މަދީނާއިން އެއްވެސް ޚަބަރެއް ނުވެ ލަސްވަމުންދާތީއާއި، އަޅުގަނޑުގެ ޕްލޭނަކީ ޢުމުރުން 35 އަހަރުވާއިރު ޕީއެޗްޑީ ޙާޞިލްކުރުންކަމުގައި ވެފައި، އެންމެ އަހަރެއްވެސް ދޫކޮށްލައިފިނަމަ ވިސްނާފައިވާ ގޮތައް ކަންކަން ނުގޮސް ލަސްވެދާނެކަމަށްޓަކައި، ފުރުޞަތު ލިބިފައި އޮތް ގޮތަކަށް ކުރިއަށް ގެންދަން ނިންމައި އަލްއަޒުހަރު ޔުނިވަރސިޓީއަށް ދިއުމަށް ލިބިފައިވާ ސްކޮލާޝިޕްގައި މިޞްރަށް ފުރައިފީމެވެ.
މިޞްރަކީ ތަޢުލީމު ޙާޞިލުކުރުމަށްޓަކައި އަޅުގަނޑު ކުރަމުން ދިޔަ ވަރުގަދަ ޖިހާދުގެ ދެވަނަ މަންޒިލެވެ. އަޅުގަނޑަށް މިޞްރަށް ދެވުނީ އެބުރުގައި ފުރަން ހަމަޖެހިފައިވާ އެންމެހާ ދަރިވަރުން މިޞްރަށް ފުރައިގެން ދިޔަ ފަހުންނެވެ. އަޅުގަނޑުގެ ފުރުން ލަސްވީ މައްކާގައި އޮތް ޤުރުއާން މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރަން ޖެހުމުގެ ސަބަބުންނެވެ.
އަޅުގަނޑު މިޞްރަށް ފުރުމުގައި، އިދާރީ ގޮތުން ދިމާވި ދަތިތައް ޙައްލުކޮށްދެވުމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ފަޟީލަތުއްޝައިޚުލްއުސްތާޛު މުޙައްމަދު ރަޝީދު އިބްރާހީމް ވަރަށް ބޮޑަށް އެހީތެރިވެދެއްވިއެވެ. އެމަނިކުފާނަކީ ތަޢުލީމާ ގުޅޭ މިފަދަ ކޮންމެ ކަމެއްގައި ވެސް ވަރަށް ގާތުން އަޅުގަނޑަށް އެހީތެރިކަން ދެއްވި ޚުލްޤުހެޔޮ ބޭފުޅެކެވެ.
އަލްއަޒްހަރު ޔުނިވަރސިޓީ އަށް ދިޔައީ ކުއްލިޔަތުލްޤުރުއާނުގައި ކިޔަވައި ޤުރުއާނުގެ ޢިލްމުން ޑިގްރީ ހަދާށެވެ. އަޒްހަރަކީ އެއް ހާސް އަހަރުވީ މުސްލިމުންގެ އެންމެ ފަޚުރުވެރި ޢިލްމީ ކިއްލާއެވެ. އަޒްހަރު ޔުނިވަރސިޓީ އަށް އަޅުގަނޑުގެ ހިތުގައި އަބަދުވެސް ވަރަށް މަތިވެރި މަޤާމެއް ދެވިފައިވެއެވެ. ކަންތައް ދިމާވީ ދެރަގޮތަކަށެވެ. އަޅުގަނޑަށް ޖެހުނީ ޑިގްރީ އަށް ވަންނަން ޕްލޭސްމަންޓް ޓެސްޓެއް ހަދާށެވެ. އަޅުގަނޑަށް މިޞްރަށް ދެވުނު ލެއް ލަސްވުމުން، އެޓެސްޓް އޮތް ދުވަހަސް އޮތީ ފާއިތުވެ ގޮސްފައެވެ. އަޒްހަރުގައި އެޓެސްޓް އޮންނަނީ އަހަރަކު އެއް ފަހަރުއެވެ. ދެން ޖެހެނީ ދެން ޖެހިގެން އަންނަ އަހަރު ޓެސްޓް އޮންނަ ދުވަހުގެ އިންތިޒާރުގައި އަޒްހަރުގެ މަޢުހަދެއްގައި ކިޔަވާށެވެ.
