ޤުރުއާން ޙިފުޒުކޮށް ނިންމާފައި ޢަރަބި ތަޢުލީމު އުނގެނުމުގެ ޝައުޤުވެރިކަމުގައި، އެކަމަށް މަގެއް ހޯދުމަށް ބަހުގައި ބާރަ ގަޑިއިރުގެ ދަތުރެއްކޮށްފައި ޕެޝާވަރު ސިޓީއަށް ދަތުރުކޮށް ވޯލްޑް އެސެމްބްލީ އޮފް މުސްލިމު ޔޫތު ( ވަމީ) އިން ހިންގާ މަޢުހަދުލްއިމާމު އަބީ ޙަނީފާއަށް ވާޞިލުވެވިއްޖެއެވެ. ދަތުރުކުރީ އެކަންޏެވެ. ދަތި ކަމެއް ދިމާވެއްޖެ ނަމަ ގުޅާލުމަށްޓަކައި އެރަށުގައި އުޅޭ ޢިރާޤު އުސްތާޒެއްގެ ނަންބަރު ލާހޫރުގައި ހުރި ދިވެއްސެއްގެ އަތުން ލިބިފައި އޮތެވެ. މަޢުހަދަށް ދެވުނީ މެންދުރެއްހާއިރު އެވެ. އެތަނަށް ވަދެ އެތަނުގައި އޮފީހަށް ގޮސް، އަޅުގަނޑު މިއައީ ކިޔަވަންބޭނުންވެގެން ކަމަށާއި ޖާހައެއް ލިބިދާނެތޯ އެދުނީމެވެ. އެތަނުން ބުނީ މިހާރު މި ސެމެސްޓަރ އަށް ކުދިން ނަގައި ނިމިފައިވާކަމާއި އިތުރަށް ޖާގައެއް ނެތްވާހަކައެވެ.
މިކަމުގެ ސަބަބުން ވަރަށް ބޮޑަށް މާޔޫސްވިއެވެ. ބާރަ ގަޑި އިރުގެ ދަތުރެއް ނަގައިގެން އެރަށަށް ދިޔައީ ވަރަށް އުންމީދުގައެވެ. ހިތާމަވެރިކަން އިޙުސާސްވިއެވެ. ދަތިކަމެއް މެދުވެރި ވެއްޖެ ނަމަ ގުޅާލުމަށް ލިބިފައިވާ ނަންބަރަށް، އެމަޢުހަދުގެ އޮފީހުގައި އެދިގެން ގުޅައިފީމެވެ. އެންމެ ފަހުން އެބޭފުޅާ އަޅުގަނޑު ހޯދަން މަޢުހަދަށް އައުމުން ބައްދަލުވާ ގޮތްވެއްޖެއެވެ. އޭނާއަކީ އެހެން ތަނެއްގައި ކިޔަވާ ދެއްވާ އުސްތާޛެކެވެ. އެދުވަހުގެ ރޭ އަޅުގަނޑަށް މެހުމާންދާރީ ދެއްވީ އޭނާގެ ގޭގައެވެ. އޭނާއަށް އުރުދޫ ބަސް އެނގި ނުލައްވައެވެ. އަޅުގަނޑަށް އެނގެނީ އުރުދޫ ބަހެވެ. އަޅުގަނޑަށް ޢަރަބި ބަހެއް ނޭނގެއެވެ. އޭނާގެ ބަހަކީ ޢަރަބި ބަހެވެ. މިހެންވީމާ ދެން ކަންކަން ހުންނާނެ ގޮތް ވިސްނާ ލައްވާށެވެ. ކޮންމެ އަކަސް އަޅުގަނޑަށް އެ މަޢުހަދުން ޖާގަ ނުލިބިގެން އެކަމާ ވަރަށް ބޮޑަށް އަޅުގަނޑު ދެރަވެފައިވާ ވާހަކަ އެކި ގޮތް ގޮތުން އޭނާއަށް ފަހުމްކޮށް ދިނީމެވެ. އަޅުގަނޑުގެ ޙަލާލަތު އޭނާއަށް ފަހުން ވިއެވެ. އަދި އަޅުގަނޑަކީ ޤުރުއާން ހިތު ދަސްކުއްޖެއްކަމުގައި ވެސް ބުނެދިނީމެވެ. އޭނާ އަޅުގަނޑުގެ ބުރަކަށީގައި އަތް ޖައްސަވައި ދެރަނުވާށެ ވިދާޅުވިއެވެ. ދެން ނޯޓް ފޮތެއް ނަންގަވައި ނޯޓެއް ލިޔުއްވާފައި އޭތި ފަށްޖައްސަވާފައި އަޅުގަނޑު އަތަށް ދެއްވާފައި، މާދަމާ ހެނދުނު އެ ނޯޓް ހިފައިގެން އަލުން މަޢުހަދަށް ގޮސް މަޢުހަދުގެ މުދީރަށް އެނޯޓް އެރުވުމަށް ވިދާޅުވިއެވެ. މައުޙަދުގެ މުދީރަކީ އޭނާ ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. މުދީރު އޮފީހަށް ވަޑައިގަންނަވާނެ ވަގުތަކީ ހެނދުނު އަށްގަޑި ބައި ކަމުގައި ވެސް ވިދާޅުވިއެވެ.
އެނޯޓް ހިފައިގެން އަޅުގަނޑު ވަރަށް ހެނދުނާ މަޢުހަދަށް ގޮސް މުދީރުގެ އިންތިޒާރުގައި ގޭޓް ކައިރީގައި ހުރީމެވެ. ބަރާބަރު އަށްގަޑި ބައިގައި މުދީރު ވަޑައިގެންފިއެވެ. އަޅުގަނޑު ކުރި އަށް ޖެހިލާފައި ސަލާމްގޮވާލާފައި ސީދާ އެމަނިކުފާނު އަތްޕުޅަށް އަތުން އަތަށް އެނޯޓް އަރުވައިފީމެވެ. އެމަނިކުފާނު އެ ނޯޓް ނަންގަވައި ހިނިތުންވެލައްވާފައި މިތާ ގޭޓްކައިރީގައި އެތެރޭގައި ހުރި ގޮނޑީގައި އިށީންނާށޭ ވިދާޅުވެ މައުޙަދުގެ ސިޑިން އެމަނިކުފާނުގެ އޮފީހަށް މައްޗަށް ވަޑައިގެންފިއެވެ. އަޅުގަނޑުގެ ކުރިމަތީގައި އެ ނޯޓް ބައްލަވައެއް ނުލައްވައެވެ. އަޅުގަނޑު އިނީ ދެރަވެފައެވެ. ވެދާނެގޮތަކާމެދުގައެވެ. ގާތްގަނޑަކަށް ބައިގަނޑިއިރު ވަންދެން އެހެން އިނދާ އެ ސިޑިން ފައިބައިގެން އަޅުގަނޑާ ދިމާއަށް މީހަކު އައެވެ. އެއީ އެ މަޢުހަދުގެ ސުޕަވައިޒަރ އަލްއުސްތާޛު މުޝްތާޤު އަޙުމަދެވެ. ތިޔައީ ޝަހީމްތޯ އޭނާ އެއްސެވިއެވެ. އަޅުގަނޑު އާދޭހޭ ދެންނެވުމުން މަރުޙަބާއޭ ވިދާޅުވެ އަޅުގަނޑަށް މަޢުހަދުން ޖާގަ ދެއްވަން މުދީރު ނިންމެވި ވާހަކަ ވިދާޅުވެ އުފާވެރިކަމުގެ ޚަބަރު ދެއްނެވިއެވެ. އަދި ވަގުތުން އަޅުގަނޑު އޮފީހަށް ގެންދަވައި ކިޔަވާ ފޮތްތަކާއި ނޯޓްފޮތްތަކާއި ފަންސުރާއި ޤަލަމާއި ޕޮކެޓްމަނީ އާއި ދެއްވައި މަޢުހަދުގެ ބޯޑިންއިން ޖާގަ ހަމަޖައްސަވައި ދެއްވައިފިއެވެ. މަޢުހަދުގެ މުދީރަކަށް ހުންނެވީ ޖޯޑަންގެ ބޭފުޅެއްކަމުގައިވާ ޑރ. ޢަބްދުއްޞަބޫރެވެ. އެއީ ވަރަށް މަޑުމައިތިރި ޚުލްޤުހެޔޮ މާތް ބޭފުޅެކެވެ.(މިހާރު އެމަނިކުފާނުވަނީ އަވަހާރަވެފައެވެ. މާތް ﷲ އެމަނިކުފާނަށް ސުވަރުގޭގެ ނިޢުމަތް މިންވަރު ކުރައްވާށި،އާމީން).
