އަމިއްލަ އަށް ޚަރަދު ކުރާ ގޮތަށް ޕާކިސްތާނަށް ކިޔަވަން ދިއުމަށް ލިބުނު ފުރުޞަތަށް ކުރިމަތިލާން އަޅުގަނޑު ނިންމައިފީމެވެ. ނަމަވެސް އެއިރުގައި އެކަމަށް ބޭނުންވާ ފައިސާއެއް އަތުގައި ނެތެވެ. ޓިކެޓް ގަނެލާނެ ލާރި ވެސް ނެތެވެ. މިކަމަށް ޙައްލެއް ހޯދުމަށް އަޅުގަނޑުގެ ބޮޑު ދައިތަގެ ދަރިކަލުން އަޝްރަފް ޢަލިމަނިކުއާ ބައްދަލުކުރީމެވެ. އެނާ އުޅުނީ ކޮންސްޓްރެކްޝަން މަސައްކަތްކުރާ ގްރޫޕެއްގައެވެ. އޭނާގެ ގާތުގައި އަޅުގަނޑު އެދުނީ ކިޔަވަންދާން ބޭނުންވާތީ، ކިޔަވައި ނިންމާފައި އައިސް އަދާކުރާ ގޮތުގެ މަތިން 6 ހާސް ރުފިޔާގެ ލޯނެއް ދެއްވާތޯއެވެ. އޭނާ އެކަން އަޅުގަނޑަށް ހަމަ ޖައްސަވައި ދެއްވިއެވެ. (ކިޔަވައި ނިންމާފައި ފަސް އަހަރު ފަހުން މާލެ އައިސް އެ ދަރަނި އަދާކޮށްދިނީމެވެ.)
އޭނާގެ އަތުން ފައިސާ ހޯދީ ޓިކެޓް ނަގާށެވެ. ފުރުޞަތު ލިބިގެން ޕާކިސްތާނަށް ދިއުމަށް ފުރީމެވެ. އަޅުގަނޑާއެކު ހަ ބޭފުޅުން ދިޔައެވެ. އެއީ މ. ކޮޅުފުށީ ޔޫސުފް ޞިދުޤީއާއި ށ، ފޯކައިދޫ މުޙައްމަދު ޝަކީބުއާއި، ފ. ނިލަންދޫ މޫސާ އަޙުމަދާއި، އއ.މަތިވެރި ޢަބްދުލްޙަންނާނުއާއި، ގދ. ފިޔޯރީ މުޙައްމަދު ޢަބްދުﷲ އެވެ. އެންމެންގެ ތެރެއިން އެންމެ ޢުމުރުން ހަގު މީހަކަށް ހުރީ އަޅުގަނޑެވެ. ޕާކިސްތާނަށް ފުރުވާލުމަށްޓަކައި އެއާޕޯޓަށް ބައްޕަ ވެސް ދިޔައެވެ. ދަތުރު މަތީގައި އަޅުގަނޑަށް އެހީވުމަށް އަޅުގަނޑުމެންނާއެކު ފުރާ މީހުންގެ ތެރޭގައި ހުރި، ފ ނިލަންދޫ މޫސާ އަޙުމަދުއާ އަޅުގަނޑުގެ ކަންކަން ބައްޕަ ޙަވާލު ކުރިއެވެ. މޫސާއަކީ އަޅުގަނޑަށް ވަރަށް ހެޔޮ ބޭފުޅެކެވެ. އޭނާއަކީ އެހާމެ މަޖާ ވެސް ބޭފުޅެކެވެ.