މިކަން ވެގެން ދިޔައީ އުންމީދުތައް މާޔޫސްކޮށްލި ކަމަކަށެވެ. ޓެސްޓު އަންނަން ދެން އަޅުގަނޑު ކިޔަވަމުން ދިޔައީ ޤާހިރާގެ ޢައްބާސިއްޔާގައި ހުންނަ އަޒްހަރުގެ މަޢުހަދުގައެވެ. އެތަނުގައި ކިޔަވާދެނީ އަޅުގަޑު ދަންނަ އެއްޗިއްސެވެ. ހުރިހާ މާއްދާއަކަށް ވެސް ފަރިތައެވެ. ކުއްލިއްޔާ އޮފް ޤުރުއާނަށް ވަނުމަށްޓަކައި އިމްތިޙާން ހަދަންޖެހުނީ އަޅުގަނޑުގެ ޕާކިސްތާނުން ކިޔެވި މަޢުހަދަކީ އަޒްހަރުގެ ލިސްޓްގައި ނެތް ތަނަކަށް ވާތީއެވެ. އެގޮތައް ދިމާވާ ޙާލަތުގައި ދަރިވަރުންނަށް އޮންނަ ގޮތަކީ ޓެސްޓް ހަދާފައިވާ ޑިގްރީ އަށް ދިއުމެވެ. އަހަރަކު އެތައް ހާސް ދަރިވަރުން އަޒްހަރުގައި އެ ޓެސްޓް ހަދައެވެ. އަޅުގަނޑަށް ލަހުން ދެވުމުން ޓެސްޓް އޮންނަ ދުވަސް ފާއިތުވީއެވެ. އެކަމުގައި ވެސް އިލާހީ ޙިކުމަތެއް އޮތެވެ. އެވާހަކަ ފަހުން ބަޔާންކުރާނަމެވެ.
ޓެސްޓް ލިބޭތޯ ކުރި މަސައްކަތް
އެ އަހަރު އަލުން ޕްލޭސްމަންޓް ޓެސްޓް ލިބޭތޯ ވަރަށް މަސައްކަތްކުރީމެވެ. އަޅުގަނޑު ކިޔަވަން ހުރި މަޢުހަދުގެ ވެރިޔަކަށް ހުންނަވަނީ އަންހެންބޭފުޅެކެވެ. ކޮންމެ ދުވަހަކު ހެނދުނު މަޢުހަދަށް ގޮސް އަޅުގަނޑު އޭނާއާ ބައްދަލުކޮށް ޓެސްޓް ލިބޭނެ ގޮތެއް އޮތްތޯ ބަލަމެވެ. އެއްގޮތަކަށް ވެސް މަގެއް ނުފެނުނެވެ. ދެން އޭނާ ވިދާޅުވީ ތިޔަކަމަށް ޙައްލެއް ހޯދައިދެވޭނީ ސީދާ އަޒްހަރުގެ ރައީސަށެވެ. އެޖެހުނީ ބޮޑުތަނުގައެވެ. އެބޭފުޅާ ފައިންޕުޅު ދުށުމަކީ ފަސޭހަކަމެއްނޫނެވެ. ނަމަވެސް ގިވަޕެއް ނުކަރަމެވެ. އަޒްހަރުގެ ރައީސް ޕްރޮފެސަރ ޑރ. އަޙުމަދު ޢުމަރު ހާޝިމްގެ އޮފީހަށް އަޅުގަނޑު ގޮސް، ބޭރު ކުއްޖަކު ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ ޔުނިވަރސިޓީގެ ރައީސްއަށް ދަންނަވައި ދެއްވާތޯ ރިސެޕްޝަނުގައި ދަންނަވައިފީމެވެ. އެމީހުން ދެކޮޅު ހެދިއެވެ. އެމީހުން ބުނަކީ އެގޮތައް ބައްދަލު ނުކުރެވޭނެކަމަށާއި އެޕޮއިންޓްމަންޓް ހަދައިގެން ނޫނީ ނުވާނެ ކަމަށެވެ. އަޅުގަނޑު ދެންނެވީމެވެ. ނޫނެކެވެ. ކިޔަވާ ކުއްޖަކު ބައްދަލުކުރަން އައިމާ ބައްދަލު ކުރައްވާނެއެވެ. ދެން މިގޮތައް އާދޭސްކުރަން ފެށީމާ، އެތަނުން މީހަކު ތެދުވެގެން ގޮސް އެމަނިކުފާނުގެ އަރިހުގައި ދަންނަވައިފިއެވެ. އިރުކޮޅެއް ނުވެއެވެ. އަޒްހަރުގެ ރައީސްގެ ކޮޓަރިކޮޅުން ބިޔަ ބޮޑު މީހަކު ނިކުމެގެން އަޅުގަނޑާ ދިމާލަން އެބައާދެއެވެ. ރިސެޕްޝަނާ ހަމައަށް އޭނާ ވަޑައިގަތުމުން އެންމެން ކޮޅަށް ތެދުވެއްޖެއެވެ. އަދި އެތަނުން މީހަކު ބުންޏެވެ. ( ރައީސުލްގާމަޢާ) އެބުނަނީ އެއީ ( ރައީސުލްޖާމިޢާއެވެ.) ޔުނިވަރސިޓީގެ ރައީސެވެ. ދެން އަޅުގަނޑު ވެސް ކޮޅަށް ތެދުވެ އަދަބު ތަޢުޡީމު އާއި އިޙުތިރާމް އަދާކޮށްފީމެވެ. އެމަނިކުފާނު ކޮޓަރިކޮޅުން ވަޑައިގެންނެވީ ސީދާ އަޅުގަނޑާ ދިމާލަށެވެ. އެމަނިކުފާނު އަޅުގަނޑުގެ އަތުގައި ހިއްޕަވައި ( يا بني ) އޭ ދަރިފުޅާއެވެ. މިގޮތައް މުޚާޠަބު ކުރެއިއެވެ. އެހާ ޚުލްޤު ހެޔޮކޮށް މުޢާމަލާތުކުރެއްވި ބޭފުޅަކު ދުވަހަކުވެސް އެއިގެ ކުރިން ނުދެކެމެވެ. އެ ދުވަހު އަޅުގަނޑު ގެންދަވައި އެމަނިކުފާނު އަރިހުގައި ބައިންދަވައި އަޅުގަނޑަށް ދިމާވެގެން އުޅޭ ދަތިތަކާ ބެހޭ ގޮތުން ސުވާލު ކުރެއްވިއެވެ. އަޅުގަނޑު ވެގެން އުޅޭ ގޮތް ތަފްޞީލުކޮށް ކިޔައިދީފީމެވެ. އަޅުގަނޑުގެ ވާހަކަ އަޑު އައްސަވައި އެކަމުގައި އަޒްހަރުން ޢަމަލުކުރާގޮތުގެ ވާހަކަ އަޅުގަނޑުގެ ގާތުގައި ވިދާޅުވިއެވެ. އެ ޓެސްޓަކީ އަހަރަކު އެއްފަހަރު އޮންނަ ޓެސްޓެއްކަމާއި، އެހެން ނަމަވެސް އިތުރު ގޮތެއް ވޭތޯ ބައްލަވާނެވާހަކަ ވިދާޅުވިއެވެ. ދެން އެ ދުވަހު އެ ބައްދަލުވުން ނިންމައި އަޅުގަނޑު ގެއަށް ގޮސްފީމެވެ. އަޒްހަރު ޔުނިވަރސިޓީގެ ރައީސްއާ އަޅުގަނޑު ބައްދަލުކުރި ވާހަކަ ބައެއް ރަޙުމަތްތެރިންނަށް ދެންނެވުމުން އެމީހުން ޙައިރާންވިއެވެ. އެއީ ފަސޭހައިންވާ ގޮތައް އޮންނަ ކަމަކަށް ނުވާތީއެވެ. އަޅުގަނޑު ޤަބޫލު ކުރާ ގޮތަކީ ކޮންމެ ކަމެއްވެސް ކުރަން އުޅުނީމާ ވާނޭ ކަމެވެ.