ފެށިގެން އެދިޔައީ ތަޢުލީމު ޙާޞިލު ކުރުމަށްޓަކައި އަޅުގަނޑު ކުރަމުންދިޔަ ވަރުގަދަ ޖިހާދުގެ އާ މަރުޙަލާއެކެވެ.
ޢަރަބި ބަސް ދަސްކުރުން
މަޢުހަދުގެ ކްލާސް ލެވެލް ހަމަޖައްސަން ޕްލޭސްމަންޓް ޓެސްޓެއް ހަދަންޖެހުނެވެ. އަޅުގަނޑުގެ ޢިލްމީ ފެންވަރު ހުރި ގޮތުން ވަދެވުނީ ތަމްހީދީ ( ފައުންޑޭޝަން އަހަރަށެވެ.) ފަރުވާލެއްނެތެވެ. ކޮންމެ މީހަކުވެސް ފަށާނީ އެމަގުންނެވެ. އެ މަޢުހަދަކީ ބޭރު ކުދިން ވަރަށް ގިނަ މަޢުހަދެކެވެ. ދިވެހިންގެ ދިހަވަރަކަށް ކުދީން އެތަނުގައި ކިޔަވަން އުޅުނެވެ. ކިޔަވާ ދެއްވަން ތިއްބެވީ ޖޯޑަން، މިޞްރު، ފަލަޞްޠީނު، ކޮމޮރޯޒް، ސޫދާން، އެރިޓްރިއާ ފަދަ ޤައުމުތަކުގެ އުސްތާޛުންނެވެ. ތަޢުލީމާއި މަޢުހަދުގެ މުޅި މާޙައުލު އޮތީ ޢަރަބި ބަހުންނެވެ. ޢަރަބި ބަސް އުނގެނުމުގެ ކަންކަން ފަސޭހަވެގެން ދިޔައެވެ. ކިޔަވާދޭ ގޮތް ވަރަށް ޝައުޤުވެރިއެވެ. އޭގެ އިތުރުން ބަސްތެރިކަން ރަނގަޅު ކުރުމަށް އަޅުގަނޑު ކުރިކަމަކީ ކުދި ކުދި ވާހަކަ ފޮތް ކިޔުމެވެ. އެތަނުގައި ބޮޑު ލައިބްރަރީ އެއް ހުރެއެވެ. ވަރަށް ގިނައިން ފޮތްކިޔަމެވެ. ނަތީޖާއަކަށްވީ ގިނަ ދުވަސްތަކެއް ނުވަނީސް ވަރަށް ރަނަގަޅަށް ޢަރަބި ބަހުން ލިޔަން ކިޔަން ދަސްވެ ފަރިތަކޮށް ޢަރަބި ބަހުގެ އަޞްލު ފުޞްޙާއިން ވާހަކަ ދައްކަން ދަސްވުމެވެ. ގާތްގަނޑަކަށް ތަމްހީދީ ( ފައުޑޭޝަން އަހަރު) ނިންމާލި އިރު ޢަރަބި ބަހުން ވަރަށް ރަނގަޅަށް ވާހަކަ ދައްކަން އެނގިއްޖެއެވެ.
