ބޮޮކސ

ދީނީ ޚިލާފު އުފެދޭ ކަންކަން ކުޑަކުރެވޭނެ ސިޔާސަތަކީ ކޮބާ؟

ދީނީ ފަރުޢީ އިޚުތިލާފަކީ މި އުންމަތުގައި އެއްކޮށް ނެތިވެގެންދާނެ ކަމެއްނޫނެވެ. ފިޤުހީ މަޒުހަބުތައް އުފެދިފައިވަނީ ޚިލާފު ބަލައިގަތުމާއެކުގައެވެ. ޚިލާފުތަކުގެ ތެރޭގައި މުޢުތަބަރު ޚިލާފާއި މުޢުތަބަރު ނޫން ޚިލާފުވެއެވެ. އެކަންކަމުގެ ފަރަޤު ކަނޑައެޅި ބަޔާންވެގެން ދަނީ ފިޤުހުގެ ޤަވާޢިދުތަކުގެ ތެރެއިން ކުރެވޭ ޢިލްމީ މުނާޡަރާތަކާއި ބަޙުސްތަކުންނެވެ. ދީނީ ދެބަސްވުމާއި ޚިލާފުތައް ކުޑަ ކުރުމަށްޓަކައި އެންމެ ފުރަތަމަ އަޅަންޖެހޭނެ އެއް ފިޔަވަޅަކީ ތަފާތު ފިކުރީ މުއައްސަސާތަކުން އިސްލާމީ ތަފާތު ދާއިރާތަކުން ( ފިޤުހު، އުޞޫލުލްފިޤުހު، އުޞޫލުއްދަޢުވާ، ޙަދީޘް، ތަރުބިޔާ، ތަފްސީރު، ޤަޟާއު، އައްސިޔާސަތުއްޝަރްޢިއްޔާ) މި ނޫނަސް މިފަދަ ދާއިރާތަކުން ތަޚައްޞުޞްވެ މަތީ ތަޢުލީމު ޙާޞިލްކޮށްފައިވާ ފަރާތްތަކަށް، އިޚްތިލާފު އުފެދިފައި ހުންނަ ދީނީ ކަންކަމާމެދު ޖަމާޢީ ގޮތެއްގައި މަޝްވަރާކުރެވޭނެ މަގެއް ހޯދައިދިނުމެވެ.

ތަފާތު ފިކުރީ މުއައްސާއޭ މި ދަންނަވަނީ މިސާލަކަށް ބައެއް ޤައުމުތަކުގެ އިސްލާމީ ޔުނިވަރސިޓީތަކުގައި ތަޢުލީމީ ފަލްސަފާ ބިނާވެފައި އޮންނަނީ ފުޅާ ދާއިރާއެއްގައި  ބުއްދިއާއި ފިކުރު ހިންގައި ފިޤުހީ އިޖުތިހާދުކުރުމާއި ޤިޔާސްކުރުމުގެ މައްޗަށް ކަމުގައިވާއިރު، އަނެއްބައި ޤައުމުތަކުގައި ގިނަ ފަހަރު ފިޤުހީ ރައުޔު ނުޞޫޞުތަކުގެ ލަފްޒީ ވިސްނުމާ ވީކޮޅަށް އެކަނި ބުރަވެފައި ހުރެއެވެ. އިޖްތިހާދާއި ޤިޔާސްކުރުމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އަނެއް ބައި ޤައުމުތަކުގައި މި ދެ ފަލްސަފާ އެއްވެފައިވާއިރު އެހެން ޤައުމުތަކުގައި ޒަމާނާއި ޙާލަތަށް ބަލައި ޖަމާޢީ ރައުޔު ނެރެން ބާރު އަޅައެވެ. މި ހުރިހާ ފިކުރީ މަދްރަސާތަކުން ތަޢުލީމު ޙާޞިލްކޮށްފައިވާ ފަރާތްތައް ރާއްޖޭގައި އެބަތިއްބެވެ.