އަޅުގަނޑު އުޅެމުން ދިޔައީ ޤާހިރާގެ މަދީނަތު ނަޞްރު އަލްޙައްޔުއްސާބިޢުގައެވެ. ވަރަށް ގިނަ ދިވެހިން ވެސް އުޅެއެވެ. އެންމެހާ ދަރިވަރުންގެ މެދުގައި ގުޅުންތައް ވެސް ރަނގަޅެވެ. އެކި އެކި ޙަރަކާތްތަކަށް ދިވެހިން އެއްވެ އުޅޭ ގެއެއްވެސް ޤާހިރާގައި ހުރެއެވެ. އަޅުގަނޑަށް ވަރަށް ހެޔޮ ރަނގަޅު ދިވެހި ބޭފުޅުނާ މިޞްރުން ދިމާފިއެވެ. އެއިގެ ތެރޭގައި އަލްއުސްތާޛު އަބްދުލްމުޢީދު ޙަސަންއާއި، އައްޝައިޚުލްއުސްތާޛު މުޙައްމަދު މޫސާއާއި، ޑރ އާޒާދުއާއި، ޖާދުއްﷲ އާއި މުޙައްމަދު ފަޒީލު ފަދަ ބޭފުޅުން އަޅުގަނޑާމެދު ވަރަށް ހެޔޮކޮށް މުޢާމަލާތު ކުރައްވައި ވަރަށް ގާތްކަން ބެހެއްޓެވިއެވެ. އަޅުގަނޑު އެންމެ ފުރަތަމަ އީމެއިލް އެޑްރެސް އެއް ހުޅުވީ މިޞްރުގައެވެ. އެކަމުގައި އަޅުގަނޑަށް އެހީވީ ޖާދުﷲ އެވެ. އަދިވެސް އަޅުގަނޑު ގެންގުޅެނީ އެއީމެއިލް އެޑްރެހެވެ. އެއީ ވަރަށް މަޖާ ދުވަސްތަކެކެވެ. އެއީ އެންމެ ޒުވާން ދުވަސްވަރެވެ. މިޞްރުގެ މާޙައުލުވެސް އެހާ ހިއްގައިމެވެ. ނީލަ ކޯރުގެ އައްސޭރިން ލިބޭ ހިއްގައިމު ފިނި ނަސީމީ ރޯޅިތަކުގެ އުފާވެރިކަމުގެ ވާހަކަ މިތަނުގައި ބަޔާންކުރަން ވެސް ދައްޗެވެ. ނީލަކޯރުގެ ތެރެއިން އުފެދިގެން އެ އަންނަ ރޯޅިތަކުން އުންމީދީ ވާހަކަ ތަކެއް ކިޔައިދޭ ފަދައެވެ. ޤާހިރާގައި އެކަނިވެރިކަން އިޙުސާސްވި ނަމަވެސް ހިތުގައި އުންމީދީ ޝުޢޫރުތަކެއް ހިތުގައި ބިންވަޅު ނެގެމުން ދިޔައެވެ. އެވާހަކަ ބާއްވާށެވެ! އެއީ ދައްކަން ފަސޭހަވާހަކަ އެއްނޫނެވެ.
މިޞްރުގެ ވާހަކަ ކިޔައިދޭން އަޅުގަނޑު ދޫކޮށްލާށެވެ. މިޞްރަކީ ވަރަށް މީހުން ހެޔޮ މުޖުތަމަޢެކެވެ. އެމީހުންގެ ބަސްމަގުއި ޖާޒުބީ ގޮތެއް ހުރެއެވެ. އަޒްހަރުން ވެސް އަދި މުޅި މުޖުތަމަޢުން ވެސް ބޭރުގެ ކިޔަވާ ކުދިންނަށް ވަރަށް އިޙުތިރާމްކުރެއެވެ. އެމީހުން ދެކެނީ ބޭރު ކިޔަވާ ކުދީންނަކީ މެހުމާނުންގެ ގޮތުގައެވެ. އަޒްހަރުގައި ހުންނަ ކިޔަވާކުދިންނާ ބެހޭ އޮފީހަށް ކިޔަނީ ވެސް އިދާރަތުލްވާފިދީނެވެ. އޭގެ މާނައަކީ ވަފުދުތައް ނުވަތަ މެހުމާނުންގެ އޮފީހެވެ.