އެއީ ފުރަތަމަ ފަހަށް މަތިންދާ ބޯޓުގައި ދަތުރުކުރި ފަހަރު ކަމުން ވަރަށް ބިރުގަތެވެ. ނަމަވެސް އެކީގައި ތިބި މީހުންގެ މަޖާކަމުން މާ ބޮޑު ހާސްކަމެއް ނެތެވެ. ކަރާޗީ އަށް ގޮސް، ކަރާޗީއިން ލާހޫރަށް ދެވުނެވެ. ހަ މީހުން ވަކި ނުވުމަށްޓަކައި ހަ މީހުން އެރީ އެއް ޓެކްސީއަކަށެވެ. ޓެކްސީ ތެރޭގައި ވަރަށް މަޖަލެވެ. ހަ މީހުން ޓެކްސީ އެއްގައި ތިބޭ އިރު އެއިގެ ތޭގައި ކަންކަން ހުންނާނެ ގޮތް ނުބުންޏަސް އެނގިލައްވާނެއެވެ. ހަނދާންވާ ގޮތުން ސާޅީހަކަށް މިނިޓްގެ ތެރޭގައި އަޝްރަފިއްޔާއަށް ދެވުނެވެ. އެއީ ހެނދުނުގެ ވަގުތެކެވެ. އެތަނަށް ގޮސް އެތަނުގެ އިދާރާއަށް ވަދެ، ނާޒިމް ސާހަބްއާ ބައްދަލުކުރުމުން އަޅުގަނޑުމެންނަށް ނުހަނު އިޚުލާޞްތެރި މަރުޙަބާއެއް ދަންނަވައި އެދުވަހުން އެދުވަހަށް ހޮސްޓެލްގެ ޖާގަ ހަމަޖައްސަވައި ދެއްވައި ކިޔެވުން ފެށޭ ގޮތް ހެއްދެވިއެވެ. ފުރަތަމަ އަޅުގަނޑު ވެސް ބައިވެރިވީ އެހެން ބޭފުޅުން ގޮތަށް ޤާރީ ކޯހުގައެވެ. އެއީ އެތަނަށް ދިޔަ މަޤުޞަދެވެ. އެހެން ގޮތަކަށް ތަދުބީރު ކުރެވެމުންދާކަމުގެ އިޙުސާސެއްނެތެވެ.
ޤުރުއާން ހިތުދަސްކުރުން
މާލޭގައި ކިޔަވަން އުޅުނު ދުވަސްވަރު ޢަރަބިއްޔާ ސްކޫލުގައި ޓީޗަރެއްގެ ގޮތުގައި އުޅުއްވި ޢަބްދުﷲ ޢިމާދުއާ ލާހޫރުން ބައްދަލުވިއެވެ. ޢިމާދުބެ ވެސް ކިޔަވަން އުޅުއްވީ ޤާރީ ކޯހުގައެވެ. ޤުރުއާން ހިތު ދަސްކުރުމުގެ ޚިޔާލު އަޅުގަނޑަށް އެރުވީ އޭނާއެވެ. އެއީ އަޅުގަނޑަށް ކުރެވޭނެ ކަމެއްނޫންކަމުގައި އޭނާއަށް ދެންނެވީމެވެ. އޭނާ ވިދާޅުވިއެވެ. ޝަހީމަކީ އަދި ވަރަށް ޒުވާން ކުއްޖެކެވެ. އެކަން ޝަހީމަށް ކުރެވިދާނެކަމަށް ފެނެއެވެ. ކޮންމެ ދުވަހަކުވެސް ވަޑައިގެން ޤާރީ ކޯހުން ވަކިވެ ޤުރުއާން ހިތު ދަސްކުރުމުގެ ޔުނިޓާ ގުޅެން އޭނާ އަޅުގަޑަށް ނަސޭޙަތް ދެއްވަމުން ގެންދެވިއެވެ. މިގޮތަށް ހުއްޓާ ނުލާ ގާތް ގަނޑަކަށް މަހެއް ވަންދެން އޭނާ އަޅުގަނޑު ދޫކޮށް ނުލައްވައި ކޮންމެ ދުވަހަކުހެންމެ އާދޭސްކުރައްވަމުން ގެންދެވިއެވެ. އެންމެ ފަހުން އޭނާގެ އާދޭހުގެ ކަންކަންބޮޑުވެގެން އެކަމަށް އެއްބަސްވެ ޤާރީ ކޯސް ދޫކޮށް ޤުރުއާން ހިތުދަސްކުރާ ޔުނިޓާ ގުޅުނީމެވެ. އެންމެ ފުރަތަމަ ކުލާހަށް ދިޔަ ދުވަހު ވަރަށް ބޮޑަށް މާޔޫސްވިއެވެ. އަލްޙަމްދުން ފެށީމަ، މުޞްޙަފުން ބާކީ އޮތް ބައި ލޮލަށް ފެނުނީމާ ހިތަށް މާޔޫސްކަން ވަދެއެވެ. މިކަން ނިންމާލެވޭނީ ހާދަ ދުވަހުން ކަމަށް ހީވެ، މާޔޫސްކަން ބޮޑުވެއެވެ. ފެށި އިރު ދަސްކުރަން އެހާމެ އުނދަގުލެވެ. އަޅުގަނޑު ހުރީ ވަރަށް (ގަޅި) މީހެއްގެ ގޮތުގައެވެ. ކިޔާ ކިޔާ ދަސްނުވެއެވެ. މިގޮތަށް ވަރަށް ގިނަ ދުވަސްތައް ދިޔައެވެ. މާލެ މަތިން ވަރަށް ހަނދާނވެއެވެ. ޢާއިލާއާއި ރަޙުމަތްތެރިންނަށް ސިޓީ ފޮނުވަނީ ޕޯސްޓުންނެވެ. ސިޓީ އެއް ލިބެނީ މަދު ފަހަރަކުއެވެ. އެއިރަކު ފޭސްބުކެއް ވައިބައެއް މިފަދަ ވަސީލަތްތަކެއް ބޭނުމެއް ނުކުރެވެއެވެ. އެއީ މީގެ ހަތާވީސް ވަރަކަށް އަހަރު ކުރިއެވެ. ވަރަށް ބަލި ވެސް ވިއެވެ. ހުން އަރުން ފަދަ ކަންކަން ވަރަށް ގިނައިން ދިމާވެއެވެ. ބަލިވީމާ އެހީވަނީ ބ. ހިތާދޫ މުޙައްމަދު ނަސީރެވެ. އޭނާއަކީ އެތަނުގައި ކިޔަވަން އުޅުއްވި ވަރަށް އިޙުސާންތެރި ޚުލްޤު ހެޔޮ ބޭފުޅެކެވެ.
ޤުރުއާން ހިތު ދަސްކުރާ ކުލާހުގެ މުދައްރިސް ޤާރީ ފަތުޙު މުޙައްމަދު ސާހަބް އަޅުގަނޑަށް ވަރަށް ކަމޭ ހިއްތަވައެވެ. އެކުލާހުގައި ބޭރު ކުދިން ވަރަށް މަދެވެ. ބޭރު ކުދިންނަށް އުޅެނީ އަޅުގަނޑާއި ކޮމޮރޯޒް ކުއްޖަކާއި އިންޑޮނޭޝިޔާ ކުއްޖެކެވެ. ދެން މުޅިން ވެސް ތިބެނީ ޕާކިސްތާނު ކުދިންނެވެ. ޤާރީ ސާހަބަށް އެންމެ ބޮޑަށް ކަމޭ ހިތަނީ އަޅުގަނޑެވެ. އޭނާ އުޅުއްވަނީ މިސްކިތުގެ ކޮޓަރީގައެވެ. ޖާމިޢާގެ ބަދިގެއިން އޭނާ އަށް ކާ އެއްޗެހި ގެނެސްދީ، އޭނާގެ އެއްޗެހި ވެސް ގިނަ ފަހަރު ދޮވެދީ އިސްތިރިކޮށްދީ ޚިދުމަތްކޮށްދީ ހަދަމެވެ. އެއީ އެތަނުގައި އޮންނަ ޘަޤާފަތެކެވެ. އެއް ދުވަހު އޭނާގެ ހެނދުން ކޮޅު އިސްތިރި ކުރަން އުޅުމުގެ ތެރޭގައި އަޅުގަނޑު އަތުން އެ ހެދުންކޮޅު އެނދިއެވެ. ނަމަވެސް އޭނާ އަޅުގަނޑާ ދިމާއަށް ބުރަ ބަހެއް ވިދާޅެއް ނުވެއެވެ. ފިލާވަޅުތައް ދަސްވޭތޯ ގަދަ އަޅައި މަސައްކަތްކުރަމެވެ. ދަސްކުރުން އޮންނަނީ ހެނދުނު ހަތަކުން މެންދުރު ބާރަ އަށެވެ. އަދި މުރާޖިޢާ ގަޑި އޮންނަނީ ޢަޞްރު ފަހުން މަޣުރިބަށެވެ.
