އިސްލާމީ މަރުކަޒުން ބައްދަލުވި ޢަރަބީންގެ ވަފުދު

ސްކޫލުގައި ކިޔަވައިދޭން އުޅެފައި އެއްދުވަހަކު، އަޞްދު ނަމާދަށް އިސްލާމީ މަރުކަޒަށް ދިޔައީމެވެ. ނަމާދު ނިންމާފައި މަޑުކޮށްލައިގެން އިންދާ، ނަމާދުގެ ޖަމާޢަތަށް އައިސް ތިބި ޢަރަބީންގެ ބަޔަކާ ބައްދަލުވިއެވެ. އެމީހުން ފެނުމުން އެމީހުންނާ ކައިރިވެ ސަލާމްގޮވާލީމެވެ. އެމީހުންގެ ތެރެއިން އިސްކޮށް ހުރި ބޭފުޅާ އަޅުގަނޑުގެ ސަލާމަށް ޖަވާބު ދެއްވިއެވެ.
އަޅުގަނޑު: ތިޔައީ ކޮން ބޭފުޅެއްތޯއެވެ؟

އެބޭފުޅާ: އަޅުގަނޑުގެ ނަމަކީ ޑރ މުޙައްމަދު ޝައިބާނީ،
އަޅުގަނޑު: މަނިކުފާނަކީ ކޮން ޤައުމެއްގެ ބޭފުޅެއްތޯއެވެ؟ ރާއްޖެ ވަޑައިގެން ތިޔަ އުޅުއްވަނީ ކޮންކަމަކު ތޯއެވެ؟
އެބޭފުޅާ: އަޅުގަނޑަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާގެ ޕްރޮފެސަރެއް، އަޅުގަނޑުމެން ރާއްޖެ މިއައީ މަދީނާގެ އިސްލާމީ ޔުނިވަސިޓީ އަށް ދަރިވަރުން ހޮވަންވެގެން އިންޓަވިއު ކުރުމަށް.
އޭނާ މިހެން ވިދާޅުވުމާއެކު އަޅުގަނޑުގެ ހިތުގައި އާދައާ ޚިލާފު އުފާވެރި ކަމެއް އުފެދުނެވެ. ސަބަބަކީ އަޅުގަނޑުގެ އެންމެ ބޮޑު އުންމީދަކީ މަދީނާއަށް ކިޔަވަން ދިއުންކަމަށް ވެފަ، އެކަމަށް މަގެއް ފަހިވާން އުޅެނީ ކަމުގައި ވިސްނުމުންނެވެ. ވަރަށް އުފާވެފައި އެނާއާ ކޮނޑާ ކޮނޑު ޖައްސައި ސަލާމްކޮށް ނުހަނު އިޚުލާޞްތެރި މަރުޙަބާއެއް ދަންނަވައިފީމެވެ.
އެބޭފުޅާ: އަޅުގަނޑުމެން ރާއްޖެއައީ މިއަދު، އަޅުގަނޑުމެން ބޭނުންވަނީ ދަރިވަރުން އިންޓަވިއުކުރަން. ކިޔަވަން ދާންބޭނުންވާ ކުދީންކޮޅެއް އެއްކޮލެވިދާނެތަ؟
އަޅުގަނޑު: އާދެ، ތިޔަކަމުގައި އަޅުގަނޑު ތިޔަބޭފުޅުންނަށް ހުރިހާ ގޮތަކުން އެހީވާނަން.
އެބޭފުޅާ: އަޅުގަނޑުމެން ތިބެނީ އަތަމާ ޕެލަސް ނަމަކަށް ކިޔާ ހޮޓަލެއްގައި، އެހެންވީމާ މަޣުރިބު ފަހުން އެތަނަށް ކުދިން ގެނެސް ދެވިދާނެތަ؟
އަޅުގަނޑު: އާދެ! އެކަން ކުރާނަން، އިންޝާ ﷲ.

މި ހިސާބުން އެބޭފުޅުން ހޮޓަލަށް ވަޑައިގެންފިއެވެ.

