މުބާރާތުގެ ބައިވެރިން ގެފުޅަށް ވެއްދުމަށް ގެފުޅުގެ ދޮރުކޮޅު ހުޅުވުން

މަދީނާއިން ރާއްޖެ އައި ވަފުދު އަޅުގަނޑުމެންގެ އިންޓަވިއުތައް ނިންމާލާފައި، ހޮވޭނޭ ކަމުގެ ވަޢުދު ދެއްވާފައި މަދީނާއަށް އެނބުރި ވަޑައިގެންފިއެވެ. ނަމަވެސް ޚަބަރެއް ނުވެ ގިނަ ދުވަސްތަކެއް ވެގެން ދިޔައިމާ، ދިވެހި ސަރުކާރުން އިޢުލާންކުރި އަލްއަޒްހަރު ޔުނިވަރސިޓީގެ ސްކޮލަރޝިޕަށް ކުރިމަތިލައިފީމެވެ. އެ އުފުޞަތު ﷲގެ ރަޙުމަތުން އަޅުގަނޑަށް ލިބުނެވެ. މިޞްރަށް ފުރަން ގާތްވެފައި އޮއްވާ މައްކާގައި އޮންނަ ޤުރުއާން މުބާރާތުގެ ރާއްޖެ ތަމްސީލު ކުރުމަށް ފުރަން އަންގަވައިފިއެވެ. މިހެންކަމުން މިޞްރަށް ފުރާނީ މައްކާއަށް ގޮސްފައި އައިސް ކަމުގައި ކަމާ ބެހޭ ފަރާތުގައި ދަންނަވާފައި އަޅުގަނޑު މައްކާއަށް ފުރައިފީމެވެ. އަޅުގަނޑު ފުރުވަން އެދުވަހު އެއާޕޯޓަށް ދިޔައީ އަޅުގަނޑުގެ ވަރަށް ގާތް ދެ އަޚުންކަމުގައިވާ އަލްއުސްތާޛު ޢިއްޒުއްދީން ޢަދުނާނާއި އަލްއުސްތާޛު މުޙައްމަދު ދީދީގެ އިތުރުން އަޅުގަނޑުގެ ބޮޑު ދައިތަގެ ފިރިކަލުން ޢަބްދުލްޣަފޫރެވެ. އެޓޭޗްކުރެވިފައިވާ އަޅުގަނޑުމެންގެ ފޮޓޯއަކީ އެ ދުވަހު ފުރަންގޮސް އެއާޕޯޓްގައި ތިބެ ނަގާފައިވާ ފޮޓޯއެކެވެ.

މައްކާގައި ކޮންމެ އަހަރަކު ބާއްވާ ކިނގ ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ޤުރުއާން ކޮމްޕެޓިޝަނަކީ ދުނިޔޭގައި އޮންނަ އެފެންވަރުގެ އެންމެ ބޮޑު ބައިނަލްއަޤުވާމީ މުބާރާތެވެ. ފަހުދު ބިން ޢަބްދުލްޢަޒީޒު ރަސްގެފާނުގެ ވެރިކަމުގައި އެމުބާރާތުގެ ބައިވެރިންނަށްޓަކައި ކަޢުބަތުﷲ ގެފުޅު ހުޅުވައެވެ. އަދި ގެފުޅު ތެރޭގައި ސުންނަތް ނަމާދުކޮށް ދުޢާކުރުމުގެ ފުރުޞަތު ދެއްވައެވެ. މުބާރާތުގެ ބައިވެރިން ވެއްދުމަށް އެންމެ ފަހުން ގެފުޅު ހުޅުވީ އަޅުގަނޑުމެން ދިޔަ ފަހަރުއެވެ. އަޅުގަނޑުގެ މަޢުލޫމާތު ކުށްކަމުގައި ނުވާ ނަމަ، އޭގެ ފަހުން މުބާރާތުގެ ބައިވެރިން ވެއްދުމަށް ގެފުޅު ނުހުޅުވައެވެ. ނަމަވެސް އިސްލާމީ ޤައުމުތަކުގެ ވެރިން ވެއްދުމަށް ޚާއްޞަ ޙާލަތްތަކުގައި މިހާރު ވެސް ހުޅުވައި އުޅެއެވެ.

