ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްކަމުން ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ދެމެހެއްޓުމަށްޓަކައި ޒަމާނަށް ފެތޭ އިސްލާމީ ތަރައްޤީގެ ތަޞައްވުރެއް ރާއްޖޭގައި ތަންފީޒުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. މިގޮތުން މި ތަޞައްވުރުގައި ހިމެނޭ މުހިންމު ބައެއްކަންކަން މި ކަރުދާހުގައި ކުރުކޮށް ހުށަހަޅައިލަން ޤަސްތުކުރަމެވެ. މިކަންކަމަކީ ރާއްޖޭގެ ސަރުކާރުތަކުން އެއާމެދު ފިކުރު ހިންގައިލާން މުހިންމު ކަންކަމްކަމުގައި ދެކެމެވެ.
- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ތަރައްޤީކޮށް ލުއި އަގެއްގައި ހައްޖަށް ދިއުމުގެ މަގު ފަހިކުރުން. އަދި ދުރު ރާސްތާގައި ފަޤީރުންނަށް ދައުލަތުން ހައްޖު ސްކީމެއް ތަޢާރަފްކުރުން.
- ދިވެހިރައްޖޭގައި އިސްލާމީ ތަޢުލީމު ޒަމާނަށް ފެތޭގޮތައް ހަރުދަނާކޮށް އިސްލާމިކް ޔުނިވަރސިޓީއަށް އާއިމާރާތެއް އަޅައި ބޭރު ދަރިވަރުންނަށް ވެސް ރާއްޖޭގައި ތައުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ދިނުން. އަދި ޔުނިވަރސިޓީގެ ހޯލްޑިން ކޮމްޕެނީގެ ދަށުން އައުޤާފް ޕްރޮޕަޓީތައް ޤާއިމުކޮށް ޔުނިވަރސީޓީ ހިންގައި ކުރިއެރުވުމަށް ބޭނުންވާ ޚަރަދުތަކުގައި ދައުލަތަށް ބަރޯސާވުން ކުޑަކުރުން،
- އަރަބިއްޔާ ސްކޫލްގެ އާއިމާރާއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން.
- ރާއްޖޭގައި ޒަކާތު ހައުސްއެއް އުފައްދައި ޒަކާތުން ބައެއް ޝަރީޢާ ހުއްދަކުރާ އުޞޫލުން އިންވެސްޓްކޮށް އޭގެ ފައިދާއިން ފަޤީރުންނަށް ގެދޮރާއި އެނޫން ވެސް ޒަރޫރީ ކަންކަން ކޮށްދީ ޒަކާތުގެ އެެހެނިހެން ބެހެނިވެރިންގެ މަޞްލަޙަތުތައް ވެސް ދެމެހެއްޓުން.
- ރާއްޖޭގެ އިސްލާމިކް ފައިނޭންސް ސެންޓަރގެ މަސައްކަތްފަށާއި ރާއްޖެއަކީ އިސްލާމީ ބެންކިންއާއި ފައިނޭންސްގެ މަރުކަޒަކަށް ހެދުން
- ދިވެހިރާއްޖޭގެ އިސްލާމީ ފިޤުހު އެކަޑަމީ އަލުން އިޢާދަކުރުން.
- ހައްދުފަހަ އެޅުމާއި އިލްޙާދީ ވިސްނުންތަކުން ރާއްޖޭ ސަލާމަތްކޮށް ރާއްޖޭގެ މުޖުތަމަޢަކީ މެދުމިން އިސްލާމީ މުޖުތަމަޢެއްކަމުގައި ދެމިއޮތުމަށް ޤައުމީ އިސްލާމީ ޗާޓަރެއް އެކުލަވާލުން.
- އިސްލާމީ ތަޢުލީމީ ތަރުބިޔަތު ނެގެހެއްޓުމަށް އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ދައުލަތުން އެހީތެރިކަން ދިނުން
- އައުޤާފުގެ ނިޒާމު ހަރުދަނާކޮށް ރާއްޖޭގެ މިސްކިތަކަށް ބެލެހެއްޓުމަށް ކޮންމެ އަހަރަކު ބޭނުންވާ ފައިސާ ދާއިމީގޮތެއްގައި އައުޤާފުގެތެރެއިން ލިބޭނެ މަގު ފަހިކުރުން.
- މިސްކިތްތަކާއި ބެހޭ ޤައުމީ މަޖްލިސް އެކްޓިވްކޮށް އިމާމުންނަށް ދާއިމީ ތަމްރީނު ހޯދައިދީ ރަށުގައި ތިބެގެން އޮންލައިންކޮށް ޢަރަބި ބަސް އުނގެނުމުގެ ފުރުޞަތު އެންމެހާ އިމާމުންނަށް ފަހިކުރުން.
- މުސްލިމު ވޯލްޑް ލީގާ ގުޅިގެން ކީރިތި ރަސޫލާގެ ސިޔަރަތާއި އިސްލާމީ ޙަޟާރަތާ ބެހޭ މައުރަޒެއް ރާއްޖޭގައި ޤާއިމުކޮށް އެތަނަކީ އިސްލާމްދީނުގެ ޞުލްޙަވެރިކަން ރަމްޒުކޮށްދޭ ތަނެއްގެ ގޮތުގައި ދެމެހެއްޓުން.
- ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޤުރުއާން ހިތު ދަސްކުރުމުގެ ޕްރޮގްރާމްތައް ހިންގުން.
- އިސްލާމީ ޢިލްމު ދިވެހިބަހަށް ތަރުޖަމާކުރުމުގެ މަޝްރޫޢު ހަރުދަނާކޮށް ދެމެހެއްޓުން
- މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ އިސްލާމިކް ސްޓޫޑިއޯއަކީ ޤައުމީ ފެންވަރުގެ އިސްލާމީ ޗެނަލަކަށް ހެދުން.
އިސްވެ ބަޔާންކުރި ނުކުތާ ތަކުގެ އިތުރުން ވެސް އިސްލާމީ ޤައުމީ ޚިދުމަތުގެ ތަޞައްވުރުގައި އެހެނިހެންކަންކަން ވެސް ހިމެނޭނެއެވެ. ހާމަކޮށްފައިވާ ނުކުތާތައް ތަންފީޒުކުރުމުގެ އިސްތިރާޖީ ޕްލޭނެއް ކަނޑައެޅިދާނެއެވެ. މި ނުކުތާ ތަކަކީ 1-3 ދެމެދުގައި ތަންފީޒުކޮށް ނިމޭނޭ ކަންކަމެވެ.