تفسير_آية__يا_أيها_الذين_آمنوا_كتب_عليكم_الصيام_

ފަރުޟު ރޯދައިގެ ޝަރުޢީ ޙުކުމްތައް

އެހެނިހެން އުންމަތްތަކުގެ މީހުންގެ މައްޗަށް ރޯދަ ފަރުޟުކުރެއްވުނުފަދައިން މާތް ﷲ މި އުންމަތުގެ މީހުންގެ މައްޗައް ވެސް ރޯދަ ފަރުޟުކުރެއްވިއެވެ. އެއީ އެކަލާނގެ އަށް ބިރުވެތިވެ ތަޤުވާވެރިވުމަށްޓަކައެވެ. ރަމަޟާންމަހުގެ ދުވަސްތައް އަޅުގަނޑުމެންނާއެކު ބައްދަލުވާއިރު، ރޯދައާއިބޭހޭގޮތުން ބޭނުންވެދާނެ މަޢުލޫމާތު ތަކެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. މިހެންކަމުން ސިލްސިލާގޮތެއްގައި ރޯދައާ ބެހޭ މުހިންމު މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ގެނެސްދެވޭތޯ ބަލާނަމެވެ.

ރޯދައިގެ ތަޢުރީފް

” ރޯދަ ” އަކީ ޢަރަބި ލަފުޒެއް ކަމުގައިވާ  الصِّيام  މިލަފްޒުގެ ދިވެހި މާނައެވެ. ޢަރަބި ބަހުގައި މިލަފްޒުގެ މާނައަކީ ހަނުހުރުމެވެ.  މިލަފްޒު ހަނުހުރުމުގެ މާނައިގައި ކީރިޤުރުއާނުގެ މަރްޔަމްސޫރަތުގެ 26 ވަނަ އާޔަތުގައި  ﷲ ތަޢާލާ މަރްޔަމްގެފާނަށް ވަޙީކުރެއްވި މިބަސްފުޅުއައިސްފައިވެއެވެ.( فَإِمَّا تَرَيِنَّ مِنَ الْبَشَرِ أَحَدًا فَقُولِي إِنِّي نَذَرْتُ لِلرَّحْمَنِ صَوْمًا فَلَنْ أُكَلِّمَ الْيَوْمَ إِنسِيًّا) މާނައަކީ :   ” ކަމަނާ އަށް މީހަކު ފެނިއްޖެނަމަ ބުނާށެވެ! ހަމަކަށަވަރުން އަހުރެން މިހުރީ ރަޙްމާންވަންތަ ރަސްކަލާނގެ ކިބައަށް ރޯދަހިފުމަށް ނަދުރު ގަނެގެންނެވެ! ވީމާ އަދު އަހުރެން، އެއްވެސް މީހަކާއި ވާހަކަދައްކައި އުޅޭކަންނެތީމެވެ.” މިއާޔަތުގައި މިލަފްޒުގެ  މުރާދަކީ ވާހަކަ ނުދައްކައި ހަނުހުރުމެވެ.

ރޯދައިގެ ޝަރުޢީ މާނަ

ޝަރީޢަތުގައި ރޯދައަކީ ފަޖުރުލީއްސުރެން ރޯދަހިފުމުގެ ނިޔަތުގައި، އިރުއޮއްސިއްޖައުމަށްދާންދެން އެރޯދަ ގެއްލައިފަނިވި ކަންކަމުން މަނާވެގެންހުރުމެވެ.

ރޯދަފަރުޟުކުރެއްވިކަމުގެ ދަލީލު

ރަމަޟާންމަހުގެ ރޯދައަކީ ފަރުޟު ރޯދައެއްކަމަށް ކީރިތި ޤުރުއާނާއި، ކީރިތި ރަސޫލާގެ ސުންނަތާއި އުންމަތުގެ އިޖުމާޢުގައި އައިސްފައިވެއެވެ. ކީރިތި ޤުރުއާން: (يَا أَيُّهَا الَّذِينَ آمَنُواْ كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ) البقرة: 183 މާނައަކީ ” އޭ އީމާންވީ މީހުންނެވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗައް ރޯދަ ފަރުޟުކުރެއްވުނުފަދައިން، ތިޔަބައިމީހުންގެ މައްޗައްވެސް ރޯދަ ފަރުޟުކުރެވިއްޖެއެވެ. އެއީ ތިޔަބައިމީހުން ތަޤްވާވެރިވުމައްޓަކައެވެ. ”

 

ކީރިތި ރަސޫލާގެ ސުންނަތް

ކީރިތި ރަސޫލާގެ ވަރަށް ގިނަ ޙަދީޘްފުޅުތަކުގައި ރޯދައާ ބެހޭގޮތުން ވާރިދުވެފައިވެއެވެ. އޭގެތެރޭގައި އެންމެ މަޝްހޫރު ޙަދީޘްތަކުގެ ތެރެއިން ޙަދީޘެއް މިތަނުގައި ބަޔާންކޮށްލާނަމެވެ. (بُنِيَ الإِسْلامُ عَلَى خَمْسٍ شَهَادَةِ أَنْ لا إِلَهَ إِلا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ وَإِقَامِ الصَّلاةِ وَإِيتَاءِ الزَّكَاةِ وَالْحَجِّ وَصَوْمِ رَمَضَانَ) رواه البخاري (8)، ومسلم (16).މިބަސްފުޅުގެ މާނައަކީ: ”އިސްލާމްދީން ބިނާވެފައިވަނީ ފަސްކަމެއްގެ މައްޗަށެވެ. އެއީ، ﷲގެ އެއްކައުވަންތަކަމަށް ހެކިވުމާއެކު މުޙަންމަދުގެފާނީ ﷲ ގެރަސޫލާކަމަށްހެކިވުމާއި، ނަމާދުޤާއިމުކުރުމާއި، ޒަކާތްދިނުމާއި. ގެފުޅަށް ޙައްޖުވުމާއި ރަމަޟާން މަހު ރޯދަހިފުމެވެ.

އުންމަތުގެ އިޖުމާޢު

މުހަންމަދު ނަބިއްޔާގެ ނަބަވީ ޙަޔާތުންފެށިގެން މި އަދާހަމައަށް، ރޯދަމަހުގެ ރޯދައަކީ ފަރުޟު ރޯދައެއްކަމާއި، އެއީ އިސްލާމްދީނުގެ އެއްރުކުންކަމުގައްޔާއި، އެއަށް އިންކާރުކުރާމީހާއަކީ އިސްލާމުންގެ މިއްލަތުންބޭރުވެފައިވާމީހެއްކަމަށް މިއުންމަތް އިޖުމާޢުވެފައިވެއެވެ. ރޯދަ ފަރުޟުކުރެއްވުނީ ހިޖުރައިން ދެވަނައަހަރު ޝަޢްބާންމަހުގެ ދެވަނައަށްވީ ހޯމަދުވަހު އެވެ.

ގުޅުންހުރި ލިޔުންތައް
Comments

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *