މަދީނާގެ އިސްލާމީ ޔުނިވަރސިޓީ އަށް ކިޔަވަން ދިއުމަކީ އަޅުގަނޑު ވަރަށް ކުރިން ފެށިގެން ކުރަމުން ދިޔަ އުންމީދެކެވެ. ދެކެމުން ދިޔަ ހުވަފެނެކެވެ. އެ އުންމީދުގައި ކުލަ ޖެހި އެ ހުވަފެން ޙަޤީޤަތަކަށް ވުމުގެ ކޮޅުމަތި ފެށުނީ ރާއްޖޭގެ އިސްލާމީ މަރުކަޒުން މަދީނާގެ ވަފުދާ ބައްދަލުވީ ހިސާބުންނެވެ. މިޞްރުގައި ކިޔަވަން ހުރެފައި މާލެ އައި އިރު، މަދީނާގެ އިސްލާމިކް ޔުނިވަރަސިޓީގެ އޮފަރ ލެޓަރ އައިސްފައި އޮތެވެ. އޮފަރ ލެޓަރ ލިބުން އިރު، އަޅުގަނޑު ވަނީ އަލްއަޒްހަރު ޔުނިވަރަސިޓީއާ ގުޅި ކިޔެވުން ފަށާފައެވެ. މާލެ އައިސް ހުރީ ޗުއްޓީ އަށެވެ.
މި ޙާލަތުގައި ދެން ކަންތައްކުރާނީ ކިހިނެއްތޯއާ މެދު ހިތުގައި ސުވާލުތައް އުފެދުނެވެ. ކޮންމެ މީހަކު ނަމަވެސް ވާނީ އެހެން ނޫންތޯއެވެ؟ އަލްއަޒްހަރު ޔުނިވަރސިޓީއަކީ އިސްލާމީ އުންމަތުގެ އެއް ހާސް އަހަރުވީ ޢިލްމީ ކިއްލާއެވެ. އެތަނުގައި ވެސް އެހާމެ ކިޔަވާ ހިތްވެއެވެ. އަނެއްކޮޅުން އޮތީ މަދީނާގެ އިސްލާމީ ޔުނިވަސިޓީއެވެ. މަދީނާއަކީ ލޮބުވެތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މުޤައްދަސް ރަށެވެ. އެތަނުގައި އަލްމަސްޖިދުއްނަބީ ވެއެވެ. ނަބަވީ މިސްކިތުގައި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޤަބުރުފުޅުވެއެވެ. ޚަލީފާއިންނާއި އަޞްޙާބު ބޭކަލުންގެ ހަނދާންތައް ވެސް މަދީނާގައިވެއެވެ.
އަލްއަޒްހަރު ޔުނިވަރސިޓީއާއި މަދީނާގެ އިސްލާމީ ޔުނިވަރސިޓީއާ ދެމެދު އޮތީ ތަޢުލީމާ ގުޅުން ހުރި ކަމެއްކަމުން މިކަމުގައި އިތުރު މަޝްވަރާއަކަށް ދާން ވިސްނީމެވެ. މިގޮތުން ބައެއް ރަޙުމަތްތެރި ޢިލްމުވެރިންނާ މަޝްވަރާކުރީމެވެ. އެއިގެ ތެރޭގައި މަދީނާއިން ކިޔަވާ ވިދާޅުވެގެން ތިއްބެވި ބައެއް ބޭފުޅުންނާއި އަލްއަޒްހަރުން ކިޔަވާވިދާޅުވެގެން ތިއްބެވި ބައެއް ބޭޅުން ވެސް ހިމެނިވަޑައިގަންނަވައެވެ. އެއްބަޔަކު ބާރު އެޅުއްވީ މަދީނާއަށް ދިއުމަށެވެ. އަނެއްބަޔަކު ވިދާޅުވީ ތަޢުލީމު މިހާރު ފަށާފައިވާ ގޮތައް އަލްއަޒުހަރުގައި ކިޔެވުން ކުރިއަށް ގެންދިއުމަށެވެ. އެއީ އެއްހާސް އަހަރުވީ ޢިލްމީ މަރުކަޒުކަމުން ޢިލްމީ ގޮތުން އެތަނުގެ މުހިންމުކަން ބޮޑުކަމާއި، އެތަނުން ކިޔަވައިގެން ވަޒީފާ އެއް ހޯދަން ވެސް ފަސޭހަވާނެކަމަށެވެ. މަދީނާގެ އިސްލާމީ ޔުނިވަރސިޓީއިން ކިޔަވައިގެން ރަނގަޅު ވަޒީފާއެއް ވެސް ނުލިބިދާނެކަމާއި މިފަދަ ވާހަކަތައް ބައެއް ބޭފުޅުން ވިދާޅުވިއެވެ. އެއީ ދެން އެބޭފުޅުންގެ ރައުޔެވެ.