މި ގޮތަށް ދުވަސްތައް ހޭދަވަމުން ދިޔައެވެ. އަޅުގަނޑުގެ ދަސްކުރުން އެހާ ބޮޑަށް ކުރިއަކަށް ނުދެއެވެ. ނަމަވެސް ފަހުން ފަހުން އައިސް ދަސްކުރާ ހިތްވާންފެށިއެވެ. ކުލާސް ނިންމާފައި ކޮޓަރިއަށް ގޮސް ވެސް ކިޔަވަމެވެ. ފަހުން ދަންވަރުގެ ވަގުތު ތެދުވެ ވެސް ކިޔަވާން ފަށައިފީމެވެ. ދެ ނަމާދު ދޭތެރޭގައ ވެސް ކިޔަވަމެވެ. ފަހުން ވަރަށް ބޮޑަށް ފަސޭހަވެގެން ދިއެވެ. ޝައުޤުވެރިކަން އިތުރުވިއެވެ. އަޅުގަނޑަށް ދަސްކުރަން އުނދަގޫވާހަކަ އުސްތާޛަށް ދެންނެވުމުން ވިދާޅުވީ ގިނަ ގިނައިން މާމުއި ބޭނުން ކުރުމަށެވެ. އަދި ބަދަނާއި ހިކި މޭބިސްކަދުރާއި މިބާވަތުގެ އެއްޗެހި ކެއުމަށެވެ. އޭނާ ވިދާޅުވި ގޮތުން އެއީ ސިކުނޑީގައި ދަސްކުރުމުގެ ބާރު ގަދަކޮށްދޭ ތަކެއްޗެވެ. ދެން އޭގެ ފަހުން އަޅުގަނޑު އެތަކެތި ވަރަށް ގިނައިން ބޭނުންކުރީމެވެ.
އެދުވަސްވަރު އުރުދޫ ބަސް ވެސް އުނގެނެން ފެށީމެވެ. އުރުދޫ ބަސް ކިޔަވާ ދެއްވީ އެތަނުން ދިމާވި ދިވެހިބޭފުޅެއްކަމުގައިވާ އައްޝައިޚު މުޙައްމަދު ދީދީއެވެ. ދީދީ ސާހަބަކީ ފަހުން އަޅުގަނޑުމެންގެ އެންމެ ގާތް އެއްބޭފުޅާއެވެ. ނުހަނު ޚުލްޤުހެޔޮ އިޙުސާންތެރި ބޭފުކެވެ. ކޮންމެ ދުވަހަކު ބަހުގައި ވަރަށް ދުރުން ދަތުރުކުރައްވައި އަޅުގަނޑުމެންގެ މަންޒިލަށް ވަޑައިގެން އުރުދޫ ބަސް ކިޔަވާ ދެއްވައެވެ. (އުރުދޫކީ ޕެހެލީ ކިތާބް) މިފޮތުން ކިޔަވައި ދެއްވަން ފެއްޓެވިއެވެ. ދުވަސްކޮޅަކުން އުރުދޫ ބަހުން ލިޔަން ކިޔަން އެނގި، އެ މުޖުތަމަޢުގެ އަހުލުވެރިންނާއެކު އުޅެން ފެށީމަ ނުހަނު ފަރިތަކޮށް ވާހަކަ ދައްކަން ދަސްވިއެވެ. އެއީ އުފާވެރިކަން އިޙުސާސްވިކަމެކެވެ.
