ޢަރަބިއްޔާ ސްކޫލްގެ މުދީރުގެ އަރިހަށް

ސްކޫލުން ކަނޑާލިތާ ގާތް ގަނޑަކަށް ހަތް އަހަރު ފަހުން، އަދި ރާއްޖެއިން ބޭރުން ތަޢުލީމު ޙާޞިލްކުރުމަށް ފަހު އަޅުގަނޑު މާލެ އަތުވެއްޖެއީމެވެ. މާލެ އައިސް އެންމެ ފުރަތަމަ ބައްދަލުކުރާނެ މުހިންމު ބޭފުޅަކަށް ޑރ އިބްރާހީމް ޒަކަރިއްޔާ މޫސާ ކަމުގައި ބެލީމެވެ. އެއީ އަޅުގަނޑުގެ ޕްރިންސިޕަލެވެ. ޢަރަބިއްޔާގެ މުދީރެވެ. ޢަރަބިއްޔާގައި ކިޔަވަން އުޅުނު ދުވަސްވަރު، ނުކިޔަވައި ލާނެއްކޮށް އުޅުނަސް އަޅުގަނޑު ޤުރުއާން ކިޔަވައި އުޅުނީމެވެ. ރަށުން، މާލެ އައި އިރުވެސް ފަރިތަކޮށް ޢައްމަފޮތް ކިޔަވަން އެނގެއެވެ.

އެހެންކަމުން ސްކޫލުގެ ޖަލްސާތަކުގައި ކިޔެވުމާއި މުބާރާތްތަކުގައި ބައިވެރިވުމަކީ ކޮށްއުޅުނު ކަމެކެވެ. އެކަންކަމާމެދު ޑރ. އިބްރާހީމް ޒަކަރިއްޔާ އަޅުގަނޑު ދެކެ ލޯބިވާނެއެވެ. ނަމަވެސް ސްކޫލުން ކަނޑާލީ ދެ އަހަރު ޖެހިޖެހިގެން ފާސްނުވެގެންކަމުން އެއީ އެއިރު ސަރުކާރުގެ ސްކޫލްތަކުގައި އޮންނަ އުޞޫލުކަމަށްވާތީވެ، އެކަމުގައި ޕްރިންސިޕަލްކުރާނޭ ކަމެއްނޯންނާނެތާއެވެ. އަޅުގަނޑު ކަނޑާލަން ޖެހުމުން ޕްރިންސިޕަލް ވަރަށް ދެރަވިއެވެ. އެކަން އަޅުގަނޑަށް އެނގިފައިވެއެވެ. އަޅުގަނޑުގެ ބައްޕަ އެދުވަސްކޮޅު މާލޭގައި ހުރުމުން އަޅުގަނޑު ކަނޑާލިކަން އަޅުގަނޑަށް އެންގުމުގެ ކުރިން ބައްޕަ އަށް އޮތީ އަންގާފައެވެ. އަޅުގަނޑު ރިޕޯޓް ފޮތް ހިފައިގެން ގެއަށް ދިޔަ އިރު ބައްޕަ އިނީ ރޯންށެވެ. އެމަންޒަރު ފެނުމުން ވަރަށް ދެރަވީމެވެ. (ހިތުގައި އުފެދުނު ޝުޢޫރަކީ އަލުން އަހަރެން ކިޔަވާނަމެވެ. )