މަޝްވަރާތަކަށް ފަހު، މަދީނާއަށް ކިޔަވަން ދިއުމަށް އަޅުގަނޑު ޢަޒުމް ކަނޑައެޅީމެވެ. އެގޮތައް ނިންމުމުގައި ވިސްނީ މާތް ﷲ އަޅުގަނޑު ނިކަމެތި ނުކުރައްވާނެކަމާއި މަދީނާއަށް މިދަނީ އެތަނުގެ މުޤައްދަސްކަމުންކަމާއި ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިސްކިތުގައި ނަމާދުކުރުމުގެ ޝައުޤުގައި ކަމާއި ޢިލްމު ހޯދުމަށްކަމަށާއި މިކަންކަމުގެ މައްޗަށް އަޅުގަނޑުގެ ނިންމުން ބިނާކުރީމެވެ.
ޕާކިސްތާނުގައި ކިޔަވަން އުޅުނު އިރު އަޅުގަނޑުމެންގެ އުސްތާޛަކު ދެއްވި އަގުހުރި ނަސޭޙަތެއް ހަނދާނުގައި އަބަދުވެސް ހުރެއެވެ. ” ޝަހީމެވެ! ވަޒީފާއަށްޓަކައި ނުކިޔަވާށެވެ. ޢިލްމު ހޯދައިގެން ޤައުމާއި އުންމަތަށް ޚިދުމަތް ކުރުމަށްޓަކައި ކިޔަވާށެވެ. އެއިރުން، ތިމާއަށް އޭރަކު އެކަށީގެންވާ ވަޒީފާއެއް ތިމާގެ ފަހަތުން އަންނާނެއެވެ. ވަޒީފާއަށްޓަކައި ކިޔަވައިފި ނަމަ ވަޒީފާއެއް ހޯދަން ބުރަ އުފަލަން ޖެހިދާނެއެވެ.”. މިއެވެ.
އާދެ! ޝައްކެއްނެތް ގޮތުގައި ވަޒީފާއެއް އަދާކުރުމަކީ ވެސް ޙަޔާތުގައި މުހިންމު ކަމެކެވެ. ނަމަވެސް އޭގައި އެބުނާ ވާހަކައަކީ ތަޢުލީމު ހޯދުމުގެ އަޞްލު މަޤުޞަދަކީ ވަޒީފާކަމުގައި ނުހަދާށެވެ. ޢިލްމު ހޯދާށެވެ. ވަޒީފާ ލިބޭނޭކަމުގެ ޔަޤީންކަން ބާއްވާށެވެ. މިއީ އަޅުގަނޑުމެންނަށް ޢަޤީދާ ކިޔަވައި ދެއްވި އުސްތާޛު އަބޫ ޒައިދުލްޢީރާޤީ މަޢުހަދުލްއިމާމުގައި ދެއްވި ނަސޭހަތުގެ މަފްހޫމެވެ. ވަޒީފާގެ މަޤުޞަދު އެއްކިބާކޮށް، ޤައުމާއި އުންމަތަށް ޚިދުމަތްކުރުމުގެ މަޤުޞަދު އިސްކޮށް އަޅުގަނޑު މަދީނާއަށް ކިޔަވަންދިޔައީމެވެ.
ލޮބުވެތި ދަރިވަރުންނޭވެ! ތިޔަ ދަރިވަރުން އެއްގޮތަކަށް ވެސް ވަޒީފާއާ މެދު ކަންބޮޑު ނުވާށެވެ. ޢިލްމު ހޯދާށެވެ. ޤައުމާއި އުންމަތަށް ޚިދުމަތްކުރުމުގެ މަޤުޞަދު ކުރިއަށް ނެރޭށެވެ. ރިޒުޤު ދެއްވާނީ ﷲ އެވެ. ވަޒީފާ ލިބޭނެއެވެ. އެއްވެސް ދާއިރާއަކުން ޢިލްމު ހޯދައިގެންހުރި މީހަކު ނިކަމެތި ވެގެން ނުދާނެއެވެ. ޢިލްމަކީ ﷲ މި ދުނިޔޭގައި ލެއްވި އެންމެ އަގުބޮޑު ހަދިޔާއެވެ. ކޮންމެ ދާއިރާއެއްގެ ޢިލްމަކީ ވެސް ﷲ ދެއްވާ ޢިލްމެކެވެ. ކިޔަވަން އުޅޭ އިރު ގިނަގިނައިން ދުޢާ ކުރާށެވެ. ނަމާދުގައި ހުއްޓި ތިޔަ ހުންނަނީ މި މުޅި ކާއިނާތުގެ ވެރިފަރާތުގެ ކުރިފުޅުމަތީގައެވެ. ތިބާ ﷲ އަށްޓަކައި ޖަހާ އެންމެ ސަޖިދައަކުން ވެސް ތިބާގެ ޙަޔާތަށް އުޖާލާކަން އަތުވެދާނެއެވެ. ޙަޔާތުގެ އެންމެހާ ކަންކަން ތަދުބީރު ކުރައްވަނީ ﷲ އެވެ. އިންސާނުންގެ އަތުގައި އެއްވެސް ބާރެއް ނޯވެއެވެ. އެހެން މީހުން ގާތުގައި ކަންކަމަށް އެދުމުގެ ކުރިން އެކަންކަންކަމުގައި ﷲ ގެ ޙަޟުރަތުގައި އެދޭށެވެ. ސަޖިދައިގައި އޮވެ ލޮލުން އޮހޮރޮގިންދާ އެންމެ ކަރުނަ ތިއްކަކީ ތިބާގެ ދިރިއުޅުން އުޖާލާ ވެގެންދާނެ ޝަބްނަމު ކަމުގައި ވެސް ވެދާނެއެވެ. މި ނަސޭޙަތް ކަނުލައި އަޑު އަހާށެވެ. މިއީ އަޅުގަނޑުގެ ޙަޔާތުގެ ތަޖުރިބާއެވެ.