ބަސް އުނގެނުމަށް ކުރަންޖެހޭ ކަމަކީ، އުނގެނުމާއެކީގައި ފޮތް ކިޔުމާއި އަޑުއެހުމާއި ( މުމާރަސާ) ޕްރެކްޓިސްކުރުމެވެ. ދަސްކުރާ ފިލާވަޅުތައް ޤުރުއާނުގެ ސޫރަތްތަކުން މިސާލުޖަހައި ޤުރުއާނުން ބަސް ދަނެގަތުމަކީ ވެސް މުހިންމު ކަމެކެވެ. ޢަރަބި ބަސް އުނގެނެން އެންމެ މޮޅު އެއްގޮތަކީ އެއީއެވެ. މިސާލަކަށް ޢަރަބި ބަހުގެ ކަލިމަ ( އަޤުސާމުލްކަލިމާ) ( ޕާޓްސް އޮފް ސްޕީޗް) ބަސް ބެހިގެންވާ ބައިތައް މި ފިލާވަޅު (އަލްޙަމްދު ނުވަތަ އެހެން ވެސް ސޫރަތުން) ބައްލަވައި މިސާލު ދަސްކުރައްވައިފި ނަމަ ވަރަށް ބޮޑުތަން ފަސޭހަވެގެންދާނެއެވެ. އަޅުގަނޑު ބަސް ދަސްކުރީ އެގޮތަށެވެ. އެހެންކަމުން ސީދާ ޢަރަބި ފުޞްޙާ ބަހަށް ފަރިތަވެގެންދިޔައެވެ.
މީގެ އިތުރުން ޢަރަބި ބަހުގެ ބަލަޣާއާއި ޅެން ދަސްކުރަންވާނެއެވެ. ޢަރަބި ބަހުގެ ބަލާޣާ މާއްދާގައި އިތުރު ކަމެއްގެ ގޮތުގައި އިމާމުލްބޫޞީރީގެ އަލްބުރުދާ ޅެންބައިތު ވެސް އަޅުގަނޑު ހިތުން އެކީ އެކައްޗަކަށް ދަސްކުރީމެވެ. އެއީ ދުވިސައްތަ ބައިތެވެ. އެ ދުއިސައްތަ ބައިތާއެކު، ޢަރަބި ބަހުގެ ޤަވާޢިދުތަކުގެ މައްޗަށް އެކުލެވިގެންވާ އަލްފިއްޔަތު އިބުނު މާލިކުގެ ގިނަ ބައިތުތަކާއި، އެހެނިހެން ޢަރަބި ޅެންބައިތުތަކާއެކު މުޅި ޖުމުލަ ތިންސަތޭކަ އެއްހާ ބައިތު ހިތުން ދަސްކުރީމެވެ. މިހުރިހާ ކަމެއްކުރީ ބަސް ރަނގަޅު ކުރުމަށާއި ޢަރަބި ޅެންވެރިކަމަށް ހުރި ޝައުޤުވެރިކަމެއްގެ ސަބަބުންނެވެ. އެބަހެއްގެ ޅެންތައް ދަސްކުރުމަކީ އެބަހަކަށް މީހާ މޮޅުކޮށްދޭނޭ ކަމެކެވެ.
ކިޔެވުން ކުރިއަށް ދިޔައެވެ. ޤުރުއާން މާއްދާ ގަޑީގައި އެންމެންގެ ޝައުޤުވެރިކަން އަޅުގަނޑަށް ލިބެއެވެ. ރީތިކޮށް ކިޔަވާތީ، އުސްތާޛުންނާއި ދަރިވަރުންގެ ލޯބި ލިބުނެވެ. ދުވަސްކޮޅަކުން މަޢުހަދުގެ މިސްކިތުގެ އިމާމުކަމަށް އަޅުގަނޑު ޢައްޔަންކުރައްވައިފިއެވެ. އަދި ރަމަޟާންމަހުގައި އިމާމުވެ ތަރާވީސްކުރުމާއި ދަމުނަމާދުކުރަނީ ވެސް އަޅުގަނޑެވެ. މިހެންކަމުން މަޢުހަދުގެ އެންމެހާ އުސްތާޛުންނާއި ދަރިވަރުން އަޅުގަނޑަށް ވަރަށް ބޮޑަށް ކަމޭހިތައި އުޅުނެވެ.