ޒަމާން ސާހަބުގެ ޒިޔާރަތް
ޒަމާން ސާހަބަކީ ލާހޫރުގެ ބޮޑު ވިޔަފާރި ވެރިއެކެވެ. ކޮންމެ މަހަކު އެއް ފަހަރު އޭނާ އަޅުގަނޑުމެންގެ ހޮސްޓެލަށް ޒިޔާރަތްކުރައްވައެވެ. އޭނާ ވަޑައިގަންނަވަނީ ޤުރުއާން ހިތު ދަސްކުރާ ދަރި ވަރުންނަށް ޞަދަޤާތް ކުރައްވާށެވެ. ކޮންމެ މަހަކު ވެސް ފަހު ހަފްތާގެ ދުވަހެއްގެ ރޭގަނޑު މަޣުރިބު ނަމާދު ފަހުން ވަޑައިގެން، ކޮޓަރިތަކަށް ޒިޔާރަތް ކުރައްވައި އެކި ކުދިންނާ ބައްދަލުކުރައްވައި ޤުރުއާނުން ދަސްވީ ވަރެއް އައްސަވައި އަޑު އައްސަވައި އެކި ކުދިންނަށް އެކި ވަރަށް ފައިސާ ދެއްވައެވެ. ގިނައިން ދަސްކުރާ ކުއްޖާއަށް ގިނައިން ދެއްވައެވެ. ރީތިކޮށް ކިޔަވާ ކުއްޖަކަށް ނަމަ އަދި މާ ގިނައިން ދެއްވައެވެ. އަޅުގަނޑުމެން ތިބޭނީ އޭނާ އަތުވެދާނެ ރެއަށް ބަލަބަލައެވެ. ސަބަބަބީ ފައިސާ ލިބޭ ރެއެއް ނަމަ އަޅުގަނޑުމެންނަށް ވަރަށް އުފާވެރިއެވެ. އަދި ތިބެނީ ކުށެއް ނުޖެހި ކިޔެވޭތޯ ވަރަށް ރެޑީ ވެގެންނެވެ. ޒުވާންކުދިންގެ ކަންކަން ހުންނާނީ އެހެން ނޫންތޯއެވެ.
ޒަމާން ސާހަބްގެ އަތުން އެންމެ ގިނަ ލާރި ލިބޭ އެކަކީ އަޅުގަނޑެވެ. ބައެއް ރޭރޭ ފައްސަތޭކެ، އަދި އެއް ހާސް ލިބޭ ރޭވެސް އާދެއެވެ. އަޅުގަނޑު ކިޔަވާލެއް ރީތިކަމުން އޭނާ އަޅުގަނޑަށް ވަރަށް ބޮޑަށް ބައްލަވައެވެ. ގިނައިން ލާރި ބޭ ރެއެއް ވިއްޔާ ވަގުތުން ނައްޓާލަނީ ބާޒާރަށެވެ. ގަމީހާއި ފަޓްލޫނާ ސަލްވާރު ފަދަ އެއްޗެހި ގަނެ، އަދި (ކަޅާއީ) ކައި، ރަނގަޅަށް (މީޓާ ޕާން) ކައި ދުފާލައިގެން ހެމުން ހެމުން އަންނަނީއެވެ. ކަޅާއީ ކާލެވޭ ވަރު ވަނީ ޒަމާން ސާހަބް ވަޑައިގަންނަވާރެއަކުއެވެ. އެހެން ނޫނީ ކާން ހުންނަނީ ޖާމިޢާއިން ދޭ ކެއުމެވެ. އެވެސް ހަމަ ރަނގަޅު ކެއުމެކެވެ. މުގު ރިހައާއި ރޮއްޓާއި ބައެއް ފަހަރު ގޯސްޓް ރިހައާއި އަދި ބައެއް ފަހަރު ބިރިޔާނި ވެސް