އަޅުގަނޑު ވަޢުދުވީ ގޮތައް އެކި ތަންތަނުން ރަޙުމަތްތެރިކުދިންނަށް ގުޅައިގެން މަޣުރިބު ފަހަށް އެ ހޮޓަލަށް ދާން އެނގީމެވެ. ޢަރަބި ވަފުދު ރާއްޖެއައީ އެހެން ފަރާތަކާ ގުޅިގެން ނޫނެވެ. މިސްކިތުން އަޅުގަނޑާ ބައްދަލުވުމުން އެކަމުގެ އިންޗާކަށް އަޅުގަނޑުވީއެވެ. އެވެސް ތަޤުދީރުގެ ނިޔާއެވެ. އެއީ މަދީނާގެ ވަފުދެއް ކުދިން ހޮވުމަށް ރާއްޖެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އެއިގެ ކުރިން، ދިވެހި ދަރިވަރުން މަދީނާއަށް ކިޔަވަންދަނީ ޕާކިސްތާނުގެ ޖާމިޢާ ސަލަފިއްޔާއިނެވެ. އަޅުގަނޑަކީ އެތަނުން ކިޔެވިމީހަކަށް ނުވާތީވެ، އެފުރުޞަތު ލިބޭނޭ ކަމަށް ދުވަހަކުވެސް ހިއެއް ނުކުރަމެވެ. އެކަމުގެ އެފުރުޞަތު ލިބޭތޯ ﷲ އަށް ދުޢާކުރީމެވެ.

ގާތް ގަނޑަކަށް ވިއްސަކަށް ޒުވާން ދަރިވަރުން އިންޓަވިއުއަށް ގެންގޮސް ދިނީމެވެ. އެ ހުރިހާ ދަރިވަރުން އިންޓަވިއު ކޮށް ނިމުނު އިރު ވެސް އަދި އަޅުގަނޑު އިންޓަވިއުއެއް ނުކުރެއެވެ. އަޅުގަނޑުގެ އަމިއްލަ އެދުމުގެ ވާހަކަ ނުދައްކައި ހުރީއެވެ، ބޭނުންވީ އެބޭފުޅުންނަށް އެހީވާށެވެ. އެބޭފުޅުން ވެސް އަޅުގަނޑު އިންޓަވިއު ކުރަން ބޭނުންވާ ވާހަކަ ނުދައްކަވާތީ ކެއްކޮށްލައިގެން ހުރީއެވެ. އަޅުގަނޑު ކިޔަވަންދާން ބޭނުންވާ ވާހަކަވެސް ނުބުނަމެވެ. މިހެން ހުއްޓާ، އެ ވަފުދުގެ ރައީސް ޑރ މުޙައްމަދު ޝައިބާނީ އަޅުގަނޑަށް ގޮވާލައްވާފައި ވިދާޅުވިއެވެ. ތިމަންނާމެން އިންޓަވިއުކުރަން ވަރަށް ބޮޑަށް ބޭނުންވާ ކުއްޖަކު އެބަހުއްޓެވެ. އަޅުގަނޑު ދެންނެވީމެވެ. އެއީ ކޮން ކުއްޖެއްތޯއެވެ؟ އެމީހަކު ހުރި ތަނަކުން ގެނެސްދޭނަމެވެ. އަވަހަށް ވިދާޅުވާށެވެ. ޑރ މުޙައްމަދު ޝައިބާނީ ހިނިތުންވެލައްވާފައި ވިދާޅުވިއެވެ. އެއީ ޝަހީމެވެ.
އޭނާ އެހެން ވިދާޅުވުމުން އަޅުގަނޑުގެ ހިތުގައި އުފާވެރިކަމުގެ ޝުޢޫރު ހިނގާން ފަށައިފިއެވެ. އެކަމަކު އަޅުގަނޑު ދެންނެވީމެވެ. މައްސަލައެއް ނެތެވެ. އަޅުގަނޑުގެ ދެ ޝަރުޠެއް އެބަ އޮތެވެ.
ޑރ ޝައިބާނީ: އެއީ ކޮން ދެ ޝަރުޠެއް ހެއްޔެވެ؟
އަޅުގަނޑު: ފުރަތަމަކީ އަޅުގަނޑު އިންޓަވިއުގައި ފެއިލް ނުކޮށް ޔުނިވަރސިޓީއަށް ހޮވެންވާނެއެވެ. ދެވަނަ ޝަރުޠަކީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއަކު އެބަހުއްޓެވެ. އޭނާ ވެސް އިންޓަވިއުކޮށް ޔުނިވަރސިޓީއަށް ހޮވަންވާނެއެވެ. އަޅުގަނޑު ބޭނުންވަނީ އޭނާ ވެސް ގޮވައިގެން ދާށެވެ. މިދެ ޝަރުޠަށް އެއްބަސްވެލައްވާ ނަމަ އަޅުގަނޑު މިހުރީ ކުރިއަށް ދާށެވެ. ދެން އެކުވެރިޔާގެ ނަމަކީ ކޮބައިތޯ އެއްސެވިއެވެ. އަޅުގަނޑު އޭނާގެ ނަން ދެންނެވީމެއެވެ. ދެން އޭނާ ކޮބައިތޯ އެއްސެވުމުން އެނާ މާލޭގައި އެބަ އުޅުއްވާކަމާއި އިންޓަވިއުއަށް ގުޅާލުމުން އަންނާނެ ވާހަކަ ދެންނެވީމެވެ. ދެން އަޅުގަނޑާއި އެކުވެރިޔާއާ ދެމީހުން ވެގެން އިންޓަވިއުގައި ބައިވެރިވީމެވެ.
ޑރ ޝައިބާނީ އިންޓަވިއު ނިންމާފައި ވިދާޅުވީ “ތިޔަ ދެމީހުންވެސް ހޮވާނަމެވެ.”

