ޢަރަބިއްޔާ ސްކޫލްގައި…

އަޅުގަނޑު އަރަބިއްޔާ ސްކޫލުގައި ކިޔަވަން ފަށައިފީމެވެ. ރަށުގައި އުޅެފައި އައިސް އެ ފަދަ ސްކޫލެއްގައި ކިޔަވަން ފެށުމުން ދަތިތަކާ ދިމާވިއެވެ. އަދި މައްމަ އާ ދުރުގައި އެހާ ކުޑައިރު އުޅެންޖެހުމުން ވެސް ދަތިތައް މެދުވެރިވިއެވެ. ފުރަތަމަ އަހަރުގައި ވަރަށް ރަނގަޅަށް ކިޔެވުނެވެ. ނަތީޖާ ވެސް ގޯހެއް ނޫނެވެ. އަދި ސްކޫލުގެ ޤުރުއާން މުބާރާތްތަކާއި ފަލާޙު ޤުރުއާން މުބާރާތާއި ޤައުމީ މުބާރާތުގައި ބައިވެރިވެ ވަނަ ވެސް ލިބެމުން ދިޔައެވެ. ނަމަވެސް ފަހުން ރަޙުމަތްތެރިންނާއެކު ރަށުތެރޭގައި ހިނގަން ފެށީމެވެ. މަޖާކުރުމަށެވެ. ކިޔަވަން ވަގުތު ނުދެވެއެވެ. ގިނަ ވަގުތު ހޭދަކުރީ ރައްޓެހިންނާއެކު މޫދަށް ދިއުމާ މަޖާކުރުމުގައެވެ. ނަތީޖާއަކަށްވީ ގްރޭޑް 6 އިން ފާސް ނުވުމެވެ.

އަޅުގަނޑު ޤުރުއާން ކިޔަވައި އުޅޭތީވެ އަޅުގަނޑުގެ ތަޢުލީމީ ޙާލަތު ރަނގަޅު ވޭތޯ ވަރަށް ގިނަ އުސްތާޛުން ނަސޭޙަތް ދެއްވަމުން ދިޔައެވެ. ނަމަވެސް އެއިން ނަސޭޙަތަކުން އަޅުގަނޑަށް ފައިދާއެއް ނުވެއެވެ. އަޅުގަނޑު އުޅުނީ މަޖަލުގައެވެ. ނުކިޔަވަމެވެ. ސްކޫލުގައި ސަކަރާތް ޖެހުމުގައެވެ. ވަަރަށް ގިނަ ދުވަހު ކޮޅަށް ބަހައްޓައެވެ. ކްލާހުން ވެސް ނެރެއެވެ. ސްކޫލުގައި އުޅުނު އިރު އެންމެ ގާތުން ނަސޭޙަތްދެއްވައި ހެއްދެވީ ޢިމާދު އުސްތާޛެވެ. އަދި ޢަރަބިއްޔާގެ މުދީރު ވެސް އަޅުގަނޑަށް ވަރަށް ނަސޭހަތް ދެއްވައި ހައްދަވައެވެ.

އަޅުގަނޑުގެ ކަންކަން ހުރި ގޮތުން ނުކިޔެވި ފާސްނުވެ 2 އަހަރު ރިޕީޓްވުމާ ގުޅިގެން އެއިރު ޤަވާޢިދު އޮންނަ ގޮތުން އަޅުގަނޑު ސްކޫލުން ކަނޑާލިއެވެ. އެ ދުވަސް ވަރު ބައްޕަ މާލޭގައި އުޅުނެވެ. އަޅުގަނޑު ސްކޫލުން ކަނޑާލި ކަމުގެ ޚަބަރަކީ ބައްޕަ އަށް ވަަރަށް ފުން ހިތާމައެއް ލިބުނު ޚަބަރަކަށް ވިއެވެ. ބައްޕަ ރުއިތައް ދުށީމެވެ. ބައްޕަގެ ލޮލުން އޮހޮރުނު ކަރުނަތައް ދުށީމެވެ. އެމަންޒަރު މިހާރު ވެސް ފެންނަ ފަދައެވެ. އަޅުގަނޑުގެ ޙަޔާތައް އަލުން އުޖާލާކަން ގެނެސްދީ އިޞްލާޙުވެގެން އާ ހިއްވަރަކާއެކު ތެދުވުމަށް ދިރުން ގެނެސް ދިނީ އެ ކަރުނައެވެ. ބައްޕަ އެނބުރި ރަށަށް ދިޔައެވެ. އަޅުގަނޑު އުޅެނީ މާލޭގައެވެ. ކިޔެވޭނެ ގޮތެއް ހޯދަން މަސައްކަތް ކުރީމެވެ.