އިސްލާމީ އިޖުތިމާޢީ ނިޒާމުގެ އެންމެ މުހިންމު އެއް އަމާޒަކީ ހެޔޮ ލަފާ އިންސާނަކު ބިނާކޮށް އޭނާ ދިރިއުޅޭ މުޖުތަމަޢަކީ ހެޔޮ ލަފާ މުޖުތަމަޢަކަށް ހަދައި އޭނާގެ މައްޗަށް ވެރިކަންކުރާ ދައުލަތަކީ ޢަދުލުވެރި ދައުލަތަކަށް ހެދުމެވެ. މިގޮތުން އިސްލާމީ އިޖުތިމާޢީ ނިޒާމުގެ އެންމެ މަތިވެރި އެއް އަސާސަކީ ނަސޭހަތްތެރިވުމާއި ޙައްޤަށް ވަޞިއްޔަތްކުރުން ކަމުގައި ލައްވާފައިވެއެވެ. މުޖުތަމަޢުގައި ހެޔޮކަންތަކަން އަމުރުކުރުމާއި ނުބައި ކަންތައްމަނާކުރުމަކީ އެންމެންގެ ޒިންމާއެއްކަމުގައި ލައްވާފައިވެއެވެ. އެއީ އަމިއްލަ ފަރުދުންނާ ޖަމާޢަތް ތަކުގެ ޒިންމާއެކެވެ. ކޮންމެ ބަޔަކުވެސް އެބަޔަކަށް ކުޅަދާނަކަން ލިބިގެންވާ މިންވަރަކުންނެވެ.
އިސްލާމީ މުޖްތަމަޢުގައި މިކަމުގައި އެންމެ އިސްވެ ޙަރަކާތްތެރިވާން ޖެހޭނެ ފަރާތަކީ ބާރުލިބިގެންވާ ފަރާތެވެ. އެބައިމީހުންނަކީ ﷲ އެބައިމީހުންނަށް ބިންމަތީގައި ވެރިކަން ދެއްވައި ތަމްކީނު ކޮށްދެއްވި މީހުންނެވެ. އިސްލާމީ ޝަރީޢަތުގައި ވެރިކަމުގެ ނިޒާމެއް ލެއްވިގެންވަނީ ދީން ޙިމާޔަތްކުރުމަށާއި ދުނިޔޭގެ ކަންތައްތައް އިޞްލާޙުގެ މަގުން ހިންގުމަށެވެ. މުޖުތަމަޢުގައި ހެޔޮކަންތަކަށް އަމުރުކުރުމަށާއި ނުބައި ކަންތައް މަނާކުރުމަށެވެ.
ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަމުން މުޖުތަމަޢު ސަލާމަތްކުރުމަށް މަސައްކަތްކުރާ ޙާކިމުންނަށް ނަޞްރު ދެއްވައި ޢިއްޒަތްތެރި ބަޔަކު ކަމުގައި ލައްވާނެކަމަށް ﷲ ވަޢުދުވެ ވޮޑިގެންފައި ވެއެވެ. އެކަލާނގެ އަލްޙައްޖު ސޫރަތުގެ 40-41 ގައި ވަޙީކުރައްވާފައިވެއެވެ: (وَلَيَنْصُرَنَّ اللَّهُ مَنْ يَنْصُرُهُ ۗ إِنَّ اللَّهَ لَقَوِيٌّ عَزِيزٌ 40 الَّذِينَ إِنْ مَكَّنَّاهُمْ فِي الْأَرْضِ أَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ وَأَمَرُوا بِالْمَعْرُوفِ وَنَهَوْا عَنِ الْمُنْكَرِ ۗ وَلِلَّهِ عَاقِبَةُ الْأُمُورِ) 41މާނައީ : އަދި ހަމަކަށަވަރުން ﷲ އަށް ނަޞްރުދޭ ބަޔަކަށް ﷲ ނަޞްރު ދެއްވާނެކަން ކަށަވަރެވެ . ހަމަކަށަވަރުން ﷲ އީ ކީރިތިވަންތަ ބާރުވެރިވަންތަ ރަސްކަލާނގެއެވެ. އެބައިމީހުންނީ ތިމަންﷲ އެބައިމީހުންނަށް ބާރުދެއްވައިފި ހިނދު ނަމާދުކޮށް ޒަކާތްދީ، ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކޮށް އުޅޭމީހުންނެވެ. ކަންތަކުގެ ނިންމުން މިލްކުވެގެންވަނީ ﷲ އަށެވެ.”
