މީގެ ދޮޅުއަހަރެއްހާ ދުވަސް ކުރިއަށް ޖެހިލާއިރު، ރާއްޖޭގެ އެކި ރަށްތަކަށް އިސްލާމީ ދާއިރާއިން ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އިމާމުވެ ނަމާދުކުރާނެ ޒުވާނުންނާއި ހުކުރު ކުރާނެ ޚަޠީބުންގެ ދަތިކަމެވެ. މިވަގުތު ވެސް ރާއްޖޭގެ 70 ވަރަކަށް މިސްކިތުގައި ދާއިމީ އިމާމުން ނެތެވެ. މިސްކިތްތައް ބިނާކުރެވެމުންދާ މިންވަރަކުން މި ޢަދަދު ދާނީ އިތުރުވަމުންނެވެ. އެެއީ އެ ރަށްތަކުން އިމާމުކަން ކޮއްދޭނެ ފެންވަރުގެ މީހުން އެމިންވަރަށް ނުލިބޭނެތީއެވެ. އަދި ރާއްޖޭގެ ބައެއް ރަށްރަށް ކައިރި ރަށްތަކުން ޚަޠީބުން ގެނައުމަކީ ދާދި ފަހަކާއި ޖެހެންދެން ބޮޑެތި ޚަރަދުތަކެއްކޮށް ބައެއް ކައުންސިލްތަކުން ކުރަމުން އައި ކަމެކެވެ.
މި މައްސަަލައަށް ދާއިމީ ޙައްލެއް ހޯދައިދީ، ކުރިއަށް އޮތް ޤަރުނަށް އިސްލާމީ ޝިޢާރުތައް އުފުލައިދޭނެ ޖީލެއް އުފެއްދުމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ފެށި ޒުވާން ޚަޠީބުން ޕްރޮގުރާމާއެކު ޚަޠީބުންގެ ދަތިކަން އޮތް ރަށްރަށަށް މިހާރު ދާއިމީ ޙައްލެއް ލިބި، މިމްބަރުތަކުން ޒުވާން އުޖާލާ މޫނުތަކެއް ފެންނަމުންދާކަމީ މި އިސްލާމީ ޤައުމަށް އުފާވެރިކަން ގެނުވައިދިން މަންޒަރެކެވެ. ދިވެހިންގެ އިސްލާމީ ޝިޢާރުތައް އުފުލައިދޭނޭ އަގުހުރި ޖީލެއް އުފެދިގެންދާނެކަމުގެ އަލިގަދަ ހެއްކެކެވެ. ޒުވާން ޚަޠީބުންކީ ތައުލީމީ ގޮތުން ޤާބިލް ބައެކެވެ. އެއިގެތެރޭގައި އުޅެނީ ސްކޫލް ނިންމާފައިވާ ފަރާތްތަކާއި ސްކޫލް ނިންމުމުގެ މަރުޙަލާގައި އުޅޭ ފަރާތްތަކެވެ.
ޒުވާން ޚަޠީބުން ޕްރޮގުރާމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި އިސްލާމީ ދާއިރާއިން ކުރިއަށް ގެންދާ އެންމެ މުހިއްމު އެއް ޕްރޮގުރާމެވެ. މި ފަސްއަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން އުފެއްދުމަށް އަމާޒުހިފާ ފެށި މި ޕްރޮގުރާމުން މިހާތަން 621 ޒުވާން ޚަޠީބުން އުފެދިގެން ގޮސްފައިވާކަމީ މި ޕްރޮގުރާމުގެ ކާމިޔާބުކަން ހާމަކޮށްދޭ ކަމެކެވެ. ވުޒާރާގެ އަމާޒަކީ މި އަހަރުގެ ތެރޭގައި މިއަދަދު 1000 އަށް ހެދުމެވެ.
ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ފުރަތަމަ ބުރުގައި 65 ޚަޠީބުން އަދި ދެވަނަ ބުރުގައި 169 ޚަޠީބުން އަދި ތިން ވަނަ ބުރުގައި 269 ޚަޠީބުން ސަނަދު ޙާސިލްކޮށްފައިވާއިރު، ހަތަރު ވަނަ ބުރުގައި 85 ޚަޠީބުން އަދި ނ. މަނަދޫގައި ބޭއްވުނު ތަމްރީނު ޕްރޮގުރާމުގައި 7 ޚަޠީބުން އަދި އދ. މާމިގިލީގައި ބޭއްވުނު ތަމްރީން ޕްރޮގުރާމުން 26 ޚަޠީބުން ވަނީ ސަނަދު ޙާސިލްކޮށްފައެވެ.
ޒުވާން ޚަޠީބުން ޕްރޮގުރާމަކީ މިއަދު މުޅި ޤައުމު ބަލައިގެންފައިވާ ޕްރޮގުރާމެއްކަން ހާމަވެގެންދަނީ، ޒުވާން ޚަޠީބުން ސަނަދު ލިބުމާއެކު ރަށްރަށުން އެ ޚަޠީބުންނަށް ކިޔަމުންދާ ހޫނު މަރުޙަބާއިންނެވެ. އަދި ރަށްރަށުގެ ކައުންސިލްތަކުން ޒުވާން ޚަޠީބުންނަށް އިތުބާރުކޮށް، ބޮޑެތި ޖަމާޢަތްތަކުގައި އިމާމުވެ ނަމާދުކުރުމުގެ ފުރުސަތު ފަހިކޮށްދެމުންދާކަމީވެސް މިކަން ރަށްރަށުން ބަލައިގެންފައިވާކަމުގެ ހެއްކެކެވެ.
ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން، ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމު ފުރިހަމަކުރި ބައިވެރިއެއްގެ ބެލެނިވެރިއަކު ވިދާޅުވީ، ވުޒާރާއިން ފަށާފައިވާ މި ޕްރޮގުރާމަކީ ޒުވާން ކުދިންނަށް އިސްލާމީ ދާއިރާއިން ކުރިއަށް ދިއުމަށް ހުޅުވާލަދިން ރަނުގެ ފުރުސަތެއްކަމަށާއި، މިފަދަ ގޮތަކަށް ޒުވާން ކުދިންނަށް ފުރުސަތު ދިނުމަކީ މުޅި ޤައުމުވެސް ފަޚުރުވެރިކަމާއެކު ބަލައިގަންނަން ޖެހޭ ކަމެއްކަމަށެވެ. މި ޕްރޮގުރާމު ފުރިހަމަކުރާ ޒުވާން ކުދިންގެ ޝުޢޫރުތައްވެސް ހުރީ މިފަދައިންކަން ފާހަގަކޮށްލެވެއެވެ.
އާދެ! ދިވެހިރާއްޖޭގެ ކުރިމަގަށް ވިސްނާއިރު، މިފަދަ މުހިއްމު ބިންގާތަކެއް އަޅުގަނޑުމެން އަޅަން ޖެހެއެވެ. މި ދާއިރާއިން ވަރަށް ގިނަ ރަށްރަށް އޮތް ދަތިތައް ޒުވާން ޚަޠީބު ޕްރޮގުރާމާއެކު ވަނީ ހައްލުވެގެން ގޮސްފައެވެ. މި ޕްރޮގުރާމު ފެށިއިރު، އިމާމުވެ ހުކުރު ކުރާނެ ޚަޠީބުން ނެތް ރަށްރަށް ހުރިއެވެ. މިއަދު އެ ދަތިތައް ވަނީ ފިލާފައެވެ. ކުރިއަށް އޮތް ޤަރުނަށް އިސްލާމްދީނުގެ ޝިޢާރު ފާޅުކުރާނެ، ހަރުދަނާ ވަރުގަދަ ޖީލެއް މިރާއްޖޭގައި ބިނާކުރުމަކީ މިޖީލުގެ މައްޗަށް އޮތް ވާޖިބެކެވެ.
ޒުވާން ޚަޠީބުންނާއި އިމާމުންނަށް ޚާއްސަކޮށް އިތުރު ތަމްރީން ޕްރޮގުރާމުތަކާއި، ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ހޯދައިދިނުމަށް ވުޒާރާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.