މަދީނާގެ އިސްލާމީ ޔުނިވަރސިޓީ އިން ތަޢުލީމު ޙާޞިލްކޮށްގެން މާލެ އައުމާއެކު ވަޒީފާތަކުގެ އެކި ދޮރުތައް ހުޅުވެން ފެށިއެވެ. ދެ ތަނަކުން އަޅުގަނޑަށް ވަޒީފާގެ ފުރުޞަތު ހުށަހެޅިއެވެ. ފުރަތަމަ ވަޒީފާއަކީ މިނިސްޓްރީ އޮފް ޖަސްޓިސް އިން ހުށެހެޅުއްވި، ޖިނާއީ ކޯޓްގެ ފަނޑިޔާރުކަމެވެ. ދެވަނަ ވަޒީފާއަކީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ސުޕަވައިޒަރުކަމެވެ.
ފަނޑިޔާރުކަމުގެ މުސާރައަކީ (29 ހާސް) ރުފިޔާއެވެ. އޭގެ އިތުރުން އުޅޭނެ ތަނުގެ ކުއްޔާއި އިތުރު ޢިނާޔަތްތަކާއި، އަދި އިތުރަށް ކިޔަވަން ބޭނުންވިޔަސް އެ ފުރުޞަތު ވެސް ފަހިކޮށްދޭނެކަމަށް ބުންޏެވެ.
ދެން އޮތީ ޤުރުއާނާ ބެހޭ މަރުކަޒުގެ ސުޕަވައިޒަރު ކަމުގެ މަޤާމެވެ. އެއީ ދެ ހާސް ރުފިޔާގެ މުސާރައިގެ ވަޒީފާއެކެވެ. ދިރިއުޅުމުގެ ކަންކަން ހުރި ގޮތުގެ މައްޗަށް ބިނާކޮށް މުސާރައިގެ ކަންކަމުގައި ވިސްނީމެވެ. ނަމަވެސް ކީރިތި ޤުރުއާނަށް ޚިދުމަތްކުރަން މަރުކަޒުން އެދޭތީވެ، ކިތައްމެ ކުޑަ ކުޑަ މުސާރައަކަށް ވިޔަސް އެމަތިވެރި ޝަރަފް ދޫކޮށްނުލަން ޢަޒުމް ކަނޑައަޅައި އަޅުގަނޑު ޤަބޫލު ކުރީ ޤުރުއާނާ ބެހޭ މަރުކަޒުގެ ސުޕަވައިޒަރ ގެ މަޤާމެވެ. އެތަނުގައި އޮންނަނީ ޤުރުއާނަށް ޚިދުމަތްކުރުމެވެ. ޙިފުޒުކުލާސްތައް ބެލެހެއްޓުމެވެ. ޙާފިޒުން ބިނާކުރުމެވެ. މާތް ﷲ ގެ ފޮތައް ޚިދުމަތްކުރުމަށް ވުރެ މަތިވެރި ކަމެއްނޯންނާނެ ކަމާއި، އުންމީދުކުރާ އެހެން ކަންކަން ﷲ ފަހިކޮށްދެއްވާނޭ ކަމުގެ ޔަޤީންކަން އަބަދުވެސް ހިތުގައި ޔަޤީންކަމާއެކު އޮންނާތީ ނަވާވީސް ހާސް ރުފިޔާއާއި ފަނޑިޔާރުކަން ދޫކޮށް، ދެ ހާސް ރުފިޔާގެ ވަޒީފާއަށް ދިޔައީމެވެ.
މާލީ ގޮތުން އަޅުގަނޑަށް ވަރަށް ދައްޗެވެ. ދެ ހާސް ރުފިޔާއިން މާލޭގައި އުޅެވޭނެ ގޮތަކާ މެދު ފިކުރު ހިންގާލައްވާށެވެ.އެއިރު އަޅުގަނޑުގެ ދަރިފުޅަކު ވެސް އޮތެވެ. ޢާފިޔާވެސް ވަޒީފާއަށް ދެއެވެ. ދެ މީހުންގެ މަސައްކަތުން ދިރިއުޅުން ބިނާކުރީއެވެ. އެ މުއްދަތުގައި އެހެން ތަންތަނަށް ޕާޓްޓައިމްކޮށް ކިޔަވާދޭން ދަމެވެ. މިގޮތުން ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި އިސްލާމިކް ލޯ ކިޔަވާދިނީމެވެ. އަދި ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާގައި ތަފްސީރު ކިޔަވައިދިނީމެވެ. ކުއްލިއްޔާގައި ކިޔަވާދިނީ ހިލޭ ސާބަހަށެވެ. އެ ދެ މުއައްސަސާގައި އަޅުގަނޑު ކިޔަވާދިން ދަރިވަރުން، ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ޙާޞިލްކޮށްގެން ރާއްޖޭގައި ވެސް އަދި ބޭރުގެ މުއައްސަސާތަކުގައި ވެސް ވަޒީފާގައި އެބަ ތިއްބެވެ. އެ ދަރިވަރުންނާ މެދު ފަޚުރުވެރިވަމެވެ.