ހަތް އަހަރު ފަހުން އަޅުގަނޑު އައީ ކިޔަވައިގެންނެވެ. އިސްލާމީ ޝަރީޢާގެ ޢިލްމުން ޑިޕްލޮމާ ޙާޞިލްކޮށް، ޢަރަބި ބަހާއެކު އުރުދޫ ބަސްވެސް ދަސްކޮށްގެންނެވެ. މުދީރު ވަރަށް އުފާވެލައްވާނެ ކަމުގެ އުންމީދުގައި މުދީރާ ބައްދަލުވެވޭތޯ ޢަރަބިއްޔާއަށް ދިޔައީއެމެވެ. މުދީރާ ބައްދަލުވިއެވެ. އަޅުގަނޑު ފެނުމުން ވަރަށް ޙައިރާންކަމާއެކު ޝަހީމް ތޯ ސުވާލު ކުރެއްވިއެވެ. އަޅުގަނޑު ދެންނެވީމެވެ. އާދޭހެވެ. ވިދާޅުވިއެވެ. ތިޔަ އައީ ކޮންތާކު އުޅެފައި ހެއްޔެވެ؟ އަޅުގަނޑު ހުރީ ޖިސްމާނީ ގޮތުން ވެސް ބޮޑުވެ، ތުނބުޅިއެއްވެސް ލައި ބޮޑު މީހަކަށް ވެފައެވެ. އަޅުގަނޑު މިއައީ ކިޔަވައިގެންނޭ ބުނުމުން ޑރ. ޒަކަރިއްޔާގެ މޫނު މަތިން އުފާވެރިކަން ފާޅުވިއެވެ. ހަމަ ތެދެއްހެއްޔޭ، އަވަހަށް އަންނާށޭ ވިދާޅުވެ އެމަނިކުފާނުގެ އޮފީހަށް ގެންދަވައި ކުރިމަތީގައި ބައިންދަވައިފިއެވެ.

ވޭތުވެ ދިޔަ ހަތް އަހަރުގެ ތެރޭގައި އަޅުގަނޑުގެ ކަންކަން ދިޔަ ގޮތް ކިޔައިދީފީމެވެ. ވަރަށް ޝައުޤުވެރިކަމާއެކު އެމަނިކުފާނު އަޅުގަނޑުގެ ވާހަކަ އަޑު އައްސަވަން އިންނެވިއެވެ. އެމަނިކުފާނު ވަރަށް އުފާވެލެއްވިއެވެ. އަޅުގަނޑު ދެންނެވީމެވެ. މިއަދު މަނިކުފާނާ ޢަރަބި ބަހުން ވާހަކަ ދައްކާލަން އަޅުގަނޑު ބޭނުމެވެ. ވިދާޅުވިއެވެ. އެންމެ ރަނގަޅެވެ. ދެން ދެމީހުން އިރުކޮޅަކަށް ޢަރަބި ބަހުން ވާހަކަ ދައްކާލީމެވެ. އަޅުގަނޑުގެ ކަންކަމާމެދު އުފާކުރައްވައި އެންމެ ފަހުން ހުށައެޅުއްވީ އަޅުގަނޑު އުންމީދުކޮށްގެން ވެސް ނެތް ކަމެކެވެ. އަޅުގަނޑަށް ހުށައެޅުއްވީ ޢަރަބިއްޔާ ސްކޫލުގެ އުސްތާޛެއްގެ ވަޒީފާއެވެ. އަޅުގަނޑު ނުހަނު އުފަލާއެކު އެކަން ބަލައިގަތީމެވެ. އަޅުގަނޑު އެ ސްކޫލަކުން ފާސްނުވެގެން ކަނޑާލި ސްކޫލުން އެންމެ ފަހުން އުސްތާޛެއްގެ ވަޒީފާ އަޅުގަނޑަށް ލިބުމަކީ ކުޑަކަމެއްނޫންތާއެވެ؟ އަދި އަޅުގަނޑު ކިޔަވައިގެން އައުމުން އަޅުގަނޑު އަތުގައި ހިފައި އަލުން ޢިއްޒަތުގައި އެސްކޫލަށް ވެއްދުމަކީ އަދި ވަކިން ބޮޑު ޝަރަފެއްތާއެވެ؟ ސަރުކާރުގައި އަޅުގަނޑު އަދާކުރި ފުރަތަމަ ވަޒީފާއަކީ އެއީއެވެ. ނާކާމިޔާބީއަށް ފަހު ކާމިޔާބު ވުމުން އެމީހަކު ބަލައިގަންނަންވާނެއެވެ. ގޯސްމަގުން ދިއުމަށް ފަހު ރަނގަޅުވެގެން އައުމުން އަތުގައި ހިފަންވާނެއެވެ.