ކިޔެވުން ފެށުން
މަދީނާގެ ވާހަކައަށް ދަމާ ހިންގަވާށެވެ. އަޅުގަނޑާއި އަޅުގަނޑުގެ އެކުވެރިޔާ ވެސް މަދީނާއަށް ހޮވުނެވެ. އަޅުގަނޑުމެން ކިޔަވަން ފުރައިފީމެވެ. މަދީނާއަށް ދެވުމުން ހިތާމަތައް ފިލައިފިއެވެ. އިތުރު ހިއްވަރު ލިބުނެވެ. ޔުނިވަރސިޓީއިން ވަރަށް ހޫނު މަރުޙަބާއެއް ކިޔެވެ. އަދި ފެކަލްޓީއަށް ވެއްދުމަށް އިންޓަވިއު ކުރިއެވެ. އަޅުގަނޑު ވަންނަން ބޭނުންވީ ފެކަލްޓީ އޮފް ޝަރީޢާ އަށެވެ. އިންޓަވިއުއިން ފާސްވެ ފެކަލްޓީގެ ފުރަތަމަ އަހަރަށް ވަދެވިއްޖެއެވެ.
އަލްއަޒްހަރުގައި އުޅުނު އިރު، ޕްލޭސްމަންޓް ޓެސްޓު ލިބި ކޮލެޖްގައި ކިޔަވަން ފެށުނު ނަމަ ޑިގްރީގެ އެއް އަހަރު އެކޮޅުގައި އޮންނާނީ ނިމިފައެވެ. އެ ޙާލަތުގައި އެކޯސް ދޫކޮށް މަދީނާއަށް އައުމަށް ދަތިވީހެވެ. މާތް ﷲގެ ހެޔޮ ރަޙުމަތްފުޅާއި ދަރުމަވަންތަވެރިކަމުން އެކަލާނގެ ތައުފީޤު ދެއްވީ އަޅުގަނޑު އެންމެ ބޭނުންވީ ގޮތަށް މަދީނާގައި ކިޔެވުމަށެވެ. ބައެއް ފަހަރު ތިމާ ޙާޞިލުކުރަން ބޭނުންވާ ކަންކަން ލަސްވުމުގައި ވެސް ޙިކުމަތެއް އޮވެދާނެއެވެ. ކެއްތެރިވުމަކީ މުހިންމުކަމެވެ. ޙާލަތު އެއްގޮތަކަށް އަބަދަކު ނޯންނާނެއެވެ. ދަތިތަކަށް ފަހު ފަސޭހަކަން އަންނާނެއެވެ. ހިތާމައަށް ފަހު އުފާވެރިކަން އަންނާނެއެވެ. ކަންކަމުގައި އިސްނަގައިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. ތިމާއަށްޓަކައި އެހެންމީހަކު ކަމެއް ކޮށްދީފާނެ ކަމަށް ނުބަލައި ތިމާގެ މުސްތަޤުބަލު ބިނާކުރުމަށްޓަކައި ތިމާ އަމިއްލައަށް ﷲގެ ޙަޟުރަތުން ވާގި އެދިގެން މަސައްކަތްކުރަންވާނެއެވެ. ކޮންމެ ކިޔަވާ ކުއްޖަކު ވެސް މިނަސޭޙަތުގައި ހިފާށެވެ.