މިސްކިތުގެ އިމާމުކަން ކުރުން
ރޯދަމުގައި ގޭގައި އިނދެ ފޫހިވެގެން، އެއްދުވަހަކު ހިގާލަން ނުކުތީމެވެ. ހިނގަމުން ގޮސް އެ އަވަށުގައި ހުންނަ މިސްކިތަށް ގޮސް ވަދެއްޖައީއެވެ. ޢަޞްރު ނަމާދު ފަހުން ޤުރުއާން ކިޔަވާ ޖަމާޢަތެއް ( ޙަލަޤާއެއް) މިސްކިތުގައި އޮތެވެ. ޚަތިމެއް ހިފައިގެން އެ ޙަލަޤާތެރެއަށް ވަދެ އިށީނދެއްޖައީމެވެ. ޙަލަޤާގައި އިސް މީހަކު އިނެވެ. ދެން ތިބީ ކިޔަވާ މީހުންނެވެ. ފަހަރަކު މީހަކު ޞަފްޙާއެއް ކިޔަމުން ދެއެވެ. އެއިން މީހަކު ކުށެއްކިޔައިފި ނަމަ މިބުނި އިސްމީހާ އެކުށް ރަނގަޅު ކޮށްދެއެވެ. އެންމެ ފަހުން އަޅުގަނޑުގެ ދައުރު އައުމުން އަޅުގަނޑަށް ކިޔެވުނު ހައި ރީތިކޮށް ކިޔަވައިފީމެވެ. ޙަލަޤާގައި ތިބި މީހުން އެކަމާ އުފާވިއެވެ. އަދި އަޅުގަނޑަކީ ކޮން ޤައުމެއްގެ ކުއްޖެއްތޯ އަހައި ޢަޖަމީންގެ މީހަކު ރީކޮށް ކިޔެވީމާ އުވާފާ ވާހަކަ ބުންޏެވެ. ޙަލަޤާ ނިމުމުން، އެތަނުގައި އިސްކޮށް އިން މީހާ އަޅުގަނޑަށް ގޮވާލިއެވެ. ކަމަކު ދާކަށް ނެތެވެ. އޭނާއަކީ އެ މިސްކިތުގެ އިމާމެވެ. އޭނާއަޅުގަނޑުގެ އަތުގައި ހިފައިގެން ގޮސް މިސްކިތުގައި ހުންނަ އޭނާގެ އޮފީހަށް ވެއްދެވިއެވެ. އޭނާ އެއްސެވިއެވެ. ޤުރުއާން ހިތު ދަސްހެއްޔެވެ؟ އަޅުގަނޑު ދެންނެވީމެވެ. ސާހިބާ އާދޭހެވެ! ދެން އޭނާ ވިދާޅުވިއެވެ. މި މިސްކިތުގައި މިރެއިން ފެށިގެން އިމާމުވެ ތަރާވީސް ކުރެވިދާނެ ހެއްޔެވެ؟ އަޅުގަނޑު ދެންނެވީމެވެ. ސާހިބާ އާދޭހެވެ! އެއަށް ފަހު ތާރާވީޙަށް ދަނީ އެ މިސްކިތަށެވެ. އިމާމުވެ ނަމާދުކުރަމެވެ. އެ މިސްކިތުގެ މީހުން އެކަމުގެ ސަބަބުން އަޅުގަނޑަށް ވަރަށް ކަމޭ ހިތައި އުޅުނެވެ.
ކާވެއްޏެއް ހުށަހެޅުން.