އިސްލާމީ ނިޒާމަކީ އެތައް ހާސް އަހަރެއްގެ ތާރީޚުގައި އިންސާނުން ދެކިފައިވާ އެންމެ ފުރިހަމަ އެއްމެ ޝާމިލް ނިޒާމެވެ. އެއީ ވަރަށް ގިނަ ސަބަބުތަކަށްޓަކައެވެ. އޭގެ ތެރޭގައި އިސްލާމީ ޢަޤީދާގެ މަތިވެރިކަމާއި އިސްލާމް ދީނަކީ ބުއްދި ޤަބޫލުކުރާ ހަމަތަކާއި އުޞޫލުތަކެއްގެ މަތީގައި ބިނާވެގެންވާ ދީނަކަށްވުން ހިމެނެއެވެ. އިސްލާމްދީނުގައި ވަކިކަމެއް ކުރުމަށް އަމުރުކުރުކުރައްވާފައިވާ ގޮތަކަށް އެކަމެއް ކުރެވިއްޖެނަމަ މުޖުތަމަޢަށް ގިނަގުނަ ފައިދާތަކެއް ކުރާކަން އިސްނާނުންގެ ތަޖުރިބާއިން އެނގިފައިވާ ކަމަށް ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ.
މިގޮތުން ބަލާއިރު؛ އިސްލާމީ މުޖުތަމަޢަކީ ޞާލިޙު ރަނގަޅު ފަސާދަ މަދު މުޖުތަމަޢަކަށް ހެދުމައްޓަކައި ނަސޭހަތްތެރިވުމާއި ހެޔޮކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީކުރަމަކީ އިސްލާމް ދީނުގެ އިޖުތިމާޢީ ރުކުންތަކުގެ ތެރެއިން ވާ މުހިންމު ރުކުނެކެވެ. ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައިކަންތައް ނަހީކުރުމުގެ އުޞޫލަކީ އިސްލާމީ ނިޒާމުގައި ކަނޑައެޅިފައިވާ ފަދަ ހަރުދަނާ ފުރިހަމަ ގޮތަކަށް އެހެން އެއްވެސް ނިޒާމެއްގައި ކަނޑައެޅިފައިވާ އުޞޫލެއްނޫނެވެ.
ރަސޫލު ބޭކަލުންގެ ރިސާލަތުތަކާ ބެހޭގޮތުން ކީރިތި ޤުރްއާނުގައި ވަރަށް ގިނަ އާޔަތްތަކެއް ވާރިދުވެފައިވެއެވެ. އެއާޔަތްތަކާމެދު ފިކުރު ހިންގާލުމުން އެބޭކަލުންގެ ވާޖިބަކީ އެބޭކަލުންގެ ޤައުމުތަކުގެ މީހުންނަށް ނަސޭހަތްތެރިވެ ވަޑައިގަތުން ކަމުގައި އެނގޭނެއެވެ. ނޫޙުގެފާނުގެ ރިސާލަތައް އެކަލޭގެފާނުގެ ޤައުމުގެ މީހުން އިންކާރުކުރުމުން އެބައިމީހުންނާ ކުރިމަތިލައްވައި އެކަލޭގެފާނު ވިދާޅުވި ބަސްފުޅު އަލްއަޢުރާފް ސޫރަތުގެ 62 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ: (أُبَلِّغُكُمْ رِسَالَاتِ رَبِّي وَأَنْصَحُ لَكُمْ وَأَعْلَمُ مِنَ اللَّهِ مَا لَا تَعْلَمُونَ 62 މާނައީ:”އަހުރެންގެ ވެރި ރަސްކަލާނގެ ރިސާލާތުތައް ތިޔަބައިމީހުންނަށް އަހުރެން އިއްވަމެވެ. އަދި ތިޔަބައިމީހުންނަށް އަހުރެން ނަސޭޙަތްތެރިވަމެވެ. އަދި ތިޔަބައިމީހުންނަށް ނޭގޭ ކަންތައްތައް ﷲ ގެ ޙަޟްރަތުން އަހުރެންނަށް އެނގެއެވެ.”