މާލެ އިން ބައްދަލުވި ވަފުދާ ބައްދަލުކުރުން
މަދީނާ އަށް ކިޔަވަން ދިއުމަށް ފަހު، މާލެ އަށް ވަޑައިގެން އަޅުގަނޑުމެން އިންޓަވިއު ކުރެއްވި އެއްކަލަ އުސްތާޛު ޑރ މުޙައްމަދު ޝައިބާނީއާ ބައްދަލުކޮށް އެމަނިކުފާނަށް ޝުކުރު ދެންނެވީމެވެ. އަޅުގަނޑުމެން މަދީނާއަށް ކިޔަވަން ދެވުމުގެ ސަބަބެއްކަމުގައިވީ އެމަނިކުފާނެވެ. ފަހުން އެމަނިކުފާނު، ފެކަލްޓީ އޮފް ޝަރީޢާގައި އަޅުގަނޑަށް “މުސްލިމް ވޯލްޑްވިއު” މި މާއްދާ ކިޔަވާ ވެސް ދެއްވިއެވެ. ވަރަށް ޢިލްމީ ބޭފުޅެކެވެ. އެމަނިކުފާނު ފަހުން ހުންނެވީ ޔުނިވަރސިޓީގެ އެޑްމިޝަން އެންޑް ރެޖިސްޓްރޭޝަންގެ ޑީންގެ މަޤާމުގައެވެ. އަޅުގަނޑާ ވަރަށް ގާތްކަން ބޭއްވެވިއެވެ. އަޅުގަނޑުގެ ވަޒީރުކަމުގެ ދުވަސްވަރުގައި ވެސް ބައްދަލުވިއެވެ. އެމަނިކުފާނު އަޅުގަނޑާ ބައްދަލުވާ ކޮންމެ ފަހަރަކުވެސް ވިދާޅުވެއެވެ. ” ޝަހީމާ މެދު އުފާކުރަމެވެ. ” މިއަދާ ހަމައަށް ވެސް އެމަނިކުފާނަކީ އަޅުގަނޑުގެ ވަރަގަށް ގާތް ބޭފުޅެކެވެ.
ޔުނިވަރސިޓީގެ މިސްކިތުގެ އިމާމުކަމަށް ޢައްޔަންވުން
ޔުނިވަރސިޓީގެ މިސްކިތަކީ ބޮޑު މިސްކިތެކެވެ. މިސްކިތުގެ އިމާމުންގެ ގޮތުގައި ޢައްޔަންކޮށްފައި ތިބެނީ ދަރިވަރުންނެވެ. އަޅުގަނޑާއި އެއްކުލާހުގައި މިސްކިތުގެ އިމާމަކު އުޅުނެވެ. އެނާއަކީ ޖޯޑަންގެ ބޭފުޅެކެވެ. އޭނާ ޢުމްރާއަކަށް ދާންވެގެން، މިސްކިތާ ޙަވާލުވެ ދިނުމަށް އަޅުގަނޑުގެ ގާތުގައި އެދުނެވެ. އޭނާ އަށް އަޅުގަނޑުގެ ކިޔެވުން އަޑު އިވެނީ ކުލާހުގައި ޤުރުއާން ގަޑީގައެވެ. ކިޔެވުން ރަނގަޅުވީމާ އޭނާ އަޅުގަނޑަށް ވަރަށް ކަމޭ ހިތައި އުޅުނެވެ. އޭނާ ޢުމްރާއަށް ފުރުއްވުމުން ވަގުތީ ގޮތުން މިސްކިތާ ޙަވާލުވެ ހުރީ އަޅުގަނޑެވެ. އެއް ދުވަހަކު ރޭގަނޑު އިމާމުވެ ޢިޝާ ނަމާދު ކުރީ އަޅުގަނޑެވެ. ކަން ދިމާކުރި ގޮތުން އެރެއަކީ ޔުނިވަރސިޓީގެ ކައުންސިލްގެ ބައްދަލުވުމެއް އޮތް ރެއެކެވެ. އެރޭގެ ޖަލްސާއަށް ވަޑައިގެންނެވި ޔުނިވަރސިޓީގެ އިސްވެރިން ޖަމާޢަތުގައި ނަމާދުގައި ތިއްބެވިއެވެ. ނަމާދުކޮށް ނިމުމުން ސްޓޫޑެންޓް އެފެއާޒްގެ އިސްބޭފުޅަކު އަޅުގަނޑަށް ގޮވާލެއްވިއެވެ. އަދި އަޅުގަނޑަކީ ކޮން ޤައުމެއްގެ ދަރިވަރެއްތޯއާއި ކިޔަވަނީ ކޮން ފެކަލްޓީއެއްގައިތޯއާއި ޤުރުއާނުން ކިހާވަރެއް ހިތު ދަސްތޯ ސުވާލު ކުރެއްވިއެވެ. އެހުރިހާ ސުވާލަކަށް އަޅުގަނޑު ޖަވާބު އެރުވުމުން ވިދާޅުވީ މި މިސްކިތުގެ އިމާމުކަމަށް އަޅުގަނޑު ޢައްޔަންކުރަން ބޭނުންވާ ވާހަކައެވެ. ދެން ގިނަ ދުވަސްތަކެއް ނުވަނީސް މިސްކިތުގެ އިމާމުކަމަށް އަޅުގަނޑު ޢައްޔަންކުރައްވައިފިއެވެ. އެކަމުގެ ސަބަބުން ޔުނިވަރސިޓީގެ ވެރިންނާ އަޅުގަނޑާ ދެމެދު ނުހަނު ރަނގަޅު ގުޅުމެއް އުފެދިގެން ދިޔައެވެ. އެގުޅުން މިއަދާ ހަމައަށް ވެސް ދެމިގެން ވެއެވެ.