އަޅުގަނޑުމެން ގެފުޅުތެރެއަށް ވަން ދުވަހު ކަން ހިނގައި ދިޔަ ގޮތް.

ހެނދުނު ސައި ބޮއިގެން އައިސް އަޅުގަނޑުމެން ތިބީ ހޮޓަލުގެ ރޫމްގައެވެ. ރަށުތެރެ ބަލާލަން ދިއުމެއް އެބަ އޮތްކަމަށް ބުނެ ބައިވެރިން ފައިބައިން އިޢުލާންކޮށްފިއެވެ. ދާން އުޅެނީ ކޮންތާކަށް ކަމެއް ނުބުނެއެވެ. ނަމާދު ގަޑި އަށް އެނބުރި ހޮޓަލަށް ނާދެވިދާނެތީވެ އަޅުގަނޑުމެން ދިޔައީ ވުޟޫކޮށްގެންނެވެ. ދަނީ ކޮންތާކަށް ކަން ނޭނގޭތީވެ ވަރަށް ގިނަ ކުދިން ނުފައިބައެވެ. ގިނަކުދިން ނާދެއެވެ. ދަނީ ކޮންތާކަށް އެނގުނު ނަމަ ހޮޓަލުގައި ތިބި އެންމެން ފޭބީހެވެ. އަޅުގަނޑުވެސް ފުރަތަމަ އުޅުނީ ނުފައިބާށެވެ. ނަމަވެސް ފުރަތަމަ މައްކާއަށް ދެވުނު ފަހަރުވީމަ، ރަށުތެރޭގެ ކަންކަކަމާއި ތަންތަން ބަލާލަން ޝައުޤުވެރިކަން ހުރި ވަރުން ނިކުތީއެވެ. އެކި ޤައުމުތަކުގެ ކުދީންނެވެ. ބަހުގައި ގާތްގަނޑަކަށް ތިރީހަކަށް ބައިވެރިން ތިބޭނެއެވެ.

ބަސް ދަތުރުކޮށްފައި ގޮސް އަލްމަސްޖިދުލްޙަރާމްގެ ކައިރިއަށް މަޑުކުރިއެވެ. އަޅުގަނޑުމެން ބަހުން ބާލައިގެން ޙަރަމްފުޅުގެ ތެރެއަށް ވައްދައިފިއެވެ. ޠަވާފުކުރާ އޭރިއާ އާ ހަމަ އަށް ގޮސް އެތާކައިރީގައިވާ ކާޕެޓް މަތީ އިށީންނަން އެނގިއެވެ. މަންޒަރު ފެންނަނީ އަޖައިބުކުރަނިވި ގޮތަކަށެވެ. ވާން އުޅޭ ގޮތެއް އެއިރަކު ވެސް އަދި ނޭނގެއެވެ. އެތައް ސަތޭކަ ސިފައިން ގެފުޅުގެ ދޮރޮކޮޅުން ފެށިގެން އަޅުގަނޑުމެން ތިބި ހިސާބަށް ހަތިޔާރު ހިފައިގެން ތިއްބެވެ.

