ތުރުކީއާއި ސޫރިއާ ހިމެނޭ ހެން އެ ސަރަހައްދަށް އައި ބިންހެލުމަކީ މިފަހުގެ ތާރީޚުގައި އައި އެންމެ ވަރުގަދަ ބިންހެލުމެވެ. މި ބިންހެލުމުގެ ސަބަބުން އެތައް ހާސްމީހުންވަނީ ދުނިޔެ ދޫކޮށްފައެވެ. އަދި އެތައް ހާސްބަޔަކު ވަނީ ޒަޚަމްވެފައެވެ. މީގެ އިތުރުން އެތައް މިލިޔަން މީހުންގެ ގެދޮރު ހަލާކުވެ ގޮސްފައިވެއެވެ.
އިސްލާމީ އުންމަތުގެ ދެ ޤައުމަކަށް ކުރިމަތިވި މި ހިތާމަވެރި ޙާލަތުގައި، އިންސާނީ ކާރިސާއިން އަރައިގަތުމަށް ގިނަ ޤައުމުތަކެއްގެ ރައްޔިތުންނާއި ރަސްމީ އިދާރާތަކުން ވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ޙާލަތުގައި އަޅުގަނޑުމެން ދިވެހިންގެ ފަރާތުން އެ ދެ ޤައުމަށް ދީލަތި އެހީތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކެމެވެ. ކިތައްމެ ކުޑަ މިންވަރެއްގެ ދީލަތި އެހީތެރިކަމަކީ ވެސް މުހިންމު އެއްޗަކަށްވާނެއެވެ. މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވޭނޭ ފުރުޞަތު ރާއްޖޭގައި ހުޅުވިފައިވެއެވެ. މިގޮތުން ދިވެހި ރެޑްކްރެސެންޓުންވަނީ ޑޮނޭޝަނަށް ހުޅުވާލާފައެވެ. މީގެ އިތުރުން ރާއްޖޭގެ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން އިންވަނީ ތުރުކީއާއި ސޫރިއާއަށް ޙާލަތާ ގުޅިގެން އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ މުއްއަސާ މެދުވެރިކޮށް ވެސް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
އިސްލާމީ އުންމަތަކީ އެއްބައިވަންތަ އެއްބައެއްވަން އުންމަތެކެވެ. އުޚުއްވަތްތެރި އުންމަތެކެވެ. އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމަކީ ނުހަނު މަތިވެރި ސަވާބާއި ދަރުމަ ހުރިކަމެކެވެ.