މަދީނާގައި ކިޔަވަން އުޅުނު ގޮތް
މަދީނާގެ ޔުނިވަރސިޓީ އިން ކިޔަވައި ދެނީ ރަނގަޅު މަޞްދަރުތަކުންނެވެ. ސާފު ޢިލްމެވެ. އެތަނުން ދީނީ ގޮތުން ވަކި މަޒުހަބަކަށް ނުވަތަ ވަކި ގޮތަކަށް އުޅެން މަޖްބޫރު ނުކުރެއެވެ. ވަރަށް ބޮޑު ޢިލްމީ މަރުކަޒެކެވެ. އުސްތާޛުން ވެސް އެހާމެ އަޚުލާޤު ރަނގަޅެވެ. ކޮންމެ ދަރިވަރަކުވެސް އުޅޭނެތަކާއި ކެއުން ދެއެވެ. ކިޔަވަން ބޭނުންވާ ވަސީލަތްތަކާއި ފޮތްތައް ވެސް ދެއެވެ. ޕޮކެޓް މަނީއެއް ވެސް ދެއެވެ. ކޮންމެ އަހަރަކު ޗުއްޓީގައި ޤައުމަށް ދިއުމަށް ޓިކެޓް ދެއެވެ. ހުރިހާ ޚިދުމަތެއް ދެނީ ހިލޭ އެވެ. ޔުނިވަރސިޓީގައި ބޮޑު ލައިބްރަރީ އެއް ވެސް ހުރެއެވެ. ކުޅިވަރު ކުޅޭ ތަންތަނާއި ސުވިމިނގޕޫލް ވެސް ހުރެއެވެ. އިތުރު ޙަރަކާތްތައް ވެސް އޮވެއެވެ. އަދި ކޮންމެ ދުވަހަކު ޢަޞްރު ނަމާދު ފަހުން ޔުނިވަރސިޓީގެ ބަހުގައި، އަލްމަސްމަޖިދުއްނަބަވީ އަށް ދަރިވަރުން ހިލޭ ގެންގޮސްދެއެވެ. އަދި އެ ދަރިވަރުން ޢިޝާ ނަމާދު ފަހުން ޔުނިވަރސިޓީ އަށް ގެނެސްދެއެވެ. އަޅުގަނޑުމެން ގިނަ ފަހަރު ފިލާވަޅު ދަސްކުރަން ދަނީ އަލްމަސްޖިދުއްނަބަވީއަށެވެ. އަދި ހަފްތާ ބަންދު ތަކުގައި އަޅުގަނޑުމެން ގްރޫޕް ހަދައިގެން ޢުމްރާކުރަން މައްކާއަށް ދަމެވެ. އެއީ ނިޢުމަތުން ފުރިގެންވާ ދުވަސްތަކެކެވެ. އެއީ އެންމެ ޒުވާން ދުވަސްވަރެވެ. އެ ދުވަސްތައް އަލުން އަންނާނެ ނަމައޭ ހިތަން އަރައެވެ.
އަޅުގަނޑުމެން މަސައްކަތްކުރީ ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި ކިޔަވާށެވެ. ކިޔަވަން ގަދަ އަޅައި މަސައްކަތްކުރީމެވެ. ވަރަށް ގިނައިން ފޮތް ކިޔަމެވެ. އެސައިންމަންޓްތައް ރައްކާކުރަމެވެ. ފިލާވަޅުތައް ދަސްކުރަމެވެ. ގިނަ ވަގުތު ލައިބްރަރީގައި ހޭދަކުރަމެވެ. ފިޤުހީ މައްސަލަތަކާއި އެމައްސަލަތަކުގައި ހުންނަ ރައުޔުތަކާއި އެއިން ކޮންމެ ރައުޔެއް ބިނާކުރާ ދަލީލުތައް ވެސް އަޅުގަނޑުމެން ދަސްކުރަމެވެ. އިސްލާމީ ޝަރީޢާއާ ގުޅުން ހުރި މާއްދާތަކަކީ އަޅުގަނޑަށް ވަރަށް ޝައުޤުވެރި މާއްދާތަކެކެވެ.
