ކުޑައިރުގެ ހަނދާންތައް…..

އަޅުގަނޑުގެ ނަމަކީ މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. ބައްޕަގެ ނަމަކީ ޢަލީ ސަޢީދެވެ. މައްމަގެ ނަމަކީ ޝާމަތު އާދަމެވެ. އުފަންވީ 28 މާރޗް 1977 ގައި ހުވަދޫ އަތޮޅު އުތުރުބުރީ މާމެންދޫ އަށެވެ. އުޅެ ބޮޑުވީ ރަށްފުށުގައި އެހެން ކުދިން ވެސް އުޅޭ ގޮތަށް ހިތްގައިމު މާޙައުލުގައެވެ. މޫދަށް އެރުމާއި ދޫނި ހިފަންދިއުމާއި ފުޓްބޯޅަ ކުޅުމާއި މިފަދަ ކިތައްމެ ކަމެއް ހަނދާނުގައި އެބަހުއްޓެވެ. މީގެ އިތުރުން އަންނަ އުފާވެރި ދުވަސް ތަކަކީ ޢީދު ދުވަސްތަކެވެ. ފުޓް ބޯޅައިގައި އަޅުގަނޑު ހުންނަނީ ރެފްރީއަކަށެވެ. ހުރިހާ ކުދިން ވެސް އަޅުގަނޑު ދެކެ ވަަރަށް ލޯބިވާނެއެވެ.

އަޅުގަނޑަކީ ފަޤީރު ޢާއިލާއެއްގެ މެންބަރެކެވެ. އަޅުގަނޑުގެ މަންމައާއި ބައްޕަގެ އަޅުގަނޑާއެކު 5 ބެއިން ތިބެއެވެ. އަދި މަންމަގެ އެހެން ކުއްޖެއް ހުރެއެވެ. އެއީ ދައްތައެވެ. ދައްތަވަނީ ނިޔާވެފައެވެ. ދައްތަ ނިޔާވީ އަޅުގަނޑު ކިޔަވަން މާލޭގައި ހުއްޓައެވެ. ދައެްތަ އަކީ ވަރަށް ހެޔޮ އިޙުސާންެތެރި މީހެކެވެ.

އަޅުގަނޑުގެ ކާފަ ޙުސައިން ފުތަކީ ރާވެރިއެކެވެ. މަސްވެރިއެއްވެސް މެއެވެ. ބައްްޕައަކީ މަސްވެރިއެކެވެ. ބައްޕަ މަހަށް ގޮސްފައި އައިސް ފެންވަރައިގެން މިސްކިތަށް ދާ ހަނދާންވެއެވެ. އަދި އަޅުގަނޑާއި ކޮށްކޮ ގޮވައިގެން ބައްޕަ ހުކުރަށްދާ ހަނދާންވެސް ވެއެވެ. އަޅުގަނޑުގެ ބައްޕައަކީ ވަރަށް ހެޔޮ އިންސާނެކެވެ. މަންމައަކީ އެހާމެ ހީވާގި ހިއްވަރު ގަދަ މީހެކެވެ. ޤުރުއާން ކިޔަވަން ގޮސްފައި ގެއަށް އަންނަ ވަގުތު މަންމަ ގޭގަ ނޫޅޭ ނަމަ ވަރަށް ރުޅި އަންނާނެއެވެ. މަންމަ ހުންނަ ދުވަހެއް ނަމަ، ކިޔަވައިގެން އައިމާ މަންމަ ޖޫސް ދޭނެއެވެ. ބައެއް ދުވަސް ދުވަހު ކާށި ވިއްކަން މަންމަ ވިލިނގިއްޔަށް ދާނެއެވެ. މަންމަގެ ހެދުމުގެ ފަސްބައިގައި ހިފަހައްޓައިގެން ހުންނަ ހަނދާންވެއެވެ. ޢީދު ދުވަހު ފައިގައި ހީނާފަތް އަޅައި ރީތި ފޭރާން ހޯދައިދޭ މަތިން ވެސް ހަނދާންވެއެވެ. މަންމައާއި ބައްޕަ އަށް މާތް ﷲ ހެޔޮ ޖަޒާ ދެއްވާށިއެވެ. އާމީން.

މާލެ ދިއުމުގެ ކުރިން މަންމަ އަށް ޚިދުމަތްކުރަމެވެ. މަންމަ ބަލިވީމާ ހަވާދު ފުޑައި ރިހަ ކައްކައި ރޮށި ފިހެ މަންމަ އަށް ކާންދެމެވެ. މަންމަ އަށް ބަދިގެ ހަދައި ފާރު ރާނައި ހެދި ހަނދާން ވެސް އެބަހުއްޓެވެ.

ކުޑައިރުގެ ހަނދާންތަކުން ހަނދާންތައް އަބަދުވެސް ހިތުގައި ހުރެއެވެ. އެއް ހަދާނަކީ މަސްބާނަން އުޅެނިކޮށް ބެހުނު ހަނދާނެއެވެ. އެ ދުވަހު ސަލާމަތްވީ ހަމަ ކިރިއާއެވެ. ރަށުގައި ފިލި ދަސްކޮށް ޢައްމަ ފޮތުން ކިޔަވަން އުނގެނުނީ ރަޝާދުބެއާއި ޒަރީނާއްތަ ގާތުންނެވެ. އެއަށް ފަހު، މިސްކިތު ކުލާހުގައި މުނީރުބެ ގާތުންނެވެ. ރާގަށް ކިޔަވަން ދަސްކޮށްދިނީ މުނީރުބެއެވެ. ކުލާސް ގަޑީގައި ކުލާހަށް ނުގޮސް ބައެއް ދުވަސް ދުވަހު ދޫނި ހިފަން ދަމެވެ. އޭގެ އަނެއް ދުވަހު އެކަމާ އަދަބު ލިބިއެވެ.

އަޅުގަނޑުގެ ބައްޕަ ޢަލީ ސަޢީދު، އަޅުގަނޑަށް ޢަރަބި އިސްލާމީ ޢިލްމު ކިޔަވައިދިނުމަށް ބޭނުންވިއެވެ. މިގޮތުން 1990 ވަަނަ އަހަރު، ކިޔަވައިދިނުމަށްޓަކައި އަޅުގަނޑު މާލެ ގެނެވުނެވެ. މާލެ އާދެވުނީ ބޯޓަކުން 14 ދުވަހުންނެވެ. އެހާ ގިނަ ދުވަސް ނެގީ ކަނޑު ގަދަވެގެން އެކި ރަށްރަށުގައި ޖައްސަމުން ބައެއް ރޭރޭ ބައެއް ރަށްރަށުގައި މަޑުކުރަމުން ދަތުރުކުރާތީއެވެ. އެއީ ހިތްގައިމު ދަތުރެކެވެ. މާލެ އައިސް ކިޔައިދިނުމަށް ވެއްދީ އަލްމަދްރަސަތުލް ޢަރަބިއްޔަތުލްއިސްލާމިއްޔާއަށެވެ. އެއިރު ޢުމަރަކީ 12 އަހަރެވެ.