ހޫދުގެފާނު އެކަލޭގެފާނުގެ ޤައުމާ މުޚާޠަބު ކުރައްވައި ވިދާޅުވަނީވެސް ހަމަ އެފަދަ ބަސްފުޅެކެވެ. އަލްއަޢުރާފް ސޫރަތުގެ 68 ވަނަ އާޔަތުގައި ހޫދުގެފާނުގެ އެބަސްފުޅު ﷲ ވަޙީކުރައްވާފައިވެއެވެ: ( أُبَلِّغُكُمْ رِسَالَاتِ رَبِّي وَأَنَا لَكُمْ نَاصِحٌ أَمِينٌ 68) މާނައީ: ”އަހުރެންގެ ވެރި ރަސްކަލާނގެ ރިސާލާތުތައް ތިޔަބައިމީހުންނަށް އަހުރެން އިއްވަމެވެ. އަދި އަހުރެންނީ ތިޔަބައިމީހުންނަށްވާ އަމާނާތްތެރި ނަސޭހަތްތެރިއަކީމެވެ.”
ކީރިތި ޤުރްއާނުގެ އާޔަތްތަކުން އޮޅުމެއްނެތި އެނގޭ ގޮތުގައި ރަސޫލު ބޭކަލުންގެ ރިސާލަތުތައް ބިނާވެފައިވަނީ މީސްތަކުންނަށް ނަސޭހަތްތެރިވުމާއި، ދީނުގެ ޙަޤީޤަތްތައް އޮޅުންފިލުވައި ދެއްވުމުގެ މައްޗައް އެނގެއެވެ.
ނަސޭހަތްދިނުމުގެ ޙަޤީޤަތަކީ ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމެވެ. މިގޮތުން ނަސޭހަތްދިނުމާއި ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތަށް ނަހީކުރުމަކީ އެއްމަޤްޞަދެއްގައި ކުރެވޭ ހަމަ އެއްކަމެކެވެ. އެހެންކަމުން އިސްލާމީ މުޖުތަޢުގެ އަފްރާދުން އެކަކު އަނެކަކަށް ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމަށް ވަނީ އަންގަވާފައެވެ. އާލުޢިމްރާން ސޫރަތުގެ 104 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ. (وَلْتَكُنْ مِنْكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنْكَرِ ۚ وَأُولَٰئِكَ هُمُ الْمُفْلِحُونَ 104 މާނައީ:” ހެޔޮކަމުގެ މަގަށް ގޮވާ އަދި ހެޔޮކަންތަކަށް އަމުރުކުރާ އަދި ނުބައި ކަންތައް ނަހީކުރާ ބަޔަކު ތިޔަބައި މީހުހުންގެތެރެއިން ވާ ހުށިކަމެވެ! އެބައިމީހުންނަކީ ހަމަ ދިންނަވާނޭ މީހުންނެވެ.”
ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައިކަންތައް ނަހީކުރުމަކީ ކުރިންވެސް ދެންނެވިފަދައިން މުޖުތަމަޢުގެ އެންމެހައި އަފްރާދުންގެ ވާޖިބެކެވެ. މުއުމިން ފިރިހެނުންނާއި މުއުމިން އަންހެނުންގެ ވާޖިބެކެވެ. މިކަން ބަޔާންކުރައްވަމުން އައްތަވްބާ ސޫރަތުގެ 71 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ ( وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنْكَرِ وَيُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَيُطِيعُونَ اللَّهَ وَرَسُولَهُ ۚ أُولَٰئِكَ سَيَرْحَمُهُمُ اللَّهُ ۗ إِنَّ اللَّهَ عَزِيزٌ حَكِيمٌ) 71މާނައީ: ” މުއުމިން ފިރިހެނުންނާއި މުއުމިން އަންހެނުންނީ އޭގެ އެއްބަޔަކު އަނެއްބައެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ. އެބައިމީހުން ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރެއެވެ. އަދި އެބައިމީހުން ނަމާދު ޤާއިމު ކުރެއެވެ. ޒަކާތްދެއެވެ. އަދި ﷲ އާ އެކަލާނގެ ރަސޫލާއަށް ކިޔަމަންވެއެވެ. އެބައިމީހުންނަސް ﷲ ރަޙްމަތް ލައްވާ ހުއްޓެވެ. ހަމަކަށަވަރުން ﷲއީ ގަދަފަދަ ވަންތަ ޙަކީމު ވަންތަ ރަސްކަލާނގެ އެވެ.”
