޯދާ މީހުންގެ ބަދަލުގައި ޒަކާތް ނެރޭ މީހުންނަށް ވާނެއެވެ. މި ތަނުގައި ފާހަގަކުރަން ޖެހޭ މުހިންމު ނުކުތާއަކީ ޒަކާތުގެ ފައިސާ ވުނަކުރުން ހުއްދައީ ޒަކާތުގެ ކަންކަން ބަލަހައްޓާ ސަރުކާރުގެ އިދާރާއަށެވެ. ވިޔަފާރިވެރިޔާ އަމިއްލައަށް އޭނާގެ ޒަކާތުގެ ފައިސާ ވުނަކުރުން ހުއްދަވެގެން ނުވާ ކަމުގައި ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވައެވެ.
ދައުލަތް ހިންގުމަށް ޓަކައި ޒަކާތާއި ޓެކްސް ނެގުން
ޒަކާތަކީ މުއްސަނދިންގެ އަތުން ދައުލަތުން ނަގަންޖެހޭ ޙައްޤެކެވެ. ޒަކާތް ބެހުމުގެ ކަންކަން ވެސް ކުރަންޖެހޭނީ އިސްލާމީ ޙުކޫމަތުންނެވެ. ނުވަތަ ޙުކޫމަތުން ކަނޑައަޅާ ފަރާތަކުންނެވެ. ޒަކާތަކީ ދައުލަތުގެ މާލީ އެއް މަޞްދަރެވެ. ޒަކާތުން އެކަނި މިޒަމާނުގައި ދައުލަތެއް ނުހިންގޭނެއެވެ. ޒަކާތަކީ ވަކި ބައެއްގެ ޙައްޤެކެވެ. ޒަކާތަކީ ވަކި ބަޔަކަށް ޚާއްޞަ ވެގެންވާ ހަޤެއްކަމުން ދައުލަތް ހިންގުމުގައި އެހެނިހެން މާލީ ވަސީލަތްތައް އިތުރުކުރަން ޖެހޭނެއެވެ. މި ގޮތުން ދައުލަތުގެ މާލިއްޔަތު އިތުރުކުރުމަށް ޓަކައި ދައުލަތުގެ ވިޔަފާރީގެ ދާއިރާތައް ފުޅާ ކުރުމާއި އެކި މަޝްރޫޢުތައް ޤާއިމު ކުރުމާއި ތަފާތު ދާއިރާތަކުން ޓެކްސް ނެގިދާނެއެވެ. ޓެކްސް ނެގުމުގައި ޢަދުލުވެރިކަމާއި ހަމަހަމަކަމުގެ އުޞޫލު ދަމަހައްޓަން ޖެހޭނެއެވެ. މީގެ އިތުރުން މުދަލު ޒަކާތް ދައުލަތަށް ދެއްކުމުން ޓެކްސްއިން އެ ޢަދަދު އުނިވާނޭ ގޮތަށް ޤާނޫނުން ކަނޑައެޅުމަކީ ޒަކާތް ދައްކާ ފަރާތްތަކަށް ފަސޭހަ ވާނެ ކަމެކެވެ. މި ޒަމާނުގެ މަފްހޫމުތަކުގެ ތެރެއިން ޒަކާތުގެ ހަރުދަނާ މާލީ ނިޒާމެއް ޤާއިމު ކުރެވިއްޖެ ނަމަ މުޖުތަމަޢަށް ދިރުން ލިބޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
ޒަކާތުގެ ބެހެނިވެރިންގެ މަފްހޫމްތައް ފުޅާކުރުން
މިޒަމާނުގެ ޟަރޫރީ ޙާޖަތްތައް އިތުރުވެފައިވާ ކަމާ މެދު އެއްވެސް މީހަކު ދެބަހެއް ނުވާނެއެވެ. މިހެންވުމުން ޒަކާތުގެ ބެހެނިވެރިންގެ މަފްހޫމް ތަނަވަސްކުރަން ޖެހެއެވެ. މިއިން ކޮންމެ ބައެއްގެ މަފްހޫމް ކުރީގެ ޤަރުނުތަކުގައި ތަންފީޒުކުރި ގޮތާއި މި ޒަމާނުގައި ތަންފީޒު ކުރަން ޖެހޭ ގޮތްތަކާ މެދު، ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް ހުރެދާނެއެވެ. މި ޒަމާނުގައި މިނިވަންކުރާނެ އަޅުންނެއް ނެތެވެ. ނަމަވެސް؛ އަޅުން މިނިވަންކުރުމުގެ މަފްހޫމު މި ޒަމާނުގައި ފުޅާކޮށްފި ނަމަ މަސްތުވާތަކެތީގެ ވަބާގެ އަޅުވެތިކަމުގެ ޝިކާރައަކަށްވެފައިވާ މީހުން ރިހެބިލިޓޭޓްކުރުމަށް ޓަކައި މުދަލު ޒަކާތުން ޚަރަދު ނުކުރެވެންވީ ސަބަބެއް ނެތެވެ. ނުވަތަ އަސީރުން މިނިވަންކުރުމަށާއި ކިޑްނެޕްކުރެވިފައިވާ ފަރާތްތައް ސަލާމަތްކުރަން ޚަރަދު ނުކުރެވެންވީ ސަބަބެއް ނެތެވެ.