ދެން ފެންނަނީ ޢަރަބި ރަސްމީ ފޭރާންކޮޅު ތުރުކުރައްވައިގެން ތިއްބެވި ބޮޑު ޖަމާޢަތެއްގެ ބަޔަކު، ވަރަށް ޢުމުރުން ދުވަސްވީ މީހަކު ގޮނޑިއަކަށް ލައިގެން އޭނާގެ ފަތުން އެނާ ގޮވައިގެން އަންނަތަނެވެ. އޭނާގެ އަތްޕުޅުގައި އޮތީ ގެފުޅުގެ ތަޅުދަނޑިކޮޅެވެ. ( އެއީ ބަނީ ޝައިބަތު ވަންހައިގެ ޢިއްޒަތްތެރި ބޭކަލުންނެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދުވަސްވަރުން ފެށިގެން ގެފުޅުގެ ތަޅުދަޑި އޮންނަނީ އެޤަބީލާގެ އަތުގައެވެ. ސަޢުދީ ސަރުކާރުގެ ވެރިޔަކު ވިޔަސް ރަސްކަލުވިޔަސް ގެފުޅަށް ވަދެވޭނީ އެބޭފުޅުން ގެފުޅު ހުޅުވައިދެއްވައިފި ނަމައެވެ. )
އެބޭފުޅުން ވަޑައިގެން ގެފުޅުގެ ދޮރުކޮޅު ކުރިމަތީގައި ހުރި ސިޑިން އަރުއްވައި ދޮރުކޮޅު ހުޅުވައިފިއެވެ. އަޖައިބުވެ އަންތަރީސްވެގެންވާ ޙާލު މިމަންޒަރުތައް ބަލަން އަޅުގަނޑު އިނީމެވެ. ހިތަށް އެރިއެވެ. މިފެންނަނީ އަނެއްކާ ހުވަފެން ބާވައެވެ؟

ގެފުޅުގެ ދޮރުކޮޅު ހުޅުވުމަށް ފަހު، ފަހަރަކު ބަޔަކު ގެފުޅަށް ވައްދަމުން ދިޔައެވެ. ގެފުޅުގެ ދޮރުކޮޅުން ވަންނަ ސިޑީގައި ދެ ފަރާތަކުގައި މަރުޙަބާ ކިޔުމަށް ބަނީ ޝައިބަތު ވަންހައިގެ ބޭފުޅުންނާއި ސަޢޫދީގެ ކަމާ ބެހޭ ފަރާތްތަކުގެ ވެރިން ތިއްބެވިއެވެ. އަދި ވަންނަ ކޮންމެ މީހަކަށް ޒަމްޒަމް ފެން ބޯން ދޭ ބަޔަކު ވެސް ދޮރުކޮޅުން އެތެރޭގައި ތިއްބެވިއެވެ. އެއްބަޔަކު ވަދެ ނިމުމުން އަނެއް ބަޔަކު ވައްދަނީއެވެ. ފަހަރު ދިހަވަރަކަށް މީހުން ވައްދަނީއެވެ. ގެފުޅުގެ ތެރޭގައި ސުންނަތް ނަމާދެއް ކޮށް ﷲ އަށް ދުޢާކޮށްފައި ނިކުންނަނީއެވެ. ގެފުޅު ތެރޭގައި އަޅުގަނޑު އިން ވަގުތަކީ ތަފާތު އިޙުސާސްތަކެއް ކުރެވުނު ވަގުތުކޮޅެކެވެ. ސުންނަތް ނަމާދެއްކޮށް، ﷲ އަށް ދުޢާކުރީއެވެ. ގެފުޅު ތެރޭގައި ނަމާދު ކުރަނީ އެމީހަކު ބޭނުން ދިމާއަކަށް ކުރިމަތިލައިގެންނެވެ. ގެފުޅު އެތެރޭގެ ފާރުގައި ވެސް އުރަކޮޅެއްވެއެވެ. އެ އުރަކޮޅުގައި ހުންނަނީ ފެހިކުލައެވެ. އެ އުރަކޮޅުގައި ވެސް އާޔަތްތަކާއި ﷲ ގެ އިސްމުފުޅުތައް ލިޔެވިގެންވެއެވެ. އަދި ފާނޫޒު ބައްތި ފަދަ އިހުޒަމާނުގައި ގެންގުޅޭ ޒާތުގެ ބައްތިތަކެއްވެސް އެލުވާފައި ހުއްޓެވެ. އަދި އެ ޒަމާނުގައި އެއްޗެހި ރައްކާކުރަން ލައިއުޅޭ ފޮށި ފަދަ ފޮއްޓެއްވެސް ގެފުޅުގެ އެތެރެއިން ދުށީމެވެ. ގެފުޅުގެ އެތެރެއިން ވަރަށް މީރު ވަސް ދުވައެވެ. ނުހަނު ސާފުތާހިރެވެ. އެ އެދުވަހަކީ އަޅުގަނޑުގެ ޙަޔާތުގައި އައި އުފާވެރި ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ﷲ އަށް ޙަމްދު ހުއްޓެވެ.