އިސްލާމްދީނުގައި ނަސޭޙަތްދިނުމުގެ މުހިންމުކަން ވަރަށް ޞަރީޙުކޮށް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވިދާޅުވެފައިވެއެވެ. عن أبي رقية تميم بن أوس الداري – رضي الله عنه ، قال: قال رسول الله صلى الله عليه وسلم : الدين النصيحة ، قلنا لمن ؟ قال : لله ، ولكتابه ، ولرسوله، ولأئمة المسلمين وعامتهم ” ( رواه مسلم ) މާނައީ : މާތް ﷲ ރުއްސުންލެއްވި تميم بن أوس الداري ރިވާކުރެއްވިއެވެ : رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ: ”ދީނަކީ ނަސޭހަތެވެ.” ތިމަންމެން ދެންނެވީމުއެވެ.” ކާކަށްތޯއެވެ؟ ”ޙަދީޘްކުރެއްވިއެވެ.” ﷲ އަށާއި، އެކަލާނގެ ފޮތަށާއި، އެކަލާނގެ ރަސޫލާއަށާއި، މުސްލިމުތަކުންގެ ވެރިންނަށާއި، އެއުރެންގެ އާންމުންނަށެވެ.”
އިސްލާމްދީން ނޫން އެހެން ނިޒާމު ތަކުގައި ނަސޭހަތް ދިނުމީ ސިޔާސީ ނުވަތަ އިޖުތިމާޢީ ހަރުފަތުގެ ހަމައެކަނި މަތިން ތިރިއަށް އޮންނަ ކަމެކެވެ. ވެރިން ރައްޔިތުންނަށެވެ. މައިންބަފައިން ދަރިންނަށެވެ. އެދުރުން ދަރިވަރުންނަށެވެ. އިސްލާމީ ނިޒާމުގައި މިކަން އޮންނަންވީ މިހެންނޫންކަމަށް ކީރިތި ރަސޫލާގެ އިސްވެދިޔަ ހަދީޘްފުޅުން އެނގެއެވެ. އެ ބަސްފުޅުން އެނގޭގޮތުގައި ރައްޔިތުންގެ ތެރޭގައި ހިމެނޭ އެންމެ އާދައިގެ މީހާއަށްވެސް އޭނާ އަށް ފެންނަ ނަސޭހަތަކާއި މަޝްވަރާއެއް ވެރިންނަށް ވެސް ދެވިދާނެއެވެ.
އިސްލާމް ދީނުގައި ކޮންމެ ކަމެއްވެސް ކުރުމަށް ވަކި އުޞޫލްތަކަކާއި ހަމަތަކެއް ވަނީ ކަނޑައަޅާފައެވެ. މިގޮތުން އިސްލާމްދީނަށް ދަޢުވަތު ދިނުމާއި މުންކަރާތްތަށް ނަހީކުރުމުގައި ޙިކުމަތުގެ ބޭނުން ހިފުމަށް ވަނީ އަންގަވާފައެވެ. އައްނަޙުލު ސޫރަތުގެ 125 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ. ادْعُ إِلَىٰ سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ ۖ وَجَادِلْهُمْ بِالَّتِي هِيَ أَحْسَنُ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَنْ ضَلَّ عَنْ سَبِيلِهِ ۖ وَهُوَ أَعْلَمُ بِالْمُهْتَدِينَ 125” ޙިކްމަތާއި ރިވެތި ވަޢްޘާއެކު ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް ކަލޭގެފާނު ގޮވާލައްވާށެވެ! އަދި ރިވެތި ގޮތުގައި އެބައިމީހުންނާ ޖަދަލު ކުރައްވާށެވެ!”