އެތަނުގައި ކިޔެވި ހުރިހާ މާއްދާއެއް ވެސް އެހާމެ ޝައުޤުވެރިއެވެ. ބައެއް ފަހަރު ކުލާހުން އެއްވަނަ ލިބެމުން ދިޔައެވެ. އަނެއްބައި ފަހަރު ދެވަނައެވެ. ދެވަނަ އިން ތިރިއަށް ނުވެއްޓެއެވެ. ޢިލްމީ ގޮތުން އިތުރު ކުރިއެރުން ހޯދުމަށް އެކި އެކި ފޯރަމްތަކާއި ކޮންފަރެންސް ތަކުގައި ބައިވެރިވުމަށް އިސްލާމްއާބާދުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއާއި އެނޫންވެސް ޢިލްމީ މަރުކަޒުތަކަށް ގޮސް އުޅުނީމެވެ.
އަޅުގަނޑު އެންމެ ބޮޑަށް ޝައުޤުވެރިވީ ޤުރުއާނުގެ ޢިލްމާއި ތާރީޚާއި ޙަޟާރަތުގެ މާއްދާތަކަށެވެ. ތަފްސީރު މާއްދާއަކީ ވަރަށް ޝައުޤުވެރިވި މާއްދާއެކެވެ. މާއްދާ ކިޔަވާ ދެއްވީ ކޮމޮރޯޒްގެ ބޭފުޅެއްކަމުގައިވާ އަލްއުސްތާޛު ޑރ. ޔަޙްޔާ މުޙައްމަދު އިލްޔާސެވެ. ( އެމަނިކުފާނަކީ ފަހުން ކޮމޮރޯޒްގެ ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒް މިނިސްޓަރެވެ. އަދި މިހާރު އެމަނިކުފާނަކީ އެޤައުމުގެ ރައީސް އެޑްވައިޒަރެވެ. ވަރަށް ފަހުން ސަޢޫދީ ޢަރަބިއްޔާއިން އެމަނިކުފާނާ އަޅުގަނޑާ ބައްދަލުވިއެވެ.) އަޅުގަނޑުމެންނަށް ކިޔަވާ ދެއްވި ގިނަ އުސްތާޛުން އެބޭފުޅުންގެ ޤައުމުތަކަށް އެނބުރި ވަޑައިގަތުމަށް ފަހު އެ ޤައުމުތަކުގެ މަތީ މަޤާމުތަމުތަކުގައި މިއަދުވެސް އެބަ ތިއްބެވިއެވެ. އަދި އެކުގައި ކިޔެވި ވަރަށް ގިނަ ދަރިވަރުންވެސް އެ ދަރިވަރުން ނިސްބަތްވާ ޤައުމުތަކުގައި މަތީ މަޤާމުތަކުގައި ޚިދުމަތްކުރައްވަމުން އެބަ ގެންދަވެއެވެ.
މަޢުހަދުގައި ކިޔަވަން އުޅުން އިރު އަޅުގަޑު ވަރަށް ބޮޑަށް ބަލިވިއެވެ. އެއް ފަހަރަކު ގާތްގަނޑަކަށް ދެ ހަފްތާވަންދެން ހޮސްޕިޓަލުގައި އެޑްމިޓްވެސް ކުރިއެވެ. އަޅުގަނޑަށް ގާތުގައި ހުރެ އަޅުގަނޑަށް އެންމެ ބޮޑަށް އެ ޙާލަތުގައި އޮއްވާ އެހީވީ އެތަނުގައި ކިޔަވަންހުރި ދިވެހި ދަރިވަރެއްކަމުގައިވާ މ.ކޮޅުފުށި މުޙައްމަދު ފާރޫޤެވެ. އަޅުގަނޑުގެ އެއްޗެހި ދޮވެ، ކާންދީ، މި ހުރިހާ ޚިދުމަތެއް އޭނާ އަދާކޮށްދެއްވިއެވެ.