ޤުރުއާން މުބާރާތުގައި ބައިވެރިވާން ކުރި މި އުފާވެރި ދަތުރުގައި ޢުމްރާވެސް ކުރެވުނެވެ. ޢުމްރާކުރީ އަޅުގަނޑު ޕާކިސްތާނުގައި ޙިފުޒު ކުރަން އުޅުނު އިރު އެކުގައި އުޅުނު ކޮމޮރޯޒްގެ ދަރިވަރެއްކަމުގައިވާ ޢަލްޙާފިޒު ޢަލީ އަމީރާއެކުގައެވެ. އޭނާ ފަހުން އުޅުނީ ސަޢޫދީ ޢަރަބިއްޔާގެ ޔުނިވަރސިޓީ އެއްގައެވެ. އަޅުގަނޑު މައްކާއަށް އަންނަމުން އޭނާ އަށް ގުޅީމާ އޭނާ ހުރީ އަޅުގަނޑާއެކު ޢުމްރާ ކުރުމަށް މައްކާއަށް އައިސްފައެވެ.

މައްކާގައި ކުރަންޖެހޭ ކަންކަން ނިމާފައި، ދެން ދިޔައީ މަދީނާއަށެވެ. އެތަނުން އަވަސްވެގަތީ، ނަބަވީ މިސްކިތަށް ގޮސް ކީރިތި މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަށް ސަލާމްގޮވުމަށެވެ. އެކަންކަން ނިންމައި އަނެއް ދުވަހު ދިޔައީ މަދީނާގެ އިސްލާމީ ޔުނިވަރސިޓީ އަށެވެ. އެތަނަށް ދިޔައީ އެއްކަލަ އިންޓަވިއު ކުރި އުސްތާޛު ޑރ. މުޙައްމަދު ޝައިބާނީއާ ބައްދަލުވެވޭތޯއެވެ. ﷲގެ ރަޙުމަތުން އޭނާއާ ބައްދަލުވިއެވެ. ޚަބަރެއްނުވެގެން އައީކަމުގައި ދެންނެވުމުން ވިދާޅުވީ ޚަބަރެއްވާނެކަމުގައެވެ. ޝަހީމްއާއި އެކުވެރިޔާ ވެސް ޔުނިވަރސިޓީ އަށް ހޮވޭނެކަމެވެ. މިވާހަކަ ތައް އަޑު އަހައި އުފާކޮށް، އޭނާއާ ސަލާމްކޮށް އަލްވަދާޢު ކިޔައިފީމެވެ. މަދީނާ ފެނުމުން އެތަނުގައި ކިޔަވަން އައުމުގެ ޝައުޤުވެރިކަން އިތުރުވިއެވެ. އެރަށުގެ ރީތިކަމާއި ޠާހިރުކަމާއި ނަބަވީ މިސްކިތުގެ ފުރިހަމަކަމުންނެވެ. ކޮންމެ އަކަސް، މުބާރާތުގައި ބައިވެރިވާންކުރި ދަތުރު ގިނަ ދުވަސްތަކެއްނުވެ ނިންމައި، މާލެ އައިސް، ލިބިފައިވާ ފުރުޞަތުގައި އަލްއަޒްހަރު ޔުނިވަރސިޓީ އަށް ކިޔަވަން ދިއުމަށް މިޞްރަށް ފުރައިފީމެވެ. މިޞްރުގައި އުޅުނު ގޮތާއި ދިމާވި މީހުންނާއި ފެނުނު ކަންކަމުގެ ވާހަކަ ދެން އަންނަ ބައެއްގައި ބަޔާންކުރާނަމެވެ.