މިއާޔަތުން އެނގޭގޮތުގައި ނަސޭހަތް ދިނުމާއި ހެޔޮކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީކުރަން ޖެހޭނީވެސް އެކަމުގައި އޮންނަ އެންމެ ރީތި ގޮތަކަށެވެ. މިގޮތުން ބަލާއިރު އަނެކުންނަށް ދަތިވާގޮތަށް، ނުވަތަ ނަސޭހަތް ދެވޭ މީހާ ލަދުވެތިވާ ގޮތައް ނަސޭހަތް ދީގެން ނުވާނެއެވެ. އަދި އެމީހާގެ އަބުރަށް އުނިކަމެއް ލިބޭގޮތަކަށްވެސް އެހެންމީހުން ތިބި ތަނެއްގައި ނަސޭހަތް ދީގެން ނުވާނެއެވެ. އަދި ނަސޭހަތްދޭ މީހާ ދަންނަންޖެހޭ ދެކަމެއްވެއެވެ. ފުރަތަމަކަމަކީ އެނާގެ ވާޖިބަކީ ނަސޭޙަތް ދިނުމެވެ. ޙައްޤުބަޔާންކޮށްދިނުމެވެ. ވަކިގޮތަކަށް މީހަކަށް މަޖްބޫރު ކުރުމެއްނޫނެވެ. މިހެންކަމުން ނަސޭޙަތް ޤަބޫލު ނުކުރާ މީހާއާ ދެކޮޅުވެރިވެ ހަނގުރާމަ އިޢުލާންކޮށްގެން ނުވާނެއެވެ.
އަނެއްކަމަކީ އެހެން މީހަކަށް ނަސޭހަތްތެރިވާ މީހާ އަކީ، ނަސޭޙަތް ދެވޭ ކަމަކާ ބެހޭގޮތުން މަޢުލޫމާތު ހުންނަ މީހަކަށް ވާން ޖެހޭނެއެވެ. ވަކިން ޚާއްޞަކޮށް ދީނީ ކަންކަމުގައި އިރުޝާދުދީ ހަނދާ މީހުންނަކީ ދީނީކަންތަތްތަކުގެ ޙުކުމްތައް ރަނގަޅަށް ދަންނަ މީހުން ކަމުގައި ވާން ޖެހޭނެއެވެ. އެހެންނޫނީ އެމީހަކަށް އެކުރެވެނީ ﷲ ގެ ޙައްޤުގައި ކުށެކެވެ. އަދި މުޖުތަމަޢުގެ ޙައްޤުގައިވެސް ކުށެކެވެ.
މިހެންކަމުން ހެޔޮކަންތަކަށް އަމުރު ކުރުމާއި ނުބައި ކަންތައް ނަހީކުރުމަކީ އިސްލާމް ދީނުގައި ކިހާވަރެއްގެ ކަމެއްކަން މިހާރުވަނީ އޮޅުން ފިލާފައެވެ. މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެވެސް ވާޖިބަކަށް ވާންވީ އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ މިއިސްލާމީ މުޖްތަމަޢު ރަނގަޅު ގޮތުތުގައި އަންނަށް އޮތް ޖީލުތަކަށް ވާޞިލްކޮށްދިނުމެވެ.
އަޅުގަނޑުމެންގެ ޤައުމަކީ މީގެ އެތައް ޒަމާންތަކެއް ކުރީން އެތަކެއް އަބްޠާލުންގެ ހިއްވަރުން މިނިވަންކަމާއެކު އަޅުގަނޑުމެންނާ ހަމައަށް އައިސްފައިވާ ޤައުމެކެވެ. އަދި މާތްވެގެންވާ އިސްލާމްދީން ޙިމާޔަތްކޮށް މުޖުތަމަޢުގައި އިސްލާމީ ޙަޟާރަތު ޤާއިމު ކުރުމަކީ ހަމަ އަޅުގަނޑުމެން އެންމެންގެ ވެސް ވާޖިބެވެ. މިހެންކަމުން އެންމެ އެކުވެރިކަމާއެކު ޤައުމާއި ދީނަށްޓަކައި ހެޔޮކަންކަމަށް ގޮވާލައި ނުބައިކަންކަމުން މުޖުތަމަޢު ސަލާމަތް ކުރުމަށްޓަކައި އެއްބަޔަކު އަނެއް ބަޔަކަށް ވާގިވެރިވާންޖެހޭނެއެވެ. ކާމިޔާބާއި ފަލާޙު އޮތީ އެގޮތުގައެވެ.