ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް އުފައްދަން ޤާނޫނީ ގޮތުން ހުއްދަވެގެން ދިއުމާއެކު، ދިވެހިރާއްޖޭގައި އިސްލާމީ ހަމަތަކުގެ މަތީން ސިޔާސީ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމާ މެދު ރާއްޖޭގެ ބައެއް ޢިލްމުވެރިން މަޝްވަރާ ތަކެއް ކުރެއްވިއެވެ. އެއީ ޢަދާލަތުޕާޓީ އުފެއްދުމަށްޓަކައެވެ. ގިނަ ޢިލްމުވެރިންގެ މަސައްކަތްތަކުން ޢަދާލަތުޕާޓީ އުފެދިގެންދިޔައެވެ. އަޅުގަނޑަކީ އެޙަރަކާތުގައި އިސްކޮށް ޙަރަކާތްތެރިވެ އުޅުނު އެކަކީމެވެ. ޢަދާލަތު ޕާޓީ އުފައްދައިގެން، ޕާޓީ އިތުރަށް ވަރުގަދަ ކުރުމަށްޓަކައި އަޅުގަނޑު އެއިރު އުޅުނު ސަރުކާރުގެ ސިވިލްވަޒީފާތަކުން ވަކިވީމެވެ. އެއީ އެއިރު ސިވިލްސަރވިސްގެ ޤަވާޢިދުތަކަށް އައި ބަދަލާ ގުޅިގެންނެވެ. ޕާޓީގެ އިސް ތަރުޖަމާނުކަމުގެ މަޤާމު ދޫކޮށް، ވަޒީފާގައި މަރުކަޒުގައި ހުރުމުގެ އިޚުތިޔާރު ލިބުނެވެ. ނަމަވެސް، ދިވެހި ރާއްޖޭގައި އެވަގުތު އިސްލާމީ މަސައްކަތްތައް ފުޅާކުރުމަކީ ރާއްޖޭގެ މުސްތަޤުބަލަށްޓަކައި ވަރަށް މުހިންމުކަމެއްކަމުގައި ދެކި،2006 ގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މުޝްރިފް މުސާޢިދުގެ މަޤާމާއި އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖްލީހުގައި އަޅުގަނޑު އަދާކުރަމުން ދިޔަ އިމާމުކަމުގެ ވަޒީފާއިން ވަކިވާން ނިންމީމެވެ. ދެން އުޅުނީ ޕާޓްޓައިމްކޮށް ކިޔަވާދިނުން ފަދަ ކަންކަމުގައެވެ. އިސްލާމީ ދަޢުވަތާއި އިޞްލާޙީ ޙަރަކާތްތަކުގެ ކަންކަމަކީ އަމިއްލަ ވާޖިބެއްގެ ގޮތުގައި ދެކި، ޕާޓީ އަށް ޚިދުމަތްކުރަމުން ދިޔައީ ހިލޭ ސާބަހަށެވެ. ޢާއިލާއާއި ދިރިއުޅުމުގެ ކަންކަން ދެމެހެއްޓީ އަމިއްލަ އެހެން މަސައްކަތްތަކުންނެވެ. ޢަދާލަތުޕާޓީގެ ތެރޭގައި އަޅުގަނޑު އަދާކުރަމުންދިޔައީ އިސްތަރުޖަމާނުކަމުގެ މަޤާމެވެ. އެއަށް ވުރެ މަތިން އަދާލަތުޕާޓީގެ ތެރޭގައި ޚިދުމަތްކުރުމަށް އަޅުގަނޑަށް ފުރުޞަތު ލިބިފައި ނުވެއެވެ.