ލިބިއެވެ. އަދި އެތަކެތި ކޮޓަރިއަށް ގެނެސްގެން އޭގައި އިތުރު ރަހަ ލައްވަން އެކި ސާމާނު އަޅައިގެން ކައްކާ ހަދަމެވެ. އެކަން ކުރަނީ އެކުގައި އުޅޭ ދިވެހިން ވެގެންނެވެ. ޖާމިޢާއިން ހުރިހާ ކަމެއް ވެސް ކޮށްދެނީ ހިލޭއެވެ. އަދި ކޮންމެ މަހަކު ޕޮކެޓްމަނީ އަކަށް ކޮންމެ ކުއްޖަކަށް ޕާކިސްތާނު އެއްސަތޭކަ ރުފިޔާލިބެއެވެ. ލާހޫރުގެ އެތެރޭގެ ދިގު ދަތުރުތަކުގައި ސްޓޫޑެންޓް ކާޑު ދައްކައި ބޭރު ކިޔަވާ ކުއްޖެއްކަން ބުނުމުން ބަސްތަކުގައި ހިލޭ ދަތުރުކޮށްލެވެއެވެ. މިގޮތައް ދުވަސްތައް ފާއިތުވަމުން ދިޔައެވެ.
ޤުރުއާން ހިތު ދަސްކޮށް ނިންމުން
މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން ޤުރުއާން ހިތު ދަސްކުރަން ފެށިތާ އެއް އަހަރު ތެރޭ ޤުރުއާން ހިތުދަސްކޮށް ނިންމާލެވިއްޖެއެވެ. އަދި އޭގެ ފަހުން ތިން މަސްދުވަހު މުރާޖިޢާކުރުމަށް ހޭދަވިއެވެ. ޤުރުއާން ހިތު ދަސްކޮށްނިމުނުން މިޓާއީ (ސްވީޓްސް) ބަހައި ދޫދު (ކިރު) ހަދިޔާކޮށް ޞަދަޤާތްކުރުމަކީ އެތަނުގައި އޮންނަ އާދައެކެވެ. ނަމަވެސް އެކަން ކުރާނޭ މާލީ ޤާބިލުކަމެއް އަޅުގަނޑުގެ ކިބަޔަކު ނެތެވެ. އެހެންކަމުން އަޅުގަނޑު ދަސްކޮށް ނިންމި ކަމެއްވެސް ގިނަބަޔަކަށްނޭގެއެވެ. މި ހެން މިކަން އޮއްވާ އެއް ދުވަހަކު ފަތިސް ނަމާދު ފަހުން މިސްކިތުގައި ކިޔަވަން އިނދާ ޖާމިޢާގެ އެންމެ އިސް އެއްބޭފުޅެއްކަމުގައިވާ މައުލާނާ ޢަބްދުއްރަޙުމާން ސާހަބު ނަމާދު ނިންމާފައި ވަޑައިގަންނަވަމުން އަޅުގަނޑު ކިޔަވަން އިނދާ ގޮވާލައްވާދައި ދަރިފުޅާ އަދިވެސް ހިފުޒުކޮށް ނިންމާ ނުލަންހެއްޔޭ އެއްސެވިއެވެ. އަޅުގަނޑު ދެންނެވީމެވެ. ސާހިބާ އެވެ. އަޅުގަނޑު ނިންމައިފީމެވެ. އެމަނިކުފާނު ވިދާޅުވިއެވެ. ޙަފްލާއެއް ވެސް ނުބާއްވަންހެއްޔެވެ؟ އަޅުގަނޑު ދެންނެވީމެވެ. ސާހިބާއެވެ. އަޅުގަނޑުގެ އެވަރުގެ ޤާބިލު ކަމެއްނެތެވެ. މިހެން ދެންނެވުމުން އެހެން ހެއްޔޭ ވިދާޅުވެ ވަޑައިގެންފިއެވެ. އަޅުގަނޑު މިސްކިތުގައި ކިޔަވަން އިންނާތީވެ އެމަނިކުފާނު އަޅުގަނޑު ދެނެލައްވައެވެ. ކޮންމެ އަކަސް އެދުވަހު އިރުކޮޅަކުން އަޅުގަނޑުވެސް ހޮސްޓެލަށް ގޮސް ރޫމުގައި މަޑުކޮށްލި ތަނާ މީހަކު އަޅުގަނޑު ހޯދަން އައިސްހުރި ވާހަކަ ކުއްޖަކު ގޮވާލާފައި ބުންޏެވެ. އަޅުގަނޑު ނިކުން އިރު ކަމަކު ދާކަން ނެތެވެ. މިހުންނެވީ މައުލާނާ ޢަބްދުއްރަޙުމާން ސާހަބެވެ. ވަޑައިގެން އެ ހުންނެވީ ފައިސާ ހިއްޕަވައިގެން އަޅުގަނޑަށް ދެއްވާށެވެ. ފައިސާ ދެއްވާފައި މިއަދު ޙަފްލާއެއް ބާއްވަންވާނެކަމުގައި ވިދާޅުވެ ހެޔޮ ދުޢާކުރައްވާފައި ވަޑައިގެންފިއެވެ. އެއީ ވަރަށް ތަޤުވާވެރި ވަރަށް މާތް ބޭފުޅެކެވެ. މުޅި ޖާމިޢާގައި ހުންނެވި އެންމެ އިޙުތިރާމް ލިބިގެންވާ ދަންނަބޭކަލަކީ އެމަނިކުފާނެވެ. ކޮންމެ އަކަސް އެދުވަހު ޙަފްލާ ބާއްވަން ބޭނުންވާ ތަކެތި ގަނެ ކުލާހަށް ގޮސް ޤާރީ ސާހަބާއި ދަރިވަރުންނާއެކު ޙަފްލާ ބާއްވައި ޙިފުޒު ކުރެވުނުކަމުގެ މައްޗަށް ﷲ އަށް ޙަމްދުކޮށް އުފާ ފާޅުކޮށްފީމެވެ. އަދި ގިނަ ދުވަސްތަކެއް ނުވެ ޙިފްޒުގެ އިމްތިޙާނުގައި ބައިވެރިވެ ސެޓްފިކެޓް ޙާޞިލް ކުރެވުނެވެ. އެއަށް ފަހު ދެން އުފެދިގެން ދިޔަ ޝައުޤުވެރިކަމަކީ ޢަރަބި ތަޢުލީމު ޙާޞިލްކުރުމުގެ ޝައުޤެވެ. އެކަމާ މެދު ކުރެވުނު މަސައްކަތުން އެނގިގެން ދިޔައީ ވޯލްޑް އެސެމްބްލީ އޮފް މުސްލިމު ޔޫތު (ވަމީ) އިން ހިންގާ ޢަރަބި ތަޢުލީމު ދޭ މަޢުހަދެއް ޕެޝާވަރު ސިޓީގައި ހުންނަކަމެވެ. އެތަނަށް ދެވެނީ ބާރަ ގަޑިއިރުގެ ދަތުރެއްކޮށްފައެވެ. އެތަނަށް ދިއުމަށް ޢަޒުމް ކަނޑައަޅައި އެތަން ހުރިތަނުގެ މަޢުލޫމާތު ހޯދައިގެން ދަތުރު ފަށައިފީމެވެ. ޢަޒުމާއި ހިއްވަރެއް ހުރި ނަމަ ނަތީޖާ ނެރެވޭނެއެވެ. (ނުނިމޭ)