ދިވެހި ދަރިވަރުން އުޅުނީ ވަރަށް އެކުވެރިކޮށެވެ. ހުރިހާ ދަރިވަރުން ވެސް އުޅުނީ ވަރަށް ގާތްކޮށެވެ. އަޅުގަނޑުމެން ކިޔަވަން އުޅުނު ދުވަސްވަރު ޙައްޖާއި ޢުމްރާއަށް އަންނަ މީހުންނަށް ޚިދުމަތްކުރަމެވެ. އަޅުގަނޑުމެން ޙައްޖު ދުވަސްވަރުގައި ޚިދުމަތް ދޭން ގޮސް ތިބެނީ އެކި ގްރޫޕްތަކުގެ އެހީގައެވެ. މިގޮތުން އަތަމާއި ގުރޫޕާއި ސިސިލްފަރު ގުރޫޕްގައި ޙާޖީންނަށް ޚިދުމަތްކުރަމެވެ. އެ ދެ ގްރޫޕްގެ ވެރިން އަޅުގަޑާމެދު ބެހެއްޓެވި ގާތްކަމަށްޓަކައި މި ފުރުޞަތުގައި ވެސް ނުހަނު އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. ޙައްޖު ދުވަސްވަރު ދިވެހި ޙާޖީއަކަށް ދެރަ ގޮތެއް މެދުވެރިވެއްޖެ ޙާލަތެއްގައި މަދީނާގައި ކިޔަވާ ދިވެހި ދަރިވަރުން އެމީހަކަށް އެހީވެއެވެ. އަދި ޙާޖީއަކު ގެއްލިއްޖެ ނަމަ އެމީހަކު ހޯދުމަށް ޖަމާޢަތް ހަދާފައި ނުކުމެއެވެ. އަޅުގަނޑުމެންގެ ފުރަތަމަ އަހަރުގައި ޙައްޖުގައި އަޅުގަނޑުގެ މައްމަ ވެސް ޙައްޖަށް އައެވެ. މައްމައާއެކު ކުރެވުނީ ފުރަތަމަ ޙައްޖެއެވެ. އެ ފަހަރު ޙައްޖުކުރީ އަތަމާ ގްރޫޕްގައެވެ.
ކިޔަވަން އުޅުނު ދުވަސްތަކުގައި މަޖާކަންކަން ވެސް ހުންނާނެތާއެވެ. އަޅުގަނޑުމެންނާއެކު މަދީނާގައި ކިޔަވަން އުޅުނު ދަރިވަރުންގެ ތެރެއިން އެންމެ ފުރަމަ ޒަވާޖީ ޙަޔާތެއް ފެށީ އަޅުގަނޑެވެ. މިހެންކަމުން، ޒަވާޖީ ޙަޔާތާ ގުޅޭ ފިލާވަޅުތައް ނަގައި އެކަމާ ބެހޭ މަޢުލޫމާތު ހޯދަން ކޮންމެ ރެއަކުހެން ޢިޝާ ފަހުން ކައިގެން، ދިވެހި ބައެއް ދަރިވަރުން ގްރޫޕްހަދައިގެން އަޅުގަނޑުގެ ރޫމަށް އަންނާނެއެވެ. އެފަދަ ރޭ ތަކަކީ ވަރަށް މަޖާ ރޭތަކެކެވެ. ޒަވާޖީ ޙަޔާތާއި ގުޅޭ ފިލާވަޅުތައް ޒުވާންކުދިންނަށް ކިހާ މުހިންމު މަޖާ ވާހަކައަކަށްވާނެ ނޫންތޯއެވެ؟
އެއިރު ޔުނިވަރސިޓީގެ ތެރެއިން އިންޓަނެޓް ވައިފައި ނުލިބެއެވެ. ނެޓަށް ވަންނަން ދާންޖެހެނީ ޤިބުލަތައިން މިސްކިތް ކާރީގައި ހުންނަ ސައިބަރ ކެފޭއަކަށެވެ. އެތަނުގައި ގަޑިއަކަށް ފަސް ރިޔާލަ ދީގެން ނެޓަށް ވަންނަނީއެވެ. ކޮންމެ ހަފްތާއަކު އެއް ފަހަރު ނެޓަށް ވަންނަންއެތަނަށް ދަނީ ހިނގާފައެވެ. އެއީ ޔުނިވަރސިޓީއާ އެހާ ދުރުތަނެއްނޫނެވެ.