ހަމަ އެ ގޮތަށް، މާތް ﷲގެ މަގުގައި ޖިހާދުކުރުމަކީ ހަމައެކަނި ހަނގުރާމަކުރުން ކަމުގައި ޤައިދުކުރެވޭކަށް ވެސް ނެތެވެ. އިސްލާމީ އުންމަތާ ދެކޮޅަށް ކުރެވޭ ހަނގުރާމަތުގެ ގޮތްތަކަށާއި ވަސީލަތްތަކަށް އައި ބަދަލު، ދިފާޢީ ކަންކަމަށް ވެސް އަންނަން ޖެހެއެވެ. އިސްލާމްދީނާއި އިސްލާމީ އުންމަތާ ދެކޮޅަށް ކުރެވޭ ހަނގުރާމަތައް މިއަދު ވަރަށް ގިނައެވެ. އޭގެ ތެރޭގައި ޢަސްކަރީ ގޮތުން ކުރެވޭ ހަނގުރާމަތަކާއި ފިކުރީ ހަނގުރާމަ ހިމެނެއެވެ. ވީމާ؛ ފީސަބީލިﷲ ބައިގެ ތެރެއިން ޖިހާދު ކުރުމުގެ މަފްހޫމް ތަނަވަސް ކޮށްފި ނަމަ، އިސްލާމްދީނުގެ ދިފާޢުގައި ލިޔަމުންދާ ނޫސްވެރިޔާ ވެސް މުޖާހިދަކަށް ވާނެއެވެ. އިސްލާމީ ޙައްޤު މަޢުލޫމާތު ފޯރުކޮށްދޭ ޓީވީ ޗެނަލްގެ މަސައްކަތް ވެސް ޖިހާދުގެ ތެރެއަށް ވަންނާނެއެވެ. އެހެނީ، އެއީ ﷲގެ މަގުގައި، އެކަލާނގެ ދީނުގެ ދިފާޢުގައި ކުރެވޭ ކަންކަމަށްވުމެވެ.
ފީ ސަބީލިﷲ ބައިން ރާއްޖޭގެ ޢަސްކަރިއްޔާއާއި ފުލުހުންގެ ތެރޭގައި ވަސީލަތްތައް އިތުރުކުރުމާއި މީހުން ބިނާކުރުމަށް ޓަކައި ޚަރަދު ނުކުރެވެންވީ ސަބަބެއް ނެތެވެ. މިއީ މުޅިން ވެސް ޢިލްމީ ގޮތުން ބަހުޘްކުރެވިދާނެ ކަންކަމެވެ. އެއީ އިސްލާމީ ދައުލަތުގެ ޢަސްކަރިއްޔާއެވެ. ކުރިއަށް ހުރި މައުޟޫޢުތަކުގައި ޒަކާތުގެ ޙައްޤުވެރިންނާ ގުޅޭ ތަފްޞީލުތައް އަންނާނެއެވެ. އެ ތަފުޞީލުތައް ލިޔަމުން ދާނީ ޒަކާތުގެ ޙައްޤުވެރިންގެ ތަރުތީބުންނެވެ. ޒަކާތުގެ ބެހެނިވެރިން ކީރިތި ޤުރުއާނުގައި ތަރުތީބު ކުރައްވައިފައި ވަނީ އަށް ބަޔަކަށެވެ.
އެ ބައިތަކަކީ:
o ފަގީރުން.
o މިސްކީނުން.
o ޢާމިލުން.
o މުއައްލަފަތުލްޤުލޫބު.
o އަޅުން މިނިވަންކުރުން.
o ދަރަނިވެރިން.
o ފީސަބީލިﷲ.
o އިބުނުއްސަބީލު.