މިގޮތުގެ މަތީން ކޮންމެ ރެއަކު މިސްކިތައް ދަމެވެ. އެ މިސްކިތުން ކޮންމެ ރެއަކު ނަމާދު ނިންމާފައި ނިކުންނަ އިރު އަޅުގަނޑަށް ސަލާމްގޮވާލަން މެދު ޢުމުރެއްގެ މޫނާ ބުރުގާ އަޅާފައި ހުންނަ އަންހެނަކު ހުރެއެވެ. އެމީހާއާ ދިމާވާތާ ދެތިންރޭ ފަހުން، އެއްރެއަކު އެމީހާ ސަލާމް ގޮވާފައި އަޅުގަނޑާ ވާހަކަ ދެއްކިއެވެ. އޭނާގެ ނަމަކީ އުންމު މައްޔާ އެވެ. އަދި އޭނާގެ ފިރިކަލުންނަކީ ޚައްބާޒެއް ( ރޮށި ފިހާ) މީހެއްކަމާއި އެދެމީހުންގެ އަންހެން ދަރިޔަކު ހުންނަކަމާއި، ތިހާ ރީތިކޮށް ޤުރުއާން ކިޔަވާ ކުއްޖެއްކަމުން އޭނާގެ ކައިވެނި ހުށަހަޅަން ބޭނުންކަން ބުންޏެވެ. އެ ދުވަސްވަރު އަޅުގަނޑު އަދި ކައިންވެންޏެއް ނުކުރަމެވެ. ނަމަވެސް ސިކުނޑީގައި ޒަވާޖީޙަޔާތާމެދު އެހެން ވިސްނުމެއް އެވަގުތު އޮތެވެ. މި އަންހެންމީހާގެ ހުށަހެޅުމުގެ ވާހަކައާމެދު އަޅުގަނޑުގެ އެންމެ ގާތް ދިވެހި އެކުވެރިޔާގެ ގާތުގައި ދެނެވުމުން އޭނާ ބުނީ ” ތިއޮތީ ރަޙުމަތެއް ލައްވާފަ. ކަލޭ ތިކަން ކުރަންވާނެއެވެ. ” މި ގޮތައް ބުނެ، ހީ ސަކަރާތް ޖެހިއެވެ. ދެން މިސްކިތުން އެމީހާއާ ދިމާވުމުން އެކަން ކުރެވެން ނެތްވާހަކަ ދަންނަވައިފީމެވެ. މިއަދު ހިތައް އަރަނީ އެކަން ކުރެވުނު ނަމައެވެ. އެއިރުން މިޞްރު މީހަކާ ވެސް އިނދެވުނު ކަން އޮންނާނެތާއެވެ.
މާއިދަތުއްރަޙުމާން
މިޞްރުގެ މިސްކިތްތަކުގައި ރޯދަ މަހު ރޯއްދަ ވީއްލަން ވަރަށް ބޮޑަށް ތައްޔާރު ކުރެއެވެ. ސުފްރާއަށް ކިޔައި އުޅެނީ (މާއިދަތުއްރަޙުމާން)ނެވެ. އެތަނުގައި ނުހުންނަ އެއްޗެއް ނުވެއެވެ. އެއުރެން އެކަން ކޮށް އުޅެނީ ﷲ އަށްޓަކައި ކަމުން އެ ސުފުރާ އަކީ އެމީހުން ކައިބޮއި އުޅޭ އެންމެ ހެޔޮ ތަކެތީން ތައްޔާރު ކުރާ ސުފުރާއެކެވެ. އަޅުގަނޑު ރޯދަ ވީއްލަން ވަރަށް ގިނައިން އެ ސުފުރާތަކަށް ދަމެވެ. ކޮންމެ ތަނަކުން ވެސް ފެންނަނީ އެއުރެންގެ މާތްކަމާއި ދީލަތިކަމާއި އިޙުސާންތެރިކަމެވެ.
މުދައްރިސް ދެއްވީ އަގުހުރި ނަސޭޙަތް
މަޢުހަށް ކިޔަވަން ދަމެވެ. އެއް ދުވަހަކު މާޔޫސް ވެގެން އުޅެނިކޮށް، ސިޔަރަތު މާއްދާ ކިޔަވައިދޭ އުސްތާޛު އަޅުގަނޑަށް ނަސޭހަތްތެރިވިއެވެ. އޭނާ ވިދާޅުވިއެވެ.” ޝަހީމެވެ. ދެރަ ނުވާށެވެ. މާޔޫސް ނުވާށެވެ. ކޮންމެ ކަމެއް ލަސްވުމުގައި ވެސް ޙިކުމަތެއް އޮންނާނެއެވެ. ( އޭނާ އެ އިޝާރާތްކުރެއްވީ ޕްލޭސްމަންޓް ޓެސްޓު ނުލިބިގެން އަޅުގަނޑު އެއް އަހަރު މަޑުކުރަން ޖެހުނު ވާހަކައެވެ.) ދެން އޭނާ ވިދާޅުވިއެވެ. ޝަހީމަށް ﷲ މިންވަރު ކުރައްވާފައިވަނީ އެހެން ގޮތެއްކަމުގައި ވެސް ވެދާނެއެވެ. ވިމާ ކެތްތެރިވާށެވެ. ) މިހުރިހާ ނަސޭހަތެއް ދެއްވަމުން ދިޔަ އިރު ކަނުލައި އަޑު އަހަންހުރީމެވެ. އެއީ ވަރަށް ތަޤުވާވެރި މާތް އުސްތާޛެކެވެ. އަޅުގަނޑުގެ ބުރަކައްޓާކައި މޭގައި ވެސް އަތް ޖައްވައި ހިއްވަރު ދެއްވައި ބޮލުގައި ފިރުމާވެސް ލެއްވިއެވެ. މިޞްރުގެ މީހުންނަކީ ވަރަށް ވެސް ހެޔޮ ބައެކެވެ.