ދިވެހި ބަސް ދަސްކުރިގޮތުގެ ވާހަކަ
ރާއްޖޭގެ ނިޒާމީ ސްކޫލުން ކިޔެވިފައި ނެތީމައި ދިވެހި ބަހުގެ އަދަބިއްޔާތެއް އެހާބޮޑަށް އޭރަކު ނޭނގެއެވެ. ޢިލްމީ އަންދާޒުން ދިވެހިބަހުން ލިޔަންވެސް ނޭނގެއެވެ. ދިވެހިބަހުން ލިޔަން ދަސްކުރި ގޮތަކީ ކިޔެވުން ނިންމާފައި ކޮޓަރިއަށް ގޮސް، އަރާމު ކުރުމަށް ފަހު ރޭގަނޑުގެ ކައިގެން އައިސް އިނދެ އެއިރު ކިޔެވި ފޮތްތަކުގައި ހުންނަ ޝައުޤުވެރި ފިލާވަޅުތައް އެނގުނު ގޮތަކަށް ދިވެހި ބަހަށް ތަރުޖަމާކުރުމެވެ. މި ގޮތުން ޚަލީފާ ޢުމަރުގެ ޙަޔާތްޕުޅު ވެސް އެއްކޮށް ތަރުޖަމާކުރީމެވެ. ލިޔަނީ އަތުންނެވެ. ( އެއިރު ކޮމްޕިއުޓަރުން އަދި ލިޔަން ނުވެސް އެނގޭނެއެވެ. ކޮންޕިއުޓަރުން ދިވެހިން ލިޔަން ދަސްކުރީ މަދީނާގައި ކިޔަވަން އުޅުން އިރުއެވެ. އެ ދައުރުގެ ވާހަކަ ލިޔާއިރު އެވާހަކަ ބަޔާންކުރާނަމެވެ.)
ދިވެހި ބަސް ރަނގަޅު ކުރުމަށް އިތުރި ކުރި ކަމަކީ، ލާހޫރުގަ އޮތް ދިވެހި ސްޓޫޑެންޓް އެސޯސިއޭޝަނުން ނެރެފައި ހުންނަ ދިވެހި އެކި ފޮތްތައް ކިޔަނީއެވެ. އެކަމުގެ ސަބަބުން ދިވެހި ލިއުންތެރިކަމާއި ބަސް ރަނގަޅު ވެގެން ދިޔައެވެ. އަދި އަޅުގަނޑުމެންގެ ސަބްޖެކްޓެއްކަމުގައިވާ ( އަލްޣަޒްވުލްފިކްރީ) “ފިކުރީ ހަނގުރާމަ” މި މާއްދާގެ ފޮތުގެ ޚުލާޞާތަރުޖަމާއެއް ކުރީމެވެ. ކިޔެމުން ނިންމާފައި މާލެ ގޮސް އެފޮތް ޗާޕުކުރީމެވެ. އަޅުގަނޑު ޕަބްލިޝްކުރި ފުރަތަމަ ފޮތަކީ އެއީއެވެ. އެކަން ކުރި ގޮތުގެ ވާހަކަ، ކިޔެވުން ނިންމައި މާލެ ގޮސް ކުރިކަންކަމުގެ ބާބުގައި ފަހުން ބަޔާންކުރާނަމެވެ.)
ތަޤުރީރުކުރަން ދަސްކުރި ގޮތް
ތަޤުރީރުކުރަން ދަސްކުރި ވާހަކައަކީ ވެސް ކުޑަވާހަކައެއްނޫނެވެ. މިކަން އަޅުގަނޑު ކުރި ގޮތް މި ނޫނީ އެހެން މަޤާމެއްގައި އަދި ބަޔާން ނުކުރަމެވެ. އެކަން ކުރި ގޮތް އެނގޭ ހެއްޔެވެ؟ އެކަންކުރި ގޮތަކީ ކޮންމެ ރެއަކު ވެސް ޢިޝާ ނަމާދު ފަހުން ކައިގެން، އެންމެހާ ދަރިވަރުން ނިދާހާ އިރުކޮށްފައި ކްލާހަށް ދަނީއެވެ. ކްލާސްތައް ހުންނަނީ ބިލްޑިނގ ގެ ދެވަނަ ބުރީގައެވެ. މިސްކިތާއި ބޯޑިންއާ ކްލާސްތަކާ މިހުރިހާ ތަނެއް ވެސް ހުންނަނީ އެއް އިމެއްގައެވެ. ކުލާހަށް ގޮސް އެކަނި ހުރެ ވާހަކަ ދައްކަނީއެވެ. ކްލާސް ރޫމުގައި ވާ ހުސް ގޮނޑިތަކަކީ އަޅުގަނޑުގެ ތަޞައްވުރުގައި މީހުންނެވެ. އެއީ ބައެއް ފަހަރު އެއް ސަތޭކަ މީހުންނެވެ. އަނެއް ބައި ފަހަރު އެއް ހާސް މީހުންނެވެ. މިގޮތުން އެއީ ވަރަށް ގިނަ ބަޔަކު ކަމުގައި އިމޭޖްކުރަމެވެ. އެއަށް ފަހު އެކި ރޭރޭ އެކި މައުޟޫޢަށް ލެކްޗަރދީ ހަދަމެވެ. ބައެއް ރޭރޭ ހިނި ވެސް އާދެއެވެ. އެކަނި ހުރެ އެ ހުރިހާ ވާހަކައެއް ދައްކާއިރު ހިނި ނައިސް ނުދާނެ ނޫންތޯއެވެ؟ އަދި ބައެއް ރޭރޭ ޚުޠުބާ ކިޔަންވެސް ދަސްކުރަމެވެ. އަނެއްބައި ރޭރޭ ޢަރަބި ބަހުން ތަޤުރީރު ކުރަމެވެ. މަޤުޞަދަކަށް އޮތީ ނުބަލައި ދެ ބަހުން ތަޤުރީރު ކުރުމާއި ވާހަކަ ދައްކަން ދަސްކުރުމެވެ. ގިނަ ދުވަސްތަކެއް ވަންދެން މި މަގުން މިކަން ކުރުމުގެ ސަބަބުން އަމިއްލަ ޝަޚުޞިއްޔަތު ބިނާވެ އަމިއްލަ ނަފްސާމެދު ޔަޤީންކަން އުފެދުނެވެ.
މަޢުހަދުގެ ކިޔެވުން ނިންމުން
1995 ގައި މަޢުހަދުގައި ކިޔެވުން ފެށިގޮތަށް ކިޔެވުން ނިމުނީ 1998 ގައެވެ. ހަތަރު އަހަރުވަރު މަޢުހަދުގައި ކިޔެވީމެވެ. މަޢުހަދު ނިންމި އިރު މަޢުހަދުން އަޅުގަނޑަށް އެއް ވަނަ ލިބުނެވެ. އެއްވަނަ ލިބޭ ކުއްޖަކަށް ޤައުމަށް ދިއުމަށް މަޢުހަދުން ޓިކެޓް ދެއެވެ. މަޢުހަދު ނިންމައި އަޅުގަނޑު މާލެއައީ (1999 ) ގެ ކުރީކޮޅުގައެވެ.
މާލެ އިސް ހިތަށް އެރިއެވެ. އަޅުގަނޑު ދާނީ ކޮންތާކަށް ހެއްޔެވެ؟ އެންމެ ފަހުން ނިންމީ އަޅުގަނޑު އެސްކޫލަކުން ކަނޑާލި ސްކޫލު އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާގެ މުދީރުގެ އަރިހަށް ދިއުމަށެވެ. ހިތަށް އެރީ އެމަނިކުފާނު އަޅުގަނޑު ފެނުމުން ވަރަށް އުފާވާނެކަމަށެވެ. އެއީ 1992 ގައި އަޅުގަނޑު ސްކޫލުން ވަކިވާންޖެހުނު ކަމަށްޓަކައި އެމަނިކުފާނު ހުންނެވީ ވަރަށް ދެރަފުޅުވެފައެވެ. ޢަރަބިއްޔާގައި އުޅުން އިރު އަޅުގަނޑު ޤުރުއާން މުބާރާތްތަކުގައި ބައިވެރިވަމެވެ. ނަމަވެސް ސްކޫލުގައި ނުކިޔެވިގެން ކަނޑާލަންޖެހުނު ކަމީ މުދީރު ވަރަށް ދެރަފުޅުވި ކަމެކެވެ. ސްކޫލުން ކަނޑާލީ 1992ގަ އެވެ. އޭގެ ފަހުން 1993 ގައި އުޅުނީ ފިހާރައިގައެވެ. ފިހާރައިގައި އުޅެމުން ޤާރީ ކުލާހުގައި ރާއްޖޭގެ މަޢުހަދުގައި ކިޔެވީއެވެ. 1994 ގައި ޕާކިސްތާނުގައި ޤުރުއާން ހިތު ދަސްކުރީއެވެ. 1995 – 1998 އަށް މަޢުހަދު އަބޫ ޙަނީފާގައި ކިޔެވީއެވެ. ސްކޫލުން ކެނޑުނު ފަހުން ޢަރަބިއްޔާގެ މުދީރު ފަޟީލަތުއްޝައިޚު އިބްރާހީމް ޒަކަރިއްޔާއަށް އަޅުގަނޑު ހުރިތަނަކާއި އުޅުން ގޮތެއް އެނގިވަޑައި ނުގަންނަވާނެއެވެ. ވީމާ މި ހުރިހާ ކަމަކާއެކު، މުދީރު އުފާކޮށްދިނުމަށް އެމަނިކުފާނު އަރިހަށް ދާން ނިންމީމެވެ. އެއީ ތަފާތު ދުވައެކެވެ. އެ ދުވަހުގެ ކަންވެގެން ދިޔަ ގޮތުގެ ވާހަކަ ދެން އަންނަ ބައެއްގައި ބަޔާންކުރާނަމެވެ.
ނޯޓް: މިހުރިހާ ވާހަކަ ތައް މިކިޔާދެނީ ތިޔަ ދަރިވަރުންނަށެވެ. މާޔޫސް ވެފައިވާ ކޮންމެ މީހަކަށެވެ. އުންމީދުގެ އަލިކަން ހޯދުމަށް ދަތުރުކުރަމުންދާ ކޮންމެ މުސާފިރަކަށެވެ. މަޢުނަވީ އެހީތެރިކަން ބޭނުންވާ ކޮންމެ ބައިވެރިއަކަށެވެ. ލީޑަރޝިޕްގެ ސިފަތައް ޝަޚުޞިއްޔަތުގައި ހަރުލައްވަންބޭނުންވާ ކޮންމެ އުންމީދީ ޝަޚުޞިއްޔަތަކަށެވެ. މިއީ ފިލާވަޅުތަކެކެވެ. ފިލާވަޅުތައް ހުންނާނީ ހަމަ އެކަނި ފޮތްތަކުގައެއްނޫނެވެ. މީސްމީހުންގެ ޙަޔާތަކީ ވެސް ފިލާވަޅުތަކެކެވެ. ކާމިޔާބު ހޯދާ މީހުން ކާމިޔާބު ހޯދި ގޮތާއި ފެއިލްވީ މީހުން ފެއިލްވާން ދިމާވި ގޮތްތަކުން ފިލާވަޅު ލިބިގަތުމަކީ މުހިންމުކަމެކެވެ. މިއީ ފަޚުރުވެރިވުމުގެ ގޮތުން ކިޔައިދޭ ވާހަކަތަކެއްނޫނެވެ. އެމީހަކު ކުރި ކަމަކާއި އުޅުނު ގޮތަކާއި އެންމެ ރަނގަޅަށް ކިޔައި ދެވޭނީ އެމީހަކު އަމިއްލައަށެވެ. އަޅުގަނޑުގެ ސަފަރު ނާމާއިން މިގެނެސްދެނީ އެންމެ މުހިންމު ބައިތަކެވެ. އަމިއްލަ ބައެއް ކަންކަން ބަޔާން ނުކޮށް ހުންނާނެއެވެ. ޙަޔާތުގެ ހުރިހާ ޞަފްޙާތަކަކީ އެންމެނަށް ހުޅުވާލަން ޖެހޭ ޞަފްޙާތަކެއްނޫނެވެ.