ޤުރުއާނާ ބެހޭ މަރުކަޒުގެ ވެރިޔަކަށް ހުންނެވީ ޑރ އަބްދުލްމަޖީދު އަބްދުލްބާރީ ( رحمه الله) އެވެ. އެމަނިކުފާނަކީ ކީރިތި ޤުރުއާނުގެ ޢިލްމު ރާއްޖޭގައި ފެތުރުއްވެވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނު ދެއްވާ އިރުޝާދުގެ ދަށުން އެ މަރުކަޒުގެ ލައިބްރަރީއާއި ޙިފުޒު ކުލާސްތައް ހިންގައި ތަރައްޤީކުރުމުގައި ގިނަ މަސައްކަތްކުރެވުނެވެ.
މިވާހަކަތައް ކިޔަވާކުދިންނަށް އަޅުގަނޑު މިކިޔާދެނޭ ހިއްވަރު ދިނުމުގެ ގޮތުންނެވެ. ދަތިތަކަށް ފަހު އުފާވެރިކަމާ ހަމަ އަށް ދެވޭނެއެވެ. ޤުރުއާނަށް ޚިދުމަތްކުރުމަކީ ނިކަމެތިވެގެންދާނެ ކަމެއްނޫނެވެ.
ތެދުމަގު ޕްރޮގްރާމް:
މަދީނާއިން ތަޢުލީމު ޙާޞިލްކުރުމަށް ފަހު މާލެއައިސް، ޓީވީއެމްއާ ގުޅިގެން ( ތެދު މަގު) ނަމުގައި ޚާއްޞަ ދީނީ ޕްރޮގްރާމެއް ގެނެސްދިނީމެވެ. އެއިގެ ( 26) ވަނަ ޕްރޮގްރާމަށް ފަހު، އެ ޕްރޮގްރާމް ޓިވީ އެމް އިން ހުއްޓާލީ ޢަދާލަތު ޕާޓީ އުފެއްދުމުގެ ޙަރަކާތާ އަޅުގަނޑު ގުޅުމުގެ ސަބަބުންނެވެ.
ލިއުންތެރިކަން
އަބަދުވެސް އެކި އެކި މައުޟޫޢަށް ލިޔަން ޝައުޤުވެރިވަމެވެ. މިހެންކަމުން އެދުވަސްވަރު މާލޭގައި ނެރެމުން ދިޔަ ވަރަށް ގިނަ މަޖައްލާތަކަށް ވެސް ލިޔަމެވެ. އައްޑުވަސް، ދަރުމަ ފަދަ މަޖައްލާތަކަށް ލިޔުނީމެވެ. އަދި ޤުރުއާން މަރުކަޒުގައި ލިބޭ ހުސްވަގުތުތަކުގައި އޮފީހުގައި އިނދެ ވެސް ލިޔަމެވެ. މިގޮތުން (ދީނާއި ދުނިޔެ ) ނަމުގައި ފަސް ވޮލިއުމްގެ މައްޗަށް އެކުލެވިގެންވާ ސިލްސިލާއެއް ލިޔުނީމެވެ. އެއީ އެކި ދާއިރާތަކާ ގުޅޭ މައުޟޫޢުތަކެވެ. އެ ސިލްސިލާގެ ބައެއް ބައިތައް ޕަބްލިޝްކުރެވިފައިވާނެއެވެ. ދަރިވަރުން އެސައިންމަންޓް ހަދަން ރެފެރެންސްގެ ގޮތުގައި ފޯރުކޮށްދީފައިވާނެއެވެ. ނަމަވެސް މައިގަނޑު އެ ސިލްސިލާ އަދިވެސް ރައްކާކުރެވިފައި އެބައޮތެވެ. އެއްކޮށް ޕަބްލިޝްކުރުމަށްޓަކައި އިތުރު މަސައްކަތްކުރަންޖެހެއެވެ. އެ ސިލްސިލާއަކީ،
ދީނާއި ދުނިޔެ1 (ދީނުގެ ޙުކުމްތަކާއި ދައުލަތް)
ދީނާއި ދުނިޔެ2 (ދީނުގެ އަޅުކަމާއި މުޢާމަލާތާއި ފިޤުހު)
ދީނާއި ދުނިޔެ3 (ދީނުގެ އުޞޫލުތަކާއި މުޖުތަމަޢު)
ދީނާއި ދުނިޔެ4 (ދީނުގެ އިރުޝާދުތަކާއި ކާއިނާތުގެ ނިޒާމު)
ދީނާއި ދުނިޔެ5 (އިސްލާމީ ތަރުބިޔަތާއި ނަފްސާނީ ޢިލްމު)
ޤުރުއާނަށް ޚިދުމަތްކުރުމަށްޓަކައި އެ މަރުކަޒުގައި އުޅުނު ދުވަސްތަކަކީ ވަރަށް ވެސް އުފާވެރި ދުވަސްތަކެކެވެ. އެއީ ސަރުކާރުގައި އަޅުގަނޑު އަދާކުރި ދެވަނަ ވަޒީފާއެވެ. ޤުރުއާނާ ބެހޭ މަރުކަޒުގައި އުޅުނީ 2005 އިން ފެށިގެން 2006 އަކަށެވެ.