އަޅުގަނޑު ލިއުނު ދިގު ސިޓީ
އަޅުގަނޑު މަދީނާގައި ކިޔަވަން އުޅުނު ދުވަސްވަރު، އަޅުގަނޑުގެ ވަރަށް ގާތް މީހަކާ އަޅުގަނޑާ ދެމެދު ހިނގި ހިތާމަވެރި ނުތަނަވަސްކަމެއްގެ ސަބަބުން އެކަމަށް ޙައްލެއް ހޯދުމަށް ބޭނުންވެގެން ސިޓީ އެއް ލިޔާން ޤަސްތު ކުޅައީމެވެ. ރަޙުމަތްތެރިއެއްގެ އަތުން ކޮމްޕިއުޓަރ ހޯދައިގެން ރޫމަށް ގެނެސް ކޮންމެ ރެއަކު ވެސް ޢިޝާ ނަމާދު ފަހުން ކައިގެން އައިސް އިނދެ ލިޔަނީއެވެ. ދިވެހި ކީބޯޑް ދަސްވީ އެ ސިޓީ ލިއުމުގެ ތެރޭގައެވެ. ކޮންމެ ރެއަކު ވެސް ލިޔަނީ އެވެ. އެ ސިޓީ ފޮނުވަން ބޭނުންވާ މީހާ ހުރީ ރާއްޖޭގައެވެ. އެ ސިޓީ ލިޔެ ނިމުނު އިރު ހަނދާނވާ ގޮތުން އޭގައި 100 ވަރަކަށް ޞަފްޙާ އޮތެވެ. މިހެންކަމުން ސިޓީ ޕްރިންޓްކޮށް ފޮތަކަށް ހަދައި ހާޑް ކަވަރއެއް ލައި ޕާރސަލްކޮށް އެ ފޮތް ފޮނުވަން ޤަސްތުކުރި ފަރާތަށް ފޮނުވައިފީމެވެ. އެއީ ވަރަށް ދިގު ސިޓީއެކެވެ. އަޅުގަނޑުގެ ހިތު ތެރޭގައި އުފެދުނު އެންމެހާ ހެޔޮ ޝުޢޫރުތަކެއް އޭގައި ބަޔާންވެފައި ހުންނާނެއެވެ. އެ ސިޓީ ލިއުމުން ލިބުނު އެއް ފައިދާއަކީ ކޮމްޕިއުޓަރުން ލިޔަން ދަސްވުމެވެ.
ފަހުން ދައުލަތުގެ މަޤާމުތައް އަދާކުރި އިރު ވެސް އަޅުގަނޑު ދޭ ރަސްމީ ހުރިހާ ތަޤުރީރަކާއި ސްޕީޗެއްވެސް ލިޔަނީ އަމިއްލައަށެވެ. ދުވަހަކު ވެސް އަޅުގަނޑުގެ ސްޕީޗެއް ޢަރަބި ބަހުން ވިޔަސް ދިވެހި ބަހުން ވިޔަސް އެހެން މީހަކު ލައްވައި ލިޔެފައިނުވާނެއެވެ. ލިޔެ ތައްޔާރުކުރަނީ މުޅިން ވެސް އަމިއްލައަށެވެ. އަމިއްލަ ނަފްސުގެ މައްޗަށް މީހާ ބަރޯސާވުމަކީ ވަރަށް ވެސް މުހިންމުކަމެކެވެ. ކޮންމެ ކިޔަވާ ކުއްޖަކު ވެސް އެމަގުން މަސައްކަތްކުރަންވާނެއެވެ. ތިމާގެ އެއް ފައި ނެތަސް، އެހެން މީހެއްގެ ކޮނޑު މަތީގައި އަތް އަޅައިގެން ކޮޅަށް ހުރުމަށް ވުރެ، ތިމާގެ އަމިއްލަ އަސައެއްގެ މަތީގައި ކޮޅަށް ހުރެވޭތޯ ބެލުން ވެސް މާ ހެޔޮކަން ބޮޑުވާނެއެވެ.