ދިވެހި ދަރިވަރުންނާއެކު މަޖާވެސް ކުރެވެއެވެ. އެޓޭޗްކުރެވިފައިވާ ފޮޓޯއަކީ އެންމެހާ ދަރިވަރުން ދަތުރުދިޔަ ދުވަހެއްގެ ފޮޓޯއެކެވެ. އެ ދުވަހު ދިޔަ ބައިވެރިން ދެ ޓީމެއް ނަގައިގެން ފުޓްބޯޅަވެސް ކުޅުނެއެވެ. އަޅުގަނޑު އިންނަނީ ބަލަން އެކަންޏެވެ. އެ ދެޓީމުން އެއް ޓީމަށް ކީ ނަމަކީ “ކުއްލު ޙާޖާ” އެކެވެ. އަނެއް ޓީމުގެ ނަމަކީ “އައްޔު ޙާޖާއެވެ. ” އެއީ މަޖާ ދުވަހެކެވެ. ޢަރަބިއްޔާ ސްކޫލުގެ ގްރޭޑް 6 ގައި އެކީގައި ކިޔަވަން އުޅުނު ދަރިވަރުންނާ މިޞްރުން ދިމާވިއެވެ. އަޅުގަނޑުމެންގެ މެދުގައި ގުޅުން ރަނގަޅެވެ.
މިޞްރުގައި އަހަރެއްހާ ދުވަހު އުޅުމަށް ފަހު، 2000 ވަނަ އަހަރު ކުރީކޮޅު، އަޅުގަނޑުގެ އެކުވެރި މުޙައްމަދު ފަޒީލު އަތުން ލޯނެއް ނަގައިގެން ޓިކެޓް ގަނެގެން ޗުއްޓީއަށް އަޅުގަނޑު މާލެ އަތުވެއްޖެއީމެވެ. މާލެ އައި އިރު އޮތީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީއަށް ހޮވުނުކަމުގެ އޮފަރލެޓަރ ޕޯސްޓުން ގެއަށް އައިސްފައެވެ. ދެން ހިތުގައި އުފެދުނު ސުވާލުތަކަކީ، އެއްހާސް އަހަރުވީ ޔުނިވަރސިޓީގައި ސަރުކާރުގެ ޚަރަދުގައި ކިޔެވުން ކުރިއަށް ގެންދާނީ ހެއްޔެވެ؟ ނުވަތަ މަދީނާއަށް ދާނީހެއްޔެވެ؟ މިކަމުގައި، ދަންނަ ބައެއް މީހުންނާ މަޝްވަރާ ކުރުމުން އެއްބަޔަކު ބުނީ ރަނގަޅު ވަޒީފާއެއް ލިބޭނީ އަޒްހަރުން ކިޔެވީމަކަމާއި މަދީނާއަކީ ވައްހާބީ ދީން ފަތުރާ ތަނެއްކަމަށެވެ. އެއީ ޙަޤީޤަތަކަށް ނުވި ނަމަވެސް ރަށުތެރޭގައި އެ ދުވަސްވަރު، މަދީނާގެ އިސްލާމީ ޔުނިވަރިސީޓީއާމެދު މީހުން ދެކެމުން އައީ އެގޮތަށެވެ. ދެން މިކަމުގެ ކުރިމަތީގައި އަޅުގަނޑު ޢަމަލު ކުރި ގޮތުގެ ވާހަކަ ދެން އަންނަ ބައެއްގައި ބަޔާންކުރާނަމެވެ.