މެލޭޝިޔާގެ ޓެރަންގާނޫގައި 1 ޖޫން 2023 ގައި ބާއްވާ އިސްލާމީ ޢިލްމުވެރިންނާއި ދާޢީންގެ ބައިނަލްއަޤުވާމީ ސަމިޓްގައި، އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ)ގެ ރައީސް، ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ކުރީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ޚާއްޞަ މެހުމާނެއްގެ ގޮތުން ބައިވެރިވެ، ތަޤުރީރު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ޑރ. ޝަހީމް މި ސަމިޓްގައި ބައިވެރިވެލައްވަނީ އައިއޯސީސީގެ ރައީސްގެ ޙައިސިއްޔަތުން ލިބުނު ދަޢުވަތަކަށެވެ. ޑރ. ޝަހީމް މި ކޮންފަރެންސްގައި ތަޤުރީރުކުރައްވާނީ ޣައިރު މުސްލިމު މުޖުތަމަޢުގައި އިސްލާމްދީނަށް ގޮވާލުމުގައި ގެންގުޅެންވީ އިސްލާމީ މަބްދައުތަކުގެ މައްޗަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބައިނަލްއަޤުވާމީ މި ސަމިޓްގައި އޭޝިޔާ ސަރަހައްދުގެ މަޝްހޫރު އިސްލާމީ ދާޢީންނާއި ޢިލްމުވެރިން ބައިވެރިވެ ވަޑައިގެން ތަޤުރީރުކުރައްވާނެއެވެ. އެބޭފުޅުންގެ ތެރޭގައި ޑރ.ޒާކިރު ނައިކް ހިމެނިވަޑައިގަންނަވައެވެ.