އަޅުގަނޑު ޢަރަބިއްޔާގައި ކިޔަވައިދިން ދަރިވަރުން މިއަދު ޤައުމުގެ މުހިންމު މަޤާމުތަކުގައި އެބަ ތިއްބެވިއެވެ. ނައިބު ވަޒީރުންގެ ގޮތުގައި ވެސް އެބަތިއްބެވިއެވެ. ވަޒީރުން ފެންވަރުގެ މަޤާމުތަކުގައި އެކި ދާއިރާތަކުގައި ވެސް އެބަ ތިއްބެވެ.
ޑރ. އިބްރާހީމް ޒަކަރިއްޔާ އަޅުގަނޑާމެދު ބެހެއްޓެވި އިޙުސާންތެރި ގޮތް އަޅުގަނޑު އަބަދުވެސް ހަނދާނުގައި ބަހައްޓަމެވެ. އެމަނިކުފާނަކީ ދަރިވަރުން ބިނާކުރައްވައި ރަނގަޅު ތަރުބިއްޔަތެއް ދެއްވުމަށް ވަރަށް ބޮޑަށް މަސައްކަތްކުރެއްވި ޚިދުމަތްތެރި ބޭފުޅެއްގެ ގޮތުގައި އަޅުގަނޑު ދެކެމެވެ.
ޢަރަބިއްޔާގައި އަހަރެއް ވަންދެން އުސްތާޛެއްގެ ގޮތުގައި އުޅުނީމެވެ. މަތީ ތަޢުލީމުގެ މަރުޙަލާތަކަށް ދިއުމުގެ ޢަޒުމް އާވަމުން ދިޔައެވެ. އަޅުގަނޑުގެ އެންމެ ބޮޑު ހުވަފެނަކަށް އޮތީ މަތީ ތަޢުލީމު ހޯދުމަށް މަދީނާގެ އިސްލާމީ ޔުނިވަރސިޓީ އަށް ދިއުމަށެވެ. ނުވަތަ މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއަށް ދިއުމަށެވެ. އެންމެ ބޮޑަށް ބޭނުންވީ މަދީނާއަށް ދިއުމަށެވެ. މާތް ނަބިއްޔާގެ ޤަބުރުފުޅު އަރިހުގައި ނަބަވީ މާތް މިސްކިތްކޮޅުގެ ހިޔާވަހިކަމުގައި އެމާތް މުޤައްދަސް ރަށުގައި ކިޔެވުމަށެވެ. އެއީ މިދުނިޔެއިން އަޅުގަނޑު ޙާޞިލްކުރަން ބޭނުންވީ އެންމެ ބޮޑު އެއް އުންމީދެވެ.

މި ކަން ޙާޞިލްކޮށް ދެއްވާތޯ ﷲ އަށް ގިނަ ގިނައިން ދުޢާކުރުން މަތީ ދުވަސްތައް ގުނަމުން ދިޔައީމެވެ. އެ ފަދަ ފުރުޞަތެއް ލިބޭނޭ ގޮތަކާމެދު ވިސްނަމުން ދިޔަ ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި ޢަޞްރު ނަމާދަށް އިސްލާމީ މަރުކަޒަށް ގޮސް ނަމާދުކޮށް ނިމިގެން އިންދާ، ރާއްޖެއިން ޢާއްމުކޮށް ނުފެންނަ ޢަރަބީންގެ ބަޔަކާ މިސްކިތުގެ ތެރެއިން ދިމާވިއެވެ. ބޮޑަށް ވައްތަރީ ސަޢޫދީ ޢަރަބިއްޔާގެ ބަޔަކާއެވެ. އެއީ ކޮންބައެއްކަން ދެން އަންނަ ބައެއްގައި ބަޔާންކުރާނަމެވެ.