ޢިލްމު ކުރިއަރައި ގޮސް އިންސާނާގެ ޖިސްމު އުފެދިގެންވާ ގޮތުގެ ގިނަ ޙަޤީޤަތްތަކަކާ ހަމައަށް ސައެންސީން ވަނީ ވާޞިލްވެފައެވެ. އަދި އިންސާނާގެ ޖީން ވަނީ ދެނެގަނެވިފައެވެ. އަދި އިންސާނާގެ ޖިސްމުގައިވާ ހަތާތަކުގައި އެކުލެވިގެންވާ ގިނަ ޙަޤީޤަތްތަކެއް ވަނީ ހޯދިފައެވެ. މި ގޮތުން އެ ހަތާތަކުގައި 46 ކްރޮމޮޒޯމް އެކުލެވިގެންވެއެވެ. އެއިގެ ދެ ބައިކުޅަ އެއް ބަޔަކީ ފިރިހެނާގެ ކްރޮމޮޒޯމެވެ. އަނެއް ބަޔަކީ އަންހެނާގެ ކްރޮމޮޒޯމެވެ. ޑީއެންއޭގެ ޙަޤީޤަތާއި އަޞްލަކީ އެ ހަތާތަކެވެ.ޑީއެންއޭ (DNA) އަކީ (Deoxyribonucleic acid) (ޑިއޮކްސީރައިބޯނޫކްލޭއިކް އެސިޑް) މި މުޞްޠަލަޙުގެ ކުރު ގޮތެވެ. (ވާޞީލު, 2002)
ޑީއެންއޭގެ ޢިލްމީ ތަޢާރުފު އިސްލާމީ ފިޤުހުވެރީން އެކި ގޮތައް ގެންނަވައިފައިވެއެވެ. މި ގޮތުން މި ތަނުގައި މި ބަޔާންކޮށްލަނީ މިޞްރުގެ ޢިލްމުވެރިޔާ ޑރ. ސަޢުދުއްދީން ހިލާލީ ގެންނަވައިފައިވާ ތަޢާރުފެވެ. ޢިލްމީ ގޮތުން ޑީއެންއޭގެ ޙަޤީޤަތް ވަޒަންކުރުމަށް ފަހު، އޭނާ ވިދާޅުވެފައިވަނީ “ޑީއެންއޭއަކީ ޙަޔަވީ ގޮތުން އިންސާނާގެ ޖިސްމުގައިވާ ހަތާތަކެވެ. އެއިން އެ އިންސާނާގެ އައިޑެންޓިޓީ ހާމަވެއެވެ. އެއިން އިންސާނަކީ ވަކި ކާކުގެ ކާކުކަން ދަނެގަނެވެއެވެ. އެއިގެ އެއް ބަޔަކީ ބައްޕަގެ ފުށުން ވާރުތަވާ ވިރާސީ ސިފަތަކުގެ މައްޗަށް ޤާއިމުވެގެންވާ ބައެވެ. އަނެއް ބަޔަކީ މަންމަގެ ވިރާސީ ސިފަތަކެވެ.” (ހިލާލީ, 2001)
އާދޭހެވެ! އިސްލާމީ ނަޒަރަކުން ޑީއެންއޭގެ ފިޤުހީ މަފުހޫމު އެކި ޢިލްމުވެރީންނާއި އެކި ފިޤުހީ މުއައްސަސާތަކުން އެކި ގޮތަށް ގެންނަވައިފައިވެއެވެ. ޢިބާރާތްތައް ތަފާތުވިކަމުގައި ވިޔަސް، އެ މަފުހޫމުގެ އަޞްލުތައް އެއް ގޮތް ވެގެންވެއެވެ. މި ގޮތުން މި ތަނުގައި ބަޔާންކޮށްލާނީ ޝަރުޢީ ނަޒަރަކުން ޑީއެންއޭގެ މަފުހޫމުގައި މުސްލިމު ވޯލްޑް ލީގްގެ އިސްލާމިކް ފިޤުހު އެކަޑެމީގެ ފަރާތުން ބަޔާންކޮށްފައިވާ މަފުހޫމެވެ. އެކަޑެމީގެ ހަތްވަނަ ޤަރާރުގައި ވާގޮތުން “ޑީއެންއޭއަކީ އިންސާނާގެ ޖެނެޓިކް މިއުމާރިއްޔަތެވެ. އެ ނިސްބަތްވެގެންވަނީ އިންސާނާގެ ހަށިގަނޑުގައިވާ ވިރާސީ ޖީންތަކަށެވެ. އެއިން، ކޮންމެ އިންސާނަކީ ވަކި ކާކުކަން ބަޔާންކޮށްދެއެވެ. އެއީ ވަރަށް އިތުބާރު ހުރި ވަސީލަތެކެވެ”. (ފިޤުހުއެކަޑަމީ, 2002).
އިސްވެ ބަޔާންވެ ދިޔަ ވާހަކަތަކުން ހާމަކޮށްދެނީ ޑީއެންއޭއަކީ ޙަޤީޤަތްތަކެއްގެ މައްޗަށް ޤާއިމުވެގެންވާ އަދި ޝަރުޢުން ބަލައިގެންފައިވާ އިތުބާރު ހުރި ވަސީލަތެއްކަމެވެ.
ޑީއެންއޭގެ ތެދުކަން
އިންސާނާގެ ހަށިގަނޑުގައިވާ ޖީންތަކާއި ހަތާތަކުގެ ޙަޤީޤަތަށް ޑޮކްޓަރުންނާއި އިސްލާމީ ފިޤުހުވެރީން އިޢުތިރާފުވެފައިވާއިރު، ޑީއެންއޭގެ އިތުބާރުގެ ނިސްބަތާމެދު ވެސް ޢިލްމުވެރީން ބަހުސްކޮށްފައިވެއެވެ. ވިރާސީ ޢިލްމުގެ މާހިރުންނާއި ޑޮކްޓަރުން ބަޔާންކޮށްފައިވާ ގޮތުން ޑީއެންއޭއަކީ 99.99% (ނުވަދިހަ ނުވައެއް ޕޮއިންޓް ނުވަދިހަ ނުވައެއް) އިތުބާރުހުރި އެއްޗެކެވެ. އަނެއް ބަޔަކު ހާމަކޮށްފައިވަނީ ޑީއެންއޭއަކީ 100% (ސަތޭކަ އިންސައްތަ) ޞައްޙަ އެއްޗެއް ކަމުގައެވެ.