ދެން އަޅުގަނޑުމެން އިންޓަވިއުކޮށް ނިންމައިފީމެވެ. އަޅުގަނޑުމެން ހޮވާނޭ ކަމުގެ ވަޢުދާއެކު އޭގެ ދެ ދުވަސް ފަހުން އެބޭފުޅުން ފުރާވަޑައިގެންފިއެވެ. ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އެއްވެސް ޚަބަރެއްނުވެއެވެ. އިންތިޒާރުތައް ދިގުވެއްޖެއެވެ. މިހެން ދުވަސްތައް ހޭދަކުރަމުން ދަނިކޮށް އަލްއަޒްހަރު ޔުނިވަރސިޓީގެ ސްކޮލަރޝިޕްތަކަށް ދިވެހި ސަރުކާރުން އިޢުލާންކޮށްފިއެވެ. އަޅުގަނޑަށް މަދީނާއިން ޚަބަރެއް ނުވެ ލަސްވުމުން، އަޒްހަރަށް ދިއުމަށް އެދި އެ ފުރުޞަތަށް އަޅުގަނޑު ކުރިމަތިލައިފީމެވެ.
އެއް ދުވަހަކު ޢަރަބިއްޔާގައި ކިޔަވައިދޭން އުޅެނިކޮށް، އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖްލީހުގެ ރައީސް ފަޟީލަތުއްޝައިޚު މުޙައްމަދު ރަޝީދު އިބްރާހީމް އަޅުގަނޑާ ބައްދަލުކޮށްލަން އެދިލައްވާކަމުގެ ފޯންކޯލެއް އެ އޮފީހުން ލިބުނެވެ. އަޅުގަނޑު އެމަނިކުފާނުގެ ފައިންޕުޅު ދުށުމަށް އެފީހަށް ދިއުމުން ބައްދަލު ކުރައްވައިފިއެވެ.

ޝައިޚު ރަޝީދު ވިދާޅުވީ ޤުރުއާނުން ތަންކޮޅެއް ކިޔެވުމަށެވެ. އަޅުގަނޑު ކިޔަވައިފީމެވެ. ދެންވިދާޅުވީ މައްކާގައި އޮންނަ އިންޓަރނޭޝަނަލް ޤުރުއާން މުބާރާތުގެ “މުޅި ޤުރުއާން ޙިފުޒު ގޮފިން” ރާއްޖެ ތަމްސީލުކުރުމަށް އަޅުގަނޑު ފޮނުވަން ނިންމަވާފައިވާ ކަމަށެވެ. އަޅުގަނޑު ވަރަށް އުފާވިއެވެ. އެއީ މައްކާއަށް ދިއުމަށް އަޅުގަނޑަށް ލިބުނު އެންމެ ފުރަތަމަ ފުރުޞަތެވެ. އެދަތުރަކީ އަޅުގަނޑުގެ ޙަޔާތުގައި ލިބުނު އެންމެ އުފާވެރި ދަތުރެވެ. ދުވަހަކު ވެސް ދުވަހަކު ވެސް އަޅުގަނޑު ހިތައް ވެސް ނާރާ، އަދި އުންމީދުވެސް ނުކުރާ ފަދަ އާދައާ ޚިލާފު އުފާވެރި ކަމެއް އެދަތުރުގައި މާތް ﷲ އަޅުގަނޑަށް މިންވަރު ކޮށްދެއްވިއެވެ. އެއީ އެއްވެސް ޙާލެއްގައި މުބާރާތުން ވަނަ ލިބުމެއްނޫނެވެ. އެއަށް ވުރެ މާ ބޮޑު، އާދަޔާ ޚިލާފު އުފަލެކެވެ. އެއީ ކޮން ކަމެއް ކަން ދެންނަ ބައެއްގައި ބަޔާންކުރާނަމެވެ.