ބައްޕަގެ ބަލި ޚަބަރު ލިބުން
ޔުނިވަރސިޓީގެ ދެވަނަ އަހަރުގައި ކިޔަވަމުން ދަނިކޮށް އަޅުގަނޑުގެ ބައްޕަގެ ބަލި ޚަބަރު ލިބުނެވެ. ބައްޕަ ސްޓްރޯކެއް ޖެހި ޕެރަލައިޒްވެގެން އެކަމުގެ ޚަބަރު އައުމުން، ކިޔެވުން ދޫކޮށް ދާން ނިންމީމެވެ. ވަރަށް ބޮޑު ހިތާމަވެރިކަމަށް އެކަންވިއެވެ. ބައްޕަގެ ދޮށިދަރިއަކީ އަޅުގަނޑެވެ. ދެން ތިބީ ކުޑަކުދީންނެވެ. ބައްޕަގެ ފަރާތުން އެންގީ ކިޔެވުން ދޫނުކުރުމަށެވެ. ބައްޕަ އެބަލިން ޝިފާ ލިބެންދެން ބައްޕަ އަށް އެހީތެރިވީ އަޅުގަނޑުގެ ބޮޑުބޭބެ މުޙައްމަދު ތައުފީޤެވެ. އަދި މައްމަގެ ކެތްތެރިކަމާއި ހިއްވަރުގަދަކަމާއެކު ބައްޕަ ބެލެހެއްޓިއެވެ. ﷲ ގެ ހެޔޮ ރަޙުމަތްފުޅުން ގިނަ ދުވަސްތަކެއް ނުވެ އެކަމުން ބައްޕައަށް ޝިފާލިބުނެވެ. އަދި މިފަދަ ކަންކަމުގައި އަޅުގަނޑުގެ އަންހެނުން ޢާފިޔާގެ ހުރިހާ އެހީތެރިކަމެއް ލިބެމުން ދިޔައެވެ. ކިޔެވުން ފުރިހަމަކުރުމުގައި އޭނާގެ އެހީތެރިކަން ވަރަށް ބޮޑެވެ.
މަދީނާއިން ދިމާވި އެހީތެރިޔާ
މަދީނާގައި އަޅުގަނޑުމެން ކިޔަވަން އުޅުނު އިރު ވަރަށް އެހީތެރި މީހަކާ ދިމާވިއެވެ. އޭނާ އަކީ ސަޢުދީ ޢަރަބިއްޔާގެ ފަރާތުން ރާއްޖޭގައި އޮތް ތަޢުލީމީ މިޝަންގެ ރައީސްގެ ގޮތުން އަހަރު ތަކެއް ވަންދެން މަސައްކަތްކުރެއްވި ބޭފުޅެކެވެ. އޭނާގެ ނަމަކީ ޑރ. މުޙައްމަދު ޛިބްޔާނީއެވެ. އޭނާއަކީ މަދީނާގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ވަރަށް ހެޔޮ ބޭފުޅެކެވެ. އަދި ޢުމްރާއަށާއި ޙައްޖަށް އަންނަ ދިވެހިންނާއި ދިވެހި ޖަމާޢަތްތަކަށް ދިމާވާ ދަތިތައް ޙައްލުކޮށްދިނުމުގައި ވެސް އޭނާ ވަރަށް ބޮޑަށް އެހީތެރިވެދެއްވައެވެ. އަދި ވަކީން ޚާއްޞަގޮތެއްގައި ދިވެހި ދަރިވަރުންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދިނުމުގައި އޭނާގެ ދީލަތިކަން ވަރަށް ބޮޑެވެ. މިއަދާ ހަމައަށް ވެސް އޭނާގެ އެ ގުޅުމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އެބޭފުޅާގެ ހެޔޮ ހަނދާންތައް އަޅުގަނޑުމެންގެ މާޒީއާ ވަރަށް ބޮޑަށް ގުޅިފައިވެއެވެ.
ކިޔެވުން ނިންމައި މާލެ އައުން
މަދީނާގެ އިސްލާމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާގައި ހަތަރު އަހަރު ތަޢުލީމު ޙާޞިލުކޮށް ބެޗްލަރސް އޮފް ޝަރީޢާ ޙާޞިލުކޮށް ޝަރަފްވެރި ދަރަޖައިގައި ފާސްވެގެން، އަޅުގަނޑު މާލެއައީމެވެ. މާލެ އަށް އައިތަނާ ދެ ވަޒީފާއެއް އަޅުގަނޑަށް ހުށަހެޅުނެވެ. އެއް ވަޒީފާއަކީ މިނިސްޓަރ އޮފް ޖަސްޓިސް ހުށަހެޅުއްވި ވަޒީފާއެކެވެ. އެއީ ޖިނާއީ ކޯޓުގެ ފަނޑިޔާރުކަމެވެ. މަހަކު 29 ހާސް ރުފިޔާގެ މުސާރައާއި ހުންނާނެ ތަކުގެ ކުއްޔާއި މަތީ ތަޢުލީމުގެ ފުރުޞަތާ ވެސް އެކީގައެވެ. ދެން ހުށަހެޅުނު ވަޒީފާއަކީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ހުށަހެޅުނު ވަޒީފާއެވެ. އެއީ އެތަނުގެ ސުޕަވައިޒަރުގެ މަޤާމެވެ. މުސާރައަކީ މަހަކު 2 ހާސް ރުފިޔާއެވެ. މި ދެ ވަޒީފާއިން ކުރެ އަޅުގަނޑު އިޚުތިޔާރު ކުރި ވަޒީފާއަކީ ކޮބައިކަމާއި އެކަމުގެ ސަބަބުތައް ދެން އަންނަ ބައެއްގައި ބަޔާންކުރާނަމެވެ.