އަޅުގަނޑަށް ވިސްނޭ ގޮތުން ދިވެހިރާއްޖޭގެ އިސްލާމިކް ފިޤްހު އެކަޑަމީ އަލުން އިޢާދަކޮށް، ޢިލްމީ ފަރާތްތަކަށް ފިޤުހީ ބަހުސްތައް ކުރެވި އޭގެ ދަށުން މިކަމުގައި ހެޔޮ ނަތީޖާއެއް ނެރެވިދާނެއެވެ. މި މަގަށް އަލުން މަސައްކަތް ފެށުން ރާއްޖޭގައި މިހާރު މާ ބޮޑަށް ލަސް ވެސްވެއްޖެއެވެ. 1990-2008 އާ ދެމެދު ރާއްޖޭގައި އުފެދުނު ދީނީ ދެބަސްވުންތައް ކުޑަކުރުމަށް މި ދެންނެވިފަދަ މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރެވުނެވެ. ޚާއްޞަކޮށް ޑރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ ( ރަޙިމަހުﷲ) ގެ މިނިސްޓަރުކަމުގައްޔާއި އެއަށް ފަހު އަޅުގަނޑުގެ ވަޒީރުކަމުގައި ވެސް އެމަގުން ތަނަވަސް ގޮތެއްގައި ޢިލްމީ ބަހުސަށް ޖާގަ ދެވުނެވެ. އެއީ އެއިރު އުފެއްދި ” ދިވެހިރާއްޖޭގެ އިސްލާމީ ފިޤުހު އެކަޑަމީ” ގެ ތެރެއިންނެވެ. އެތަނުގައި މެންބަރުންގެ ގޮތުގައި މިޞްރާއި ސަޢޫދީ ޢަރަބިއްޔާއާއި ޕާކިސްތާނާއި މެލޭޝިއާއާއި އިންޑިއާއިން އިސްލާމީ ތަޢުލީމު ޙާޞިލްކޮށްފައިވާ ފަރާތްތައް ތިއްބެވިއެވެ. ބައެއް ދުވަސްދުވަހުގެ ބަހުސްތައް ވަރަށް ވެސް ޝައުޤުވެރިއެވެ.
2016 ގައި އިސްލާމިކް ފިޤުހު އެކަޑަމީ އުވި، ފަތުވާ ކައުންސިލް އައުމަށް ފަހު، މިދެންނެވި ފަދަ ޢިލްމީ ހޫނު ބަހުޘްތައް ނެތަސް އެތަނުން ވެސް ރަނގަޅު މަސައްކަތްތަކެއް ކުރެވުނު ނަމަވެސް މިހާރު އެތަނުގެ މަސައްކަތް ހުއްޓިފައި އޮތުމުގެ ސަބަބުން ޤައުމީ ފެންވަރެއްގައި ކުރެވޭ ފިޤުހީ ބަހުޘްތަކާއި މަޝްވަރާތަކަށް ވަނީ ލޮޅުން އައިސްފައެވެ. އަދި ރާއްޖޭގެ ދީނީ ވަޙުދަތު ނެގެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އިސްލާމިކް މިނިސްޓްރީގެ މިހާރަށް ވުރެ ފުޅާ ދައުރެއް ފެންނަންޖެހޭ ކަމަށް ދެކެމެވެ. ޚާއްޞަކޮށް ޝަރުޢުގައި ނޫޞޫޞްތަކެއް ޞަރީޙަކޮށް ފެންނަން ނުހުންނަ، ޒަމާނީ މައްސަލަތަކުގައި ފަރުދީ ފަތުވާއަށް ވުރެ ޖަމާޢީ ގޮތެއްގައި މަޝްވަރާކުރެވިގެން އަންނަ ދީނީ ރައުޔާއި އިސްތިޝާރީ ލަފާއާއި ފަތުވާގެ ބުރަދަން ބޮޑުވާނެކަމީ ދެމީހަކު ދެބަސްވާނެ ކަމެއްނޫނެވެ. އަދި ހުރިހާ ޒަމާނެއްގައި ވެސް ޢާއްމު ފަތުވާ ނެރުމުގައި ޢާއްމު މަޞްލަޙަތާއި ވަގުތާއި ޙަލަތާއި މީސްތަކުންގެ ޢުރުފާއި އާދަކާދައަށް ރިޢާޔަތްކުރުމަކީ ފަތުވާ ދިނުމުގެ ޝަރުޢީ ޤަވާޢިދެކެވެ.

މިކަންކަން ކުރިއަށް ގެންދިއުންމަށް އިސް ދައުރެއް އަދާކުރަންޖެހޭނެ އިދާރާއަކީ އިސްލާމިކް މިނިސްޓްރީއެވެ. އިސްލާމްދީނާއި ސިޔާސަތަކީ ވަކި ނުކުރެވޭނެ ދެ އަސާސްކަމުގައި ވިޔަސް ޕާޓީ ނިޒާމުގެ މައްޗަށް ވެރިކަން ހިންގަމުން އަންނަ ދިމުޤުރާޠީ ވެއްޓެއްގައި ޝަރުޢީ ފަތުވާގެ ލަގަން އޮންނަން އަޅުގަނޑަށް ތާއިދުކުރެވެނީ ސިޔާސީ އެއްވެސް ނުފޫޒެެއް އެބައެއްގެ މައްޗަށް ނެތް ބައެއްގެ އަތުގައެވެ. މިހެން މިކަން ދަމަހައްޓަން ޖެހެނީ މިޒަމާނުގައި ފަތުވާގެ އިތުބާރު ދެމެހެއްޓުމަށް ޓަކައެވެ. ނަމަވެސް ފިޤުހު އެކަޑަމީއެއް ފަދަ ޢިލްމީ މުއައްސަސާއެއްގައި މެންބަރުންގެ ގޮތުގައި ސިޔާސީ ޖަމާޢަތަކަށް ނިސްބަތްވާ ހެޔޮ ވިސްނޭ ޢިލްމީ ބަޔަކު ތިބުމަކީ ޢައިބެއް ހުރި ކަމެއްނޫނެވެ. ދީނީ ޚިލާފުގެ ކަންކަމުގައި ޢަމަލު ކުރާނެ ހަރުދަނާ އުޞޫލެއް ދުރާލައި ރޭވިފައި ނެތް ނަމަ ކުރިއަށް އޮތްތަނުގައި ރާއްޖެއަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެދާނެކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް
Comments

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *