ޢުމުރުން 12 އަހަރުގައި މާލެ އައީ ބައްޕައާއެކުގައެވެ. މަންމައާ ވަކިން އެހެން ރަށަކަށް ބަދަލުވާން ޖެހުމުން އާދައާ ޚިލާފު ހިތާމަވެރި އިޙުސާސްތަކެއް ވިއެވެ. އެހެންނަމަވެސް މާލެ އައިސް އުޅެން ފަށާއި މާލޭގެ އެކި ތަންތަން ފެނުމުން ކޮންމެވެސް ވަރެއްގެ އުފާވެރިކަމެއް ވެސް ލިބުނެވެ. އަޅުގަނޑުގެ ދެ ބޮޑު ބޭބެކަމުގައިވާ، ޝާކިރު ޙުސައިންނާއި މުޙައްމަދު ތައުފީޤު އެ ދުވަސްވަރު މާލޭގައި އުޅުނެވެ. ބޭބެމެންގެ އެހީތެރިކަން ނުހަނު ބޮޑަށް ލިބުނެވެ. ޝާކިރުބޭބެ އުޅުނީ ޕިކަޕް ޑްރައިވަރަކަށެވެ. ބޭބެ ދިން އެހީތެރިކަމުގެ ވާހަކަ ދުލާއި ޤަލަމުން ބަޔާންކުރާހާ ވަރަށް ވުރެ މަތިވެރިއެވެ. އެންމެ ހަނދާންވާކަމަކީ މެންދުރު ކާ ގަޑިއަށް އަޅުގަނޑަށް ކާންދޭން ބޭބެ އަންނަ ވަގުތެވެ. ކާން ދަނީ ބައްޗު ހޮޓަލަށެވެ. ކިޔަވަން މާލޭގައި އުޅުނު ދުވަސްވަރު ދެ ބޭބެ ބެހެއްޓި ގާތްކަމާއި އޯގާތެރިކަމާއި ދިން އެހީތެރިކަން ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެއެވެ. އެހުރިހާ ވާހަކައެއްގެ ތަފްޞީލު މިތަނުގައި ކިތައްމެ ދިގުކޮށް ލިޔުނު ނަމަވެސް އޭގެ އަގު އަދާކޮށް ނުދެވޭނެއެވެ. މާތް ﷲ ޝާކިރުބޭބެއާއި ތައުފީޤުބޭބެއަށް ހެޔޮ ޖަޒާ ދެއްވާށިއެވެ. އާމީން.
އަޅުގަނޑު ގޮވައިގެން މާލެ އައިސް ދުވަސްކޮޅަކު ބައްޕަ މާލޭގައި މަޑުކުރިއެވެ. ބައްޕަ މަސައްކަތްކުރަން އުޅުނީ ކޮންސްޓެކްޝަން މަސައްކަތްކުރާ ގުރޫޕެއްގައެވެ. ކޮންމެ މަހަކު ވެސް މުސާރަ ނަގައިގެން ބައްޕަ އަޅުގަނޑު ގޮވައިގެން މަޖީދީ މަގު އެކި ފިހާރަތަކަށް ދާނެއެވެ. އަޅުގަޑަށް ރީތި ގަމީހާއި ފަޓްލޫނު ގަނެދޭނެއެވެ. އަޅުގަނޑު އަބަދުވެސް ރީތީ ފޭރާން ލައިފައި ހުރުމަކީ ބައްޕަ ވަަރަށް އުފާވާ ކަމެކެވެ. އަބަދުވެސް ހެޔޮ ނަސޭޙަތް ދެއެވެ. މިގޮތުން މަތީން ދުވަސްތައް ހޭދަކުރަމުން ދިޔައީމެވެ. ބައްޕަގެ މަޤުޞަދާ އެއްގޮތަށް އަޅުގަނޑު ކިޔަވަން ވެއްދީ އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާއަށެވެ.
މާލޭގައި ކިޔަވަންހުރީ ގ. ކޮށްދިއްޕަރުގައެވެ. އެގޭމީހުން އަޅުގަނޑާމެދު ވަރަށް ހެޔޮކޮށް ކަންކަންކުރިއެވެ. އަޅުގަނޑު އުޅުނީ ބޮޑު ބޭބެ މެންނާއެކު ބޭބެމެންގެ ކޮޓަރީއެވެ. އެހެނިހެން ކިޔަވާކުދީންނާއެކު މުޅި ޖުމުލަ 09 ވަރަކަށް މީހުން އެކޮޓަރީގައި އުޅޭނެއެވެ. ޑަބަލް ބެޑްގައްޔާއި ތަޅުން ގަނޑުގައިި ކުނަލާއި ގޮދަޑި އަޅައިގެން ވެސް ނިދައެވެ. އެއްޗެހި ދޮވެ އުޅުނީ އަމިއްލައަށެވެ. އެންމެން ވެގެން ގްރޫޕް ހަދާފައި އެއްޗެހި ދޮންނަ ވަގުތު ވަރަށް މަޖަލެެވެ. އެއީ ދުވަހަކު ވެސް ހަނދާނުން ފިލައިގެން ނުދާނޭ ދުވަސްތަކެކެވެ.